އިގްތިސޯދަށް އަތުވެދާނެ ލޮޅުންތަކުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތުތަކާ މެދު އަލުން ވިސްނައި، ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައި ދެފުށް ފެންނަ ހަމަހަމަ ސިޔާސަތެއް އެކަށައަޅައި، ތަންފީޒުކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.
މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ އައު އަހަރު ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށާއި، އެމްޑީއޭގެ ލޮބުވެތި މެންބަރުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. މިއަދު ވަކިވެގެންދާ 2025 ވަނަ އަހަރެކޭ އެއްފަދައިން މިރޭ މަރުހަބާ ކިޔާ 2026 ވަނަ އަހަރަކީ ވެސް ހުރިހާ ގޮތަކުން ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭނެ އަހަރެއް ކަމުގައި ލެއްވުން އެދި ސިޔާމް ވަނީ ދުޢާ ދަންނަވައިފައެވެ.
ނިމިގެންދާ 2025 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް ގިނަ ބަދަލުތަކެއް އައިސްފައިވާ އަހަރެއްގެ ގޮތުގައި ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ އެއީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ރައްޔިތުންނަށް އެކިކަހަލަ ދަތިތަކާ ކުރިމަތިލާންޖެހުނު އަހަރެއް ކަމަށެވެ. ޚާއްސަކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހުރި ހުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާމް ވިދާޅުވީ 2026 ވަނަ އަހަރާ ކުރިމަތިލާއިރު ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދައުލަތުގެ ވަޒީފާތައް ލިބުމުގައި ވެސް ދަތިކަމަށެވެ. އެގޮތުން ވަޒީފާ ލިބުމުގެ ހަމަހަމަ ފުރުސަތު ކުޑަވެފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ސިޔާމް ވަނީ ގޮވާލައްވައިފައެވެ.
ސިޔާމް ވަނީ މިފެށޭ 2026 ވަނަ އަހަރަކީ އިގްތިސޯދީ ގޮތުން އުނދަގޫ ކަންތައްތަކެއް ކުރިމަތިވެދާނެ އަހަރެއް ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން އިންޒާރު ދީފައިވާކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން އިގްތިސޯދަށް އަތުވެދާނެ ލޮޅުންތަކުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތުތަކާ މެދު އަލުން ވިސްނައި، ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައި ދެފުށް ފެންނަ ހަމަހަމަ ސިޔާސަތެއް އެކަށައަޅައި، އެފަދަ ސިޔާދަތުތައް ތަންފީޒުކުރުމަށް ސިޔާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.
މި ލޮބުވެތި ގައުމުގެ ދިރުންކަމުގައިވާ ޒުވާނުންނަށާއި، މަސައްކަތްކުރާ އުމުރުގެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު އާދޭހާއެކު މި ދަންނަވަނީ، ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރާ ފަރާތްތަކަކަށް ވުމަށް މިއަދު އަޒުމް އާކޮށް މަސައްކަތްކުރުމަށް، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު
ސިޔާމްގެ ޚިތާބު ނިންމަވައިލެއްވީ މިފެށޭ 2026 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ދިވެހި ރައްޔިތުންނަށް އުފާ ފާގަތި، ތިޔާގި އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.