ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ އާ ގަވައިދުގައި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަކީ ވެސް މަނާ ކަމެއް ކަމަށް ކަނޑައަޅައިފިއެވެ.
ރޭ އާންމުކުރި އާ ގަަވަައިދުގައިވާ ގޮތުން އޮފީހަށް ހާޒިރުވާންވާނީ ސާފުތާހިރުކަންމަތީ މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށެވެ.
އެގޮތުން ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެއް ކަމަށް ގަވައިދުގައިވަނީ ބުނެފައެވެ. އަދި އިސްތަށިގަނޑު ހުންނަންވާނީ ރީތިކޮށް ކަމަށް ވެސް ވެއެވެ.
ނަމަވެސ،ް އިސްތަށިގަނޑު ކަޅުކުރުން ފިޔަވައ،ި ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ މަނާ ކަމެއްކަމަށް ގަވައިދުގައިވެއެވެ.
އިސްލާހުކޮށްފައިވާ ގަވައިދަށް ވަނީ ދެ މާއްދާއެއް އިތުރުކޮށްފައެވެ. އެއް މާއްދާއަކީ ފިރިހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް އިތުރުކުރި ތަފްސީލްތަކެކެވެ. އެއާއެކު އަންހެން ސިވިލް ސާވަންޓުން އަޅާ ހެދުމުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަންވީ ގޮތުގެ ތަފްސީލް ދިންއިރު، މި އިސްލާހުގައި ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ބަހައްޓަންވީ ގޮތުގެ ވާހަކައެއް ހިމަނާފައި ނެތެވެ.
އާ އިސްލާހުގައި ވާގޮތުން އަންހެން މުވައްޒަފުންގެ ހެދުން ވެސް ހުންނަންވާނީ ކަރުވަޅާއި، ބުޑު ނިވާވާ ގޮތަށެވެ.
އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް އިސްލާހުތަކެއް ގެނައި މީގެ ހަފުތާތަކެއް ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އާންމު ރައްޔިތަކު އެ ކަމާ ގުޅޭގޮތުން ޝުއޫރުތަކެއް ފާޅުކުރި ފަހުންނެެވެ.