"ނޫން... ނުދޭ..." ބޮޑުކަންތައް ގަނޑެއް ހިނގަމުން ދިޔަކަން ރަނީމްއަށް ޔަޤީންކުރެވުނު ހިނދު ނާވީ ފޮނުވަން އޭނަގެ ހިތް ދެކޮޅު ހެދިއެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭކަމުގެ ލިސާންތައް އޭނައަށް ފެންނަން ފަށައިފިއެވެ.
ނާވީ ރަނީމް ހިތްހަމަ ޖެއްސުމުގެ ގޮތުން ވާހަކަ ދެއްކި ނަމަވެސް، އަނބުރާ އާދެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އޭނައަކަށް ނެތެވެ. އެހެންނަމަވެސް، އެ ކަންބޮޑުވުން އޭނާ ރަނީމްއާ ހިއްސާކުރަން ބޭނުންނުވީއެވެ. ނާވީ ރައާބިލްއަށްވެސް އަވަސް ނަޒަރެއް ދިނެވެ.
"އަހަރެން ވަރަށް ލޯބިވޭ..." ނާވީ ރަނީމްގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. ރަނީމްއާ ވަކިވާން އޭނަ ދުވަހަކު ބޭނުމެއް ނޫނެވެ. އޭނަގެ ހިތުގެ ދިރުމާ އެ މޭގެ ވިންދަނީ ރަނީމްއެވެ. ވީއިރު ކަމުގެ ނުރައްކާތެރިކަން އެނގިހުރެ އޭނަ ރަނީމްއަށް އެހުރިހާކަމެއް ކިޔައިދޭނީވެސް ކިހިނަކުން ހެއްޔެވެ؟
"އަހަރެންވެސް...." ރަނީމް ބުނެލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ހިތް ހަމަ ބިރުގަންނަނީއެވެ. ނާވީ ފޮނުވަން ޖެހިލުންވަނީއެވެ.
"އަން މިއޮތީ..." ނާވީ ރައާބިލްގެ އަތަށް އެއްޗެއް ލައިދިނެވެ. އެއީ ހިމަ ހިމަ ރޮދިފަށެކެވެ. "މީތި ރަނީމްގެ މަންމަގެ ގައިގައި އަޅުވާލާ. އޭރުން، އޭނައަށް ރައްކާތެރިކަން ލިބޭނެ."
ރައާބިލް އެ ރޮދިފަށް ގެންގޮސް ސަމްރާގެ އަތުގައި އަޅުވައިލަ ދިނުމުން ސަމްރާ ސުވާލުކުރަން އަވަސްވެގަތް ވަގުތު އެ ފުރުސަތު ނުދީ ރައާބިލް އޭނަގެ ބާރުގެ ބޭނުންކޮށްގެން ސަމްރާ ނިންދަވައިލީއެވެ.
"ތިކަމުގައި އެހީވީ ކާފަ." ނާވީ ބުނެލިއެވެ. ރައާބިލް ނާވީއަށް ބަލައިލުމަށްފަހު ލުއިކޮށް ހީނލިއެވެ.
ނާވީ އޭނަ އަތުގައި އޮތް ދެވަނަ ރޮދިފަށް ރަނީމްގެ އަތުގައި އަޅުވައިލަދިނެވެ. އެއަށްފަހު އޭނަ ރަނީމްއާ ނަޒަރު ސީދާކޮށްލިއެވެ. އޭނަ ލުއިކޮށް ހީނލާފައި ރަނީމްގެ ކޯތާފަތުގައި ބީހިލިއެވެ. ރައާބިލް ވެސް ނާވީއާއެކު ދާން ބޭނުންވިނަމަވެސް، ނާވީ އެކަމާ ދެކޮޅު ހެދީ ކުޑަވެސް ނުރައްކަލެއް ރަނީމް މެންނަށް ފޯރަން ބޭނުންނުވާތީއެވެ. ރަނީމްއަށް ބަލައިލުމާއެކު އެރި ފެހިނޫ އައްޔާއެކު އޭނަ ގެއްލިއްޖެއެވެ. ރަނީމްއަށް ދެން ބަލައިލެވުނީ ރައާބިލްއަށެވެ. ބައްޕަމެން އެންމެން އޭނައަށް ބޮޑު ކަންތައްގަނޑެއް ސިއްރުކުރަމުން ދިޔަކަން އެނގޭ ޙާލު ޖަވާބު ބޭނުންވެގެން އުޅޭ އަސަރުތައް އެމޫނުމަތީން ފާޅުކޮށް ފެންނަމުން ދިޔައެވެ. އޭނަގެ ދަރިފުޅު ވާހަކަ ދެއްކުމަކާ ނުލާ އެކުރާ ސުވާލުތައް ޚުދު ރައާބިލްއަށްވެސް އެނގޭމެއެވެ. އެހެންނަމަވެސް، އެ ސުވާލުތަކަށް އޭނަ ޖަވާބު ދޭނީ ކިހިނަކުން ހެއްޔެވެ؟ ކަންތައްތައް ކިޔައިދީފިނަމަ، ރަނީމް މަޑަކުން ނުހުންނާނެއެވެ. އޭނަ ނާވީގެ ފަހަތުން ދާނެއެވެ. ފަހަރެއްގައިވެސް ރަނީމްގެ ފުނާރަ ނުރައްކަލަކަށް ހުށައަޅާނީ ކިހިނަކުން ހެއްޔެވެ؟
"ބައްޕާ... ކިހިނެއްމިވަނީ؟ އަޅުގަނޑަށް ހުރިހާކަމެއް ކިޔައިދީބަލަ!." ރައާބިލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ރަނީމް އެންމެފަހުން ސުވާލުކޮށްލައިފިއެވެ. އޭނައަށް ކަންތައްތައް ސިއްރުކުރުމަކީ ހައްލެއް ނޫނެވެ. ނާވީ އަދި އޭނަގެ ބައްޕަވެސް އޭނައަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށައަޅައިގެން ނުވާނެއެވެ. އަދި ކަންތައްތައް ސިއްރުކޮށްގެން ނުވާނެއެވެ.
"ބައްޕާ! އެނގޭ ނާވީ އެއްވެސް ކަމެއް ހިއްސާނުކުރާނެކަން. ދެން އަޅުގަނޑަށް ކަންތައްތައް ކިޔައިދޭން ހުރީ ބައްޕަ. އެކަމަކު ބައްޕަވެސް ހުރިހާކަމެއް ކުރަނީ ސިއްރު." ރަނީމްގެ އަޑުގައިވަނީ ޝަކުވާއެވެ. ހަޤީޤަތުގައި އޭނަގެ ހިތް ހަމަ ތެޅިފޮޅެނީއެވެ. ބޮޑުކަމެއް ވާން އުޅޭކަމުގައި އޭނަގެ ހިތް ބުނަނީއެވެ.
"ނާވީ އައިސް ދަރިފުޅަށް ހުރިހާވާހަކައެއް ކިޔައިދޭނެ." ރަނީމްގެ އާދޭސްތަކަށްފަހު އެންމެފަހުން ރައާބިލް ބުނެލައިފިއެވެ. ރަނީމްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނަ މޫނުމަތީގައި ދެ އަތް ކާތާލާފައި އަނެއްކާވެސް ރައާބިލްއަ ކުރިމަތިލިއެވެ. ރައާބިލްގެ ވާހަކަތަކުން އޭނައަށް އެނގުނު ކަމަކީ ނާވީ ކުރިމަތިލާން އެ އުޅެނީ އާދައިގެ ކަމަކާ ނޫންކަމެވެ. އެކަމުން ނާވީއަށް ކޮންމެ ފަދަ ނުރައްކަލެއްވެސް ކުރިމަތިވެދާނެކަން ހިތަށް އެރުމާއެކު އޭނަގެ ހިތް ހީވީ ގެނބިގެން ދިޔަ ހެންނެވެ.
"އެއީ ހަމަ އަހަންނަށްޓަކާ ނާވީ ކުރާ ކަންތައްތައްތަ؟" ރަނީމްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ކުރެވުނު ކުށްވެރި އިޙްސާސުން މީހާގެ ހިތުގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. ޖަހަމުން ދިޔަ ކޮންމެ ވިންދަކާއެކު ހީވަނީ އެ ވޭން މުޅި ހަށިގަނޑުގެ ކޮންމެ ސެލްއަކަށްމެ ފެތުރިގެން ދާން ފެށިހެންނެވެ. ދެލޮލުން ކަރުނަތައް ފައިބަން ފެށީ އޭނައަށް އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވެން ފެށުމުންނެވެ. ރައާބިލް ގޮސް ރަނީމް އޭނަގެ ގަޔާ ގާތްކޮށްލާފައި ހިތްވަރުކުރުމަށް ބުންޏެވެ. މިވަގުތު އެމީހުން އެންމެންނަށް އެންމެ މުހިންމީ ރަނީމްގެ ރައްކާތެރިކަންކަމުގައިވެސް ބުންޏެވެ.
*****
ނާވީއާއި ދައިސަމްއާ ގޮސް ރުއްފާތެރެއަށް ވަތްއިރު ރުއްފާތެރޭގައި ހީވަނީ ވަރުގަރަ ތޫފާނެއް އުފެދިފައި ވާހެންނެވެ. ވަޔާ ގަސްތައް ހެލެމުން ދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ ބިންމައްޗަށް ވެއްޓިދާނެހެންނެވެ. ވެއްޔާ ހިރަފުހުގެ އިތުރުން، މުރަނަ ފަތްތައްވެސް ވައިގެތެރޭގައި އުދުހެމުން ދިޔައިރު ފަޒާފެ ސާފުކަމާއި ހިމޭންކަން ވަނީ އެކީ ނެތިކޮށްލާފައެވެ. އިރުއިރުކޮޅަކާ ކެނޑިގެން ދާ އަލިކަމާއި، ވިދުންތަކުގެ ތެރެއިން ބިރުވެރި ނާމާން އަޑުތަކެއް އިވެމުން ދިޔައެވެ. އިންސާނުންގެ ލޯތަކަށް ފޮރުވިފައިވާ އެތަކެއް ކަމެއް އެތާ ހިނގަމުން ދިޔައެވެ.
ނަމީރަށް ޖިންނީން ހަމަލާދެމުން ދިޔައިރު، އޭނަގެ ކައިރީގައި ހުރި ޝައިސްތާވެސް ދިޔައީ އޭނަގެ ބާރުގެ ބޭނުންކުރަމުންނެވެ. ޝައިސްތާއަށް ނަމީރު ވާހަކަތައް ކިޔައިދިނުމުން އޭނަވެސް އަންނަން ބޭނުންވީއެވެ. ދުރުން ފެނުނު ނޫފެހި އަލިކަމާއި އިންޖާބާއި ބަތީލާވެސް އަތުވެއްޖެއެވެ. އެ ހަމަލާތަކުގެ ތެރެއިން ނަމީރަށް ކޮންމެވެސް ވަރަކަށް އަނިޔާވެސް ވިއެވެ. އޭނައަކީ އާދައިގެ ޖިންނިއަކަށްވީނަމަ މަރުވީހެވެ. ދައިސަމްއާއި ނާވީއާ ގޮސް ނަމީރާ އެއްބައިވިއެވެ.
އޭރުވެސް ހާމިދު ހަމަ ސިހުރު ހަދަނީއެވެ. އޭނަ ކިޔެވެލި ހުއްޓައެއް ނުލައެވެ. އޭނަގެ ކައިރީގައި ހަށި ފާރަވެރީންނަށް ތިބި ޖިންނީންވެސް ތިބީ ބިރުންނެވެ. އެ މަޅްލޫޤުން ތިބީ އެތަނުން ދުވެ ފިލަން ބޭނުންވެފައެވެ. މިހާރު ކުރިއަށް އެދާ ހަނގުރާމައަކީ، އާދައިގެ ޖިންނީންތަކެއްގެ މެދުގައި ހިނގަމުން ދާ ހަނގުރާމައެއް ނޫނެވެ. އެމީހުންނަށްވެސް އެކަމުން ސަލާމަތެއް ނޯންނާނެއެވެ. އެހެންނަމަވެސް ހާމިދު ވަނީ އެމީހުން ޤައިދުކޮށްފައެވެ. ވީއިރު އެތަނުން ދުރަކަށް ނުވެސް ދެވޭނެއެވެ.
ހާމިދު އޭނަގެ ކިޔެވެލި އަވަސްކުރަމުން ދިޔަނަމަވެސް، ޙަޔާތުގައި ފުރަތަމަ ފަހަރަށް އޭނަ ޖެހިލުންވާގޮތްވިއެވެ. ކުރިމަތީގައި ހިނގަމުން އެދާ ކަންތައްތަކަކީ މީގެކުރިން އޭނަ ދުވަހަކުވެސް ދެކެފައިވާ ކަންތައްތަކެއް ނޫނެވެ. ސިހުރު ހަދާތާ އެތަކެއް ޒަމާންތަކެއް ފާއިތުވެފައިވާއިރުވެސް މިފަދަ ކަމަކާ އޭނަ ކުރިމަތިލާފައެއް ނުވެއެވެ. ގިނަ ތަޖުރިބާތަކެއް ހުރިނަމަވެސް، ނުތަނަވަސްވީ ސަބަބަކީ އެއީއެވެ. އޭނަ ހިންދިރުވައިލިއެވެ. ކިޔެވެލި ކިޔެވުން ދޫކޮށްލާފައި ދިޔަކަމުގައިވީ ނަމަވެސް، އޭނައަށް ސަލާމަތެއް ނެތެވެ. އޭނަގެ ކައިރީގައި ތިބި ވަފާދާރު ޖިންނިތައްވެސް ދިޔައީ އޭނަގެ ކަސްތޮޅުން މިނިވަންވުމަށް މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ކުރިމަތީގައި ހިނގަމުން އެ ދަނީ ވަރުގަދަ ހަނގުރާމައެކެވެ. އޭނައަށްވެސް މުޅިއަކުން ކަންތައްތަކެއް ނުފެނެއެވެ. ފެންނަނީ ކެނޑިގެންދާ އަލިކަމާއި، އަޑުތަކާއި މާހައުލުގެ ޙާލަތެވެ. އޭނައަށް ކިޔަމަން ތެރި ޖިންނީންނަށް ވަމުންދާ ގޮތެވެ. އެހުރިހާކަމެއް އަމިއްލަ ބާރުގެ ދަށުގައި ކޮންޓްރޯލްކުރުމަށް އޭނައަށް ދަތިވާން ފެށިއެވެ. އަމިއްލަ ސަލާމަތް ހޯދާނެ ގޮތަކާ މެދު ހާމިދަށް ވިސްނެން ފެށުނީ އެހާ ހިސާބުންނެވެ. އޭނަގެ ސަލާމަތް އޮތީ ހަމަ އެންމެ ގޮތަކުންނެވެ. މި ޙާލަތުގެ ފުރިހަމަ ބާރު އޭނައަށް ހޯދިގެންނެވެ. އެހެންނަމަވެސް، އެކަން ކުރާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. ދަސްވެފައިވާ ހުރިހާ އެއްޗެއްގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އޭނަ މަސައްކަތްކުރަމުން ދިޔަ އެވެ.
*****
ރަނީމްގެ އެތަކެއް އާދޭސްތަކަށްފަހުވެސް، ރައާބިލް އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ. އެންމެފަހުން ރަނީމްގާތަށް ރުޅިވެސް އަންނަން ފަށައިފިއެވެ. ރުޅިއާ ދެރަ އެކުވެގެން އަންނަމުން ދިޔަ ކަރުނަތައް ހިންދަންވެސް ރަނީމްއަކަށް ނޭނގުނެވެ. ބާރަށް ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވާނެ ގޮތްވެސް މެއެވެ.
ރަނީމްގެ ކަރުނައާއި އާދޭސްތަކުގެ ކުރިމަތީގައި ރައާބިލްއަށް މަޖުބޫރުވީ ވާހަކަތައް ރަނީމްއަށް ކިޔައިދޭށެވެ. ޝާރިފްގެ ވާހަކަ ރަނީމްއަށް ކިޔައިދިންއިރު ރަނީމްއަށް ހައިރާންކަން ލިބިގެން ދިޔައިރު، އެފަދަ ދަރަޖައަކަށް ޝާރިފް ވެއްޓިދާނެކަމަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އެހެންނަމަވެސް ބައްޕަ އެ ދައްކަނީ ތެދުވާހަކަކަން ރަނީމްއަށް ފަހުމްވިއެވެ. ޝާރިފްގެ އަމަލުތައް ހުރި ގޮތުންނެވެ. އެހާވަރަކުން އޭނަ އެގެއިން ނެރެން އުޅުނު ގޮތުންނެވެ. ރައާބިލްގެ ވާހަކަތަކުން ރަނީމް އިތުރަށް ދެރަވެ ޖަޒުބާތީ ވުން ނޫންކަމެއް ނުވިއެވެ. އޭނަގެ ހިމާޔަތުގައި ސާބިތުވެގެން ތިބި މީހުންނަށް ކުޑަވެސް ދެރައެއް އޭނަގެ ސަބަބުން ލިބޭކަށް ރަނީމް ބޭނުމެއް ނޫނެވެ. އޭނައަށްޓަކައި ޤުރުބާންވާން އެމީހުން ނުޖެހޭނެކަމުގައި އެހިނދު ރަނީމްގެ ސިކުނޑި އޭނައަށް ވިސްނައިދޭން ފެށިއެވެ. ނާވީ އޭނަ ދޫކޮށްލާފައި ގޮސްފިނަމަ އޭނައަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އެހާ އަމިއްލަ އެދުން ބޮޑުވާން ވާނެ ހެއްޔެވެ؟ އޭނައަކީވެސް ބާރުތަކެއް ލިބިފައިވާ މީހެކެވެ. ވީއިރު އެމީހުން އެކަނި އެހުރިހާކަމަކާ ކުރިމަތިލާން ދޫކޮށްލަން ވީ ހެއްޔެވެ؟
"ނާވީ... އަހަރެން...." ރަނީމްއަށް ވާހަކަ ދެއްކުން ދަތިވީ ނަމަވެސް، އޭނަގެ ހަރަކާތްތައްވަނީ އަވަސްވެފައެވެ. އެތަނުން ދާންވެގެން އުޅުމާއެކު ރައާބިލް އައިސް ރަނީމް ހުއްޓުވިއެވެ.
"ނޫން ދަރިފުޅާ. އެއީ ދަރިފުޅު ތި ހީކުރާވަރަށް ވުރެ ނުރައްކާތެރިކަމެއް. ބައްޕަމެންގެ ދުނިޔޭގައި ކަންތައްތައް ހިނގާ ގޮތް އަދި ދަރިފުޅަށް ފެނިފައެއް ނުވާނެ. ނާވީވެސް ބޭނުމެއް ނުވާނެ ދަރިފުޅު ގޮސް އެ ކަމުގެ ތެރެއަށް ވަންނާކަށް." ރައާބިލް ރަނީމްއަށް ވިސްނައިދޭން ބޭނުންވި ނަމަވެސް، ރަނީމް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. ނިދާފައި އޮތް ސަމްރާއަށް ބަލައިލުމަށްފަހު ގޮސް ސަމްރާގެ ނިތުގައި ބޮސްދީފައި ރަނީމް ރައާބިލްއަށް ބަލައިލިއެވެ.
"ބައްޕަ މަންމަ ރައްކާތެރިކޮށްދީ..." ރަނީމް ބުނެލިއެވެ. އެއަށްފަހު އޭނަ ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ. ރައާބިލްއަށް ފުރުސަތުވެސް ދޭން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް، އޭނަގެ ކުރިމައްޗަށް އެރުމާއެކު ރައާބިލް ނޫނެކޭ ބުނެ ރަނީމްއަށް ހުރަސް އެޅިއެވެ.
"ނޫން ބައްޕާ. އަހަރެން ދިޔަދީ..." ރަނީމްއަށް ބުނެވުނެވެ.
"ރަނީމްގެ މައްޗަށް ބާރު ފޯރުވަން ބައްޕައަށް މަޖުބޫރުނުކުރޭ..." ރައާބިލް ބުނެލީ ކިތަންމެ މަޑުމަޑުންނަމަވެސް، އެއީ އިންޒާރެއްކަން ރަނީމްއަށް ފަހުމްވިއެވެ. އޭނަ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އެތަނަށް ގޮސް ދަރިފުޅަށް ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެ. ދަރިފުޅަށް ކަމެއް ވެއްޖެނަމަ ބައްޕަ މަންމައަށް ދައްކާނީ ކޮން މޫނެއް؟" ރައާބިލް ފަހު ފަހަރަށް ރަނީމްއަށް ވިސްނައިދޭން ބޭނުންވިއެވެ. ރަނީމް ބަލައިލީ އޭނަގެ އަތުގައި އޮތް އުޅާއަށެވެ. އެ އުޅާ ނެގުމުން އޭނަގެ ބާރުތައް އަލުން އަންނާނެކަން އެނގެއެވެ. ވީއިރު އޭގެ ބޭނުންކޮށްގެން އޭނައަށް ވެސް ކޮންމެވެސް ކަމެއް ކުރެވިދާނެތާއެވެ.
ރަނީމް އަތުގައި އޮތް އުޅާ ނަގަން އުޅުމާއެކު ރައާބިލް، ރަނީމްގެ އަތުގައި ހިފައްޓާފައި ސީދާ ރަނީމްގެ ދެލޮލަށް ބަލައިލިއެވެ. އެވަގުތު ރައާބިލްގެ ނޫކުލައިގެ ދެލޮލުގެ ވިދުން ގަދަވެލިއެވެ. އެހިނދު ރަނީމްގެ ދެފައިން ވާގި ދޫވާން ފެށިއެވެ. ކޮޅަށް ހުރުން ދަތިވެގެން ދިޔަ ވަގުތު އޭނަގެ ބޮލަށް ބަރުވެ އަރި އަޅައިލިއެވެ. ލޯވެސް މެރެން ފަށައިފިއެވެ. ރައާބިލް ހުޝިއާރުކަމާއެކު، ރަނީމް ހިފެއްޓުމަށްފަހު އޭނަ ރަނީމް ގެންގޮސް ބޭއްވިއެވެ. ސަމްރާއާއި ރަނީމްގެ ދެމެދު ހަރަކާތްތެރިވަމުންދިޔަ އަލިކޮޅުތަކަށް ބަލައިލުމަށްފަހު، އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އެގޭގެ ވަށައިގެން އެއްވެސް ނުރައްކަލެއް ނެތްކަން ރައާބިލް ޔަޤީންކުރަން ބޭނުންވިއެވެ. އެކަން އޭނަ ކަށަވަރުކުރިއެވެ.
ނިދިފައި އޮތް ސަމްރާއާއި ރަނީމްއަށް ބަލައިލާފައި ރައާބިލް ފުންނޭވާއެއް ދޫކޮށްލިއެވެ. ނާވީމެން އެކަނިކޮށްލާކަށް އޭނާގެ ހިތެއް ނޭދުނެވެ. ދަރިފުޅާ އަނބިމީހާގެ ހައްޤުގައި އޭނަވެސް ވީވަރުން އެހީވާން ޖެހޭނެކަމުގައި ރައާބިލްގެ ސިކުނޑި އޭނާއަށް ވިސްނައިދޭން ފެށިއެވެ. ސަމްރާގެ ނިތުގައި ބޮސް ދިނުމަށްފަހު ރަނީމްގެ އަތުގައި ބޮސް ދީފައި ރައާބިލް ނިންމީ ރުއްފާތެރެއަށް ދާށެވެ. އޭނަގެ ދަރިފުޅުގެ ހިމާޔަތުގައި ކޮންމެވެސް ކަމެއް ޚުދު އޭނަވެސް ކުރަން ޖެހޭނެކަމުގައި ޤަބޫލުކުރެވުނީތީއެވެ. ނާވީ އޭނަ ގެންދަން ބޭނުންނުވި ސަބަބުވެސް ރައާބިލްއަށް އެނގެއެވެ. ހަޤީޤަތުގައި އޭނައަކީ މިހާރު ބަލިކަށި މީހެކެވެ. ބިންގަރާހުގައި ލިބުނު އަނިޔާތަކަށްފަހު އޭނަވަނީ ވަރަށް ބަލިކަށިވެފައެވެ. ކޮށްދެވޭނެ މާ ބޮޑުކަމެއް ނެތްކަން އެނގުނު ނަމަވެސް، ކަމެއް ނުކޮށް ހުންނަން އޭނަގެ ނަފްސު އުޒުރުވެރިވަނީއެވެ.
ރަނީމްއާ ސަމްރާއަށް ބަލައިލުމަށްފަހު ރައާބިލް ގެއިން ނުކުމެގެން ދިޔައިރު، އޭނައަށްވެސް ރުއްފާތެރޭގައި ހިނގަމުން ދިޔަ ހައިޖާނުގަނޑު ފެނިގެން ދިޔައެވެ. ތަޅާ ފޮޅުމެއް ފެށިގެން ދިޔައިރު، އެހެން ޝަހަރެއްގެ ބާރުގަދަ ޖިންނީންތަކެއްވެސް އޭނައަށް ފެނިގެން ދިޔައެވެ. އޭގެ އިތުރުން ކިޔެވެލި ކިޔަވަމުން ދިޔަ ސިހުރު ވެރިޔާވެސް މެއެވެ.
އޭނަ އެ ދިޔަގޮތަށް ކުރިމަތިލީ، ހާމިދާއެވެ. ނާވީއަށް ވެސް ރައާބިލް ފެނުނެވެ. އެހެންނަމަވެސް ބަދަލުކުރެވެމުން ދިޔަ ހަމަލާތަކުގެ ތެރެއިން އެއްޗެއް ބުނެވޭވަރެއް ނުވިއެވެ. ހާމިދަށްވެސް ރައާބިލް ފެނުނެވެ. ރައާބިލްގެ މޫނުމަތީން ފެންނަމުން ދިޔަ ރުޅުވެރިކަމުން އޭނަގެ ނަފްސު ތުރުތުރު އަޅާލައިގެން ދިޔައެވެ. ހާމިދާ ކައިރިވެލުމާއެކު އައި ނައި ދިމާލެއް ނޭނގި އަރި މާރިދެއް ރައާބިލްއާ ކުރިމަތިލިއެވެ. އޭތީގެ ހަމަލާއިން ރައާބިލް ޒަޚަމްވެސް ވިއެވެ. އެހެންނަމަވެސް އޭނަ ދުލެއް ނުދިނެވެ. އެއެއްޗާ ކުރިމަތިލާން ދެން އެހީވީ ނާވީއެވެ. ދުވަހަކު ވެސް ފެނިފައިވާ ނުފަދަ މަޚްލޫޤުންތަކަކާ، އެ އެއްޗެހީގެ ބާރުގަދަކަން ފެނުނު ހާމިދު ޖެހިލުންވާން ފެށިއެވެ. އޭނަގެ ކައިރީގައި ތިބި ޖިންނިތަކުންވެސް ބައެއް ޒަޅަމްވެ މަރުވެއްޖެއެވެ. އެހެންނަމަވެސް ހާމިދު އެތަން ދޫކޮށް ދާކަށް ނޫޅުނެވެ. ދަސްވެފައިވާ ސިހުރުތަކުގެ ތެރެއިން ދުވަހަކުވެސް އޭނަ ހަދާފައިވާ ނުވާ ސިހުރެއް ހެދުމަށް ހާމިދު އަވަސްވެގަތެވެ. އޭނަ ދަބަހުން ނެގި ވަޅިއަތުގައި އަޅާ އަތުން ލޭ އޮހޮރުވާލައިފިއެވެ. އަދި ކިޔެވެއްޔެއް ކިޔަވަން ފެށިއެވެ. އަލިފާންގަނޑު ދޮށުގައި އިނދެ ކިޔަވަ ކިޔަވާފައި، އޭނަ ނެގީ ވެލި މުށެކެވެ. ދެން ބަލައިލީ ނާވީމެންނާ ދިމާލަށެވެ.
(ނުނިމޭ)