މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާހު، ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާހު، ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެ --

ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު، ހާޓް އެޓޭކެއް ޖެހިގެން މިރޭ ނިޔާވެއްޖެއެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ފައްތާހުގެ އުފަން ރަށް ކަމަށްވާ ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ އެކަން ހިނގައިދިޔައީ ކުއްލިއަކަށް ކަމަށެވެ.

މިއަދު އިރުއޮއްސުނު ވަގުތު މެޔަށް ތަދެއް އަރައިގެން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އަތޮޅު ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

ނިޔާވިއިރު ފައްތާހުގެ އުމުރުން 54 އަހަރެވެ.

ފައްތާހު ނިޔާވިއިރު އޭނާ ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީ ޕްރައިމަރީގައި ކެލާ ކައުންސިލް ރައީސް ކަމަށް ވެސް ވާދަކުރައްވައިފައެވެ.

ފައްތާހު، ފިލްމީ ދާއިރާއިން ދުރަށް ދިޔައީ 2017 ވަނަ އަހަރު ތެރޭގައެވެ. އޭރު އޭނާ ވަނީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައެވެ. އޭނާ ޑައިރެކްޓުކުރި ފުރަތަމަ ފިލްމު ކަމަށްވާ 'ހިމޭން ދުނިޔެ' ރިލީޒްކުރީ 2000 ވަނަ އަހަރެވެ. އެ ފަހުން އޭނާ ވަނީ 'ހުރީމޭ އިންތިޒާރުގައި'، 'ހިނިތުން ވެލާށެ ކަލާ'، 'ވާލޯބި އެނގޭނަމަ'، 'ލަވް ސްޓޯރީ' އަދި 'އާދޭސް' ފަދަ ދިވެހީންގެ ތެރޭގައި މަޝްހޫރު އެތައް ފިލްމެއް ވެސް ޑައިރެކްޓުކޮށްފައެވެ.

އޭނާ އެ ދާއިރާއިން ދުރަށް ދިޔައިރު އެންމެ ފަހުން އާންމުންނާ ހަމައަށް އައިސްފައިވަނީ 2017 ވަނަ އަހަރު މަޝްހޫރުވި "ހައްދު" ފިލްމެވެ. އެއީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ ފިލްމެކެވެ.

ހަމައެއާއެކު އޭނާ ވަނީ ކެރިއަރުގައި މުހިންމު އެވޯޑުތަކެއް ވެސް ހާސިލުކޮށްފައެވެ. އެގޮތުން 2004 ވަނަ އަހަރު އުފެއްދި ބިރުވެރި ފިލްމު 'އޭނާ' އަށް ވަނީ އެންމެ މޮޅު އެޑިޓިން އެވޯޑު ލިބިފައެވެ. އަދި 2003 ވަނަ އަހަރު ފައްތާހު ޑައިރެކްޓުކުރި 'ވެހޭ ވާރޭ ތެރެއިން' ފިލްމާއެކު އޭނާއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުކަން ލިބިފައެވެ.

އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ރެޑް ޕްރޮޑަކްޝަންސް އުފެއްދުމަށް ފަހު އޭނާ ވަނީ 2006 ވަނަ އަހަރު ޓީވީ ޑްރާމާ ސީރީޒް "ހިނިތުން ވެލާށެ ކަލާ" އާއި "ވާލޯބީ އެނގޭނަމާ" ވެސް ޑައިރެކްޓް ކޮށްފައެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމަކީ 2010 ވަނަ އަހަރު ރިލީޒް ކުރި ރޮމޭންޓިކް ބިރުވެރި ފިލްމެއް ކަމަށްވާ 'ޖިންނި'އެވެ. އެ ފިލްމާއެކު އޭނާ ވަނީ މޯލްޑިވްސް ފިލްމް އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވެފައެވެ. އޭނާ ދެވަނަ ފަހަރަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވީ އޭނާގެ ރޮމޭންޓިކް ފިލްމު "ލަވް ސްޓޯރީ" އިންނެވެ.

ފައްތާހު ނިޔާވިއިރު އޭނާގެ ފިރިހެން ދަރިއަކާއި އަންބަކު ވެސް ހުރެއެވެ.

comment ކޮމެންޓް