ހިތުގައި ތިނަން ވާތީ... 14

"ކިޑްނެޕް ކޮށްގެން އެހެން ރަށަކަށް ގެންދަން.." އަޔާމް ބުނެލިއެވެ.

********

"ކީއްކުރަން ކިޑްނެޕް ކުރަނީ؟..." ލުއި ހިނިގަނޑެއް ޖަހައިލަމުން އިވްލީން އަހައިލިއެވެ.

"ތަންކޮޅެއް ބޮލަށް ފަސޭހަވާނެ އެއްނު... ނުގުޅޭ މަންޒަރުތަކެއްވެސް ނުފެންނާނެ..." ލޮލުގެ ހިމަކޮޅުން ރަތުނާއަށް ބަލައިލަމުން އަޔާމް ބުނެލިއެވެ.

އިވްލީނަށްވެސް ރަތުނާމެން ތިބި ދިމާއަށް ބަލައިލެވުނެވެ. އާކިލް އާއި ދެމީހުން އޮލަ ވާހަކައެއްގައި ތިބިއިރު، އާކިލްގެ މޫނުން ފެންނަން ހުރީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ދެމީހުން ހޫނު ޒުވާބެއް ކުރަމުންދާކަން އާކިލްގެ ހަރަކާތްތަކުންވެސް އިވްލީނަށް އެނގުނެވެ. އާކިލް އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅަން މަސައްކަތް ކުރުމުން، ރަތުނާ އާކިލްގެ އަތުން ފޯނު އަތުލިއެވެ. އާކިލް ތަކުރާރުކޮށް ފޯނު ދޭން އެދުމުންވެސް ރަތުނާ އިންކާރުކުރިއެވެ.

"ކުޑަކުއްޖެއްތަ ތީ؟...." ރިމްޝާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. "ހުސް ހަމަނުޖެހޭ ވާހަކަ ތި ދައްކަނީ... އީވް ނޫޅެއޭ ކިޑްނެޕް ކުރުވާ ހިތަކުން..."

"ތިބުނީ އަހަރެން މީ މޮޔައެކޭތަ؟..." އަޔާމް ދެލޯ ހަނިކޮށްލަމުން ރިމްޝާއަށް ބަލައިލިއެވެ.

އިވްލީން ތަށިތައް ފޮހެން ހުރިއިރު، އަޔާމާއި ރިމްޝާ ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އޭނާގެ ސަމާލުކަން އަތުލާފައިވީ އާކިލްގެ ހަރަކާތްތަކަށެވެ. އާކިލް ތެދުވެގެން ހިނގައިގަތުމުން ރަތުނާވެސް ފަހަތުން ދިޔައެވެ. ދެމީހުން ފޭބީ އަތިރިމައްޗަށެވެ.

"އެދިޔައީނު..." އާކިލްމެން ދިޔަ ދިމާއަށް ބަލަން ހުރެފައި އަޔާމް ބުނެލިއެވެ.

ރަތުނާ ޖޯލީގައި އިށީނުމުން އާކިލްވެސް ރަތުނާގެ ކައިރީގައި އިށީނެވެ. އޭނާގެ ހިތާއި ސިކުނޑި ވީ އެހެން ދުނިޔެއެއްގައެވެ. ނޭވާލަމުންދިޔަ ނަމަވެސް ހަގީގަތަކީ އެ ނޭވާއިން އާކިލްގެ ހަށިގަނޑަށް އަރާމެއް ނުލިބުނު ކަމެވެ. ކަމެއްނުވާ ކަމަށް ދައްކައިގެން ހުރެހުރެ، އާކިލް ވަރުބަލިވެއްޖެއެވެ.

"އައި އޭމް ސޮރީ އީވް... އީވްއަށް ހާޓް ކުރާކަށް ބޭނުމެއް ނޫން..." އާކިލްއަށް ހިތާއިހިތުން ވާހަކަ ދެއްކުނެވެ.

********

މޭގައި އަތް އަޅާލައިގެން ހުރި އިވްލީން އުނދަގޫ ގޮތަކަށް ކެއްސައިލިއެވެ. ދެލޯ ފުސްވާހެން ހީވެ، އިވްލީނަށް ކައުންޓަރުގެ މަތީގައި އަތް އަޅުވައިލެވުނެވެ.

"އީވް... އޯކޭތަ؟..." ރިމްޝާ އިވްލީންގެ ގައިގައި ހިފަހައްޓައިލިއެވެ. އަނެއް އަތުން ގޮނޑި ދަމާލައި، އިވްލީންގެ ކައިރިއަށް ޖައްސާލަދިނެވެ. "މިތާ އިށީނދޭ!..."

"އަހަރެން އޯކޭއޭ..." އިވްލީން އަވަސް އަވަހަށް ބުނެލިއެވެ.

"އީވް މިހާރު ހީވަނީ ގޯސްޓެއްހެން..." ރިމްޝާ ބޭނުންވީ އިވްލީން ހެއްވައިލާށެވެ.

އިވްލީން ބަލި ގޮތަކަށް ހީލިއެވެ.

"ހިނގާބަލަ ޑޮކްޓަރަށް ދައްކާލަން... އަހަރެން ހެލްޕް ވާނަމޭ..." ރިމްޝާ އެދުނެވެ.

"އަހަރެން ބަލިވެއްޖެއްޔާ، މިކަންކަން ކުރާނީ ކާކު؟..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ.

"މިރާހް ހުންނާނެއެއްނު.... ހިނގާބަލަ މާލެ ދާން..." ރިމްޝާ އާދޭސް ކުރަން ފެށިއެވެ.

***********

"އާކިލް ކީއްވެތަ ތިހެން ތި ކަންތައް ކުރަނީ؟..." ރަތުނާގެ ޝަކުވާއެއް ނުހުއްޓުނެވެ. "އެންމެން ތެރޭ އަބަދު ތިހެން ހެދީމަ، އަހަރެން ކިހާ ލަދުގަންނާނެތަ..."

"ރަތުނާއަށް އެނގެއެއްނު އަހަރެން..." އާކިލް އެއްޗެއް ބުނަން އުޅުނެވެ.

"އާކިލްގެ ފެމެލީ ޔެސް ބުނެފި... އަހަރެންގެ ފެމެލީ އޯކޭ... ދެން އާކިލް ކީއްވެތަ ތިހެން ތި ހަދަނީ؟...." ރަތުނާ ފަހު ޖުމުލަ ބުނިއިރު، އެ އަޑުގައި ރިހުން އެކުލެވިފައިވިއެވެ.

"އަހަރެން ބުނެފީމެއްނު ސަބަބުވެސް..." އާކިލް ރުންކުރުވިއެވެ.

"އަހަރެންދެކެ ލޯބިނުވިޔަސް ހެވޭ... އަހަރެން ބޭނުން ވަނީ އަހަރެމެން ދެމީހުން ކައިވެނި ކުރާނެ ޑޭޓެއް ފައިނަލް ކުރަން..." ރަތުނާ އާކިލްގެ އަތުގައި އަތް ޖައްސައިލިއެވެ. "ފުރަތަމަ ލޯބި ނުލިބޭ އެތައް ބަޔަކު އެހެން މީހުންނާ ކައިވެނިކޮށްގެން އެބަ އުޅޭ.. ވަރަށް އުފަލުގަ އުޅެނީ..."

އާކިލްގެ ފޯނު ރިންގްވާން ފެށިއެވެ. ރަތުނާއަށާއި އާކިލްއަށް ސްކްރީނަށް ނަޒަރު ހުއްޓާލެވުނީ އެކުއެކީގައެވެ. ގުޅީ އާކިލްގެ މަންމައެވެ. އެފަދަ ވަގުތެއްގައި އެ ކޯލު ނުނަގަން އާކިލްގެ ހިތް ކިތަންމެ ފަހަރަކު އެދުނެވެ.

"ކީކޭ މަންމާ؟..." އާކިލްއަށްވުރެ ކުރިން ފޯނު ނަގައި، ކަންފަތުގައި ޖައްސައިލަމުން ރަތުނާ ބުނެލިއެވެ.

"މަންމަމެން އެބަ އާދެޔޯ..." ފޯނު މަތީގައި އަތް އަޅަމުން ރަތުނާ އާކިލްގެ ކައިރީގައި ސިއްރުން ބުނެލިއެވެ.

އާކިލް ވަގުތުން ރަތުނާގެ އަތުން ފޯނު އަތުލިއެވެ. ކިތަންމެ ހިތްވަރުކޮށްފައި އަނގަ ހުޅުވައިލި ނަމަވެސް، އާކިލްއަކަށް ހިތްވަރެއް ނުލިބުނެވެ. އޭނާގެ މަންމަގެ ވާހަކަ މެދުކަނޑައިލާކަށްވެސް ނުކެރުނެވެ.

"މަންމައަށް ފެންނަނީ މަންމަމެން ތިކޮޅަށް ދިޔާމަ، ދެން ލަސްނުކޮށް ދަރިފުޅުމެން ކައިވެނި ކުރަން..." ފޯނުގެ އަނެއްކޮޅުން އިވުނު އަޑު ގަބޫލުނުކުރެވިފައި އާކިލްއަށް އިނދެވުނެވެ. "ރަތުނާގެ ފެމެލީވެސް ބެންކޮކް ދަތުރު ނިންމާފަ އެބަ އާދޭ... އޭގެ ކުރިން މަންމަމެން މި ބަލަނީ ތިކޮޅަށް ދެވޭތޯ..."

"މަންމާ!...." އާކިލް ޖޯލިން ތެދުވެގެން ކުރިއަށް ހިނގައިގަތެވެ.

"އާކް..." ރަތުނާ އާކިލް ހުއްޓުވަން މަސައްކަތް ކުރިއެވެ.

އާކިލް އޭނާގެ މަންމައަށް ގޮވައިލިގޮތުން، އުޅެނީ ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން ކަން ރަތުނާއަށް އެނގުނެވެ. ރަތުނާގެ ހިތް ބިރުގަތީ ފަހުވަގުތު އާކިލް ކައިވެންޏަށް ދެކޮޅުހަދައިފާނެތީއެވެ. އާކިލް ކައިވެންޏަށް ދެކޮޅުހަދައިފިނަމަ، ރަތުނާ ކުރި ހުރިހާ އުއްމީދެއް ފެނަށް ވެގެންދާނެތީއެވެ.

"ދަރިފުޅު ކީއްވެ އެއްޗެއް ނުބުނެ ތިހުރީ؟...." އާކިލްގެ އަޑެއް ނީވުމުން، އޭނާގެ މަންމަ އަހައިލިއެވެ.

"މަންމައަށް އެނގެއެއްނު އަހަރެން ރަތުނާދެކެ ލޯބިނުވާކަން..." ރަތުނާއަށް އަޑު ނީވޭ ހިސާބަށް ގޮސްފައި އާކިލް ބުނެލިއެވެ. "އީވް ނޫން ކުއްޖަކުދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ..."

އާކިލްގެ މަންމަ ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. ފޯނުގެ އަނެއްކޮޅުން އެއްޗެއް ބުނޭތޯ އާކިލް އިރުކޮޅަކު މަޑުކޮށްލިއެވެ. އެއްވެސް އަޑެއް ނީވި ގިނައިރުވުމުން، އާކިލް ފޯނު ކަނޑައިލިއެވވެ.

********

އިރު އޮއްސެމުން އައި ވަގުތު އިވްލީން ހުރީ ރާޅުކުރީގައެވެ. ހުސްފައިގައި ހުރިއިރު، ލައިގެން ހުރި ޖީންސް ހުރީ ކުޑަކޮށް މައްޗަށް އޮޅާލާފައެވެ. އާކިލް އެތައް އިރަކު ކުރި އިންތިޒާރަށް ނިމުން އައެވެ. އިވްލީން އެކަނި ނުފެނިގެން އޭނާ އިންތިޒާރު ކުރާތާ ކިތަންމެ އިރެކެވެ. އާކިލް ވަކި އެއްޗެއް ނުބުނެ މަޑުމަޑުން އިވްލީންގެ ކައިރީގައި ހުއްޓުނެވެ. ދެމީހުންގެ ނަޒަރު ހުއްޓިފައިވީ، އަތިރިމައްޗަށް ބީއްސަމުންދިޔަ ރާޅުތަކަށެވެ.

"މިހާރު އަހަރެންދެކެ ރުޅިއާދޭތަ؟..." އާކިލްއަށް އަހައިލެވުނެވެ.

"ނޯ..." އިވްލީންގެ ޖަވާބު އައީ އާކިލް ހީކުރި ވަރަށްވުރެ އަވަހަށެވެ.

އަނެއްކާވެސް ފާއިތުވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. ރާޅުތަކުގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ.

"އެކަމަކު ހިތަށް އަރާ ރުޅި އާދެވޭނެ ނަމައޭ..." އިވްލީނަށް ބުނެވުނެވެ.

"އެއްވެސް ކަމެއް އެއްގޮތަކަށް ނުދާނެ..." އާކިލް އިސްޖަހައިލިއެވެ.

"އެކްސްޕްލެއިން.." އިވްލީން އެދުނެވެ.

އާކިލް އަނގަ ހުޅުވައިލި ނަމަވެސް ފޯނު ރިންގްވާ އަޑު އިވުމުން، ހުއްޓައިލިއެވެ. ފޯނުގެ އިސްކްރީނުން ރަތުނާގެ ނަން ފެނުމުން، އާކިލްގެ މޫނުން ފެނުނީ ފޫހިކަމެވެ. ވަގުތުން ފޯނު ކަނޑައިލާފައި ޖީބަށް ލިއެވެ. ދެވަނަ ފަހަރަށްވެސް ރަތުނާ ގުޅަން ފެށީ، އާކިލް އެއްޗެއް ބުނަން އަނގަ ހުޅުވައިލި ތަނާއެވެ.

"ފޯނެއް އެބަ އާދެއެއްނު..." ގުޅީ ރަތުނާ ކަން އެނގޭތީ، އިވްލީނަށް ބުނެވުނީ ހަސަދަވެރިވެފައިވާ ރާގަކަށެވެ.

"ނުނަގަންވީތަ؟..." އާކިލް ލާނެތް ރާގަކަށް އަހައިލިއެވެ.

"ކީއްކުރަން އަހަރެން ކައިރީ އަހަނީ؟... އެއީ އާކިލްގެ ގާލްފްރެންޑެއްނު..." އިވްލީން ތުންފިއްތައިލިއެވެ.

"އަދިވެސް ތި ނަން މިހިތުން ފިލައިގެން ނުދާތީ..." އާކިލް ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ.

އިވްލީން ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލަމުން އާކިލްގެ މޫނަށް ބަލައިލިއެވެ. އިވްލީން ހުރީ، އާކިލް އެހާ ފާޅުކަން ބޮޑުގޮތެއްގައި އެފަދަ ވާހަކައެއް ބުނާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. އޮއްސެމުންދިޔަ އިރުގެ ރަން ދޯދިތައް އާކިލްގެ މޫނަށް އެޅިފައި ހުރިއިރު، ހިތްގައިމެވެ. ފިރިހެންވަންތައެވެ.

"ގަބޫލެއް ނުކުރާނަންތަ؟..." އާކިލް އަހައިލިއެވެ.

އިވްލީން ބޯ ޖަހައިލުމަށްފަހު އަވަސް އަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"އޭރެކޭ މިހާރެކޭ އީވް އަހަންނަށް ހާއްސަ ވަނީ އެއްވަރަކަށް..." އާކިލް އަނެއްކާވެސް ބުނެލިއެވެ. "މި ބުނި އެއްޗެއް އީވްއަށް ވިސްނޭނެކަމަށް ހީކުރަން..."

އިވްލީންގެ ފަހަތުން ދާން އުޅެފައި، އާކިލްގެ ހިޔާލު ބަދަލުވިއެވެ. ތަންކޮޅަކަށް ގޮސްފައި އިވްލީން ހުއްޓުނެވެ. ފަސްއެނބުރި އާކިލްއަށް ބަލައިލިއެވެ. އެއީ އާކިލް ބޭނުންވި ގޮތެވެ. ގަސްތަކުގެ ތެރޭގައި ހުރި މީހަކު އާކިލްމެންގެ ތަސްވީރުތައް ނަގަމުން ދިޔަކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ.

********

ދުވަހެއް ފެށިގެން ނިމިގެން ދިޔައިރު، އާކިލްގެ ހަބަރެއް ނުވުމުން އިވްލީން ހުރީ މާޔޫސްވެފައެވެ. އަޔާމްގެ ކައިރީގައި އާކިލްގެ ވާހަކަ އަހަން އިވްލީންގެ ދޫ ކިތަންމެ ފަހަރަކު ހަރަކާތް ކުރިއެވެ. އެކަމަކު އޭނާއަށް ހިތްވަރެއް ނުލިބުނެވެ.

ކެފޭގެ މަސައްކަތްތައް ނިންމާފައި ނުކުތް އިވްލީންގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތީ، ނުދަންނަ ނަންބަރެކެވެ. ދެ ފިކުރެއްގައި ހުރެފައި އިވްލީން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ..." އިވްލީން ބުނެލިއެވެ.

ފޯނުގެ އަނެއްކޮޅުން މީހަކު ވާހަކަ ދައްކާ އަޑެއް ނީވުނެވެ. އިވްލީން ދެތިން ފަހަރަކު ހަލޯއޭ ބުނެލިއެވެ.

"އިވްލީންތަ؟..." އިވުނީ އަންހެން އަޑެކެވެ.

"ޔެސް، ކާކު ތީ؟..." އިވްލީން އަހައިލިއެވެ.

"މީ ރަތުނާ..." ރަތުނާ ބުނެލިއެވެ.

"ކިހިނެއްވީ؟..." އިވްލީނަށް އަހައިލެވުނެވެ.

"ބައްދަލުކޮށްލެވޭނެތަ؟... ދެމީހުން އެކަނި..." ރަތުނާ އަހައިލިއެވެ.

"ކޮން ކަމަކުބާ؟..." އިވްލީން ބޭނުންވީ ޔަގީންކުރާށެވެ.

"ބައްދަލުކޮށްލާފަ ވާހަކަ ދައްކާލަމާ..." ރަތުނާ އެދުނެވެ.

ރަތުނާ އައިއިރު އިވްލީން އިނީ ދެ ކޮފީތަށި ހިފައިގެން ކެފޭ ތެރޭގައެވެ. ރަތުނާ އާއި އެގޮތަށް ބައްދަލު ކުރުމަކީ އޭނާ އެއްގޮތަކަށްވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.

"ތޭންކްސް މަޑުކުރީމަ..." ރަތުނާ ތުއި ގޮތަކަށް ބުނެލިއެވެ.

"ކޮން ކަމަކު ބައްދަލުކުރަން ބޭނުންވީ؟..." އިވްލީން ބޭނުންވީ އަވަހަށް ރަތުނާގެ ކިބައިން ސަލާމަތްވެގެން ގެއަށް ދާށެވެ.

"އާކިލް އެއްވެސް ވާހަކައެއް ބުނިތަ؟..." ރަތުނާ އަހައިލިއެވެ.

"ތިބުނި އެއްޗެއް ނޭނގުނު..." އިވްލީންގެ ހިތް ތެޅިގަތެވެ.

"މިބުނީ އަހަރެމެންގެ ކައިވެނީގެ ވާހަކަ... އަހަންނާ އާކިލްއާގެ..." ރަތުނާ އިނީ ސީދާ އިވްލީންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު