ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)އެއް ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައިވާއިރު، އެ މަގާމަށް މީހަކު ހޯދަން ދެވަނަ ފަހަރަށް މިއަދު އިއުލާނުކޮށްފިއެވެ.
އެއްވެސް ސަބަބެއް ވިދާޅުނުވެ، އެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ އިސްތިއުފާ ދެއްވީ، މިދިޔަ މަހު ހަތަރެއްގައެވެ.
އޭގެފަހުން، މިހާރު ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޕެންޝަން އޮފީހަށް ސީއެފްއޯއެއް ހޯދަން ފުރަތަމަ އިއުލާނުކުރީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހެވެ. އެ އިއުލާނުގައި މަގާމަށް ކުރިމަތިލާން މުއްދަތު ދީފައި އޮތީ އަންނަ ބުދަ ދުވަހުގެ 15:00އާ ހަމައަށެވެ.
އެކަމަކު، މިއަދު އެ އޮފީހުން ވަނީ އެކަމާ ގުޅޭ އިތުރު އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ވަނީ، ސީއެފްއޯގެ މަގާމަށް ގިނަ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް، ކުރީގެ އިއުލާނުގެ ސުންގަޑި އަންނަ މަހު އަށެއްގެ 15:00އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ.
އެ ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ އޮކްޓޫބަރު މަހުގެ 22ގައި އިސްތިއުފާ ދެއްވައިފައެވެ.
އޭނާ ވަނީ، އެމްއެމްއޭއާ އެކު ކުރާ ބޮންޑު ވިއްކުމުގެ މުއާމަލާތަކީ ގާނޫނީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށް ވިދާޅުވެފަައެވެ.