ބާރަށު އިންޖީނުގޭ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހަކު އަލުން ވަޒީފާ އަށް ނުކުތުމުން ރައްޔިތުން ނުކުމެ އިންޖީނުގޭ އޮފީސްބައި ބަންދުކޮށްފި

19:00


ހއ. ބާރަށު އިންޖީނުގޭ ތިޖޫރި ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިންޖީނު ގޭގެ ސެކްރެޓަރީ އަލުން ވަޒީފާ އަށް ނުކުތުމުންނާއި، ޔުޓިލިޓީސް ކުންފުންޏާއި އިންޖީނުގެ ހަވާލުކުރި މައްސަލައިގައި، ރައްޔިތުން ނުކުމެ އިންޖީނުގޭ އޮފީސްބައި ބަންދުކޮށްފި އެވެ.


ބާރަށު ކައުންސިލަރު އަލީ ޝަމީމް މިއަދު ވިދާޅުވީ އިންޖީނުގޭ ސެކްރެޓަރީ މުމްތާޒު އަބްދުއްރަހީމް އަލުން ވަޒީފާ އަށް ނުކުތުމުން ބަޔަކު ނުކުމެ އޭނާ އަށް ނުވަދެވޭ ގޮތަށް އިންޖީނުގޭގެ އޮފީސް ބައި މިއަދު ހެނދުނު ބަންދުކޮށްފައިވާ ކަމަށެވެ. އިންޖީނުގޭގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާ ވަޒީފާ އަށް ނުކުތުމާ ގުޅިގެން ރައްޔިތުންގެ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށް އިންޖީނުގެ ދޮށަށް އެއްވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި އޭނާ ވަޒީފާއަށް މިއަދު ނުކުމެފައި ވަނީ ވަޒީފާ އަށް ނުކުތުމަށް އިންޖީނުގެއިން އެންގުމުން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. ކައުންސިލަރު އަދި ވިދާޅުވީ އިންޖީނުގެ މިހާރު ހިންގަމުންދަނީ ޔުޓިލިޓީޒް ކުންފުނިން ކަމަށް ވާތީ އޭނާ ވަޒީފާއަށް ނުކުތުމަށް ހުއްދަ ދީފައިވަނީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޖީނުގެން ވަގަށް ނެގި ތިޖޫރީ މައްސަލަ ނިމުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އެއްވެސް ފަރާތަކުން އަންގައިފައިނުވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.


ކައުންސިލަރު އިތުރަށް ވިދާޅުވީ އިންޖީނު ގޭގެ އޮފީސް ދޮށަށް އެއްވީ ވިއްސަކަށް މީހުން ކަމަށާއި އެ މީހުން ނުކުމެ އިންޖީނު ގޭގައި ހުރި ޔުޓިލިޓީސް ކުންފުނީގެ ނަން ބޯޑު ނައްޓާލައި އެ ކުންފުނީގެ ދިދަ ވެސް ތިރިކޮށްފައިވާ ކަމަށެވެ. އަދި ފަހުން ރަށު އޮފީހުންނާއި ރަށު ކޯޓުން ކަރަންޓު ކަނޑާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކައުންސިލަރު ވިދާޅުވީ ފުލުހުން އެރަށަށް ގޮސް އެމީހުންނާ ވާހަކަ ދެއްކުމުން  އެއްވެ ތިބި މީހުން ރަށު އޮފީހަށާއި ކޯޓަށް ވެސް ކަރަންޓްދީފައިވާ ކަމަށެވެ. އަދި ޔުޓިލިޓީސް ކުންފުނީގެ ނަން ބޯޑު ވެސް ހަރުކޮށް އެ ކުންފުނީގެ ދިދަ ވެސް އެމީހުން ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި އިންޖީނުގޭ ސެކްރެޓަރީ މުމްތާޒު އަބްދުއްރަހީމް ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ގާޒީއަށް ފެނިވަޑައިނުގަންނަވާތީ ކަމަށެވެ.


މިކަމާ ގުޅިގެން ޔުޓިލިޓީ ބޭފުޅެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު