އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ވަގު ވޯޓު އަޅާފައިވާ ކަމަށް ބުނެ ގުނުން ހުއްޓުވި މައްޗަންގޯޅި އުތުރު ދާއިރާގެ ޕްރައިމަރީ ފިޔަވައި، ބާކީ ދާއިރާތަކުގެ ވަގުތީ ނަތީޖާ އެ ޕާޓީން އިއްޔެ އާންމުކޮށްފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 39،798 ވޯޓު ލާފައިވާ ކަމަށް ދައްކައެވެ. އަދި 1،758 ވޯޓަކީ ބާތިލު ވޯޓުކަމަށް ވެސް، އެ ޕާޓީން އާންމުކުރި ނަތީޖާގައިވެއެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، މި ދައުރުގައި ކައުންސިލަރުކަން ކުރަމުން އަންނަ ބައެއް ފަރާތްތަކަށް ދެން އަންނަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވެއެވެ. އޭގެ ތެރޭގައި ހއ. އަތޮޅުގެ ބާރަށު ކައުންސިލަރު ޢަލީ ޝަމީމާއި ފިއްލަދޫ ކައުންސިލަރު މުޙައްމަދު މޫސާއާއި މާލޭގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މިހާރުގެ ކައުންސިލަރު ޢާއިޝަތު ނާޒިމާ ވެސް ހިމެނެއެވެ.
ހަމަ އެއާއެކު، ޕްރައިމަރީގެ ނަތީޖާއިން ދައްކާ ގޮތުގައި، ޕީއެންސީ ތަމްސީލުކުރައްވާ ކ. ގާފަރު ކައުންސިލު ރައީސް މުބާޝިރު ޖަލީލު ވެސް އިތުރު ދައުރަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިހާރުވެސް އައްޑޫ ސިޓީ ކައުންސިލުގައި މީދޫ އަވަށް ތަމްސީލުކުރައްވާ އާމިނަތު ޞާލިޙާ ވަނީ، މިދިޔަ އޮކްޓޯބަރު މަހު ނެގި ވޯޓުގައި އައްޑޫ ސިޓީ ކައުންސިލާ ވަކިން އޮންނަން ނިންމި، އަދި އަންނަ އަހަރު އުފެދޭ އައްޑޫ މީދޫ ކައުންސިލުގެ ރައީސާ ކަމުގެ ޓިކެޓު ކަށަވަރުކުރައްވައިފައެވެ.
ޕީއެންސީގެ ޕްރައިމަރީގައި މައްޗަންގޮޅި އުތުރު ދާއިރާގެ ފޮށި ކައިރީ ހިނގި ކަންކަން އެ ޕާޓީން ބަލަމުން އަންނަ ކަމަށާއި، އެއަށްފަހު އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނެ ކަމަށް، 'ސަން'އިން ސުވާލުކުރުމުން ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިންގެ ސްޕޯކްސްޕާސަން މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް މިއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިންތިޚާބުގައި ވޯޓުލި މީހުންގެ ޖުމްލަ އަދަދު ޕީއެންސީން ފަހުން ހާމަކުރާނެ ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ހޮނިހިރު ދުވަހު 'ސަން'އަށް ވިދާޅުވީ، ޕްރައިމަރީ ފެށިގެން ނިމުމާ ހަމައަށް ދިޔައީ ވަރަށް އަމާންކޮށް ކަމަށެވެ.
ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެއެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ. ފަލާޙު ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 73،000 އަށް މިހާރު އަރާނެއެވެ.