ދެކުނު ކޮރެއާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، ސެމްސަންގެ ގެލެކްސީ ސްމާޓްފޯނުތަކާއި ސްމާޓް ޓީވީތަކަށް ބޭނުންވާ ޑިސްޕްލޭ ޕެނަލްތައް ހޯދުމަށް ޗައިނާގެ ބީއޯއީ ކުންފުންޏާއެކު އަލުން މަޝްވަރާތައް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެކުނު ކޮރެއާގެ "ޑީލްސައިޓް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބީއޯއީގެ ޗެއާމަން ޗެން ޔަންޝުން ވަނީ ސެމްސަންގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ކުންފުނީގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ސެމްސަންގެ ފޯނު އުފައްދާ ބައިގެ އިސްވެރިޔާ ޓީއެމް ރޯހް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވެއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްމާޓްފޯނުތަކަށް ބޭނުންވާ ކުދި "އޯލެޑް" ޕެނަލްތަކާއި، ސްމާޓް ޓީވީތަކަށް ބޭނުންވާ ބޮޑެތި "އެލްސީޑީ" ޕެނަލްތައް ސަޕްލައިކުރުމާ ގުޅޭގޮތުންނެވެ.
މީގެ ކުރިންވެސް ބީއޯއީއިން ސެމްސަންގެ އަގުހެޔޮ ފޯނުތަކަށް ސްކްރީން ސަޕްލައިކޮށްދީފައިވެއެވެ. ނަމަވެސް، ދެ ކުންފުނީގެ ދެމެދުގައި އުފެދުނު ގާނޫނީ އަދި ޕޭޓަންޓް މައްސަލަތަކަކާ ގުޅިގެން މިދިޔަ އަހަރު މި ގުޅުން ވަނީ މެދުކެނޑިފައެވެ. އެއަށްފަހު ސެމްސަންގުން އައީ ޗައިނާގެ އެހެން ކުންފުންޏެއް ކަމަށްވާ "ޓިއަންމާ" އިން ޑިސްޕްލޭ ހޯދަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ބީއޯއީ އިން މިހާރު މަސައްކަތް ކުރަނީ ހަމައެކަނި އަގުހެޔޮ ފޯނުތަކުގެ އިތުރުން ސެމްސަންގެ މަތީ ފަންތީގެ ފޯނުތަކަށްވެސް ޑިސްޕްލޭ ސަޕްލައިކުރުމަށެވެ. ބީއޯއީއަކީ މިހާރުވެސް އެޕަލްގެ އައިފޯނާއި، ވާވޭ އަދި އޮޕޯ ފަދަ މަޝްހޫރު ބްރޭންޑްތަކަށް ޑިސްޕްލޭ ފޯރުކޮށްދޭ ކުންފުންޏެކެވެ.
ޓީވީ ޕެނަލްތަކަށް ބަލާއިރު، ކުރިން ބީއޯއީއިން އަހަރަކު 10 މިލިއަން ޕެނަލް ސެމްސަންގަށް ފޯރުކޮށްދިން ނަމަވެސް، މައްސަލަތަކާ ގުޅިގެން އެ އަދަދު ވަނީ މިލިއަނަކަށް ދަށްވެފައެވެ. މިހާރު ބީއޯއީ އިން އެދެނީ މި އަދަދު އަލުން އިތުރުކުރުމަށެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ރޭމް ފަދަ މުހިންމު ސާމާނުގެ އަގު އުފުލެމުންދާ ދަނޑިވަޅަކަށް ވުމުން، ފޯނާއި ޓީވީ އުފެއްދުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް ސެމްސަންގުން ބީއޯއީގެ އެހީތެރިކަން ހޯދަނީ ކަމަށް ބެލެވެއެވެ. ޑިސްޕްލޭ ހޯދާ ކުންފުނިތައް ގިނަކުރުމުން، އުފެއްދުންތަކުގެ އަގު ހެޔޮކުރުމަށް ސެމްސަންގަށް ފުރުސަތު ލިބޭނެއެވެ.