ސްރީލަންކާސް ގޮޓް ޓެލެންޓުގެ ތިން ވަނަ ސީޒަންގައި ދިވެހި ކުޑަ އަންހެން ކުއްޖަކު، ފަނޑިޔާރުންގެ ޝައުގު ހޯދައިފިއެވެ.
ސްރީލަންކާސް ގޮޓް ޓެލެންޓަކީ، ހުނަރުވެރި ފަންނާނުން ތައާރަފުކުރުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސައިމަން ކޮވެލް އުފެއްދި، "ގޮޓް ޓެލެންޓު"ގެ ފްރެންޗައިޒްގެ ދަށުން މިހާރު ދައްކަމުން އަންނަ މުބާރާތެކެވެ.
ލަންކާގެ ސިރާސާ ޗެނަލުން ބްރޯޑްކާސްޓު ކުރަމުން އަންނަ އެ މުބާރާތުގައި، ފަނޑިޔާރުންގެ ޝައުގުވެރިކަން ހޯދި ދިވެހި ކުއްޖަކީ، 10 އަހަރުގެ މަރިޔަމް ރުބީން މުއާޒެވެ.

ސްރީލަންކާސް ގޮޓް ޓެލެންޓުގައި ރުބީންއާއި [މ] މުބާރާތުގެ ބައެއް ފަނޑިޔާރުން: ރުބީން ވަނީ މުބާރާތުގެ ދެވަނަ ރައުންޑުން ޖާގަ ހޯދާފައި ---
އެ މުބާރާތުގައި ރުބީން ކިޔައިފައިވަނީ، ކޭޓީ ޕެރީގެ "ރޯރް" ލަވައެވެ. އެ ހުށަހެޅުމުގެ ވީޑިއޯ ރޭ ވަނީ، ސްރީލަންކާސް ގޮޓް ޓެލެންޓުގެ ޔޫޓިއުބް ޗެނަލްގައި ޢާންމުކޮށްފައެވެ.
އެ ހުށަހެޅުމަށް ފަހުގައި، ފަނޑިޔާރު ދަނޫ އިންނަސިތަމްބީ ބުނީ، ރުބީންގެ ހުށަހެޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި، ފަނޑިޔާރު ސްޓެފަނީ ސިރިވާޑެނާ ބުނީ، ރުބީންއަށް ލިބިފައި ވަނީ، ވަރަށް މާނަފުން ރީތި އަޑެއް ކަމަށާއި، ލަވަ ކިޔުން ވަރަށް ކަމުދާ ކަމަށެވެ.
ރުބީންގެ މަންމަ ފާތިމަތު ހަމްނާ 'ސަން'އަށް ބުނީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ލަންކާ ހައިކޮމިޝަން މެދުވެރިކޮށް ކަމަށެވެ. އެ ފުރުސަތުގައި ރުބީން މުބާރާތުގައި ބައިވެރިވެ، މިހާރު ވަނީ ދެވަނަ ރައުންޑަށް ގޮސްފައެވެ.
ރުބީންގެ އާއިލާއަކީ މިއުޒިކީ އާއިލާއެއް ކަމުން، ލަވަ ހުށަހަޅައިދިނުމަކީ އައު ކަމެއް ނޫނެވެ. އެގޮތުން، ރުބީންގެ ބައްޕަ ހުސައިން މުއާޒަކީ ލަވަކިޔުންތެރިއެއް ކަމަށްވާއިރު، ރުބީންގެ ބޮޑުދައިތަ އައިޝަތު އިނާޔާއަކީ ވެސް މިއުޒިކްގެ ދާއިރާއިން ގިނަ ބަޔަކު ދަންނަ މޫނެކެވެ.
ރުބިން މީގެ ކުރިން ވެސް ވަނީ، އެކި މުބާރާތްތަކުގައި ލަވަ ކިޔައިފައެވެ. މިގޮތުން، ސުކޫލު ކުދިންގެ ލަވަ މުބާރާތުގައާއި "އެ ހަނދާނުގައި" ޝޯގައި ރުބީން ވަނީ ލަވަ ހުށަހަޅާފައެވެ.
އޭގެއިތުރުން، އާއިލާއާއެކު ގޭތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ރުބީން ލަވަ ކިޔައި އުޅޭކަން ހަމްނާ ފާހަގަކުރިއެވެ. އަދި، ރުބީންއަށް މުބާރާތުގައި ރީތި ލަވަތައް ހުށަހަޅަން މަގުފަހި ކުރުމަށް ލަންކާގައި ވޯކަލް ކުލާހަކަށް ގެންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަމްނާ ބުނީ، ބައިނަލްއަގުވާމީ އެފަދަ މުބާރާތެއްގައި ރުބީންއަށް ލަވަ ކިޔަން ލިބުމުން ވަރަށް ފަޚުރުވެރިވާ ކަމަށެވެ.
"ފަނޑިޔާރުންގެ ކޮމެންޓް އެހާ ރަނގަޅުވީމައި، އެހާ ކޮންފިޑެންސާ އެކީގައި [ލަވަ ކިޔާލީމަ]، ވަރަށް ޕްރައުޑް ވޭ އަސްލު ހަމަ." ހަމްނާ ބުންޏެވެ.
މުބާރާތުގެ ދެވަނަ ރައުންޑުގައި ރުބީން ހޯދާނެ ކާމިޔާބީއަކަށް އާއިލާއިން އިންތިޒާރު ކުރާއިރު، ބޭރު ގައުމެއްގައި ދިވެހި ކުއްޖަކު ކާމިޔާބީ ހޯދާ މަންޒަރު ބެލުމަށް އެދޭ ދިވެހީން ވެސް މަދެއް ނުވާނެއެވެ.