އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ބުރަށް ނައިޖީރިއާ

ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ނައިޖީރިއާ ކުޅުންތެރިން އުފާފާޅުކުރަނީ--

މޮރޮކޯގައި ކުރިއަށްދާ އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ބުރަށް ނައިޖީރިއާ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގަދަ 16 ބުރަށް ނައިޖީރިއާ ދަތުރުކޮށްފައިވަނީ ރޭ ގްރޫޕް ސީގައި ޓިއުނީޝިއާގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މޮޅާއެކު ނައިޖީރިއާ ގަދަ 16 ބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސީގެ އެއްވަނަ މަގާމާއެކު އެވެ.

މެޗުގައި ނައިޖީރިއާއިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށެވެ. މި ލަނޑު ވިކްޓަރ އޮސިމެން ކާމިޔާބުކުރިއިރު، އެ ޓީމުގެ ދެވަނަ ލަނޑު ވިލްފްރެޑް ކާމިޔާބުކޮށްދިނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓުގައެވެ.

އޭގެފަހުން ނައިޖީރިއާގެ ތިންވަނަ ލަނޑު އަޑެމޯލާ ލޫކްމަން ކާމިޔާބުކުރީ 67 ވަނަ މިނިޓުގައެވެ.

ތިން ލަނޑުގެ ލީޑެެއް ނެގި ފަހުން ނައިޖީރިއާއަށް ޓިއުނީޝިއާގެ ކިބައިން ސަލާމަތްވެވުނީ ކިރިޔާއެވެ. އެގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ހެނިބަލް މެޖްބްރީ ނަގާދިން ހިލޭ ޖެހުމަކުން މުންތަސަރު ތަލްބީ ވަނީ ލަނޑެއް ޖަހާ ސުން ކަނޑުވާފައެވެ. އޭގެފަހުން

މެޗުގެ ފަހުކޮޅު ނައިޖީރިއާގެ ބްރައިޓް އޮސާއީ-ސެމުއެލްގެ އަތުގައި ބޯޅަ ޖެހިފައިވާތީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 87 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ އަލީ އަބްދީއެވެ.

އޭގެފަހުން މެޗުގެ އިތުރުވަގުތުގައި ޓިއުނީޝިއާއިން ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މި މޮޅާއެކު ނައިޖީރިއާއަށް ގްރޫޕް ސީގެ އެއްވަނަ ޔަގީންވިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ޖުމްލަ ހަ ޕޮއިންޓާއެކު އެވެ. އެއީ ބާކީ އަދި މެޗެއް އޮއްވައެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި ނައިޖީރިއާ ބައްދަލުކުރަންޖެހޭ ޓީމެއް ޔަގީންވާނީ ގްރޫޕް އޭ އާއި ބީ ނުވަތަ އެފްގެ މެޗުތަކަށްފަހު އެވެ.

ގްރޫޕުގެ ފަހު މެޗުގައި ނައިޖީރިއާ ދެން ބައްދަލުކުރަންޖެހޭ ޓީމަކީ ޔުގެންޑާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު