ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގެ ވީރާނާވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމަށް ނިންމައިފިއެވެ.
ސުނާމީގެ ހަނދާނުގައި ތަރައްގީކޮށްފައިވާ ސުނާމީ ބިނާ މައިޒާނުގެ އެކި ތަންތަން ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައި ހުންނަތާ އެތައް މަހެއް ފާއިތުވެފައިވެއެވެ. އެގޮތުން، ތޮށިގަނޑާވީ ދިމާލުން މައިޒާނުގެ ވޯކްވޭތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ދަށުން ވެލިގަނޑު ގަނބައިގަނެ ވަނީ އަޑިއަށް ގޮސްފައެވެ.
މީގެ އިތުރުން ސުނާމީ ބިނާގައި ހުރީ ދަބަރު ވެސް ޖަހައިފައެވެ.
މި ކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާ "ސަން"އިން ސުވާލުކުރުމުން މީގެ ކުރިން ވިދާޅުވީ އެ މައިޒާން މަރާމާތުކުރުމަކީ ވަރަށް ބޮޑު މަސައްކަތަކަށްވުމުން އެ ކަން ކޮށްދޭން އެދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެދުނު ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ސުނާމީ ބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިނިސްޓްރީން ރާވާފައިވާ ކަމަށެވެ.
"އެކަމަކު، އަދި ރަސްމީކޮށް އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށްފަނުވޭ. މިހާރު ކުރިއަށްދަނީ އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

މާލޭ ސުނާމީ ބިނާ މައިޒާން ސަރަހައްދުގެ އެކި ތަންތަން ވަނީ މަރާމާތުކުރަން ޖެހިފައި -- ސަން ފޮޓޯ
އޮފިޝަލް ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމެންވާއިރަށް އެ މައިޒާން މަރާމާތުކުރުމުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށެވެ.
ސުނާމީ ކާރިސާއަށް 21 އަހަރު ފުރުނީ މިދިޔަ ހުކުރު ދުވަހެވެ. އެ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ތައްޔާރުކުރި ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓީ މާލޭ ލޮނުޒިޔާރާތްކޮޅުގައެވެ.
ސިނަމާލެ ބްރިޖު އެޅުމުގެ ކުރިން އެއީ ހަވީރު ފިންޏަށް ގިނަ ބަޔަކު އެއްވެ އުޅުނު ހިތްގައިމު ސަރަހައްދެކެވެ. ނަމަވެސް ބްރިޖުގެ މަސައްކަތަށް އެ ބިނާ އެ ތަނުން ނެގުމަށްފަހު ދެން ބެހެއްޓީ، މިހާރު އެ ބިނާ ހުރި ސަރަހައްދު ކަމަށްވާ ވިލިމާލެ ފެރީ ޓާމިނަލް ކައިރިއެވެ. އެ ތަން ތަރައްގީކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
އެ ތަނަށް ހަވީރު ފިންޏަށް ގިނަ ބަޔަކު އެއްވާއިރު، މިހާރު އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތް ބަލައިލަން ވެސް ގިނަ ބަޔަކު އެއްވާ މައިޒާނެކެވެ. ކުޑަކުދިންނާއި، ޒުވާނުންނާ އުމުރުން ދޮށީ މީހުން ވެސް އެ ތަނަށް ދެއެވެ.