މާލޭގެ ގެއެއް ކުއްޔަށް ނަގައިގެން، ބަނގުރާ ކައްކައިގެން ވިއްކަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި

"ރިވެލި" އޮޕަރޭޝަންގެ ދަށުން ހައްޔަރުުކުރި އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީން---ފޮޓޯ: ޕޮލިސް

އާ އަހަރު ފެށުމާ ގުޅުވައި ފުލުހުން މާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިން, މާލޭގެ ގެއެއްގައި ބަނގުރާ ކައްކައި، ވިއްކަމުންދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ "ރިވެލި"ގެ ދަށުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ) ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށްގެން ކަމަށް އެ މުއައްސަސާއިން މައުލޫމާތުދީފައިވެއެވެ.

ފުލުހުން ބުނީ އެ ގެ ބަލައިފާސްކުރިއިރު އެގޭގެ ތިން ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ ގެއަކީ އެ މީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފުލުހުން ފާހަގަކުރިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/215513

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ވަރަށް އާންމެވެ. އޭގެ ތެރެއިން ބަނގުރާ ވިއްކާ ބިދޭސީންގެ މައްސަލަ ވެސް ފެންމަތިވެއެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފުލުހުން ވަނީ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި ތިން ބިދޭސީ ފިރިހެނުން ހައްޔަރުކޮށްފައެވެ.

ބިދޭސީންތަކެއް: މާލޭގެ ގެއެއް ކުއްޔަށް ނަގައިގެން، ބަނގުރާ ކައްކައިގެން ވިއްކަމުން ދިޔަ ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

އެ ދެ ތަން ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި ފަސް ލީޓަރުގެ ތިން ފުޅި އަދި 12 ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓިނޯ ގަނެސަން (27އ) އާއި އަރުޖުން ކުއްޕަން (25އ) އަދި އަނީޝް ޕުޝްޕަކަރަން (33އ) ކަމަށް ފުލުހުން ބުންޏެވެ. މި ތިން މީހުންނަކީ ވެސް އިންޑިއާ ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ވެސް ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

https://sun.mv/213143

އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދަށް ފެއްތުން ނުވަތަ ޑީޕޯޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް