ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ.
މުބާރާތް ބާއްވަން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އެކި ފަހަރުމަތިން މިހާތަނަށް މުބާރާތް ބާއްވާ ތާރީހު ވަނީ ފަސްކޮށްފައެވެ.
ކުރިން މި މުބާރާތް ސްރީ ލަންކާގައި ބާއްވަން ނިންމިި ނަމަވެސް ބަންގްލަދޭޝްގައި މި މުބާރާތް ބާއްވަން ލަންކާއިންވެސް އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
ބެލެވޭގޮތުގައި ލަންކާއިން ދޫދިނީ އެ ގައުމަށް ދާދިފަހުން ކުރިމަތިވި ތޫފާނާއި ގުޅިގެން ގައުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.
މި ނިންމުމާއެކު ސަރަހައްދީ ގައުމުތަކުންވެސް ބަންގްލަދޭޝްގައި މުބާރާތް ބާއްވަން ތާއިދުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނުބޭއްވި ފަސްވަމުންދާ 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ތައްޔާރުވަނީ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައެވެ. މި ނިންމުން ރަސްމީކޮށް އިއުލާނުކުރާނީ ސަރަހައްދީ ފުޓުބޯޅަ ޖަމުއިއްޔާގެ އެގްޒެގެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ.
މިހާތަނަށް ތިން ފަހަރެއްގެ މަތިން ބަންގްލަދޭޝްގައި ވަނީ ސާފް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެއީ 2003، 2009 އަދި 2018 ގައެވެ.
އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2023 ގައެވެ. އޭގެފަހުން މިއަހަރު ލަންކާގައި މުބާރާތް ބާއްވަން މަސައްކަތްތަކެއް ކުރި ނަމަވެސް އެ ގައުމުގެ އެތެރޭގެ ހަަމަނުޖެހުންތަކާއި ގުޅިގެން އެކަން ފައިނަލްކުރެވޭ ގޮތެއް ނުވިއެވެ. އޭގެފަހުން ތޫފާނާ ގުޅިގެން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު ލަންކާއަށް ގޮތް ހުސްވީކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ބުނެއެވެ.
ރާއްޖެއިން ވަނީ މިހާތަނަށް ދެ ފަހަރެއްގެ މަތިން މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ. އަދި ދެ ފަހަރެއްގެ މަތިން ރާއްޖޭގައިވެސް ވަނީ ސާފް ޗެމްޕިއަންޝިޕް ބާއްވާފައެވެ.