ސްވިމިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ބީއެމްއެލް 49 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ސީނިއަރ ބައިން އެންމެ މޮޅު ފެތުންތެރިންނަށް މުޙައްމަދު ޢާން ހުސައިން އަދި އަޔާނާ އަރީފް ހޮވިއްޖެއެވެ.
މީގެ އިތުރުން މާސްޓާސް ބައިން އެންމެ މޮޅު ފެތުންތެރިއަކަށް ހުސައިން މުބާޙް ހޮވުނުއިރު އީއޭޑީ ބައިން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވުނީ އަޝްއަލް އެވެ.
ޖޫނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިންނަށް ހޮވުނީ ޒާކިން އަޝްރަފް ރަޝީދު އަދި އަމްނާ ތަޒްކިޔާ މިރްޝާދެވެ.
މިމަހުގެ 22 އިން 25 އަށް ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި މުބާރާތުގައި 9 ކުލަބަކުން 157 ފެތުންތެރިން ވާދަކުރިއެވެ. އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ޖޫނިއާ ބަޔާއި ސީނިއާ އަދި މާސްޓާސް ބައިގެ އިތުރުން ޓީމްތަކަށް ހުޅުވާލި ބަޔާއެކު 146 އިވެންޓެއް ކުރިއަށްގެންދިޔަ އެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ އެތުލީޓުން-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
އީއޭޑީ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް މުޙައްމަދު އަޝްއަލް އާދަމް ހޮވުނުއިރު، ދެވަނަ ލިބުނީ މޫސާ ޖާއިޝް ސަނާއުﷲ ޝަކީބް އަށެވެ. ތިންވަނަ ލިބުނީ އަހްމަދު ދާއީ މިރުޒާ އަށެވެ.
ޖޫނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމު ހޯދީ ޒާކިން އަޝްރަފް ރަޝީދު އެވެ. އަލްފީ ސަމާހް ހަލީމް އަދި މުޙައްމަދު އަލްޔާން ޝިފާން އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ އިސްމާއީލް ހާމް ހުސައިނަށެވެ. އެންމެ މޮޅު އަންހެން ޖޫނިއާ ފެތުންތެރިއަކަށް ތަޒްކިޔާ ހޮވުނުއިރު، ދެވަނަ ލިބުނީ ޑާލިޔާ އަށެވެ. އަދި ތިންވަނައަށް ދިޔައީ މަރިޔަމް އައިރާ ޝިރްނީލް އެވެ.
ސީނިއާ ބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ޢާން ހޮވުނުއިރު، ދެވަނަ ލިބުނީ ރިހާން އަށެވެ. ތިންވަނަ ލިބުނީ އިބްރާހިމް މާދު އަށެވެ. އަންހެން ސީނިއާ ބައިގެ އެންމެ މޮޅު ފެތުންތެރިއަކަށް އަޔާނާ ހޮވުނުއިރު، ދެވަނަ ހޯދީ ޒައިނަބު އަބްދުﷲ ޝަފީގެވެ. އަދި ތިންވަނައަށް ދިޔައީ އައިޝަތު އަންޖަލް ފަޔާޒެވެ.
މާސްޓާސް ބައިގައި ވާދަކުރީ ފިރިހެން ފެތުންތެރިންނެވެ. މި ބައިގެ އެއްވަނައަށް ދިޔައީ ހުސެއިން މުބާހް އެވެ. މުހައްމަދު އާމިރު ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ އަހްމަދު ޝަފީގެވެ.
ޓީމް އިވެންޓް ތަކުގެ ބައިން އަންހެން އަދި ފިރިހެން ޗެމްޕިއަން ކަން ވެސް ހޯދައިފައި ވަނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އިންނެވެ.
ފިރިހެން ދެވަނަ ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ހޮވުނުއިރު، ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީއެވެ. އަންހެން ދެވަނަ ޓީމަކަށް ހޮވުނީ މޫދު މާލިމީ އެވެ. އަދި ތިންވަނައަށް ހޮވުނީ ފީނާ ސްވިމިން އެކަޑަމީއެވެ.
މި މުބާރާތް ކުރިއަށްދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު އެވެ.