އާކިލް އެހާ ފާޅުކަންބޮޑު ގޮތެއްގައި ބުނެލި ޖުމުލައިން ރަތުނާގެ ހިތް ފަޅައިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ހޯސްލާފައި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އެއީ އާކިލްގެ ފަރާތުން ރަތުނާ ކުޑަކޮށްވެސް އުއްމީދުކުރި ޖުމުލައެއް ނޫނެވެ.
********
އާކިލް ނުކުމެގެން ދިޔުމުންވެސް ރަތުނާ ހުރީ ޖެހި ބުދެއް ހެންނެވެ. އާކިލްގެ އެ ސިފަ ރަތުނާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ކަރުނަތައް ފޮހެލަންވެސް ހަނދާންނުވެފައި ރަތުނާ ހުއްޓާ، މިރާހް ބޭރަށް ނުކުމެ ކަރު ކެހިލިއެވެ. ރަތުނާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކަރުނަތައް ފޮހެލާފައި އެތަނުން ދާން އުޅުނެވެ.
"އެކްސްކިއުޒް މީ... ބިލް..." މިރާހް ދިއްކޮށްލީ ބިލެވެ.
ރަތުނާ ކުރިއަށްވުރެ ރުޅިގަދަވިއެވެ. އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިފައި ކަރުނަތައް ފޮހެލިއެވެ. ބިލަށް އެރީ ކިހާ ވަރެއްތޯ ބަލައިލާކަށްވެސް ރަތުނާ ބޭނުމެއް ނުވިއެވެ. ވޮލެޓުން ފަސްސަތޭކައިގެ ނޫޓެއް ނަގާފައި މިރާހު ހިފައިގެން ހުރި ތަބަކަށް ލިއެވެ.
"ބާކީ..." މިރާހުގެ ޖުމުލަ ނުނިމެނީސް ރަތުނާ އެނބުރުނެވެ.
"ބާކީވެސް ބޭނުމެއް ނޫން..." ރިމްޝާ ރުންކުރު ރާގަކަށް ބުނެލިއެވެ.
ރަތުނާ ނުކުމެގެންދިޔަ މަންޒަރު ބަލަން ހުރި މިރާހްގެ މޫނުން ފެންނަން ހުރީ ހަމަޖެހުމުގެ އަސަރެވެ. ހިޔާލަކަށް ގެއްލިފައި ހުރުމުން، އޭނާގެ ކައިރީގައި ރިމްޝާ ހުއްޓުނުކަމެއް މިރާހަކަށް ނޭނގުނެވެ.
"މިހާރު ހުންނާނީ އެއްޗެއް ވިސްނިފަ..." ރިމްޝާ ހުރީ، ރަތުނާ އެތަނުން ނުގޮސްގެންނެވެ. ކުދިކިޔަން ފެށިގޮތަށް މިރާހުގެ ބޮލަށް އުނދަގޫވާވަރު ކުރިއެވެ.
"އަނގަގަދަ ކުއްޖާ!..." މިރާހް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަހަރެން އެކަނިތަ އަނގަގަދައީ؟..." ރިމްޝާ ތުންފިއްތައިލިއެވެ.
"މިވަރުގެ ކުއްޖަކު އަހަރެން ނުދެކެން..." ރިމްޝާގެ ނިތްކުރީގައި އިނގިލި ޖައްސައިލަމުން މިރާހު ބުނެލިއެވެ.
"އެހެންވެތަ އަހަރެންދެކެ ލައިކްވާނެ ބޯއީ އެއްވެސް ނުވަނީ؟... އަހަރެން އަނގަގަދަވީމަތަ؟...." މިރާހުގެ މޫނަށް ވެރިވާ އަސަރުތަކަށް ބަލަން ހުރެ، ރިމްޝާ އަހައިލިއެވެ.
"ކޮންއިރަކުތަ މިކުއްޖާ އެކަހަލަ ކަމަކާ ވިސްނީ؟..." މިރާހް ފެށީ މޭޒުމަތި ސާފުކުރާށެވެ.
"ކިހިނެއްވީ؟... ނުވިސްނަންވީތަ؟... ތިބުނީ އަހަރެން ހަމަ އެހާ ހުތުރޭތަ؟..." ރިމްޝާ ބޭނުންވީ މިރާހު ދެކޭގޮތް ހޯދާށެވެ. އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މިރާހުގެ ވިސްނުން މުހިއްމެވެ.
"ކާކު ބުނީ ރިމްޝާ ތީ ހުތުރު ކުއްޖެކޭ؟... މިހާރު ގިނަ ކުދިން ލައިކްވާނީ ތިކަހަލަ ކުދިންނާ..." ވިސްނާނުލައި މިރާހަށް ބުނެވުނު ޖުމުލައިން ރިމްޝާގެ މަރުވަމުންދިޔަ ހިތަށް ދިރުން ލިބުނެވެ.
"މިހާރު އެކަމަކު އެބަ ބިރުގަނޭ... ދެންމެވެސް މި ފެނުނީ އެކަހަލަ މަންޒަރެއް..." ރިމްޝާ ތުއިވެލިއެވެ. "އާކިލް ކީކޭ ބުނެގެންބާ ރަތުނާ އެ ރުއީ؟... ދެމީހުން ބްރޭކްއަޕްވީ؟..."
"ކާކު ބްރޭކަޕްވީ؟..." ރިމްޝާގެ ފަހަތުން އިވުނީ ސޮބާހުގެ އަޑެވެ.
ރިމްޝާ ފަސްއެނބުރި ސޮބާހަށް ބަލައިލާފައި މިރާހު ހުރި ދިމާއަށް އެނބުރުނުއިރު މިރާހް ފެންނަންވެސް ނެތެވެ. އެހާ އަވަހަށް މިރާހް ދިޔުމުން، ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ.
"ސޮބާ ކީއްކުރަންތަ އައިސްގެން ތިއުޅެނީ؟..." ރިމްޝާ އަވަހަށް މައުޟޫޢު ބަދަލުކޮށްލިއެވެ.
"ކިހިނެއްވީ؟... މިރަށުގެ ރަށްވެއްސަކަށް ނުވީމަ މިހާރު އަހަރެން ރަށަށް އެރުންވެސް މަނަލީތަ؟..." ސޮބާހު ލާނެތް ރާގަކަށް އަހައިލިއެވެ.
"އެހެނެއް ނޫން... މިހާ ދުވަސްކޮށްލާފަ އައީމަ..." ރިމްޝާ އަވަސް އަވަހަށް ބުނެލިއެވެ.
"މި ހަމަ އީވް ކައިރިއަށް..." ސޮބާހު ބަލައިލީ ކައުންޓަރުގެ ކައިރީގައި ހުރި އިވްލީނަށެވެ.
ރިމްޝާ އެއްފަހަރު ސޮބާހަށް އަނެއް ފަހަރު އިވްލީނަށް ބަލައިލިއެވެ. މަސައްކަތުގައި ހުރި އިވްލީންގެ ހުރިހާ ސަމާލުކަމެއް އަތުލާފައިވީ ކުރަންހުރި ކަންތަކަށެވެ. ބޭރުގައި ބަޔަކު އޭނާއަށް ބަލަން ތިބިކަމެއް ނޭނގެއެވެ. ސޮބާހު އޭނާގެ ފޯނުން އިވްލީންގެ ދެތިން ތަސްވީރެއް ނެގިއެވެ. އެމަންޒަރު ފެނުމުން ރިމްޝާއަށް ނެގުނީ ގޯސް މާނައެކެވެ. ތަސްވީރު ނެގިއިރު ސޮބާހުގެ މޫނުމަތީގެ އަސަރުތައް ހުރީ، ރަތުނާ އުއްމީދުކުރިފަދަ ގޮތަކަށް ނޫނެވެ. އެ މޫނުން ފެންނަން ހުރި އުފާވެރިކަން ރަމްޒުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟
********
މުޅި ދުވަހު އާކިލް ހުރީ އިވްލީން އެކަނިވާނެ ވަގުތަކަށް ބަލަބަލައެވެ. ރަތުނާ އައިފަހުން އިވްލީނަށް ހަމަޖެހުމެއް ލިބުނަ ނުދެއެވެ. އިރު އޮއްސުނުއިރުވެސް ކެފޭއިން މީހުން ހުސްނުވިއެވެ. މިރާހާއި ރިމްޝާވެސް އިވްލީންގެ ކައިރީގައި އެކި މަސައްކަތްތަކުގައި އުޅުނެވެ. އާކިލް ބޭނުންވިފަދަ ފުރުސަތެއް ފަހިވީ، މިރާހާއި، ރިމްޝާ ފެން ބަލައި ދިޔުމުންނެވެ. އާކިލް މަޑުމަޑުން އެތެރެއަށް ވަނެވެ. ދޮރު ހުޅުވުނު އަޑަށް އިވްލީން އިސް އުފުލައިލިއެވެ. އާކިލް ފެނުމުން، ހަމަ އެހާ އަވަހަށް އިސްތިރިކޮށް، ކުރަން ހުރި ކަންތަކާއިގެން މަސްއޫލުވިއެވެ.
"އީވް އޯކޭތަ؟...." ކައުންޓަރުގެ ކައިރީގައި ހުއްޓިފައި، އާކިލް އަހައިލިއެވެ.
"ކީއްވެ އޯކޭ ނުވާންވީ؟... ސަބަބެއް އެބަ އޮތްތަ؟..." އިވްލީން ދިނީ ފަރުވާކުޑަ ޖަވާބެކެވެ.
"އަހަރެން އޯކޭއެއް ނޫން..." އާކިލްގެ އަޑުގައި ރިހުމެއްގެ އަސަރު ވިއެވެ.
އިވްލީންގެ ހަރަކާތް ހުއްޓުނެވެ. އާކިލްގެ މޫނަށް ބަލައިލިއެވެ. އެ ދެލޮލުން އިވްލީނަށް ފެނުނީ ވަރުބަލިކަމެވެ. ރިހުމެވެ. ދެލޮލުގައިވީ ތެތްކަމެވެ. މޫނުން ފެންނަން ހުރީ މަޖުބޫރީއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ، ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދެހިތުގެ ތެޅުން އިތުރުވިއެވެ.
"އަޅެ މިތާތަ؟... ހާދަ ހޯދައިފީމޭ..." ރަތުނާގެ އަޑު އިވުމުން، އިވްލީން އަވަސް އަވަހަށް އާކިލްގެ ދެލޮލުން ނަޒަރު ވަކިކޮށްލިއެވެ.
ދިޔުމުގެ ކުރިން އާކިލް ފަހު ފަހަރަށް އިވްލީނަށް ބަލައިލިއެވެ. ރަތުނާ ފެނުނު ހިސާބުން، އިވްލީން އެންމެ ފަހަރަކުވެސް އާކިލްއަށް ބަލައިނުލައެވެ.
"ކަލޭ މިހާރު ކިހިނެއްތަ ތިއުޅެނީ؟..." ރަތުނާ ގެއަށް ލާފައި، އައިސް ސައިކަލަށް އެރުމުން، ފަހަތުގައި އިން އަޔާމް ބުނެލިއެވެ.
"ކިހިނެއް އުޅެނީތަ؟..." ވީގޮތް އެނގުނު ނަމަވެސް، ނޭނގޭކަމަށް ހަދަމުން، އާކިލް އަހައިލިއެވެ.
"އެއް ދޮށީގަ ދެބުޅި ޖަހާލަން އުޅޭހެން ހީވާތީ..." އަޔާމް ހީގަތެވެ.
"އަހަންނަށް ގޮތް ހުސްވެއްޖެ..." އާކިލް ބޭނުންވީ ހިތް ހުޅުވައިލާށެވެ.
"ކޮންމެސް އެއްކޮޅެއް ޗޫޒްކުރަންޖެހޭނީ... ނޫނީ ފަހުން ލަނޑެއް ލިބިދާނެ..." އާކިލްއަށް ދެރަގޮތެއް ވާކަށް އަޔާމް ބޭނުމެއް ނުވެއެވެ.
"ރަތުނާއާ އިންނާކަށް އަހަރެން އެއްވެސް ވަރަކަށް ބޭނުމެއް ނޫނޭ..." ސައިކަލުގެ މިސްރާބު ބަދަލުކޮށްލަމުން އާކިލް ވާހަކަ ދެއްކިއެވެ.
"ފެމެލީ ޑީލެއް ހަދާފަ އޮތީ ދޯ؟..." ވީގޮތް އަޔާމަށް ވިސްނުނެވެ.
އާކިލް މަޑުމަޑުން ބޯ ޖަހައިލިއެވެ. ރަތުނާ އަކީ ތަނަވަސް އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އާކިލްގެ މައިންބަފައިންނާއި ރަތުނާގެ މައިންބަފައިން ވަނީ އާކިލްމެންގެ ކައިވެންޏާއި ގުޅުވައި، ވިޔަފާރީގައި އާއިލީ ސިފަ ޖައްސާފައެވެ. އާކިލް ބޭނުން ނުވިޔަސް، އެ ކައިވެނި ކުރަން މަޖުބޫރުވާ ވަރަށް އާކިލްގެ މައިންބަފައިން ވަނީ ރަތުނާގެ މައިންބަފައިންގެ ވިޔަފާރީގެ ތެރެއަށް ވަދެފައެވެ.
"އަހަރެން މީ އާކިލްނަމަ، ލޯބި ދޫކޮށެއް ނުލާނަން..." ސައިކަލު ހުއްޓުމުން، އަޔާމް ބުނެލިއެވެ. "އެމަންޖެ ފަގީރަސް، އެއީ އޯލް އިން ވަން އެއް... އަހަރެންގެ ހިތް ބުނަނީ އެ ބިޒްނަސްގަ އޭނަ އަދި ވަރަށް ކުރިއަރައިގެން ދާނެއޭ... އެތައް އިންޒާރަކަށް ފަހުވެސް ފަސްނުޖެހި އެ ހުންނަނީ ވަރަށް ހިތްވަރު ގަދަވީމަ.."
އާކިލް ވިސްނައިލިއެވެ. މުހިއްމީ އަމިއްލަ އުފާވެރިކަމެވެ. ނަމެއްގައި ދިރިއުޅުމެއް އުޅެގެން، އެކަކަށްވެސް އުފާވެރި ހަޔާތެއް ލިބޭކަށް ނެތެވެ. އަނެއްކޮޅުން ރަތުނާއަކީ އާކިލް ނުރުހޭ އެތައް ސިފައެއް ހުރި ކުއްޖެކެވެ. އެފަދަ ކުއްޖަކާއި އެކީ އާކިލްގެ ދިރިއުޅުން ވާނީ ނަރަކައަށެވެ.
********
މިރާހް ދެފަރާތް ބަލަމުން ދަނިކޮށް، ފިނިފިނި އަތަކުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. ގަސްތަކުގެ ތެރޭގައި ހުރި ރިމްޝާ، މަޑުމަޑުން ނުކުތެވެ. މިރާހުގެ އަތުގައި ހިފައި ގަސްތަކުގެ ތެރެއަށް ދަމައިލިއެވެ. ގަސްތަކުގެ ތެރޭގައި ދެމީހުން ތިބީ ނުހަނު ކައިރީގައެވެ.
"ކޮބާ އީވް؟..." ވަށައިގެން ހޯދައިލަމުން ރިމްޝާ އަހައިލިއެވެ. "ޔަގީންދޯ ނާންނަ ކަން؟..."
ރިމްޝާ އެހާ ކައިރީގައި ހުރުމުން، މިރާހަށް އުނދަގޫ ގޮތެއް ވިއެވެ. ރިމްޝާގެ މޫނަށް ނުބަލަން އޭނާ ހުރީ ގަހެއްގެ ފަތަކާއި ކުޅޭށެވެ.
"ވަރަށް ކަޑަ ގޮތެއް ވެއްޖެ!..." ރިމްޝާ އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑު މިރާހަށް ދިއްކޮށްލިއެވެ.
"މިޔޯ؟..." މިރާހް ކަރުދާސްގަނޑުގައި ހިފިއެވެ.
"ކައުންސިލުން ފާސްކުރީ މިތަން ޖޫރިމަނާކުރަން...." ރިމްޝާ ޗޮކެއް ކަނޑައިލިއެވެ. "ދީފަ އޮތް ހިސާބުން ބޭރުގަޔޯ މޭޒުތައް ޖަހާފަ ހުރީ..."
"ވަޓް؟... ކޮންއިރަކު އެމީހުން ޗެކްކުރަން އައީ؟..." މިރާހް ހާސްވެފައި ކަރުދާސްގަނޑަށް ބަލައިލިއެވެ.
"ފަނަރަ ދުވަސް ތެރޭ މި ފައިސާ ދައްކާ ނިންމަން އަންގާފަ މިއޮތީ... ނުދައްކައިފިއްޔާ..." ރިމްޝާ އޭނާގެ ޖުމުލަ ފުރިހަމަނުކޮށް ހުއްޓައިލިއެވެ.
"އީވްއަށް އަންގާނެކަމެއް ނެތް..." މިރާހް ވަގުތުން ކަރުދާސްގަނޑު ފަތްޖަހާލާފައި ޖީބަށް ލިއެވެ. "އަހަރެން މިފައިސާ ދައްކާނަން..."
މިރާހް ދިޔުމުން، ދެކޮޅު ހޯދައިލާފައި ރިމްޝާ މަޑުމަޑުން ގަސްތަކުގެ ތެރެއިން ނުކުތެވެ. ރިމްޝާއަށް އެރުނީ އިވްލީންގެ ކުރިމައްޗަށެވެ.
"ދެމީހުން ކޮންކަމެއް ކޮށްފަ ތި ނުކުތީ؟..." އިވްލީން ހީގަތެވެ.
"އަޅޭ ނޫން... ކަމެއް ނޫނޭ..." ރިމްޝާގެ އަނގަ އޮޅުނެވެ.
"ދެލޮލުން ހިފީމަވެސް ދޮގު ހަދަނީތަ؟..." އިވްލީން ބޭނުންވީ ރިމްޝާ އާއި ދިމާކުރާށެވެ.
"އެހެނެއް ނޫނޭ..." ރިމްޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"އަހަންނަށް އެނގެއޭ ރިމޫ މިރާހްދެކެ ލައިކްވާކަން..." އެންމެފަހުން އިވްލީނަށް ބުނެވުނެވެ.
ވަގުތުން ރިމްޝާގެ އަނގަ ބަންދުވިއެވެ. އިވްލީންގެ ކުރިމަތީގައި ދޮގު ހަދަން ރިމްޝާއަށް އުނދަގޫވިއެވެ. އިތުރު ގޮތެއް ނެތުމުން، ރިމްޝާ އެއްބަސްވިއެވެ.
އިވްލީން ރިމްޝާ އާއި ދިމާކުރަމުން ގޮސް ކެފޭއަށް ވަންއިރު، އާކިލް އާއި ރަތުނާ ތިބީ ކެފޭގެ ކައުންޓަރު ކައިރީގައެވެ. މިރާހް ފެންނަން ނެތުމުން، އިވްލީން އަވަސް އަވަހަށް ގޮސް، ކައުންޓަރުގެ ކައިރީގައި ހުއްޓުނެވެ.
"ޓޫ އައިސްކޮފީ..." ރަތުނާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
އިވްލީން ބޯ ޖަހައިލިއެވެ. ކޮފީ ހަދާފައި އޭނާ އެނބުރުނުއިރު، ރަތުނާ ހުރީ އާކިލްގެ ގައިގައި ލައްވެލައިގެންނެވެ. ކުއްލި ކުއްލިއަށް އެފަދަ މަންޒަރުތައް ފެނުމުން، އިވްލީނަށް އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވެއެވެ. ހިނދުކޮޅަކަށް ނަމަވެސް ހުއްޓުން އަރައެވެ. އިވްލީން ބަލަން ހުރިގޮތުން، އާކިލް އަވަސް އަވަހަށް ރަތުނާ އާއި ދުރުވެލަން އުޅުނެވެ. ރަތުނާ އެފުރުސަތެއް ނުދިނެވެ.
އާކިލްމެން ގޮސް މޭޒު ކައިރީގައި އިށީނުމުން، އަޔާމް ކައުންޓަރުގެ ކައިރިއަށް ޖެހިލިއެވެ.
"އަހަރެންގެ ހެލްޕެއް ބޭނުމިއްޔާ ދެފަހަރަށް އެސްފިޔަ ޖަހާލަބަލަ..." އަޔާމް ބުނެލީ ސިއްރުންނެވެ.
"ކީއްވެ؟..." އިވްލީން އަހައިލިއެވެ.
"ކިޑްނެޕް ކޮށްގެން އެހެން ރަށަކަށް ގެންދަން.." އަޔާމް ބުނެލިއެވެ.
(ނުނިމޭ)