ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ޖެޓު ޖައްސައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވި ފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓު -- ފޮޓޯ/ އޭވިއާ މޯލްޑިވްސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް މިދިޔަ މަހު އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓު މިއަދު ޖައްސައިފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ.

އޭވިއާ މޯލްޑިވްސްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ފެންނަ ގޮތުގައި އެ އެއާޕޯޓު ހުޅުވި ފަހުން މިއަދު މިވަނީ ފުރަތަމަ ކޮމާޝަލް ޖެޓު ޖައްސައިފައެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި އެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އަދި, އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅެވެ.

އުތުރަށް ހަގީގީ ތަރައްގީ ލިބޭނީ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ ގޮތުގައި ބޭނުންކުރެވުމުން ކަމަށް އެ ސަރަހައްދުގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

https://sun.mv/213678

މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. އަދި, އިންޓަނޭޝަނަލް ދަތުރުތައް ކުރަމުން އައީ އިންޑިއާގެ ޓްރިވެންޑްރަމްއަށް އެކަންޏެވެ.

އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރެވެން އޮތް ނަމަވެސް، ފަތުރުވެރިން އެ ސަރަހައްދަށް ދާން ޖެހެނީ މާލެ އައުމަށް ފަހު އިތުރު ފްލައިޓެއް ނަގައިގެންކަމުން، ޚަރަދު ބޮޑުވާތީ އެ ދާއިރާ އޮތީ ކުރިނޭރުވިފައެވެ. އަދި, އެ ސަރަހައްދުގައި ކުޅުދުއްފުއްޓާއި އިހަވަންދޫ ފަދަ ވިޔަފާރި ހަބްތައް އޮންނައިރު، ވިޔަފާރިވެރިން މާލެ އައިސް ބޭރަށް ދަތުރުކުރަން ޖެހޭތީ އެ ދަތިކަން ވެސް އޮތެވެ.

ޒަމާނީ އެއާޕޯޓާ އެކު ހަނިމާދޫގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރެވިއްޖެ ނަމަ ފަތުރުވެރިކަމުންނާއި ވިޔަފާރިން ވެސް މަންފާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުން އުންމީދުކުރެއެވެ.

comment ކޮމެންޓް