އެޗްއާރުސީއެމް ހިންގަން 10،000 އަކަފޫޓުގެ އޮފީހެއް ހޯދަނީ

އެޗްއާރުސީއެމްގެ ބައެއް މެންބަރުން ބައްދަލުވުމެއްގައި: އެ އޮފީސް ހިންގަން އިމާރާތެއް ހޯދަން ވަނީ އިއުލާން ކޮށްފައި-- ފޮޓޯ: އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ހިންގުމަށް 8,000 އަކަފޫޓާއި 10,000 އަކަފޫޓާ ދެމެދުގެ ޖާގައިގެ އޮފީސް އިމާރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެޗްއާރުސީއެމްއިން އިއްޔެ ބުނީ އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ. އެ ހޯދާ އާ އިމާރާތަށް ބަދަލު ވެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

ބިޑަށް ކުރިމަތިލާއިރު އަކަފޫޓަކަށް ގިނަ ވެގެން ހުށަހެޅޭނީ 40 ރުފިޔާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ. އެއީ 10,000 އަކަފޫޓްގެ ތަނެއް ނަމަ މަހު ކުއްޔަށް 400,000 ރުފިޔާއެވެ.

މި ބިޑަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެއީ 85 ޕަސެންޓެވެ. އަނެއް 15 ޕަސެންޓް ދެނީ އޮފީހުގެ ޖާގައަށް ބަލައިގެންނެވެ.

މިކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 10:00 އަށް އެޗްއާރުސީއެމަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިހާރު އެޗްއާރުސީއެމް ހިންގަމުން އަންނަނީ, މ. ޗަނބޭލީވިލާ (ސްޓާކްލައުޑްސް ބިލްޑިން)ގައެވެ. އެއީ ޕީއެންސީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުގެ އާއިލީ ގެއެކެވެ. އެ ގޭގައި ދައުލަތުގެ ގިނަ އޮފީސްތަކެއް އަންނަނީ ހިންގަމުންނެވެ.

މާލޭގެ އިމާރާތްތަކުގެ ކުލި އިންތިހާއަށް ބޮޑުއިރު ދައުލަތުގެ އެކި އެކި އޮފީސްތައް ހިންގުމަށް, އަމިއްލަ މީހުންގެ ގެތަކުން ތަންތަން ކުއްޔަށް ނަގައިގެން ބޮޑު ހޭދައެއް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް