ވީއާރު ޓެކްނޮލޮޖީ: އިސްރަށްވެހިންގެ އެކަނިވެރިކަމަށް 'ވާޗުއަލް' ފަރުވާއެއް

އެމެރިކާގެ ކެލިފޯނިއާގެ "ދަ ޓެރަސަސް" ފަދަ ރިޓަޔާމަންޓް ކޮމިއުނިޓީތަކުގައި މިހާރު ދަނީ މި ޓެކްނޮލޮޖީ ބޭނުންކުރަމުން -- ފޮޓޯ: އޭޕީ

އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގެ ބާރުދެރަވެ، ދުރު ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމަށް ނުކުޅެދިފައިވާ އިސްރަށްވެހިންނަށް ވާޗުއަލް ރިއަލިޓީ (ވީއާރު) ޓެކްނޮލޮޖީއަކީ ވާޗުއަލް ފަރުވާއެއް ކަމުގައި އެމެރިކާގެ ތަޖުރިބާކާރުން ބުނެފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ "ދަ ޓެރަސަސް" ފަދަ ރިޓަޔާމަންޓް ކޮމިއުނިޓީތަކުގައި މިހާރު ދަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުމުރުން ދުވަސްވީ މީހުންގެ އިޖުތިމާއީ ގުޅުންތައް ބަދަހިކުރަމުންނެވެ.

އުމުރުން 80 އަދި 90 ގެ އަހަރުތައް ގުނަމުންދާ މި މީހުން، ވީއާރު ހެޑްސެޓް އެޅުމާއެކު ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލައެވެ. އޭގެ ތެރޭގައި, ޔޫރަޕްގެ ރީތި ގައުމުތައް ބަލާލުމާއި، ކަނޑުގެ ފުން މިނަށް ފީނުމާއި، އަދި ހޮޓް އެއާ ބެލޫންތަކުގައި އުދުހިލުން ފަދަ ކަންކަން ހިމެނެއެވެ. މިކަމުގެ ސަބަބުން، ގޮނޑީގައި އިށީނދެގެން ތިބެމެ، އެކަކު އަނެކަކާއެކު ވަގުތު ހޭދަކޮށް، އާ ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު އެ މީހުންނަށް ލިބެއެވެ.

މި ޚިދުމަތް ފޯރުކޮށްދޭ "ރެންޑެވާ" ކުންފުނިން ބުނާ ގޮތުގައި، މި ޓެކްނޮލޮޖީގެ އެންމެ ބޮޑު ބޭނުމަކީ އުމުރުން ދުވަސްވީ މީހުން އެކަނިވެރިވުމުން ދުރުކޮށް، އެ މީހުންގެ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުމެވެ. ބައެއް މީހުންނަށް މި ޓެކްނޮލޮޖީ މެދުވެރިކޮށް އެ މީހުން ކުޑައިރު އުޅުނު ރަށްރަށާއި މަގުތައް ބަލާލުމުގެ ފުރުސަތު ލިބެއެވެ.

މީގެ ސަބަބުން އެތައް އަހަރެއްގެ ކުރީގެ ފޮނި ހަނދާންތައް އާވެ، އެ ވާހަކަތައް އެހެން މީހުންނާ ހިއްސާކުރުމަށް މަގުފަހިވެއެވެ.

"ދަ ޓެރަސަސް"ގެ ކޮމިއުނިޓީ ލައިފް ޑައިރެކްޓަރު އެޑްރިއަން މާޝަލް ވިދާޅުވި ގޮތުގައި ވީއާރުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ދެކެވޭ ވާހަކަތައް އިތުރުވެ، އާ ގުޅުންތައް އުފެދެއެވެ. މިއީ އެކަކު އަނެކަކުގެ މެދުގައި އޮންނަ އެއްގޮތް ކަންތައްތައް ދެނެގަތުމަށް އެޅޭ "އިންސާނީ ފާލަމެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސައިންސްވެރިންނާއި ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ވީއާރު ބޭނުންކުރުމަކީ ސްމާޓްފޯނު ފަދަ ތަކެތި ބޭނުންކުރުމަށްވުރެ އުމުރުން ދުވަސްވީ މީހުންނަށް މާ ފަސޭހަ ކަމެކެވެ. މީގެ އިތުރުން، މިއީ ހަނދާން ބަލިވުން (ޑިމެންޝިއާ) ފަދަ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ވެސް ހިތްހަމަޖެހުން ހޯދައިދިނުމަށް ބޭނުންކުރެވިދާނެ މުހިންމު ވަސީލަތެކެވެ.

ނަމަވެސް، މާހިރުން އިންޒާރު ދޭ ގޮތުގައި، މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރަންވާނީ ވަކި މިންވަރަކަށެވެ. މިއީ އެހެނިހެން ހަރަކާތްތަކުގެ ބަދަލުގައި ބޭނުންކުރާ އެއްޗަކަށް ވުމަށްވުރެ، އިތުރު އެހީތެރިކަމެއްގެ ގޮތުގައި ބޭނުންކުރުން މުހިންމެވެ.

މިހާރު އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް)އިން ވަނީ މި ޓެކްނޮލޮޖީ މެދުވެރިކޮށް އުމުރުން ދުވަސްވީ މީހުންގެ އެކަނިވެރިކަން ކުޑަކުރެވޭނެ ގޮތްތައް އިތުރަށް ދިރާސާކުރުމަށް 4.5 މިލިއަން ޑޮލަރުގެ ގްރާންޓެއް ވެސް ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު