ހިތްދަތިގޮތަކަށް ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ކިރްގިސްތާނަށް

ވިމެންސް ކާވާ ކަޕް 2025 ގެ ޗެމްޕިއަންކަން ހޯދި ކިރްގިސްތާނު ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ޓްރޮފީ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސަން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގެ ފައިނަލުގައި ރާއްޖެ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދީ ފައިނަލުގައި ރާއްޖެއިން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ ހޯދި ސެޓުތަކާއެކު އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފެށިގެން ބޮޑުބައިގައި ކިރްގިސްތާނުން ލީޑު ކުރަމުންދަނިކޮށް، ރާއްޖޭން ވަނީ 18-18 އިން އެއްވަރުކުރުމަށްފަހު، އޭގެފަހުން ނެގި ލީޑާއެކު 25-20 އިން އެ ސެޓު ކާމިޔާބުކޮށްފައެވެ.

ދެން ކުޅެވުނު ދެވަނަ ސެޓުގައި ގިނަ ވަގުތު ރާއްޖޭން ލީޑު ނަގައިގެން ކުޅެފައިވާއިރު، ކިރްގިސްތާނުން ވަނީ 22-22 އިން އެއްވަރުކޮށް، އެއަށްފަހު ފުލުފުލުގައި ހޯދި ޕޮއިންޓްތަކާއެކު 25-22 އިން ކުރިހޯދައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގެ ބޮޑުބައިގައި ދެ ޓީމުގެ ފަރާތުން ވަރަށް އެއްވަރު ކުޅުމެއް ފެނިގެންދިޔަނަމަވެސް، ފަހު ބައިގައި ފަސް ޕޮއިންޓްގެ ލީޑެއްނަގައި، ކިރްގިސްތާނުން މި ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓު ފެށިގެން ކިރްގިސްތާނުން ލީޑުކުރަމުންދަނިކޮށް، ރާއްޖޭން ވަނީ އެއްވަރުކުރުމަށްފަހު ލީޑު އަތުލާފައެވެ. އެއަށްފަހު، މި ސެޓުގެ ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭން އޮތީ ލީޑުގައެވެ.

އެގޮތުން، 17-12 އިން ރާއްޖެ ލީޑުގައި އޮއްވާ، ކިރްގިސްތާނުން ވަނީ ފުލުފުލުގައި ހޯދަމުންދިޔަ ޕޮއިންޓްތަކާއެކު، ދެ ޓީމުގެ ފަރަގު ކުޑަކޮށް، 18-18 އިން އެއްވަރުކޮށްފައެވެ. އެއަށްފަހު، މި ސެޓުގައި އެ ޓީމުން ކޮންޓްރޯލް އަތުލައި ނެގި ލީޑު ދަމަހައްޓަމުންގޮސް، 25-21 އިން ކުރިހޯދައި، މެޗު ކާމިޔާބުކުރިއެވެ.

ވިމެންސް ކާވާ ކަޕް 2025 ގެ ރަނަރަޕްކަން ހޯދި ރާއްޖޭގެ ވޮލީ ޓީމު-- ފޮޓޯ: ސަން

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ.

މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކުރީ ބަންގްލަދޭޝް އެވެ. އެ ޓީމުން ވަނީ މިއަދު ހަވީރު ކުޅެވުނު ތިންވަނަ ހޮވާ މެޗުގައި ސީދާ ތިން ސެޓުން އަފްޣާނިސްތާން ބަލިކޮށްފައެވެ.

ފައިނަލަށްފަހު ހޮވި މުބާރާތުގެ ޑްރީމް ޓީމުގައި ރާއްޖޭގެ ހަތަރު ކުުޅުންތެރިއެއް ހިމެނެއެވެ. އެއީ

ބެސްޓް އައުޓްސައިޑް ހިޓާ: ހައްވާ ރާޝިދާ (ދިވެހިރާއްޖެ)

ބެސްޓް އޮޕޮސިޓް ޕްލެއަރ: ޝަހާ ޝާމިން (ދިވެހިރާއްޖެ)

ބެސްޓް ސެޓަރ: ޖޫޒަން ޒަރީރު (ދިވެހިރާއްޖެ)

ބެސްޓް މިޑްލްބްލޮކަރ: ނަރީމާ އިދުރީސް (ދިވެހިރާއްޖެ)

ކެޕްޝަން..

މި ލިސްޓުގައި ދެން ހިމެނެނީ ކިރްގިސްތާނުގެ ތިން ކުޅުންތެރިންނެވެ. އެއީ

ބެސްޓް އައުޓްސައިޑް ހިޓާ: ނުރްޒަމާލް ބޮލޮޓްބެކޯވާ (ކިރްގިސްތާން)

ބެސްޓް މިޑްލްބްލޮކަރ: ސައިކަލް އަމިރަކުލޯވާ (ކިރްގިސްތާން)

ބެސްޓް ލިބެރޯ: އަސެމާ ސެއީޓްބްރްލޯވާ (ކިރްގިސްތާން)

އެއަަށްފަހު ދެން ހޮވާފައިވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިރްގިސްތާނުގެ ނުރްޒަމާލް ބޮލޮޓްބެކޯވާއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސަން

މިއަހަރު ވިމެންސް ކާވާ ކަޕް ކުރިއަށްދިޔައީ ޖުމްލަ ހަތަރު ޓީމާއެކު އެވެ. އެއީ ރާއްޖެއާއި އަފްގާނިސްތާނުގެ އިތުރުން ކިރްގިސްތާނާއި ބަންގްލަދޭޝްއެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީން ވަގުތުން ގެނެސްދިންއިރު، މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު