ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕް 2025 ގެ ބްރޮންޒް މެޑަލް މެޗުގައި އަފްގާނިސްތާނު ބަލިކޮށް ބަންގްލަދޭޝުން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މެޑަލްއެއް ހޯދައިފިއެވެ.
މުބާރާތުގެ ބްރޮންޒް މެޑަލް ބަންގްލަދޭޝުން ހޯދީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަފްގާނިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މިއީ ބަންގްލަދޭޝްގެ އަންހެން ވޮލީބޯޅައިގެ ތާރީހުގައި ފުރަތަމަ ބައިނަލްއަޤްވާމީ މެޑަލްއެވެ. މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ބަންގްލަދޭޝްގެ އަންހެން ވޮލީބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައެވެ.

ތާރީހީ ބޮޑު ކާާމިޔާބީއާއެކު ބަންގްލަދޭޝްގެ އަންހެން ޓީމު-- ފޮޓޯ:ސަން
ނަމަވެސް ކުރު މުއްދަތެއްގައި މި މުބާރާތާ ބަންގްލަދޭޝްއިން ޓީމެއް އެކުލަވާލީ ޑޮމެސްޓިކް މުބާރާތްތަކުން ކުޅުންތެރިން ނަގައިގެންނެވެ.
މެޗުގެ ސެޓުތައް ބަންގްލަދޭޝުން ކާމިޔާބުކޮށްފައިވަނީ 25-20، 25-20 އަދި 25-15 އިންނެވެ.
ޖުމްލަ ހަތަރު ގައުމާއެކު ކުރިއަށްދާ މުބާރާތުގެ ތިންވަނަ ބަންގްލަދޭޝް ހޯދިއިރު، ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކޮށްފައިވަނީ އަފްގާނިސްތާނުންނެވެ. ނަމަވެސް ރޭންކިން މެޗުގައި އެ ޓީމަށް ތަފާތު ނުދެއްކުނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:40 ގައެވެ. މި މެޗު އެސްއެސް ޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.