ޖުންޖުލާ، ފަހު ބައި

"ތިބާވެސް ދިރިއުޅުމުގެ ޕްލޭންތައްކުރުމާއި އުފާވެރި ހަޔާތެއް ހޯދަން މަސައްކަތްކުރަންވާނެއެވެ. އެކަމަކު އަބަދުވެސް އިސްކުރަންވާނީ ދީނާއި އަޅުކަމެވެ. އަދި ތިބާގެ ޕްލޭނަށްވުރެ ﷲ ތައާލާގެ ރޭއްވެވުން ރަގަޅުވާނެކަމަށް ގަބޫލުކޮށް ތަވައްކުލް ކުރުމާއި ކޮންމެ ކަމަކަށް ހަމްދުކޮށް ކެތްތެރިވުމަކީވެސް މުސްލިމެއްގެ ސިފަކަން ދެނެގެން ހުރެ ހަޔާތުގެ ދަތުރުގައި ކުރިއަށް ދިޔުމެވެ. ދުނިޔެއަކީ ކުޑަ ހިނދުކޮޅެއްގެ އުފަލެކެވެ."

***

އާރިކް މުރުތަސިމްއާއި ބައްދަލުކުރަން އެގެއަށް ދިޔައީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. މުރުތަސިމްގެ ހާލު ގޯސްވެ އަތުންފައިން ގޯހެއް ހަދާފާނެހެން ހީވެފައެވެ. މުރުތަސިމް އެޕޮއިންޓްމެންޓްތަކަށް ފަރުވާކުޑަކުރުމާއިއެކު ޒަވިއާރުގެ ފަރާތުންވެސް އޭނަގެ ނަފްސާނީ ހާލަތު ރަގަޅުނޫންކަން އެނގިގެން ޒިޔާރަތްކުރަން ނިންމީއެވެ. އެކޮޓަރިއަށް ވަންއިރު ފެނުނީ ހޮސްޕިޓަލުން އޭނަދެކުނު މުރުތަސިމްއެއްވެސް ނޫނެވެ. އެއަށްވުރެ ހާލު ދެރަވެ އެނދުން ނުތެދުވޭވަރުވެފައެވެ.

ފާރުގައި ހުރި ގަޑީގެ ކަށި ހިނގަމުންދާ އަޑު ފިޔަވާ ފުންހިމޭންކަމެއް ވެރިވެފައިވާއިރު އަނދިރިކަމަށް ލޯ ހާނާލަން ކުޑައިރުކޮޅެއްނެގިއެވެ. އޭނަ ދޮރުފޮތިތައް ކަހައިލުމާއެކު އިރުގެ އަލިކަން މުރުތަސިމްގެ މޫނުގައި ބޮސްދިނުމާއެކު އޭނަ ލޯ ކުޑަކޮށްލިއެވެ. ކުރިމަތީގައި ހުރި އާރިކް ފެނުމުން ސިހުމާއެކު އިރުކޮޅެއްވާންދެން ނިތުގައި އަތް އަޅާލައިގެން އޮވެފައި އިށީނެވެ.

"މުރުތަސިމް ކިހިނެއް؟"

"މަންމަ ހިމޭންކަމަށް ލޯބިކުރި....މަންމަ ބުނާގޮތުން މިފަދަ ހިމޭންކަމުން ހިތަށް ޝިފާ ލިބޭ......"

އާރިކް އެނދުކައިރީގައި ހުރި ސޯފާގޮނޑީގައި އިށީދެލަމުން ކުޑަކޮށާ ގުދުވެލިއެވެ. ހިމޭންކަންވެސް ރަގަޅުގޮތުގައި ބޭނުންކޮށްފިއްޔާ ލަފުޒުތަކަށްވުރެ ހިތަށް ތަސައްލީ ގެނެސްދޭނެކަން އޭނަ ދަނެއެވެ.

"މަންމަދެކެ ވަރަށް ލޯބިވާކަން އެނގޭ....."

"އާނ....އަހަންނަށް މަންމަވެސް ގެއްލުނީ..ހަމަ އެގޮތަށް...."މުރުތަސިމްގެ އަޑު މަޑުވިއެވެ."އަހަރެން ލޯބިވި އަންހެންކުއްޖާވެސް ގެއްލުނީ..އަަދިވެސް ބޭނުން އެކަމަކު......މަންމަވެސް ބުނޭ އަހަރެމެންގެ ގެއަށް ހަގީގީ ދިރުމެއް އަންނާނީ އޭނަވެސް ހުރެގެންނޭ..."

މޮޅިކަން ނޫން އެހެން އިހުސާސްތަކަށް އެކޮޓަރީގައި ޖާގައެއް ނެތްފަދައެވެ.

"ލޯބީގެ މާނައަކީ އެ ލޯބި ފަހަރެއްގައިވެސް ނިމުމެއްނޫން..."އާރިކްގެ އަޑުގައި އޯގާތެރިކަމާއި ގާތްކަންވިއެވެ." އެކަމަކު ބައެއްފަހަރު ލޯބީގެ ސިފަ ބަދަލުވެދާނެ..މި ދުނިޔެ..."އޭނަ ލަފުޒުތައް އަތުރަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ." ދުނިޔެއަކީ ވަގުތީ މަންޒިލެއް...ﷲ އެކިފަހަރުމަތިން އެކަންތައް ރިމައިންޑްކޮށްދީފައިވޭ....ދެން އޮތީ ވޭނާއި ހިތާމައާއި ކުރިމަތިލަނެގޮތް......."

"ދެން ކިހިނެއް ހަދަންވީ؟"

"އެ މޮޅިއާއި ހިތްދަތިކަން ރަގަޅުކަމުގެ ތެރެއަށް ލާންވީ..ހިތް ހުސްކަމުގެ އިހުސާސްކުރެވޭވަގުތި ނަމާދުތައް ކުރަންވީ...ސިކުނޑިއަށް އަރާމު ނުލިބެންޏާ ގުރުއާން ކިޔަވާނީ...ފުރާނަ ރުޅިވެރިކަން ފައުޅުކުރީމަ އޯގާތެރިވާނީ..މިކަންތަކުން އަދި ގެއްލިގެން ދިޔަ އެއްޗެއް ލިބުމެއްނެތަސް މާނަ ހުރިކަމަކަށް ވެދާނެ.."

އާރިކްގެ ލަފުޒުތައް ބީހިލީ ހަމައެކަނި މުރުތަސިމްގެ ހިތުގައެއްނޫނެވެ. އިރުކޮޅެއްވާންދެން އޭނަގެ ޚިޔާލީ ދުރުމީއަށް އެރީ ކުޑަ ފިރިހެންކުއްޖެކެވެ. ކުޑަދޮރު ކައރީގައި މަންމަގެ އިންތިޒާރުގައެވެ. ދުވަހަކަުވެސް އެނބުރި އައުމެއނެތް މަންމައާއިއެކު ބައްޕަގެ ހިމޭންކަމެވެ. ދުނިޔޭގައި ތިއްބަސް ވަކިވެގެން ދިޔުމަށްވުރެ ހިތަށް ތަދުކުރުވައެވެ.

"މޫވް އޮންކުރަން ހިތަށް އަރުވައިލުމަކީވެސް ކުށެއްކަމުގައި އިހުސާސްކުރެވޭ...ބޭވަފާތެރިވެވެނީކަމުގައި ހީކުރެވޭ..."

"ކުރިއަށް ފިޔަވަޅު އެޅުމަކީ ބޭވަފާތެރިވުމެއްނޫން...އެއީ އިތުބާރު... ތިބާގެ ފަރާތުން ނެގުނީ ކޮން އުފަލެއްކަމާއި އޭގެ ސަބަބު ﷲތައާލާ ދެނެވޮޑިގެންވާކަން އެނގި އިތުބާރުކުރިން..ތަވައްކުލް ކުރުން...އެހެން މީހުންނަށާއި އަމިއްލަ ނަފުސަށް މާފުކުރުމަކީ ދީނުގެ ބަޔެއް..."

މާފުކުރުން އެލަފުޒު އޭނަގެ ސިކުނޑީގައި ގުގުމައިގަތެވެ.

އޭނަ މުރުތަސިމް ގާތުގައި ތަގުދީރާއި، ގެއްލުމާއި ހުރިހާކަމަކަށް މާފުކުރަން އެދުނުއިރު އޭނަ އަމިއްލައަށް އެހާ ގަދަޔަށް މާޒީގައި ހިފަހައްޓައިގެން ހުންނަންވީ ކީއްވެހެއްޔެވެ؟ އޭނައަށް މަންމައާއިމެދު ވިސްނައިލެވުނެވެ. އެއް އިރެއްގައި ކޮންފަދަ ބަލިކަށިހެއްޔެވެ؟ގެއްލިފައެވެ.

"ޑޮކްޓަރ....މިހުރިހަ ކަމެއް އަމިއްލަ ނަފުސަށް ގަބޫލުކުރަންތަ؟"

އެ ސުވާލުން އޭނައަށް ސިހުމެއްލިބުނެވެ. ފަނޑުގޮތަކަށް ހިނިތުންވެލެވުނެވެ.

"އަހަރެންވެސް ހަމަ ދަސްކުރަމުން މިދަނީ.....ކޮންމެ ދުވަހަކު..."

އޭނަ އިރުކޮޅެއްވާންދެން މުރުތަސިމްއާއި ވާހަކަދައްކަން އިނުމަށްފަހު ދާން ތެދުވުނެވެ.

"ޑޮކްޓަރ އާރިކް...ލޯބި ގެއްލިގެންނުދާނެ ކަމާއި އެއީ ﷲތައާލާއާއި ހަމަޔަށް ރައްދުވެގެން ދާ އެއްޗެއްކަން ބުނެދިންކަމަށްޓަކާ ވަރަށް ޝުކުރުވެރިވަން..."

އާރިކް އެގެއިން ނުކުމެގެންގޮސް ކާރަށް އެރިއިރު އޭނައަށް ޚިޔާލުކުރެވެމުން ދިޔައީ ދެކެވުނު ވާހަކަތަކާއިމެދުގައެވެ. އެތައް އަހަރެއްފަހުން އޭނައަށް މާފުދިނުމަކީ މާޒީ ހަނދާން ނައްތައިލުންނޫންކަމާއި އެއިން ސަލާމަތްވެވޭނެ ވަސީލަތެއްކަން ދެނެގަނެވުނެވެ. ގެއްލިގެންދިޔަ އެއްޗެއްސާއިއެކީ ދިރިއުޅުމުގެ ބަދަލުގައި ދެން އޮތީ ރަގަޅުވާނެކަމަށް ބަލާ ދިރިއުޅެން ފެށުމެވެ. އެހެން އިންސާނަކަށް އެހީތެރިވެވުމުން އޭނަގެ ޒަޚަމްތަކަށް އެއްކޮށް ފަރުވާއެއް ނުލިބުނެވެ.ނަމަވެސް އެއިން ދަސްކޮށްދިނީ ފަށަންވީ ހިސާބެވެ.

***

އާރިކް އޭނަގެ ބައްޕަ ފުރުގާންގެ ދައުވަތު ގަބޫލުކޮށް އެގެއަށް ދިޔުމުން ދޮންމަންމަގެ ފަރާތުން ހީނުކުރާފަދަ ހޫނު މަރުހަބާއެއްކިޔެއެވެ. އެ ލޮލުން ފެނުނީ މަންމައެއްގެ އޯގާތެރިކަމާއި ކުލުނެވެ. އެންމެ ނަޒަރަކުން އާރިކްގެ ހިތަށް ހޫނުކަން ފޯރުކޮށްދިނެވެ. އޭނަގެ ހަގީގީ މަގުސަދަކަށްވީ އަލާނާގެ ކައިވެންޏަށް އެދުމެވެ. ނަމަވެސް ލަދުވެތިކަން އެކަމަށް ހުރަހަކަށްވިއެވެ. ފުރުގާންގެ ދެމަފިރިންވެސް އެއްވެސް ވަރަކަށް އާރިކް ނުތަނަވަސްވާފަދަ މައުޟޫއަކަށް ވާހަކައެއް ނުދައްކައެވެ. ފުރުގާންގެ ދައުވަތު ގަބޫލުކޮށްގެން އައުމާއިމެދު ސުވާލެއްވެސް ނުއުފައްދައެވެ. އާރިކް ރޭގަނޑު ކެއުން ނިންމުމުން ފުރުގާން ދަރިފުޅާއެކު ދޮރާށްޓާއި ހަމަޔަށް އައެވެ.

"އާރިކް..ބައްޕަ ކުރީ ދުވަހު ގެ ހުށަހެޅުމަށް އަދިވެސް ޖަވާބެއްނުދެމެއްނު..."

"ކޮން ވާހަކައެއް؟"

"އަލާނާއާއި ކައިވެނިކުރަން އެދުނީމެއްނު..އަދިވެސް ޖަވާބެއްގެ އިންތިޒާރުގައި މިހިރީ...."

އާރިކްގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައެވެ. އޭނަ އަވަހަށް އަނެއް ފަރާތަށް އެނބުރުނީ ފިނިވަމުން ދިޔަ ދެއަތް އުނގުޅައިލަމުންނެވެ."ވަރަށް އަވަހަށް ޖަވާބެއް ދޭނަން އިންޝާﷲ......."

ފުރުގާން އާރިކްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލީ ގާތްގޮތަކަށެވެ.

އާ ގުޅުމެއްގެ ފެށުމެވެ.

***

އަހެދް ގުރުއާން ކިޔަވަން އިންއިރު އެހެން އެއްވެސް ޚިޔާލެއް ނެތި ސިކުނޑިއަށް އަމާންކަމާއި ހަމަޖެހުން ލިބިފައިވިއެވެ. ހިތުގައި އީމާންކަމުގެ އޮށް ދިއްލުމުން ﷲގެ ބަސްފުޅުތަކުން ހިތަށް ލިބޭ ފިނިކަން އިހުސާސްވާނެއެވެ. އެފަދަ ތަޖުރިބާއެއް ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭނެއެވެ. އަހެދްގެ ލޮލުން ކަރުނަތިއްކެއް ފާއްދައިލީ ޖަޒުބާތީވެވުނު ވަރުންނެވެ. ކޮންފަދަ ފުރިހަމަ އާޔަތްތަކެއް ހެއްޔެވެ؟

ފޯނު ރިންގުވީ އޭނަ މުސްހަފް ބާއްވާފައި ތެދުވެގެން އައި ވަގުތުގައެވެ. އޭނަ އިރުކޮޅެއްވާންދެން ވިސްނަން ހުރެފައި ބިސްމި ކިޔާފައި ފޯނުނެގިއެވެ.

"އައްސަލާމްއަލައިކުމް.."

"އަހެދް...ފޯނު ހަމަ ނަގައިފިން ދޯ..."މުރުތަސިމްއަށް އަސަރުކުރިއެވެ.

"ދިހަ ސިކުންތުން..."

"އަހަންނަށް ކަންތައް ކުރެވުނީ ރަގަޅަކަށް ނޫން....އަހެދް ހުރީ ތެދުމަގުގައި ސާބިތުވެގެން...ބިރުގެ ސަބަބުން އަހަރެން ދިރިއުޅުން ހަލާކުވެގެން ދިޔަދިނީ..."

"މުރުތަސިމް....ޑިވޯސްކުރީ ފިއާއެއް ނޫން...މުރުތަސިމް އަމިއްލައަށް....."

"އަހަންނަށް ބައްދަލުކުރެވިދާނެތަ؟" ހިނދުކޮޅެއްގެ މަޑުޖެހިލުމަކަށްފަހު މުރުތަސިމް އެހިއެވެ.

އޭނަ ލޯ މަރައިލިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މުރުތަސިމްގެ ތިހިރަ ފަޚުރުވެރިކަމާއި އެޓިޓިއުޑް މަސްޖިދަށްގޮސް ދޫކޮށްލީމަ...."އަހެދް ފޯނު ބޭއްވިއެވެ. މިފަހަރު އަހެދްގެ ލޮލުން ކަރުނައެއް ނައެވެ.

މުރުތަސިމްއަށް ލިބުނީ ޝޮކެކެވެ. އަހެދް އެބުނީ އަލުން އޭނަގެ ހަޔާތަށް އެނބުރި ނާންނާނެ ވާހަކަހެއްޔެވެ؟ އޭނަގެ ދިރިއުޅުން ހަލާކުވެ ނިމިހުރިހާ އެއްޗެއް ގެއްލިގެން ދިޔައިރު ހިފަހައްޓައިލާނެ އުއްމީދުގެ ވާފަށަކީ އަހެދްއެވެ. އެ ވާފަށް ކަނޑައިފިއްޔާ ނިމުމެއްނެތް އަނދިރިގަނޑަކަށް އަނެއްކާ އޭނަ ވެއްޓިގެން ހިނގައިދާނެއެވެ. އޭނައަށް ދުވަހަކުވެސް މާފު ނުލިބޭނީހެއްޔެވެ؟ މުރުތަސިމް ހުއްޓުން އަރާފައި ހުއްޓާ ފަހަތުން މީހަކު އައިސް ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއީ އޭނަގެ ބޭބެ ޒަވިއާރުއެވެ. މުރުތަސިމްގެ ހުރިހާ ކެތްތެރިކަމެއް ކޮޅުން ލައިގެން ދިޔުމާއެކު ޒަވިއާރުގެ ކޮނޑުގައި ބޯ އަޅައިލެވުނުގޮތަށް ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ހިތްފުރެންދެން ކަރުނަ އޮއްސުމަކީވެސް ސިކުނޑިއާއި ހިތަށް ލިބޭނެ ފަރުވާއެކެވެ. އެތައް އިރެއް ފަހުން މުރުތަސިމް ހަމަޔަކަށް އެޅޭވަރުވިއެވެ.

"އަހަންނަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ...ސަބަބަކީ މަންމަ ނިޔާވީ އަހަރެންގެ ސަބަބުން.....ކިހިނެއް އަމިއްލަ ނަފުސަށް މާފުދޭނީ؟ މަންމަގެ މާފެއްވެސް ނުލިބުނު. މިފަދަ މީހަކަށް ކޮން ރަހުމަތެއް ލިބޭނީ؟"

"ތިހެން ނުވިސްނާ...މަންމަ ދުނިޔޭގައި މިއަދު ނެތަސް ދަރިއެއްގެ ލޮލުން ކަރުނަތިއްކެއް އޮހޮރިހެންދާކަށް ބޭނުމެއްނުވާނެ. މަންމަ ބޭނުންވާނީ ސިމްވެސް އުފަލުގައި ހުރުން...ހިތްވަރުކުރޭ.....އަދި އަލުން ވަޒީފާއަށް ދާންފަށަންވީ...މަންމަ ކިހާ އުފާވި ކެޕްޓަންގެ ޔުނިފޯމްގައި ސިމް އައި ދުވަހު...މަންމައަށްޓަކާ ކޮށްދެވޭނެކަމަކީ ދުޢާކުރުން..އަދި އުފަލުގައި ހުރުން ސިމް...ދިރިއުޅުމުގެ މަގުސަދު ހަނދާން ނައްތައިނުލުން....އެކަން ވާނެތަ؟"

މުރުތަސިމް ބޯ ޖަހައިލިއެވެ.

***

މުރުތަސިމް ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްލައިގެން ހުރިއިރު އިސްތަށިގަނޑުކޮށާ ތުނބުޅިވެސް ތުނިކޮށް ކޮށާލާފައިވުމުން ކުރީގެ މުރުތަސިމްގެ ސޫރަ ފެނުނެވެ.ތުންފަތުގައިވީ ނުތަނަވަސް ހިނިތުންވުމެކެވެ. އަތުގައިވި ހުދުކުލައިގެ މާބޮނޑިން ވޭތުވެދިޔަހާ ތަދުތައް ފޮހެލަން ބޭނުންވާފަދައެވެ. އަހެދް އާދައިގެ މަތިން ނިގާބުގައި އައިއިރު އެ ހިނގުމުގައިވީ އޭނަ ދެނެ ފަރިތަ ރީތިކަމެވެ.

އަހެދް ސަލާމް ގޮވައިލިއެވެ.

"އަހެފް....އަހަންނަށް ހީވަނީ ކުރިއަށްވުރެ ހިތްވަރުގަދަ ކުއްޖަކަށް ވެއްޖެހެން.."

"އަމިއްލައަށް ކުރިކަމެއްނޫން...ހާލަތުގެ ސަބަބުން..މަޖުބޫރުވީ...."

"އަހަންނަށް އެނގޭ އަހަންނަށް އަހެދް ހިތުގައި ޖައްސާ އަނިޔާދެވުނުކަން........"

"ހަމައެކަނި ހިތަށް އަނިޔާދިނީއެއްނޫން....އަލިފާނަށް ލާފައި ދެން ހުޅުގަނޑަށް ބްލޭމްކުރީ......."

މުރުތަސިމްއަށް ބުނާނެ އެއްޗެއް ނޭގުނެވެ.

"އަހަރެން ގުޅީ ކޮންމެހެން ވަކިގޮތަކަށް ނިންމާކަށް ނޫން..އަހަރެން މުރުތަސިމް ގެނައީ އަދިވެސް އެ ޒަޚަމްތަކުން ލޭ އަންނަތޯ ޔަގީންކޮށްލަން..."

"ދެން؟" މުރުތަސިމްގެ ހިތް ތެޅިގަތެވެ.

އަހެދް ހިނިތުންވެލީ ފަޚުރުވެރިކަމާއެކުގައެވެ."މިހާރު ޒަޚަމްތަކަށް ޝިފާ ލިބިއްޖެ.."

އަހެދް ދުރަށް ދާން ހިނގައިގަތީ އޭނައާއި ހިމޭންކަމާއި މާތައް އެކަނިކޮށްލާފައެވެ.

***

އާރިކް ބެލްކަނީގައި ކޮފީ ބޯންއިރު އޭނަގެ ފައިތިލަ މަތީގައި ނިކްސަން އަރާމް ނިންޖެއްގައި އޮތެވެ. މަންމަ ޖެނީފާ ނަމާދު ކޮށް ނިމިގެން އޭނަ ނުފެނިގެން ހޯދަމުން އައިސް ކުރިމަތީގައި ހުރި ގޮދަޑިޖެހި ގޮނޑީގައި އިށީނެވެ. ފުރަތަމަވެސް އެދުނީ މާފަށެވެ. އޭނައަށްވަނީ އާރިކްއަށް އަނިޔާދެވިފައެވެ. އެހެން މީހުން ކުށްވެރިކުރުމުގެ ވައްޓަފާޅީގެތެރެއިން ބޮޑެތި ގޯސްތަކެއްހެދިފައެވެ. ހުރިހާވެސް ނުބަޔަކީ ޑްރަގްގެ ވަބާއެވެ. އޭނައާއި ފުރުގާންގެ ކައިވެނީގައި ކުޑަކޮށް މައްސަލަތަކެއް ޖެހިގެން ދިޔައީ ފުރުގާންގެ މައިންބަފައިން އޭނަ ބަލައިގަންނަން ދެކޮޅުހެދުމުންނެވެ. ނަމަވެސް ދަރިފުޅުގެ އުފަލަށްޓަކާ އެއްބަސްވިޔަސް އެމީހުންނާއި އާއިލާއިން އޭނައަށް ކުދި ގޯނާތައްކޮށް އުދަގޫވާފަދަ ލަފުޒުތައް ބޭނުންކުރެއެވެ. އޭނައަކީ އެފަދަ މަތީ އާއިލާއަކަށް ބީރައްޓެއްސެއްކަން އަންގަނީ ނުސީދާ ލަފުޒުތަކުންނެވެ. އޭރު ކުދި ކަންތައްތަކާ ޖަޒުބާތީވެވުނުވަރުން އޭނަ ފުރުގާންއާއި އަރައިރުންވެ ދެކޮޅުވާންފެށިއެވެ. ފުރުގާން ކެތްތެރިވެގެން ހުރީއެވެ.

ޖެނީފާގެ އެކުވެރިޔަކު އޭނައަށް ޑްރަގް ދިނީ ޕާޓީއެއްގެ ތެރޭ ޖޫސްތަށްޓަކަށް އަޅާފައެވެ. އެފަހުން ހިތްހަމަޖެުން ހޯދެންފެށީ އެއިންނެވެ.

ފުރުގާންއަށް އެކަން އެނގުމުން ވަގުތުން އެކަން ހުއްޓަން އެދުނެވެ. ނަމަވެސް އޭނަ ސިގްރެޓްވެސް ބޯންފެށީ އެކޮޓަރީގައެވެ. ފުރުގާންގެ އާއިލާގެ ފަރާތުން ބަދަލުހިފަން އޭނަ އެއަށްވުރެ ރަގަޅު އާއިލާއެއްގެ ޒުވާނަކާއި ރައްޓެހިވިއެވެ. އެންމެފަހުން އެކަމުގެ ތެރޭގައި ފުރުގާންއާއި އޭނަގެ ކައިވެނީގެ ގުޅުންވެސް ނިމުމަކަށް އައީއެވެ.

"ދިރިއުޅުމުގައި ކެތްތެރިވާންޖެހޭނެ. ކުދިކުދި ކަންތައްތަކާއި ހަގުރާމަކޮށް މަސްލަހަު ގެއްލުވާނުލާ އަމިއްލަ އުފާވެރިކަން ދެމެހެއްޓޭނެ ގޮތްތަކެއް ހޯދޭނެ. ޒުވާންކަމުގެ ޖޯޝާއި އަމިއްލަ އެދުން ބޮޑުކަމުން ކުރެވޭ ކަންތައްތަކާއިހެދި ބައެއްފަހަރު ދިރިއުޅުން ހަލާކުވެގެންދަނީ..ދަރިންވެސް ބިކަހާލުގައި ޖެހެނީ..ބައްޕައަކީ ގޯސްމީހެއްނޫން. ވަރަށް ކެތްތެރި މާތް އިންސާނެއް....އަހަންނަށް މާފުކޮށްދޭތި..."

ޖެނީފާ އާރިކްގެ އަތުގައި ހިފެހެއްޓިއެވެ.

"ކުރީ ރޭގައި ބައްޕަގެ ދައުވަތަކަށް އެގެއަށް ރޭގަނޑު ކެއުމަށް ދިޔައިން..މާޒީ ހަނދާން ނައްތާލާ މާފުކޮށްގެން ނޫނީ ސިކުނޑިއަށް އަރާމެއް ނުލިބޭނެކަން އެނގޭތީ..."އާރިކްއިނީ އިސްޖަހައިގެންނެވެ. މަންމަ އޭނައަށް އޮޅުވައިލީއެވެ. ބައްޕައާއިމެދުވެސް ހިތް ނުބައިކުރުވީއެވެ. ބައްޕަ ކުށްވެރިއަކަށްވީ ނަމަވެސް މާފުދޭން ނިންމި ހިސާބުން މިއެނގުނީ ހަގީގީ ކުށްވެރިއަކީ މަންމަ ކަމެވެ. މަންމައެއްވެސް ނޫނެވެ. ހާލަތެވެ. ޑްރަގެވެ.

ޑްރަގަކީ އެންމެންވެގެން ހަގުރާމަކުރަންޖެހޭ އިންސާނީ ހަލާކެވެ.

***

ޖުންޖުލާގެ ނިމުންއައީވެސް ވަރުގަދަ ތޫފާނަކާއެކުގައެވެ. އިރުއެރިގޮތަށް ބޯ ވާރެއާއިއެކު ގުގުރިވިލާތަކުން އުޑުމަތި ބައްދާލައިިއެވެ. އެކަމަކުވެސް ވައިގާ ހިފާފައިވީ ތާޒާކަމާއި އުފާވެރި ރޫހެކެވެ. އާރިކް ސޫޓެއްގައި ހުރިއިރު އޭނަގެ ހިތް ތެޅެމުންދިޔައީ ވަށައިގެންވާ ތޫފާންފަދައިންނެވެ. އަލާނާވެސް އައީ އަބާޔާއާއެކު ހިޖާބު އަޅައިގެންނެވެ. އެހާ ގޮތް ބޮޑުނޫނަސް ކައިވެންޏަށްޓަކާ އެކަށީގެންވާ ހިތްގައިމު ހެދުމެކެވެ. އެލޮލުން ފެނުނީ އުފާވެރިކަމާއެކު ކަންބޮޑުވުމެވެ. އަހެދްއާއި ބާބިލް ނިގާތުބައި ތިބިއިރު ދެކުދިންވެސް ތިބީ އުފަލުން ފޮޅިފައެވެ.

ޖެނީފާ އޭނަގެ މަންމަ ރުގިއްޔާގެ އަތުގައި މަޑުމަޑުން ހިފަހައްޓައިލުމުން މަންމަ ކުޑަކޮށް ބޯ ޖައިލިގޮތުން ބުނެލިފަދައެވެ."ޝިފާ ލިބުމުގައި ލަހެއްނުވާނެ.."

ނިކްސަންގެ ކަރުގައި ކުޑަޓައީއެއް އަޅުވާފައިވާއިރު އެސޮރު މެހުމާނުންނާއެކު އުޅުނުގޮތުން އެންމެންގެ ސަމާލުކަން ލިބުނެވެ. އެހާ އެކުވެރި ލޯބި ބުޅަލެކެވެ. ތަރިއެކެވެ.

ފެއަރީ އަލިތަކުން ޒީނަތްތެރިކުރެވިފައިވާ ފޭލިގެއެއްގައި އާރިކްއާއި އަލާނާގެ ކައިވެނި ކުރެވިގެން ދިޔުމާއެކު އެންމެން ތަހުނިޔާކިޔަންފެށިއެވެ. ޖެނީފާވެސް އުފަލާއެކު އަލާނާއާއި އާރިކްގެ ކޮނޑަށް އަތް ވައްޓައިލިއެވެ.

"އާ ފެށުމަކަށް މަރުހަބާ ދެކުދިންނަށް..ރީތި އެކަމަކުވެސް ބައެއްފަހަރު ލޮއްލިބޮއްލި ގުޅުމަކަށްވިޔަސް....އަދި އަހަރެމެން އެންމެންގެ ބައިވެރިޔަކަށްވާ މި ހިތްގައިމު ޖުންޖުލާ ވާރޭ........"

"އެހެންނު ވާނީ..ޖޫން ކުއްޖަކާއި ޖުލައި ކުއްޖަކު ގުޅުނީމަ ޖުންޖުލާގެ އަސަރުތައް ވަރުގަދަވާނެ....."

"އަދި ލޯބިވެސް ވަރުގަދަވާނެ............އެބަޔެއްގެ އަމިއްލަގޮތުގައި........."އަހެދްވެސް ބައިވެރިވެގެން ސަމާސާގޮތަކަށް ބުނެލިއިރު މުރުތަސިމްއާއި ނަޒަރު ބައްދަލުވިއެވެ. އޭނަގެ މޫނުމަތިން ފެނުނީ ހިތްތިރިކަމާއި އަދަބުވެރިކަމެވެ. ގާތުގައި ޒަވިއާރުއާއި އަލްބާން އަދި އެއާއިލާގެ ބައެއް މީހުންވެސް ތިއްބެވެ. ބާބިލްގެ އާއިލާއަށްވުމުން ދައުވަތު ލިބި އެއާއިލާއާއިއެކު ގުޅުމެއް ފެށުނީއެވެ.

ބާބިލް އޭނަގެ މަންމަގެ ގައިގާ މަޑުމަޑުން ހިފަހައްޓައިލިއެވެ."އަހަރެންވެސް މަންމައަށް މާފުކޮށްފިން....."

"ވަރަށް ލޯބިވެވިއްޖެ ދަރިއާ...."ޖެނީފާ ހިނިތުންވެލަމުން ބާބިލްގެ ނިތްކުރިއަށް ބޮސްދިނެވެ.

ވާރޭ ތުނިކޮށްލާ ރަންކުލައިން އުޑުމަތި ބަބުޅައިލިއިރު އާރިކްއާއި އަލާނާ ފޭލިގެއިން ނުކުމެ އާރިކް އަލާނާގެ އަތުގައި ހިފަހައްޓައިލަމުން އެލޮލަށް ބަލައިލީ މިހުރިހާދުވަހު ފޮރުވައިގެން ހުރި ހުރިހާ ލޯތްބެއް ލޮލަށް ޖަމާކުރަމުންނެވެ.

"އަހަރެން ވައުދުވަން އަބަދުވެސް މި ލޯބި އިތުރުކުރަން މަސައްކަތްކުރާނެކަމަށް ބިރުގަތަސް އަދި ބައެއްފަހަރު އަމިއްލަ ނަފުސަށް އޮޅުން އެރިޔަސް...އަދި ކިތަމްމެ ނުލަފާ ސަމާސާއަކަށްވެސް އެއްބައިވެސް ހޭނެކަމަށް ވައުދުވަން..އަދި އަލާނާއަށް ހައްގުވާވަރުގެ މީހަކަށްވާން މަސައްކަތްކުރާނަން އޯކޭ؟" އާރިކް ހީލިއެވެ.

އަލާނާގެ ހުނުމުގައި ވީ އިޚުލާސްތެރިކަމެވެ.

"އަހަރެންވެސް ވައުދުވަން އާރިކްއަށް ހަމަޖެހުން ލިބޭނެފަދަ ގެއަކަށް އަހަރެމެންގެ ގެ ހަދަން.. އިންޝާﷲ...އޭގެ މާނައަކީ ނިކްސަންއާއެކު ސްޕޮޓްލައިޓް ޝެއާކުރަން ޖެހުނަސް ހެޔޮކަމަށް........."

ދެމީހުންނަށް ހީގަނެވުނީ ގާތުގައި އޮތް ނިކްސަން ސަމާލުކަން ހޯދަން ގޮވަންފެށުމުންނެވެ.

ޖެނީފާއާއި އަލާނާގެ މަންމައާއިއެކު ފުރުގާންވެސް މާޒީ ހަނދާން ނައްތާލީ ދަރިންނަށް އުފާވެރި ދިރިއުޅުމަށް ހޯދަދޭން އަޒުމް ކަނޑައަޅާފައެވެ.

ވާރެއިން ތެމެމުން ދިޔަ ފޭލިގެތަކުގެ ކައިރީގައި ތިބި މެހުމާނުންނަށް ވާެރޭގެ ސަބަބުން އިތުރު އުފާތަކެއްލިބުނެވެ. އެކައިވެންޏަކީ ހަނދާނުން ފިލައިގެން ނުދާނެ ފަދަ ދުވަަކަށްވީއެވެ. އަހެދްވެސް މުރުތަސިމްގެ މެސެޖަށް ޖަވާބުދިނީ އެވާރޭގެ ޖާދޫގައި ޖެހިފައި ހުރެއެވެ. އޭނަ އެކައިވެނީގެ ހުށަހެޅުމަށް އެއްބަސްވާކަމަށް ބުނުމުން މުރުތަސިމްގެ ލޮލުން ކަރުން އޮހިގަތެވެ. މިފަހަރު އުފާވެރިކަމުގެ ކަރުނައެވެ.

"އަލްބާން..އަހަރެން މިއުޅެނީ މެރީކުރަން.."ބާބިލް މެސެޖްކޮށްލިއެވެ.

"އަދި މަޑުކުރޭ...."އަލްބާންގެ ޖަވާބުއައެވެ.

"ކިހާ ދުވަހަކަށް..."

"އަހަރެންގެ ހިތުން ބާބިލްގެ ނަން ފިލާ ހިތަށް ހަމަޖެހުން ލިބެންދެން..."

ބާބިލްއަށް އިތުރަށް މެސެޖްކުރާކަށް ނުކެރުނެވެ. އަލްބާންގެ ހިތްއޮތްގޮތް އޭނައަށް އެނގިއްޖެއެވެ. އެހިތް އިތުރަށް ހަލާކުކޮށްލާފައި އަދި ދިރިއުޅުމެއް ފަށަން ލާހިކެއްނޫނެވެ. އޭނަވެސް ކެތްކުރާނެއެވެ. އިންތިޒާރުުކުރާނެއެވެ. ﷲތައާލާއަށް ދުޢާކުރާނެއެވެ. ކޮންމެވެސް ދުވަހަކުން ދުޢާ އިޖާބަކުރައްވާނެކަމަށް އޭނަ ގަބޫލުކުރެއެވެ.

ކޮންމެގޮތެއްވިޔަސް ގިނަ ހިތްތަކަށް ޝިފާ ލިބި ދެވަނަ ފުރުސަތުތައް ދެވި ލޯތްބާއި މާފާއެކު އާއިލާއެއް ގެއާއި ދިމާލަށް މިސްރާބުޖެހީ އުފަލުންނެވެ.

ނިމުނީ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު