ބޮކްސް އޮފީހުގެ ރެކޯޑުތަކެއް މުގުރާލި، ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާގެ ފިލްމު "އެނިމަލް" މިފެށޭ އަހަރުގެ ފެބްރުއަރީ މަހު ޖަޕާނުގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބުޝަން ކުމާރުގެ ޓީ-ސީރީސްއަށް ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ އުފެއްދި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ފިލްމަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެހެންނަމަވެސް އިންޑިއާގެ އިތުރުން ބޭރުގެ މާކެޓްތަކުގައި ވެސް ފިލްމަށް ލިބުނު ތަރުހީބު ދިޔައީ ބޮޑުވަމުންނެވެ.
ފިލްމު "އެނިމަލް"ގެ ލީޑް އެކްޓަރުގެ ގޮތުގައި ރަންބީރު ކަޕޫރު ފެނުނުއިރު ފިލްމުގެ ކާސްޓުގައި ހިމެނުނު އިތުރު ތަރިންގެތެރޭ ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ، ތުރިޕްތީ ދިމްރީ، އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ކުރީގެ އެކްޓަރު ސުރޭޝް އޮބޮރޯއި ހިމެނެއެވެ.

ފިލްމު "އެނިމަލް" ޖަޕާނުގައި ރިލީޒްކުރާކަން އިއުލާނުކުރި ޕޯސްޓު އެކްސްގައި ހިއްސާކޮށްފައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނު ތުރިޕްތީ އާއި ބޮބީ ފިލްމުގައި ފެނުނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް "އެނިމަލް" ފިލްމަށްފަހު އެ ތަރިންނަށް ބޮލީވުޑްއިން އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެފައެވެ. ރަންބީރު ކަޕޫރުގެ މޮޅު އެކްޓިންގް ހުނަރު ދައްކާލި "އެނިމަލް"އަށް ލިބުނު ކާމިޔާބީއާ އެކު ފިލްމުގެ ދެވަނަ ބައެއް ވެސް އުފައްދާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ފިލްމު "އެނިމަލް" ޖަޕާނުގައި ރިލީޒްކުރާނެކަން ފިލްމު ގެނެސްދިން އެއް ކުންފުނި ކަމަށްވާ ބަދުރަކަލީ ޕިކްޗާސްއިން ކަށަވަރުކޮށްދެމުން ބުނެފައި ވަނީ އެ ފިލްމު ޖަޕާނުގައި ރިލީޒްކުރަން ނިންމާފައި ވަނީ ޖަޕާނު ބަހުން ޑަބްކޮށްގެން ކަމަށެވެ.
ޖުމްލަ 100 ކްރޯޑް ރުޕީސް (11.1 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި "އެނިމަލް"އަށް އާމްދަނީގެ ގޮތުގައި 917.82 ކްރޯޑް ރުޕީސް (102.2 މިލިއަން ޑޮލަރު) ލިބުނެވެ.