ސްކޫލު ބަންދާއެކު ދަތުރުތައް ގިނަވާއިރު މޫސުން ރަނގަޅު، ނުސާފީ ވައި

މީހުން ރަށްރަށަށް ފުރަނީ: މާދަމާ ސްކޫލުތައް ބަންދު ވާތީ ވަރަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރޭ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި, މާދަމާ ސްކޫލުތައް ބަންދުވާއިރު, މުޅި ރާއްޖެއަށް ވެސް ޖުމުލަކޮށް މޫސުން ރަނގަޅު ކަމަށް މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މާދަމާ ސްކޫލުތައް ބަންދުވުމާއެކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުތައް ކުރަން ވަނީ ނިންމާފައެވެ. ޑޮމެސްޓިކް ފްލައިޓްތަކާއި ލޯންޗް ފަހަރާއި ބޯޓް ފަހަރުތަކަށް ވެސް ޑިމާންޑް ބޮޑެވެ.

މެޓް އޮފީހުން މިއަދު "ސަން"އަށް މައުލޫމާތު ދިންގޮތުގައި ކުރިއަށް އޮތް ތިން, ހަތަރު ދުވަހު ވެސް މުޅި ރާއްޖެއަށް ވެސް ދަތުރުފަތުރު ކުރެވޭ ވަރަށް މޫސުން ރަނގަޅު ވާނެ ކަމަށެވެ. އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ދެކުނަށް ކޮންމެ ވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.

އުތުރާއި ދެކުނަށް ވައި ޖެހެމުން ދަނީ ތިން މެއިލާއި 13 މެއިލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓުން ބުންޏެވެ. އަދި، މެދު ރާއްޖެ ތެރެއަށް 10 މެއިލާއި 20 މެއިލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެއެވެ.

މުޅި ރާއްޖޭގެ ވެސް, ކަނޑުތައް ޖުމުލަ ގޮތެއްގައި މަޑުވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މުޅި ރާއްޖެއަށް މޫސުން ރަނގަޅު ނަމަވެސް, މި ދުވަސްކޮޅު ދިމާވެގެން އުޅޭ ވައި ނުސާފުވުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް މެޓުން ބުނެއެވެ. އެގޮތުން ކުރިއަށް އޮތް ތިން, ހަތަރު ދުވަހު ވެސް ވައި ނުސާފު ކަމަށާއި އެންމެ ވައި ނުސާފީ މާލެ ހިމެނޭ މެދު ރާއްޖެ ތެރެއަށް ކަމަށް މެޓުން ބުނެއެވެ.

comment ކޮމެންޓް