"އަގުހުރި ވަގުތުތައް ބޭކާރުކޮށް ނުލާ ދިރިއުޅުމުގެ މަގުސަދު ހާސިލުކުރަން މަސައްކަތްކުރާށެވެ. ދުނިޔެއަކީ ކުޑަދުވަސްކޮޅެއްގެ އުފަލެކެވެ."
***
ހުކުރުދުވަހު ރުމައިސާ ހަމްޒާއާއި މިރިއަމްއަށް ދައުވަތުދިނެވެ. މިިރިއަމްއެކަމާއި ދެކޮޅުހަދާފައިވެސް ހަމްޒާއަށްޓަކާ ދާން އެއްބަސްވީއެވެ. ނޫނީ ހަމްޒާ އެކަމާއި ފިކުރުކޮށް ހިތާމަކުރާނެއެވެ. މިއީ ހަމައެކަނި ސަޔަށް ދިން ދައުވަތެއްނޫންކަމަށް އޭނަގެ ހިތް ބުނަނީއެވެ.
އާއްމުކޮށް ވާހަކަފެށެނީ އަރައިރުމަކުން ނޫނެވެ. ދުވަހަކުވެސް އެގޮތަށް އެކަމެއް ނުހިނގައެވެ.
ސަޔަށްފަހު އެންމެން އިށީދެލައިގެން ތިބީ ކާކޮޓަރީގައިވާ އަރާމު ސޯފާތަކުގައެވެ. މަތީގައި އެލުވާފައިވާ ޗާންދަލިއާއި ދޫލަތަކުން އެތަނުގެ ހައިބަތު އިތުރުކުރުވައެވެ. ރުމައިސާ ގިނައިން ވާހަކަދެއްކީ ހަމްޒާއާއެވެ. އެންމެފަހުންގޮސް ތަންކޮޅެއް ނާޒުކް މައުޟޫއަކާއި ހަމައިން މިރިއަމްގެ ހިއްސުތަކަށް ވާންވެލިއެވެ. ހަނާންވެސް ކުޑަދޮރުކައިރީގައި ހުރެ ދޮރުފޮތިތައް މަޑުމަޑުން ކަހައިލިއެވެ.
"މަރްވާ ދުވަސްކޮޅަކު މިގޭގައި ބަހައްޓަންޖެހޭ...ހުރިހާކަމެއް ހަމަޔަކަށް އެޅެންދެން..."
މިރިއަމްއަށް އިސްއުފުލައިލެވުނެވެ. އޭރު މަރްވާ ކުޅޭއެއްޗެއް ހިފައިގެން އޭނައާއި ހަމްޒާގެ ދެމެދުގައި ހުރީ ނިކަން ހަމަޖެހިފައެވެ."މިތަނުގައި؟ ކީއްވެ؟"
ރުމައިސާ ވަގުތުން ޖަވާބެއްނުދެއެވެ. އޭނަގެ ނަޒަރު ހުއްޓުނީ ހަނާންއަށެވެ. އަބަދުވެސް ޝާހީކޮށް ހެދުން އަޅައިގެން ފަރިކޮށެވެ. ހަށިގަނޑު ސީދާވެފައި އަމިއްލަ ނަފުސަށް އިތުބާރު އޮންނަ އަންހެންކުއްޖެކެވެ. މަސައްކަތަކާއިނުލާ ހުރިހާ ސިފަތަކެއް ލިބިފައިވާކަން ޚުދު މިރިއަމްވެސް ދަނެއެވެ.
"ހަނާންއަށް ވަގުތުވާނެ...އޭނަ ހުންނަނީ ގޭގައި...ހުރިހާގޮތަކުންވެސް ސްޓޭބަލް. މަރްވާ ބޭނުންވަރަކަށް ސަމާލުކަން ދޭނެ.."
"މަރްވާ އަދި ބުނޭ ނުފެންނަ މީހަކާއި މިރިއަމް ވާހަކަދައްކަނީއޭ..."
މިރިއަމްގެ މޭގައި ލައްކިއެއްޖެހިއެވެ.
"ދަރިފުޅަށް ބޭނުންވާހާ ސަމާލުކަމެއްދެން.."އޭނަ ލަސްލަހުން ބުނެލިއެވެ." ބޭނުންވާހާ ކަމެއްފުރިހަމަކޮށްދެން..."
"މިރިއަމް..އެއްވެސް މީހަކު މަންމައެއްގެ ލޯތްބާއިމެދު ސުވާލެއް ނުއުފައްދާނެ...އެކަމަކު ބައެއްފަހަރު ލޯބިން ނުފުދިފައިވާ ފަހަރު އަތުވެދާނެ.މިއީ އެފަދަ ހާލަތެއް..
"މަންމާ...ޕްލީޒް..އަނެއްކާ ތިވާހަކަ ނުދައްކަފާނަންތަ؟ މިރިއަމް އެކަންޏެއް........."ހަމްޒާއަށް ކެތްނުކުރެވުނެވެ.
"ހަމްޒާ...."ރުމައިސާ އެ ޖުމްލަ ހުއްޓުވީ އަޑަށް ހަރުކަށިކަމެއް ގެންނަމުންނެވެ."ހަމްޒާއަށް ހުރިހާ ކަމެއް ފެނިފައިވަނީ..."
މިރިއަމްއަށް ކުއްލިއަކަށް މަރްވާ ގެނެސް ބައްދައިލެވުނީ ބޭއިޚުތިޔާރުގައެވެ.
'އެއީ އެންމެ ފަހަރަކު...."އޭނަ ބުނެލިއެވެ."އެންމެ ކުށެއް.."
ހަނާން ކުރިމަތީގައި ހުއްޓިލަމުން މަރްވާގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އެއަޑުގައި ހަމަޖެހުންވިޔަސް ތޫނުކަމެއް ހުއްޓެވެ."މަރްވާއަށް ރައްކާތެރިކަން ދެވިދާނެ...އަހަންނާއެކު ބަހައްޓާ..."
"ނުވާނެ ތިކަމެއް.."މިރިއަމްގެ އަޑު ބާރުވިއެވެ.
ކޮޓަރިތެރެއަށް ހިމޭންކަންވެރިވިއެވެ. ހަނާން ބުމަ ހިއްލައިލީ ހައިރާންވެފައެވެ.އިހާނެތި ކަމަކަށް އޭނަ ނުދެކުނެވެ."ހަމަ މިބަލަނީ އެހީތެރިކަން ފޯރުކޮށްދޭން.."
"ނޫން..."މިރިއަމް ފުންމައިގެން ތެދުނެވެ."މަގޭ ހައްގެއް ފޭރިގަންނަން ތިއުޅެނީ..."
"މިރިއަމް...އިޓްސް އޯކޭ..އިށީދޭ.."ހަމްޒާވެސް ތެދުވުނެވެ.
"އަޑުއިވުނެއްނު..ނީވޭތަ؟ އޭނަ ބުނި އެއްޗެއް އިވުނެއްނު...."އޭނަގެ ނަޒަރު ހަމްޒާއަށް ހުއްޓުނުއިރު ލޮލުން އަލިފާނުގެ އާވި އަރާފަދައެވެ.
"މިރިއަމް...މިއީ ކޮންމެހެން ހައްގުގެ ވާހަކައެއްނޫން...މިއީ ވަޓްސް ބެސްޓް ފޯ ދަ ޗައިލްޑް..."
"ދަރިފުޅު" އެ ލަފުޒު މިރިއަމްގެ ކަންފަތަށް އިވނީ މާ ދުރުން އަޑު ކެނޑިގެން އައިފަދަގޮތަކަށެވެ. ހަނާން ވާހަކަދައްކަމުން ދިޔައީ އޯގާތެރިކޮށް އަދި ހަމްދަރުދީއިން ފުރިފަެވެ."މިރިއަމް ދުވަސްކޮޅަކަށް އަރާމު ބޭނުން...ސިއްހަތަށް ސަމާލުކަން ދޭން ވަގުތު ބޭނުންވޭ..މަރްވާ ކޮންމެގެން ނަގައިގެން ދުރަށް ގެންދާކަށް ނޫން...ވަކިކުރާކަށް ނޫން..މަރްވާ ހަމަ ވާނީ މިރިއަމްގެ.....
އެ ބާރު އެތިފަހަރު ގުގުމައިލި ސިކުންތުކޮޅު އެކަކަށްވެސް ވަގުތުން އެކަން ނަގައިނުގަނެވުނެވެ. ހަނާންވެސް ކޯތާފަތުގައި އަތް އަޅަމުން ލިބުނު ޝޮކާއިއެކު ލޯބޮޑުކޮށްލަމުން ފަހަތަށް ވިއްސައިގެން ދިޔަގޮތަށް ހަށިގަނޑު ސަމާލުކުރެވުނީ ހަމްޒާއަށް ހިފެހެއްޓުނުކަމުންނެވެ. މަރްވާ ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތްއިރު ހަމްޒާއަށް ހިފުނީ މިރިއަމްގެ އަތުގައެވެ. ހިމާޔަތް ދިނުމުގެ ނިޔަތުގައި އަވަހަށް ކޮށްލެވުނު ހަަރަކާތެކެވެ. ޖިސްމާނީގޮތުން ނޫނަސް މިރިއަމްއަށް ތަދުވީ އިންތިހާއަށެވެ. އޭނަގެ ލޮލަށް މަންޒަރު ނަގައިގަނެވުނީ އެހެން ގޮތަކަށެވެ.
"މިރިއަމް..ސްޓޮޕް...."
ޔޫ ޗޫޒް ހާ" އޭނަ ބާރަށް ނޭވާލަމުން ހަމްޒާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ހަމްޒާ އޭނަގެ އަތުން ދޫކޮށްލިއެވެ.
"ނޫން މިރިއަމް ތިހީކުރަނީ ރަގަޅަކަށް ނޫން.."
އޭނަ އެތަނުން ދާންވެގެން އެނބުރުނެވެ.
ރުމައިސާ ކޮޅަށް ތެދުވުނުއިރު ޖަޒުބާތު މަތަކުރެވޭވަރެއްވެސް ނުވިއެވެ.
"އިނަފް...."އަޑު ފިނިކަމުން ގަނޑުފެންފަދައެވެ."އަހަރެން ބުނި ޕޮއިންޓް ޔަގީންކޮށް މިދިނީ..."
އޭރުވެސް މަރްވާ ރޮމުން ތުރުތުއަޅަމުން ރުމައިސާގެ ފައިގާ އޮޅުލައިގެން ހުއްޓެވެ. އެ މަންޒަރުން މިރިއަމްގެ ހިތް ހަލާކުވެ ފަޅިފަޅިވެގެން ދިޔައެވެ.
"ދަރިފުޅު.."އޭނަ މަރްވާއާއި ދިމަލަށް އަތްދިއްކޮށްލިއެވެ. މަރްވާ ބިރުން ފަހަތަށް ޖެހުނުގޮތުން އިތުރަށް ހިތަށް އަނިޔާވިއެވެ. މީހެއްގެ ބޭވަފާތެރިކަމުންވެސް ހިތަށް އެވަރަށް އަސަރުނުކުރާނެއެވެ.
"މަރްވާ ބިރުގަނެފައި މިހިރީ...އެވަރުވާނެއްނު..."ރުމައިސާ މަމަދަރިފުޅުގެ ބޮލުގައި ފިރުމައިލަމުން އުރައިލިއެވެ.
"އަހަރެން ދަރިފުޅަށް އަނިޔާއެއް ނުކުރާނަން. ދުވަހަކުވެސް..."އޭނައަށް ނޭވާވެސް ނުލެވުނެވެ.
"އަހަރެން މެޑިކަލް ރިޕޯޓްސް ދެކެފިން...ކުރިއަށް އޮތީ ކޮންކަހަލަ ދުވަސްތަކެއްކަން އެނގޭ.. ވަގުތު ފާއިތުވަންދެން އިންތިޒާރެއް ނުކުރެވޭނެ..."ރުމައިސާގެ އަލިފާނުގެ ބެލުން އަމާޒުވީ ހަމްޒާއަށެވެ.އަދި އޭނަ ތަންކޮޅެއް ކައިރިއަށް ގުދުވެލިއެވެ." ޚިޔާލުކުރާވަރަށްވުރެ ކަސްޓަޑީ ފަސޭހަވާނެ.."
އެ ލަފުޒު ތިލައެއްގެ މިޔަހާ ތޫނެވެ. މިރިއަމްގެ މެޔަށް ފިނިވެ މުޅި ދުނިޔެވެސް ހުއްޓުނެވެ. ނަމަވެސް އޭނަ ދެކޮޅަށް އެއްޗެއް ނުބުނިތާގައި ހަޅޭއްލަވަ އަޑުގަދަކުރާކަށްވެސް ނޫޅުނެވެ. އޭނަ ބާރަށް ހިނގާފައިގޮސް އެތަނުން ނުކުތެވެ. މިރިއަމް ގެއިން ނުކުތްކަން ހަމްޒާއަށް ވިސްނުނީ މައިދޮރު މަޑުމަޑުން ލެއްޕުނުއަޑަށެވެ.
""މިރިއަމް..."އޭނަ އަވަހަށް ތެދުވެގެން ނުކުތްއިރު އެއްވެސް ހިލަމެއްނުވިއެވެ. ފިޔަވަޅުތައް ކިތަންމެ އަވަސްކޮށްލާފައި ދިޔަސް މިރިއަމް އެއަށްވުރެ އަވަހެވެ. ދޮރާށި ހުޅުވައިލިއިރު މަގުގެ ކާރޫބާރޫ ބޮޑެވެ. ކާރުތަކާއި ދެކޮޅަށް ހިނގާ މީހުންނެވެ. މިރިއަމް ފެންނާކަށް ނެތުމުން އޭނަގެ ހާސްކަން އިންތިހާއަށް ދިޔައެވެ.
***
މިރިއަމް މިސްރާބެއް ނެތި ހިނގަމުން ދިޔައެވެ. އޭނަގެ ފިޔަވަޅުތައް އޭނަ އެކި ދިމާލަށް ގެންދިޔައެވެ. ބައެއް ތަންތަން ދެނެ ފަރިތަކަމުގެ އިހުސާސްކުރެވުނެވެ. ޚާއްސަކޮށް އޭނަ މަންމައަށް ކެމޮމައިލް ސައިފަތް ގަންނަ ފިހާރައަށް ވަދެވުނެވެ. އޭރު އޭނަގެ ސިކުނޑިވަނީ ފަޅައިގެންގޮސްފައިހެން ހީވިއެވެ. ޚިޔާލުތައް އެކި ދިމާލުން އެކަނި އަނެކައްޗާއި ދިމާނުވެ މިސްރާބު އޮޅިފައެވެ. އޭނަގެ ފޯނު ރިންގުވިއެވެ. އޭނަ ޖަވަބެއްނުދީ ވަނީ ހަނި ގޯޅިއަކަށެވެ. ވާރެއާއި ހިރަފުހުގެ ވަސް އެކުވެ ނޭވާއަށް އުދަގޫވާގޮތްވިއެވެ. ބިރުން ނޫނަސް ހިތް އާދަޔާ ޚިލާފުގޮތަކަށް ތެޅިގަތެވެ.
"އެމީހުން ދަރިފުޅު ގެންދަނީ..." ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ވައި އަޑަކުން ކިޔައިލިއެވެ." ގެންގޮސްފި.."
"ނޫން.ނޫން....."އޭނައަށް ކަންފަތުގައި އަތް އަޅައިލެވުނެވެ."ނޫން..."
އޭނައަށް ޕޭވްމެންޓްގެ އެއްފަރާތުގައި އިށީދެލެވުނީ ހިނގާނެ ހިތްވަރު ގެއްލުމުންނެވެ. ކަކުލުގައި މޭޖައްސާލައިގެން އިންދާ ދުނިޔެ ފުސްވާންފެށިއެވެ.
***
ހަމްޒާ އެތައް އިރެއްވާންދެން މިރިއަމް ހޯދަން މަސައްކަތްކުރިއެވެ. ބައެއް މަގުތަކުން ދެތިން ފަހަރު ކާރުދުއްވިއެވެ. އެތައް ފަހަރަކު މިރިއަމްއަށް ގޮވިއެވެ. އަޑު ކެނޑޭވަރު ވަންދެނެވެ. އޭނަ ލައިލާއަށާއި ހޮސްޕިޓަލަށްވެސް ގުޅިއެވެ. އެހެން މީހުންގެ މަދަދު ހޯދަން ގުޅުނު އަދަދެއްވެސް ނޭގެއެވެ. ރޭގަނޑު އައުމުން އޭނަގެ ހިތުގައިވި ބިރުވެރިކަން އެތައް ގުނައިތުރުވިއެވެ. އަމިއްލަ ނަފުސްދެކެ ރުޅިއާދެވުނެވެ. ކުށްވެރިކުރިއެވެ. އޭނަގެ ފަރުވާކުޑަކަމާއިހެދިއެވެ. ކުޑަކުއްޖެކޭ މިރިއަމް ހުންނާނީ ކޮންތަފަތެއްހެއްޔެވެ؟ ކުށްވެރިއަކީ އޭނައެވެ. އެންމެފަހުން މިރިއަމް ގެއްލުނީއެވެ. އެންމެފަހުން ކާރު މަޑުކޮށްލެވުނީ ބަދަރުކައިރިއަށެވެ. ހުންގާނުގައި ބާރަށް ހިފަހައްޓާލައިގެން އިންއިރު ކޯތާފަތް ތެމެމުން ދިޔައީ ހޫނު ކަރުނައިންނެވެ.
***
މިރިއަމްއަށް އެތަނުގައި އިނދެވުނީ ކިހާ އިރެއްވާންދެން ކަމެއްވެސް ނޭގުނެވެ. ވާރޭގެ ބޯ ތިކިތަކުން އޭނަ ތެންމާލުމާއެކު ހެދުން ގަޔަށް ހިފައިލިއެވެ. ރޫރޫއަޅާގޮތްވިއެވެ. އެވަރުންވެސް ހަރަކާތްކުރަން ހިތަށް ނޭރިއެވެ. އެހެން ދިޔަ މީހަކަށް މިރިއަމްގެ ހާލު ފެނިގެން ކައިރިއަށް އައެވެ."ކިހިނެއްވެފައި؟ އެހީތެރިކަމެއް ބޭނުންތަ؟"
"މިއުޅެނީ ދަރިފުޅު ނުފެނިގެން..." އެލޮލުގައިވީ ހުސްކަމެވެ.
"އެންމެފަހުން ދުށީ ކޮންތަނަކުން؟"އެމީހާގެ ލޮލުން ކަންބޮޑުވުމާއި ހަމްދަރުދީގެ އަސަރު ފެނުނެވެ.
މިރިއަމް އަނގަ ހުޅުވައިލިނަމަވެސް އެއްވެސް އެއްޗެއް ނުބުނެވުނެވެ.
އެންމެފަހުން ހަމްޒާއަށް މިރިއަމް ފެނުނީ ދަންވިފަހުންނެވެ. މިރިއަމް އިނީ ބީޗްގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެންނެވެ.
"އަލްމަދުލިﷲ..."ހަމްޒާ އަވަހަށް ކާރުން ފައިބައިގެން ދުވެފައި ކަހަލަގޮތަކަށްގޮސް ބެންޗުކައިރިއަށް ކުޑަކަކޫމައްޗަށް ތިރިވިއެވެ. މިރިއަމްގެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ. މިރިއަމްގެ ނަޒަރުގައިވީ ބީރައްޓެހިކަމެވެ. އޭނައަށް ހަމްޒާ ވަކިކުރާކަށް ނޭގުނެވެ.
"މިރިއަމް..އަހަރެން ނޭގުނުތަ؟" އޭނަގެ އަޑު ބެދުނެވެ.
"ކަމަކާ ކަންބޮޑުވެފައި ތިހިރީ؟" މިރިއަމް އެމޫނު ރަގަޅަށް ދިރާސާކޮށްލިއެވެ. އެވަގުތު އޭނައަށް ހީވީ އެތެރެހަށިން އެއްޗެއް ކުދިކުދިވެ ފައިބައިގަތްހެންނެވެ. އޭނަ އެދުވަހެއް ދެކެން ބޭނުންނުވި ދުވަސް ބޯމަތިވީއެވެ.
"އައިމް ސޮރީ މިރިއަމް..." އޭނަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެންމެ ކުރިން މާފަށް އެދެންވީ ކޮންކަމަކާކަމެއްވެސް ނޭގުނެވެ.
ނުނިމޭ