އުރީދޫއިން 6 އޯލް ޓެރެއިން ވެހިކަލް ދޭ ޕްރޮމޯޝަނެއް

އުރީދޫ ޕްރޮމޯޝަންގެ ދަށުން ދޫކުރާ އޭޓީވީ: މިއީ އަންނަ އަހަރުގެ ކޮންމެ ދެ މަހުން އެއް މަހު އޭޓީވީ ވެހިކަލެއް ލިބޭ ޕްރޮމޯޝަނެއް -- ފޮޓޯ: އުރީދޫ

އަންނަ އަހަރާ ދިމާކޮށް، އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ތައާރަފުކޮށްފިއެވެ.

އުރީދޫ އިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން އަން އަނަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ ހިމެނޭނެ ކަމަށެވެ. މި ހަ ލަކީޑްރޯގެ ދަށުން ހަ ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.

މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި، ފައިނަލް ގްރޭންޑް ޕްރައިޒަށް ގުރުއަތުލުން އޮންނާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަަށް އުރީދޫއިން ބުންޏެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އުރީދޫގެ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުސަދުގައި ކުރިއަށްދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވެއެވެ. އެގޮތުން އުރީދޫގެ ޚިދުމަތްތައް އާންމު ދިރިއުޅުމުގައި ބޭނުން ކޮށްގެން، ރަށު ދިރިއުޅުމަށް އެންމެ އެކަށޭނެ އޯލް ޓެރެއިން ވެހިކަލް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތާއެކު މުޅި އަހަރު ކުރިއަށްދާނެ މި ޕްރޮމޯޝަނަކީ އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހުޅުވާލާ ފުރުސަތެއް،" ޚާލިދު ވިދާޅުވިއެވެ.

އުރީދޫ ޕްރޮމޯޝަންގެ ދަށުން ދޫކުރާ އޭޓީވީ-- ފޮޓޯ/ އުރީދޫ

މި ގުރުއަތުގައި ބައިވެރިވުމަށް އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ފަދަ ޚިދުމަތްތަކަށް ސަބްސްކްރައިބް ކުރުމަށް އުރީދޫއިން އެދިފައިވެއެވެ. އަދި ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ޚިދުމަތް ބޭނުންކުރުމަށް މަހަކު 400 ރުފިޔާ ޚަރަދުކޮށްފައިވުމަކީ ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ގުރު ނަގާ ތާރީޚު ޖެހުމުގެ ކުރިން މެދުކެނޑުމެއްނެތި އުރީދޫގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ވެސް ޝާމިލުވާނެ ގޮތަށްކަން އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް