ގާޒީކަމުން ފާއިޒް ވަކިކުރަން ޖެހުނު މައްސަލައިގައި ހިމެނޭ، އަންވަރުގެ މައްސަލަ ބަލައިގަންނަށް އަމުރުކޮށްފި

ކްރިމިނަލް ކޯޓުން މި ފަހުން ވަކިކުރި ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ދޫކުރި މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފިއެވެ.

އަލީ އަންވަރު މުހައްމަދުގެ މައްސަލަ ބަލައިގަންނަށް ހައިކޯޓުން އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ދައުލަތުން ހައިކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރުމުންނެވެ.

އެ މައްސަލަ ފުރަތަމަ އިސްތިއުނާފުކުރުމުން، ހައިކޯޓަށް ބަލައި ނުގަންނަން ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސަހުނާ އަބްދުއްސަމަދު ނިންމައި، މައްސަލަ އެ ކޯޓުން ބޭރުކޮށްލިއެވެ. ނަމަވެސް, ދައުލަތުން ސަހުނާގެ ނިންމުން ރިވިއުކުރަން ހުށަހެޅީއެވެ.

https://sun.mv/213676

އެ ހުށަހެޅުމާ ގުޅިގެން ތިން ފަނޑިޔާރުންގެ އިއްތިފާގުންވަނީ އެ މައްސަލައިގައި އެސިސްޓެންޓް ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށްފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން، ގާޒީ ފާއިޒް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ އެއް މައްސަލައަކީ އަންވަރުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވާ އަންވަރު، ދޫކޮށްލާފައިވަނީ ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެއެވެ. އަންވަރު ދޫކޮށްލި ސަބަބެއް ކަމަށް ގާޒީ ފާހަގަކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ފުލުހުން އަމަލުކުރި ގޮތެވެ. އެއީ، އަލީ އަންވަރު މުހައްމަދު ހައްޔަރުކުރުމުގެ އަމުރަކާއި އޭނާގެ ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއް އޮވެމެ، އިޖުރާއަތުތަކާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.

https://sun.mv/214789

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވިފައިވާ އަންވަރު، ފުލުހުން އަމަލުކުރި އިޖުރާއަތުތައް ގޯސް ކަމަށް ބުނެ ދޫކޮށްލުމުން ފުރައިގެން ދިޔައީ ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ ދިޔަ ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން އަލުން އޭނާ ހައްޔަރުކުރިއެވެ.

ރިކޯޑްތަކުން ދައްކާ ގޮތުން، އަންވަރަކީ 2019 ވަނަ އަހަރު އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާކުރި މީހެކެވެ. އެގޮތުން، 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން އަތުލައިގަތް އީރާނުގެ ބޯޓެއްކަމަށްވާ ''އަލްޝަބާން'' އިން 70 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ފަސް ދިވެހިންނާއި އީރާންގެ ހަ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކުރި ކޭސްގެ ބޮޑެއް ކަމުގައި ފުލުހުން ތުހުމަތުކުރީ އަންވަރަށެވެ.

comment ކޮމެންޓް