އެމެޒޯންއާ ވާދަކުރުމަށް ޓިކްޓޮކް ޝޮޕުން ޑިޖިޓަލް ގިފްޓް ކާޑު ތަޢާރަފުކޮށްފި

މި ގިފްޓް ކާޑުތައް 10 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަދަދަކަށް ޓޮޕް-އަޕް ކުރެވޭނެ ---

އޮންލައިން ވިޔަފާރީގެ ދާއިރާގައި ނަގާކިޔާ އެމެޒޯން އަދި އީބޭ ފަދަ ކުންފުނިތަކާ ވާދަކުރުމުގެ ގޮތުން، ޓިކްޓޮކް ޝޮޕުން "ޑިޖިޓަލް ގިފްޓް ކާޑު" ގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

މިއީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ރަހުމަތްތެރިންނާއި އާއިލާ މީހުންނަށް އެޕްގައި ހުންނަ މިލިއަނެއްހާ އުފެއްދުންތަކުގެ ތެރެއިން ހަދިޔާ ގަނެދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރި ފީޗާއެކެވެ.

ޓިކްޓޮކުން ދާދި ފަހުން ވަނީ ލަގްޒަރީ ރީޓެއިލް ވިޔަފާރީގެ ތެރެއަށްވެސް ވަދެ، އީ-ކޮމާސް ދާއިރާގައި އެކުންފުނީގެ ފައިތިލަ ސާބިތުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ބޭނުންކުރާ ފަރާތްތަކަށް މި ގިފްޓް ކާޑުތައް 10 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަދަދަކަށް ޓޮޕް-އަޕް ކުރެވޭނެއެވެ. މި ކާޑުތަކުގެ ޚާއްޞަ ކަމަކީ އުފަންދުވަސް، ކައިވެނި ޕާޓީ އަދި ޝުކުރު އަދާކުރުން ފަދަ މުނާސަބަތުތަކާ ގުޅޭ ތަފާތު އެނިމޭޓެޑް ޑިޒައިންތައް ބޭނުންކޮށްގެން ކާޑު "ޕާސަނަލައިޒް" ނުވަތަ އަމިއްލަ ގޮތްތަކެއް ގެނައުމުގެ ފުރުސަތު އޮތުމެވެ.

މި ކާޑު ފޮނުވޭނީ އީމެއިލް މެދުވެރިކޮށް ---

މި ކާޑު ފޮނުވޭނީ އީމެއިލް މެދުވެރިކޮށެވެ. ކާޑު ލިބޭ ފަރާތުގެ ޓިކްޓޮކް އެކައުންޓެއް އޮންނަން ޖެހޭއިރު، ކާޑު ރިޑީމް ކުރުމުން އޭގެ އަގު ވަގުތުން އެމީހެއްގެ "ޓިކްޓޮކް ބެލެންސް" އަށް ޖަމާވާނެއެވެ. ކާޑު ލިބޭ ފަރާތަށް އަނބުރާ ޝުކުރުގެ މެސެޖެއް ނުވަތަ ގިފްޓް ކާޑެއް ފޮނުވުމުގެ ފުރުސަތުވެސް އޮވެއެވެ. ނަމަވެސް މިވަގުތު މި ޚިދުމަތް ލިބެން ހުރީ ހަމައެކަނި އެމެރިކާގައެވެ.

ޓިކްޓޮކުން ރާވާފައިވަނީ ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ކުރީކޮޅު، ގިފްޓް ކާޑާއެކު ވީޑިއޯ މެސެޖު ފޮނުވުމާއި، ހަދިޔާ ކަނޑާއިރު ފެންނަ ރިއެކްޝަން ވަގުތުން ރެކޯޑު ކުރެވޭ ފަދަ "އިންޓަރެކްޓިވް އަންބޮކްސިން" ފީޗާތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތް ތަޢާރަފުކޮށްފައި މިވަނީ، ނިމިދިޔަ ބްލެކް ފްރައިޑޭ އަދި ސައިބާ މަންޑޭގެ 4 ދުވަހުގެ ތެރޭގައި ޓިކްޓޮކް ޝޮޕް މެދުވެރިކޮށް އެމެރިކާގައި 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ވިޔަފާރިއެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ އެ ކުންފުނީގެ ވިޔަފާރިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ވިޔަފާރި ރަނގަޅުވި ނަމަވެސް، އެމެރިކާގައި ޓިކްޓޮކްގެ މުސްތަޤުބަލާމެދު އަދިވެސް ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ އިންވެސްޓަރުންނަށް އެޕް ވިއްކާލުމަށް މަޖުބޫރުކޮށް، ނޫންނަމަ އެޕް މަނާކުރާނެ ކަމުގެ އިންޒާރު އޮތް ނަމަވެސް، ރައީސް ޓްރަމްޕް ވަނީ އެޕް ވިއްކާލުމުގެ މުއްދަތު 23 ޖެނުއަރީ 2026 ގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު