ހިރިމަރަދޫގައި މީހުން އުޅެނިކޮށް، އެ ރަށު ކައުންސިލް އުވައިލިކަމަށް ތުހުމަތުކޮށްފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ: އޭނާ ވަނީ މީހުން ދިރިއުޅެމުން ދަނިކޮށް ހިރިމަރަދޫގެ ރައްޔިތުން، އެ އަތޮޅު ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާފައިވާކަމަށް ތުހުމަތުކުރައްވައިފަ ---- ސަން ފޮޓޯ/ މޫސާ ނަދީމް

މީހުން ދިރިއުޅެމުން ދަނިކޮށް، ރާއްޖޭގައި އާބާދީގެ ގޮތުން މީހުން އެންމެ މަދު ރަށްތަކުގެ ތެރޭ ހިމެނޭ ހދ. ހިރިމަރަދޫގެ ކައުންސިލް އުވާލައި، އެ އަތޮޅު ހަނިމާދޫ ކައުންސިލަށް ވޯޓުލާން ގާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ކަމަށް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތުކުރައްވައިފިއެވެ.

'އެކްސް'ގައި ޢަބްދުލްޣަފޫރު ލިޔުއްވި ޕޯސްޓެއްގައިވަނީ، ހަނިމާދުއަށް ބަދަލުނުކޮށް އެ ރަށު ރައްޔިތުންގެ ގޮތުގައި ހިރިމަރަދޫ ރައްޔިތުން ކަނޑައަޅައި، ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާފައިވާ ކަމަށެވެ.

"ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަޑައަޅާ، އެރައްޔިތުން ހަނިމާދޫ ރައްޔިތުންގެގޮތުގާ ވޯޓުލާން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީއާއި، ލާމަރުކަޒީގާނޫނާއި ކަޑައެޅިގެން ހިލާފުކަމެއް،" ޢަބްދުލްޣަފޫރު ލިޔުއްވާފައިވެއެވެ.

ނަމަވެސް 'ސަން'އިން ސުވާލުކުރުމުން ހިރިމަރަދޫގެ ކައުންސިލަރު އަޙްމަދު ޝަރީފް ވިދާޅުވީ، އެއްވެސް ރަސްމީ ފަރާތަކުން މިފަދަ މައުލޫމާތެއް ނުލިބޭ ކަމަށާއި، އެކަމަކު އެ ވާހަކަ ތުންތުންމަތިން ދެކެވޭ ކަމަށެވެ.

"އިލެކްޝަން އިން އަޅުގަނޑުމެންނަށް ހަމަ އަންގާފަ އެބައޮތް މި އުސޫލުން ނެގުމަށާއި، އެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ހަމަ އަންގާފަ އޮތީ، ދެން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ދަނީ، ރަސްމީ އެއްވެސް މަސްދަރަކުން އަންގާފައެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.

https://www.sun.mv/210373

ފާހަގަކުރެވޭ ގޮތުގައި، އެންމެ 589 މީހުންގެ އާބާދީއެއް އޮންނަ ހިރިމަރަދޫގެ ގިނަ ބަޔަކު ވަނީ އެ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެެންވެ އެ ރަށުގައި އުޅެނީ އެންމެ 200 އެއްހާ މީހުންނެވެ.

ހިރިމަރަދޫގެ ރައްޔިތުންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު, އޮގަސްޓު މަހު ބައްދަލުކުރެއްވި ޖަލްސާގައި ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވަނީ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވެއެވެ.

އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު، އެ ރަށުގައި "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް ވަނީ, "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ 4.1 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައެވެ.

comment ކޮމެންޓް