ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް އެމްއެމްއޭއިން ދެ ސްޓްރެޓަޖީއެއް އިފްތިތާހުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ފައިނޭންޝަލް އިންކްލޫޝަން، ނުވަތަ މާލީ ބައިވެރިވުމާ ބެހޭ ސްޓްރެޓަޖީ ލޯންޗުކޮށްދެއްވަނީ --- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭއިން ދެ ސްޓެރެޓަޖީއެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ގައުމީ ފައިނޭންޝަލް އިންކްލޫޝަން، ނުވަތަ މާލީ ބައިވެރިވުމާ ބެހޭ ސްޓްރެޓަޖީއާއި އަދި ގައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމްއެމްއޭން ބުނީ، މިއަދު އިފްތިތާހުކުރި ދެ ސްޓެރެޓެޖީގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ ފުޅާވެ، އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ހެޔޮ އަސަރުކުރާނެ ކަމަށެވެ.

އޭގެ ތެރެއިން މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓަޖީއާ ގުޅޭގޮތުން އެމްއެމްއޭން ބުނީ، އެ ސްޓްރެޓަޖީގެ ދަށުން މަސައްކަތް ކުރާނީ ރާއްޖޭގެ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި މައުލޫމާތާއި އިތުބާރު އާންމުންނަށާއި ވިޔަފާރިތަކަށް ހޯދައިދިނުމަށް ކަމަށެވެ.

ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕު ރައީސް އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: އެމްއެމްއޭ

އެގޮތުން އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި، އާންމުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް، މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއް މި ސްޓެރެޓަޖީގައި ދީފައިވާނެ ކަމަށް އެމްއެމްއޭން ބުންޏެވެ.

މާލީ ބައިވެރިވުމަކީ މާލީ ޚިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، އެހެންވެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި މައުލޫމާތު އާންމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދީ ރާއްޖޭގެ މާލީ ދާއިރާއަށް ކުރާ އިތުބާރު ހޯދައިދިނުމަށް ކަމަށް، އެމްއެމްއޭން ބުންޏެވެ.

ރައީސާއި އެމްއެމްއޭގެ ގަވަރުނަރާއި ސަރުކާރުގެ ވަޒީރުން --- ފޮޓޯ: ރައީސް އޮފީސް

އަދި ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި، އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުލިބި، އެކަމާ ގުޅޭ ގަވައިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުން ފަދަ ދާއިރާތަކަށް އިންވެސްޓުކުރަން ބޭނުންވާ ފަންޑު މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

މި ރޯޑްމެޕު އެކުލަވާލި މަގުސަދެއް ކަމަށް އެމްއެމްއޭން ބުނީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ނިޒާމު ފުޅާކުރުމަށް ކަމަށެވެ.

މިއަދު އިފްތިތާހުކުރި ސްޓެރެޓެޖީތަކަކީ އަންނަން ހުރި ޖީލުތަކަށްޓަކައި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްއެމްއޭއިން ސިފަކުރެއެވެ.

comment ކޮމެންޓް