ފަސޭހަކަމާއެކު އަފްގާނިސްތާން ބަލިކޮށް ރާއްޖޭން އިތުބާރު ބޮޑުކޮށްފި

ރާއްޖެއާއި އަފްގާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ބާއްވާ ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގެ އުންމީދު ބޮޑުކޮށްފިއެވެ.

ހަތަރު ގައުމަކާއެކު ކުރިއަށްދާ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ އަފްގާނިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މިއީ މި މުބާރާތުގައި ދިވެހި ޓީމުގެ ދެވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ވަނީ ބަންގްލަދޭޝް އަތުންވެސް މޮޅުވެފައެވެ. އެ މެޗުންވެސް ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖެއާއި އަފްގާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ދިވެހި ޓީމުން ކާމިޔާބުކޮށްފައިވަނީ މޮޅު ކުޅުމަކާއެކު 25-20، 25-13 އަދި 25-12 އެވެ.

މެޗުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނީ ފުރަތަމަ މެޗާ އެއްގޮތަށް ތަފާތު މޮޅު ކުޅުމެކެވެ. ހާއްސަކޮށް ރާއްޖޭގެ ސެޓަރު ޖޫޒާން ޒަރީރުގެ މޮޅު ސަރވިސްތައް ފާހަގަކޮށްލެވެއެވެ. އަދި ޒުވާން ކުޅުންތެރިންގެ ފަރާތުންވެސް މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި މޮޅާއެކު ޕޮއިންޓުގެ ގޮތުން ރާއްޖެ ވަނީ ކިރްގިސްތާނާ ހަމަހަމަވެފައެވެ. ކިރްގިސްތާނުން ވެސް ވަނީ އަފްގާނިސްތާނާއި ބަންގްލަދޭޝް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

ޕޮއިންޓުގެ ގޮތުން ރާއްޖެއާއި ކިރްގިސްތާނު ހަމަހަމަވެފައިވާއިރު، މި ދެ ޓީމުގެ ތެރެއިން ރޭންކިންގެ އެއްވަނަ ލިބޭ ޓީމު ޔަގީންވާނީ ހޯމަދުވަހުގެ ރޭ ކުޅޭ ލީގު ބުރުގެ ފަހު މެޗާއެކު އެޗެ. އެ މެޗުން މޮޅުވާ ޓީމަކަށް ރޭންކިންގެ އެއްވަނަ ލިބޭނެއެވެ. ތިންވަނަ އަދި ހަތަރުވަނަ ރޭންކިން ލިބޭނެ ޓީމެއް ޔަގީންވާނީ މާދަމާ ހަވީރު ކުޅޭ މެޗުންނެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެގޮތުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް މީޑިއާއިން ދަނީ ވަަގުތުން ގެނެސްދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު