ޓިކްޓޮކްގެ އެމެރިކާ ގޮފި 14 ބިލިއަން ޑޮލަރަށް ވިއްކާލަން އެއްބަސްވެއްޖެ

މި އެއްބަސްވުމުގެ ސަބަބުން ޓިކްޓޮކް އެމެރިކާގައި ދެމިއޮންނާނެ --

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމާފައިވާ ނިންމުމުން ސަލާމަތްވުމަށްޓަކައި، އެ ކުންފުނީގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާގެ އިންވެސްޓަރުން ހިމެނޭ ޖޮއިންޓް ވެންޗާ ކުންފުންޏަކަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ އޮޕަރޭޝަންސް ދެން ހިންގާނީ "ޓިކްޓޮކް ޔޫއެސްޑީއެސް ޖޮއިންޓް ވެންޗާ އެލްއެލްސީ" ގެ ނަމުގައި އުފައްދާ އާ ކުންފުންޏަކުންނެވެ. މިކަން ޓިކްޓޮކްގެ ސީއީއޯ ޝޯ ޗޫ ވަނީ ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ކަށަވަރުކޮށްދެއްވާފައެވެ.

ސާދަ ބިލިއަން ޑޮލަރުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން، އާ ކުންފުނީގެ 50 އިންސައްތަ ހިއްސާ އޮންނާނީ އެމެރިކާގެ އިންވެސްޓަރުންގެ އަތުގައެވެ. އޭގެ ތެރޭގައި މަޝްހޫރު އޮރަކަލް، ސިލްވަރ ލޭކް އަދި އަބޫދާބީގެ އެމްޖީއެކްސް ހިމެނެއެވެ. މި ތިން ފަރާތުން ކުންފުނީގެ 45 އިންސައްތަ ހިއްސާ ކުރާނެއެވެ.

ޓިކްޓޮކްގެ މައި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސް އިން އާ ކުންފުނީގައި އޮންނަ ހިއްސާ 20 އިންސައްތައަށް ވުރެ ކުޑަކުރާނެއެވެ. މިއީ ބޭރުގެ ކުންފުނިތަކަށް އެމެރިކާގެ ގާނޫނުގެ ދަށުން ހިފެހެއްޓޭނެ އެންމެ މަތީ މިންވަރެވެ.

https://sun.mv/212501

މި އާ އިންތިޒާމަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު އެމެރިކާގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާގެ ރައްކާތެރިކަން އެމެރިކާގެ ފުރިހަމަ ބެލުމުގެ ދަށަށް އަންނާނެ ކަމަށް ބެލެވެއެވެ.

މި ތާރީޚީ އެއްބަސްވުމަކީ، ޓިކްޓޮކްގެ ސަބަބުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، އެ އެޕްލިކޭޝަންގެ މިލްކުވެރިކަން ބަދަލުކުރުމަށް ނުވަތަ އެމެރިކާގައި މަނާކުރުމަށް މަޖުބޫރުކޮށް އެމެރިކާ ސަރުކާރުން ފާސްކުރި ޤާނޫނާ ގުޅިގެން އުފެދުނު ހައްލެކެވެ.

ގިނަ އަހަރުތަކެއް ވަންދެން ކުރިއަށްދިޔަ މި ހިތްހަމަނުޖެހުންތަކުގެ އަސްލަކީ، ޓިކްޓޮކް ބޭނުންކުރާ އެމެރިކާ ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ޗައިނާ ސަރުކާރުގެ އަތްދަށަށް ގޮސްދާނެ ކަމަށް ބުނެ އެމެރިކާގެ އޮފިޝަލުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކެވެ.

މި ޤާނޫނާ ދެކޮޅަށް ޓިކްޓޮކުން ކޯޓުގައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެންމެ ފަހުން ކުންފުނިން ނިންމީ އެމެރިކާގެ ބާޒާރުގައި ދެމިއޮތުމަށްޓަކައި އެމެރިކާގެ އިންވެސްޓަރުންނަށް ހިއްސާ ވިއްކާލައި، ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު