"މިހާރު ރަނގަޅުތަ؟" ރަނީމް ސުވާލުކޮށްލުމާއެކު ނާވީ ބޯ ޖަހައިލަމުން ލުއިކޮށް ހިނިތުންވެލިއެވެ. އަދި އޭނަ ރަނީމްގެ ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސައިލުމަށްފަހު ސަމްރާއާ ރައާބިލްއާ ދެމީހުންނަށް ބަލައިލިއެވެ. ރައާބިލްގެ މޫނުމަތީގެ އަސަރުތައް ހެކިދެނީ އޭނަ ކަންތައްވެގެން ދިޔަގޮތް އެނގެން ބޭނުންވާކަމެވެ. ނާވީއަށް އެކަން ފަހުމްވުމުން އޭނަ ކުރުގޮތަކަށް ނަމީރާ އިންޖާބުގެ ޙާލަތު ކިޔައިދިނެވެ. ނަމީރު ރައާބިލްގެ މާފު ބޭނުންވެފައިވާ މިންވަރުވެސް މެއެވެ. އެ ވާހަކަތައް އަޑު އަހަން އިނދެފައި ރައާބިލް ތެދުވެ ވާހަކަ ދެއްކިއެވެ. އޭނަ ބުނި އެއްޗަކުން ރަނީމްއާއި ސަމްރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.
"ނޫން ބައްޕާ. ތީ ރަނގަޅު ގޮތަކަށް ނުވާނެ." ރަނީމްއަށް ބުނެވުނެވެ. "އެމީހުން އަނެއްކާވެސް ބައްޕަ ހައްޔަރުކޮށްފާނެ."
"ބައްޕަ ބޭނުން ނަމީރާ ބައްދަލުކުރަން." ރައާބިލް ބުނެލިއެވެ.
"އެކަމަކު...." ރަނީމްއަށް އެއްބަހެއް ނުވެވުނެވެ. ސަމްރާވެސް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާރަށް ބޯ ހޫރައިލިއެވެ. ރައާބިލްގެ ނަޒަރު ނާވީއަށް ދަތުރުކުރުމާއެކު، އޭނަ ވާހަކަ ދެއްކިއެވެ. އޭނައާ ވީ ދިމާލަށް ރަނީމް އަނބުރައިލަމުން، ރަނީމްގެ ކޮނޑުގައި ހިފައްޓައިލުމަށްފަހު ސީދާ އެ ދެލޮލަށް ނަޒަރު ހިންގައިލިއެވެ.
"އަހަރެންވެސް ރަނީމްގެ ބައްޕައާއެކު ދާނަމޭ... އަހަރެން ވަޢުދުވަން ރަނީމްގެ ބައްޕައަކަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން ކަމުގަ..." ނާވީ ޔަޤީންކަން ދިނެވެ. "ޔަޤީންކުރޭ... އަހަންނަށް އިތުބާރުކުރޭ..."
ނާވީ ސަމްރާއަށް ބަލައިލިއެވެ. ރައާބިލްވެސް ސަމްރާގެ އަތުގައި ހިފައްޓައިލިއެވެ. އޭނަ އެ އަތަށް ބާރުކޮށްލާފައި ދިޔުމުގެ ހުއްދައަކަށް އެދުނެވެ. އަދި އެނބުރި އޭނަ ސަމްރާގެ ގާތަށް އަންނާނެކަމުގެ ޔަޤީންކަން ރައާބިލް ދިނެވެ. ސަމްރާގެ ދެލޮލުން އައި ކަރުނަތައް ރައާބިލް ފުހެދިނީ ލޯތްބާ އޯގާތެރިކަމާ އެކުގައެވެ. އެންމެފަހުން ސަމްރާ ބޯ ޖަހައިލައިފިއެވެ.
އެތަކެއް އިރަކު އެކަމަށް ދެކޮޅު ހެދުމަށްފަހު އެންމެ ފަހުން ރަނީމްއަށް ވެސް ޖެހުނީ އެކަމާ އެއްބަސްވާށެވެ. އޭނަ ނާވީއަށް އިތުބާރުކުރަން ނިންމިއެވެ. މިވީ ހުރިހާ ދުވަހަކު ނާވީ ވަނީ އޭނަގެ ބަހުގެ ތެދުވެރިކަން ހާމަކޮށްދީފައެވެ.
"ޔަޤީންކުރޭ. އަހަރެން ރަނީމްގެ ބައްޕައަށް ގެއްލުމެއް ލިބުނަކަ ނުދޭނަން." ނާވީ އަދިވެސް ރަނީމްއަށް ޔަޤީންކަން ދޭން ބޭނުންވާ ފަދައެވެ.
ނާވީއާ ރައާބިލްއާ ދެމީހުން ގެއިން ނުކުމެގެން އެމީހުންގެ ޝަހަރަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. އޭރު ރައާބިލްގެ ހިތްވަނީ އަވަސްވެފައެވެ. ޝަހަރަށް ދިޔުމާއެކު އެމީހުން އޭނަ ހައްޔަރު ނުކުރާނެކަމެއްވެސް ނޭނގެއެވެ.
ޝަހަރަށް ގޮސް ވަދެވުމާއެކު، ޝަހަރުގެ އެހެން ޖިންނީންގެ ނަޒަރު އެމީހުންނަށް ހުއްޓިގެން ދިޔައެވެ. ވަކި ހިސާބަކުން ކިއްލާ ތަކާއި، ގަނޑުވަރުގެ ސިފައިންނާއި ފާރަ ވެރިންގެ ލޮލުގައިވެސް އެ މަންޒަރު އަޅައިގަނެއްޖެއެވެ. އެހެންނަމަވެސް، އެމީހުން އެންމެ ހައިރާންވީ ނާވީއާއެކު ރުހުމުގައި ރައާބިލް އައުމުންނެވެ. އެމީހުން އަވަސްވެގަތީ ރައާބިލް ހައްޔަރުކުރަން ނަމަވެސް، ނާވީ ކުރިއަށް ޖެހިލާފައި އެކަން މަނާކުރިއެވެ.
"އެކަކުވެސް ރައާބިލް ހައްޔަރުކޮށްގެން ނުވާނެ. އޭނަ އެ އައީ އަހަންނާއެކު." ނާވީ ހަރުކަށިކޮށް ބުނެލިއެވެ. އެއާއެކު އެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
"ތަން ދައްކާ...." ނާވީ އަމުރުކޮށްލިއެވެ. އެމީހުން ކިޔަމަންވެ، ނާވީއާއި ރައާބިލްއަށް ތަންދެއްކިއެވެ. އިތުރަށް ހައިރާންވީ، ނާވީ ރައާބިލް ގޮވައިގެން ގަނޑުވަރާ ދިމާލަށް މިސްރާބުޖެހުމުންނެވެ. ސުވާލުގެ ނަޒަރުތައް އެކަކު އަނެކަކާ ބަދަލުކުރެވެމުން ދިޔައެވެ. އެކި އެކި ގޮތްގޮތަށް މީހުންގެ މެދުގައި ވާހަކަ ދެކެވެން ވެސް ފަށައިފިއެވެ. ނާވީއާއެކު ގަނޑުވަރާ ހިސާބަށް ދިޔުމަށްފަހު، ރައާބިލް މަޑުޖެހުނެވެ.
"ބޭނުން ނޫނިއްޔާ ހިނގާ އެނބުރި ދާން." ނާވީ އެދުނެވެ. ރައާބިލްގެ ޖެހިލުންވުން އޭނަ ނަގައިގަތެވެ.
"ނޫން. ކުރިއަށް ހިނގާ..." ރައާބިލް ހުރީ ފަހަތަށް ޖެހޭކަށް ނޫނެވެ. އޭނަ ނާވީއާއެކު ގޮސް ގަނޑުވަރަށް ވަނެވެ. ގަނޑުވަރު ތެރޭގައި ވަނީ ފަޅުކަމެކެވެ. ފަނޑުފަނޑު އަލިކަމުގެ ތެރެއިން ބަތީލާ ފެނިލިއެވެ. ނާވީއާ ރައާބިލްއާއެކު ފެނުމުން އޭނަ ހައިރާންވިއެވެ.
"ނާވީ.... ރައާބިލް..." ބަތީލާއަށް ފަހަރަކު މީހެއްގެ ނަން ވަކިވަކީން ކިޔައިލެވުނެވެ.
"ކޮބާތޯ ނަމީރު؟" ރައާބިލް ކުރިއަށް ޖެހިލާފައި އަދަބުވެރިކަމާއެކު ސުވާލުކޮށްލިއެވެ. އެއާއެކު ބަތީލާ އަތުން އިޝާރާތްކޮށްލިއެވެ. އަދި އޭނައާއެކު އައުމަށް އެދުނެވެ. ނާވީއާ ރައާބިލްއާ ދެމީހުން ގޮސް ނަމީރު އިން ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. ދޮރު ހުރީ ހުޅުވާފައެވެ. ބަތީލާ އިޝާރާތްކޮށްލުމާއެކު، ރައާބިލްއާ ނާވީއާ އެތެރެއަށް ވަނެވެ. އޭރު ޝައިސްތާވެސް އެތަނުގައި ހުއްޓެވެ. ރައާބިލްމެން ފެނުމާއެކު އޭނަ ބަލައިލީ ބަތީލާއަށެވެ. ބަތީލާ، ބޯ ޖަހައިލުމާއެކު، ޝައިސްތާ ނުކުންނަމުން ނާވީއަށް ވެސް އިޝާރާތްކޮށްލިއެވެ. ނާވީވެސް އެ ދެމީހުންނަށް ބަލައިލުމަށްފަހު ނުކުތެވެ. އެއާއެކު ދޮރު ލެއްޕިއްޖެއެވެ.
ނަމީރު ތެދުވަމުން، ރައާބިލްގެ ކުރިމަތީގައި ހުއްޓުނެވެ.
"އަހަންނަށް މާފުކުރޭ... ހެޔޮނުވާނެ..." ނަމީރުގެ ދުލުން ނުކުތް ފުރަތަމަ ލަފުޒަކީ އެއީއެވެ. އިންތިހާ ދަރަޖައިގެ ވޭން އެ އަޑުގައިވެއެވެ. ބަލިކަށިކަމާއި ވަރުބަލިކަންވެސް މެއެވެ.
"އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ!" ރައާބިލް ބުނެލިއެވެ. އެއާއެކު ނަމީރު އިސްޖަހައިލިއެވެ. ރައާބިލް އޭނައަށް މާފުނުކުރާނެކަން ޔަޤީންވި ފަދައެވެ. ނަމީރު ބޯ ޖަހައިލީ އިސްޖަހާލައިގެން އެހުރި ގޮތަށް ހުރެއެވެ.
"އަހަރެން... އަހަރެން ނަމީރަށް މާފު ކޮށްފިން..." ނަމީރުގެ މޫނުމަތީގެ ކުލަވަރުތަކާއި އެ މާޔޫސީ އަސަރުތައް ބަލަން ހުރެފައި އެންމެފަހުން ރައާބިލް ބުނެލައިފިއެވެ. ހައިރާންވި ނަމީރު އިސް އުފުލައިލިއިރު އޭނަގެ ދެލޮލުގެ ވިދުން ގަދަވެލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ކުލަ ފަނޑުވެގެން ދިޔައެވެ. އިވުނު އަޑު ޔަޤީން ނުކުރެވޭ ފަދައަކުން އޭނަ ރައާބިލްއަށް ބަލަމުން ދިޔައެވެ.
"އަހަރެން މާފުކޮށްފީމޭ..." ރައާބިލް ދެވަނަ ފަހަރަށް ބުނެލިއެވެ. އޭނަ އެކަން ނަމީރަށް ޔަޤީންކޮށްދޭން ބޭނުންވެފައިވާ ފަދައެވެ.
"އަހަންނަށް މާފު ހައްޤެއް ނޫން..." މިހުރިހާއިރު ރައާބިލްގެ މާފު ލިބުމަށް އަދޭސްކުރަމުން ދިޔަ ނަމީރަށް އެހެން ބުނެވުނީ މާޒީގެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ކުރެހެމުން ތަސްވީރުވަމުން ދާން ފެށުމުންނެވެ.
"އަހަންނަށް އެނގޭ އެއީ ނަމީރު އަމިއްލަ ސަލާމަތަށް ކުރިކަމެއްކަން. އާއިލާއަށްޓަކާ ކުރިކަމެއްކަން. ނަމީރުގެ ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވެގެން ކުރިކަމެއްކަން.... އެކަމަކު ދެރައީ ނަމީރު ފަދައިން އަހަރެންވެސް ސަމްރާއާ އަހަރެންގެ ދަރިފުޅު ގާތުގައި ހުންނަން ބޭނުންވާނެކަން ނުވިސްނީތީ... އަހަރެން އެކަނި އެ ޙާލަށް ދޫކޮށްލީމަ. މިއަދު އަހަންނަށްޓަކައި ނަމީރު ތިޔަ ކޮށްދިނީ ވަރަށް ބޮޑުކަމެއް. އަހަރެންގެ ދަރިފުޅަށް އެ ހަމަލާ އަމާޒުވިނަމަ އޭނަ ވަގުތުން މި ދުނިޔެއާ ވަކިވީސް. އެކަމުން އެ ދަރިފުޅު ސަލާމަތްކޮށްދިންކަމަށްޓަކާ އަހަންނަކަށް ނޭނގެ ކަލޭއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް." ރައާބިލް ބުނެލިއެވެ.
"އަހަންނަށް ކުރެވުނު ކުށް ރަނގަޅުކުރެވޭތޯ އަހަރެން މަސައްކަތްކުރީ... އިތުރަށް ކަލޭމެންނަށް ގެއްލުން ދޭކަށް އަހަރެން ބޭނުމެއް ނޫން." ނަމީރު ބުނެލިއެވެ. "މިއަދު އަހަރެން އަހަރެންގެ ބައްޕައާ ކުރިމަތިލާކަށްވެސް ފަހަތަކަށް ނުޖެހޭނަން. އަހަރެން މިހުރީ ކަލޭމެން އެންމެންނާ އެކީ..."
"އަހަރެންވެސް އަހަރެންގެ ރަޙްމަތްތެރިޔާ ބޭނުން..." ރައާބިލް ބުނެލިއެވެ. އޭނަ އިސްވެ ނަމީރުގެ ގައިގައި ބައްދައިލިއެވެ. ނަމީރުވެސް މެއެވެ.
"އަހަންނަށް ކަލޭގެ ހަށިގަނޑުގައި އަޅާނެ ވޭން އަންދާޒާ ކޮށްލެވޭ. ގޮތް ދޫކޮށްފަ ކަލޭގެ މަންމަ ބުނާ ގޮތް ހަދާ. އެއީ މޮޅު ބޭސް ވެރިއެއް." ރައާބިލް ނަމީރާ ދުރުވެލަމުން ބުނެލިއެވެ.
ގަނޑުވަރުގައި ހުރި އިންޖާބަށް ގަނޑުވަރަށް ރައާބިލް އައިކަން އެނގުނު ނަމަވެސް، އޭނަ ރައާބިލް ހައްޔަރުކުރާކަށް ނޫޅުނެވެ. އެކަން ގަނޑުވަރުގެ ފާރައަށް ތިބޭ ބައެއް ސިފައިންވެސް އޭނަގެ ސަމާލުކަމަށް ގެނައެވެ. އިންޖާބުގެ މަޑުމޮޅިކަން ފެނި ވެގެން އުޅޭ އެއްވެސް ގޮތެއް އަންދާޒާކޮށްލާކަށް އެކަކަށްވެސް ނޭނގުނެވެ.
*****
މެންދަމު ދޭއް ޖަހަން ކައިރިވެއްޖެއެވެ. ޝާރިފް ގެއިން ނުކުތެވެ. މަގުގެ ދެކޮޅު ހޯދައިލުމަށްފަހު ގޭގެ ވަށާފާރު ކައިރީގައި ހުރި ސައިކަލަށް އަރައިގެން އޭނަ ދުއްވައިލިއެވެ. އޭރު އޭނާގެ ގަމީހުގެ ޖީބުގައި ހާމިދު ދިން ތަވީދު އޮތެވެ. ރަނީމްމެން ގެއާ ދިމާލަށް ދާން ފެށި ޝާރިފްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ކުރެވެން އެ އުޅޭ ނުބައިކަމުގެ ބޮޑުކަން އޭނަގެ ނަފްސު އޭނައަށް ހަނދުމަ ކޮށްދޭން މަސައްކަތްކުރަމުން ދިޔަ ފައެވެ. ސިކުނޑީގެ ތެރޭގައި އުފެދިފައިވަނީ ވަރުގަދަ ހައިޖާނުގަނޑެކެވެ. ހީވަނީ ދެމީހަކު ސިކުނޑީގެ ތެރޭގައި ހަނގުރާމައެއް ކުރަމުން ދިޔަހެންނެވެ.
"އަހަރެން އޭނަ ބޭނުން. މީ އަލަކަށް މީހުން ކުރާކަމެއް ނޫނެއްނު." ޝާރިފް އޭނަގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. އިންސާނުންނަކީ ބައެއްފަހަރަށް ވަރަށް ދަހިވެތި ބައެކެވެ. ގިނަ ފަހަރަށް ސިހުރު ފަދަ ނުބައިކަން ބޮޑު އަމަލަކަށް އަރައިގަނެވެނީވެސް ހިތުގެ ދަހިވެތި ކަމުގެ ސަބަބުންނެވެ. އޭގެން ލިބޭ ގެއްލުން އެނގިހުރެ، އެ ނުބައި ދިމާލަށް މިސްރާބުޖެހެނީވެސް އެހެންވެގެންނެވެ. ކޮންމެ ގޮތަކުންވެސް ހިތުގެ މުރާދު ހާސިލްކުރަން ބޭނުންވާތީއެވެ.
ރަނީމްމެން ގެއާ ދިމާލުގައި އޮންނަ ރުއްފަލަށް ވަންނަން އޮންނަ ދިމާލުގައި ސައިކަލު މަޑުކޮށްލި ޝާރިފް އަނެއްކާވެސް ވަށައިގެން ބަލައިލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އަމްދުން އެ ގަޑީގައި އެ ހިސާބަށް މީހުން ވަރަށް ނުވެސް އަންނާނެއެވެ. ފުރުސަތުގެ ބޭނުން ހިފާ ޝާރިފް ޖީބުގައި އަތް ޖައްސައިލިއެވެ. ތަވީދުގައި މަޑުމަޑުން ހިފައްޓައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، އޭނަ، ތަވީދު ހިފައިގެން ރަނީމްމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ލަސްފިޔަވަޅުތަކެއްގައި ގޮސް، އޭނަ މަޑުކޮށްލީ ސީދާ އެގޭ މައި ދޮރޯށި ކުރިމަތީގައެވެ. އަނެއްކާވެސް ދެކޮޅު ހޯދާ ބަލައިލިއެވެ. ވަގަކު ވައްކަންކުރަން އުޅޭ އުސޫލުންނެވެ. ހިންދިރުވައިލުމާއެކު، ދޮރޯށި ދޮރުމަތީގައި އޭނަ އެއްކަކޫ ޖަހާލައިގެން އިށީނެވެ. އަދިއަނެއްކާވެސް މަގުގެ ދެކޮޅު ހޯދައިލިއެވެ. އަތުން އޭނަ އެތަން ކޮންނަން ފެށިއެވެ. ނިޔަފަތިތައް ދަށަށް ވެލި ވެސް ވަންނަމުން ދިޔައެވެ. ހިތްހަމަޖެހޭވަރަށް ކޮނެވުމުން އޭނަ ޖީބުން ނެގި ތަވީދު އެތަނަށް ލާ ވަޅުލިއެވެ. ފަސްއަޅާ ފޮރުވައިލިއިރު އޭނަގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ހިތްހަމަޖެހެން މަސައްކަތް ކުރިނަމަވެސް، އެކަމެއް ޝާރިފްއަކަށް ނުކުރެވުނެވެ.
އެވަގުތު ރުއްފާ ތެރެއިން އެދިމާލަށް ފެހިކުލައިގެ އަލިކޮޅެއް އަންނަން ފެށިއެވެ. އެހެންނަމަވެސް ވަކި ހިސާބަކުން މަޑުޖެހިލާފައި އެ އަލިކޮޅު ފަނޑުވެގެން ގޮސް ގެއްލުނީއެވެ.
ޝާރިފްގެ ގާތުން ބާރު ވައިރޯޅިއެއްގެ ހިލަންވިއެވެ. އޭނައަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. އެހެންނަމަވެސް އިތުރު މީހަކު ފެންނާކަށް ނެތެވެ. އެއްވެސް ކަމެއް ދިމާވިޔަސް ބިރުނުގަތުމަށް ހާމިދު އޮތީ އޭނަގެ ގާތުގައި ބުނެފައެވެ. ހާމިދު ޔަޤީންކަން ދިނީ އެކަމުން އޭނައަށް ގެއްލުން ނުވާނެކަމުގައެވެ. އެ ހިތްހަމަ ޖެހުމާއެކު ޝާރިފް، ތެދުވެގެން އޭނަގެ ސައިކަލާ ދިމާލަށް ހިނގައިގަތެވެ. ސައިކަލަށް އެރުމަށްފަހު ސައިކަލު ސްޓާރޓްކޮށް އަނބުރައިލުމާއެކު އޭނަ ނުވެއްޓުނީ ކިރިޔާއެވެ. ކުރިމަތީގައި ހުރީ ބިޔަ މީހެކެވެ. ކަޅު ހިޔަންޏެއް ފަދަ އެމީހާގއ ސިފަ ހިސާބުގަނޑުގައިވި އަނދިރިކަމުގެ ސަބަބުން ވަކިވާ ވަރެއް ނޫނެވެ. ޝާރިފްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. މުޅި މީހާ ގަނޑުވިއެވެ. އެހެންނަމަވެސް، އިރުކޮޅަކުން އެ މީހަކު ގެއްލުނީއެވެ. ސައިކަލު ސްޓާރޓްކޮށްލާފައި އޭނަ ބާރުބާރަށް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރުވެސް ކޮންމެވެސް މީހެއް ފާރަލަމުން އޭނަގެ ފަހަތުން އަންނަމުން ދިޔަ އިޙްސާސެއް ކުރެވުނެވެ.
ގެއާ ހިސާބަށް ދެވުމުން ސައިކަލު ބަހައްޓާފައި އެ ދިޔަ ބާރުމިނުގައި ގޮސް އެތެރެއަށް ޝާރިފް ވަނެވެ. އޭނަ ގޮސް ކޮޓަރިއަށް ވަނުމާއެކު ލައިޓް ދިއްލައިލިއެވެ. އަދި ދޮރުފަތުގައި ލެނގިލެވުނެވެ. އަވަސް ނޭވާތަކެއް ދޫކޮށްލެވުމާއެކު، މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. ދެންމެ ވީ ކަންތަކުގެ ސަބަބުން އޭނަ ވަނީ ނުހަނު ބޮޑަށް ބިރު ގަނެ ހާސް ވެފައެވެ. އަމިއްލަ މީހާ ހަމައަކަށް އެޅުވުން ވެސް އުނދަގޫވެގެން ދިޔައެވެ. ފާޚާނާއަށް ދާން ބޭނުންވެފައި ހުރިނަމަވެސް، ބިރުން ފާޚާނާއަށްވެސް ވަންނާކަށް ނުކެރުނެވެ. އެންމެފަހުން ގޮސް އެނދުގައި އޮށޯތީއެވެ. ލައިޓް ދިއްލައިގެން ނުނިދޭ ޝާރިފްއަށް މިރޭ ކޮޓަރީގެ ލައިޓްވެސް ނިއްވާލާކަށް ނުކެރުނެވެ. ކޮޓަރީގެ ހުރިހާ ލައިޓްތަކެއް ދިއްލާލައިގެން އޮތްއިރު އިރުއިރުކޮޅަކާ ދެފަރާތަށް ކަޅި ހިންގެމުން ދިޔައެވެ.
(ނުނިމޭ)