ރޭކާ އަމީތާބް ދެކެވީ ހަގީގީ ލޯބި ކަމަށް ބަތަލާގެ ގާތް އެކުވެރިއަކު ބުނެފި

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އަދި ރޭކާ ފިލްމު "ސިލްސިލާ"ގެ މަންޒަރެއްގައި -- ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ހިންދީ ސިނަމާގައި އެންމެ މަޝްހޫރު އަދި މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ލޯބީގެ އެއް ވާހަކައަކީ 'މެގަ ސްޓާ' އަމީތާބް ބައްޗަންއާއި މަޝްހޫރު ޑީވާ ރޭކާގެ ލޯބީގެ ވާހަކައެވެ.

ރީތި ލޯބީގެ ފިލްމު "ސިލްސިލާ"އިން އެންމެފަހުން އެކީގައި ފެނުނު އަމީތާބްއާއި ރޭކާއާ ދެމެދު ހަގީގަތުގައި ވެސް ލޯބީގެ ގުޅުމެއް އޮތްކަމެއް ނުވަތަ ނެތް ކަމެއް ސީދާ ޔަގީންކޮށް އެއްވެސް މީހަކަށް މިހާތަނަށް ސާބިތުކޮށްދެވިފައެއް ނެތެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމާ ގުޅޭ ގޮތުން މިހާތަނަށް އިންޑިއާގެ ނޫސްތަކުން ވެސް އެކި ގޮތް ގޮތަށް ރިޕޯޓުތައް ނެރެމުން އައި ނަމަވެސް އެއިން އެއްވެސް ރިޕޯޓަކަށް ރޭކާ އަދި އަމީތާބް ވެސް ރައްދު ދީފައެއް ނުވެއެވެ.

ދާދިފަހުން އޭޝިއަން ނިއުސް އިންޓަނޭޝަނަލް(އޭއެންއައި)އަށް އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ބީނާ ރަމާނީ ކިޔައިދިން ގޮތުގައި ރޭކާ އަމީތާބް ދެކެވީ ހަގީގީ ލޯތްބެވެ. ނަމަވެސް ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ހުރަހަކަށްވީ އަމީތާބްގެ ސިޔާސީ ކެރިއަރު ކަމަށް ލިޔުންތެރިޔާ ބީނާ ވަނީ ބުނެފައެވެ.

އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ރޭކާގެ ރަހްމަތްތެރިޔާ ބީނާ ރަމާނީ-- ފޮޓޯ/ އެމްއެސްއެން

ބަތަލާ ރޭކާގެ ވެސް ވަރަށް ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބީނާ އޭއެންއައިއަށް ކިޔައިދިން ގޮތުގައި ރޭކާ ބޭނުންވީ އަމީތާބްއާއެކު އޮތް ލޯބީގެ ގުޅުން އާއްމުކޮށް އިއުލާން ކުރުމަށެވެ. ނަމަވެސް އޭރު އަމީތާބް ވަނީ ފިލްމީ ތަރި ޖަޔާއާއެކު އޭރު ޒަވާޖީ ހަޔާތެއް ފަށާފައި ކަމަށާއި ރޭކާއާ ދެ މީހުންގެ މެދުގައި އޮތް ގުޅުން ހާމަ ނުކުރީ އަމީތާބް ސިޔާސީ ދާއިރާއިން ކުރިއަށްދާން ނިންމުމާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

ބީނާ އިތުރަށް ކިޔައިދިން ގޮތުގައި އޭނާ ރޭކާއާ ބައްދަލުވިއިރު ބަތަލާ ވަނީ އަމީތާބްގެ ލޯބީގައި ވަރަށް ބޮޑަށް ދީވާނާވެފައި ކަމަށާއި ދެ ތަރިން ވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ކަމަށެވެ.

ބީނާ ދުށް ގޮތުގައި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ފިލްމީ ތަރިންގެ ހަޔާތުގައި އެފަދަ ހާލަތު މެދުވެރިވެފައި ހުރިތަން ދެކެފައިވާއިރު އަމީތާބްއާއި ރޭކާގެ ލޯބީގެ ގުޅުން އެނގުމުން ހައިރާންކަމެއް އޭނާއަށް ލިބެންޖެހޭ އެއްވެސް ސަބަބެއް އޭރު ނުވިސްނުނެވެ.

އަމީތާބްގެ އަނބިމީހާ ކުރީގެ ބަތަލާ ޖަޔާ ބައްޗަން ރޭކާއާ އެކު-- ފޮޓޯ/ ފިލްމުފެއަ

އަމީތާބް ސިޔާސީ ދާއިރާއާ ގުޅުމުން ލިބުނު މާޔޫސްކަމާއެކު ރޭކާ ބީނާގެ ގާތަށް ނިއު ޔޯކަށް ދިޔަކަމަށާއި ރޭކާގެ ފިރިމީހާ މުކޭޝް އަގަރްވާލްއަށް ބަތަލާ ތައާރަފްކޮށްދިނީ ވެސް ޚުދު ބީނާ ކަމަށް އޭއެންއައިއަށް ދިން އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

އޭރު ރޭކާ ވަނީ ޒަވަޖީ ހަޔާތެއް ފެށުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށާއި ބަތަލާ ބޭނުންވީ ވަރަށް ރަނގަޅު އޯގާތެރި މީހަކު ހަޔާތުގެ ބައިވެރިއަކަށް ހެދުމަށް ކަމަށް ބީނާ ވަނީ ބުނެފައެވެ.

އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މުކޭޝް އަގަރްވާލްއާ ރޭކާގެ ކައިވެނި ކުރެވުނީ 1990ވަނަ އަހަރުއެވެ. ނަމަވެސް ކައިވެންޏަށް 7 މަސް ވީ ފަހުން މުކޭޝް ވަނީ އަމިއްލައަށް މަރުވެފައެވެ. މުކޭޝްގެ މަރުގެ ހަގީގަތް މިއަދާ ހަމައަށް ވެސް އެއްވެސް ރަސްމީ ފަރާތަކުން އާއްމުކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ ފިލްމު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޔަޝް ޗޯޕްރާ 1981 ވަނަ އަހަރު ގެނެސްދިން ފިލްމު "ސިލްސިލާ" އަކީ އަމީތާބް އާއި ރޭކާ އަދި އެކްޓަރުގެ އަންހެނުން ޖަޔާ ބައްޗަން ލީޑް ރޯލްއިން ފެނުނު ފިލްމެކެވެ.

އެ ފިލްމުގައި ގެނެސްދިން ތިނެސްކަން ލޯބީގެ ވާހަކައަކީ އަމީތާބްއާއި ރޭކާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އުފެއްދި ފިލްމެއް ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އެ ފިލްމު ކުޅެން ޖަޔާ އެއްބަސްވީ އަމީތާބްއާއި ރޭކާ އެކީގައި ކުޅޭ ހުރިހާ މަންޒަރެއްގައި އަދި ޝޫޓިންގްތަކުގައި ޖަޔާއަށް ހުރުމުގެ ހުއްދަ ދިނުމާއެކު ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ފިލްމު "ސިލްސިލާ"އަށް ފަހު އަމީތާބްއާއި ރޭކާ މިހާތަނަށް އެއްވެސް ފިލްމަކުން އަދި އެކީގައި އެއްވެސް ހަފްލާއަކުން ވެސް ފެނިފައެއް ނުވެއެވެ. ދެ ތަރިން އެކީގައި ބައިވެރިވާ ފިލްމީ ހަފްލާތަކުގައި ވެސް އަމީތާބްއާއި ރޭކާ ފާހަގަ ކުރެވެނީ ނުވެސް ދަންނަ ބީރަށްޓެހިންގެ ގޮތުގައި އުޅޭ ފިލްމީ ތަރިންގެ ގޮތުގައެވެ.

ރޭކާގެ އަލަތު ފިރިމީހާ މުކޭޝްގެ މަރަށްފަހު މިހާތަނަށް ބަތަލާ އެއްވެސް މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރޭކާ އަބަދުވެސް ފެންނަނީ އިންޑިއާގެ ހިންދޫންގެ މީހުން ކައިވެންޏަށްފަހު ނިތްމަތީގައި ޖަހާ 'ސިންދޫރަ' ޖަހައިގެން ހެދުން އަޅައިގެން އުޅޭ މަންޒަރެވެ.

އެކަމާ ވެސް ގިނަ ބަޔަކު ސުވާލު އުފައްދާއިރު އެއީ އަމީތާބްގެ ނަމުގައި ޖަހާފައިވާ 'ސިންދޫރަ'އެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު