ޕީޕީއެމްގެ ތެރެއިން ރައީސްކަމަށް ވަޑައިގަތުމުގެ ފުރުސަތު ރައީސް ވަހީދަށް އެބޮއޮތް: މައުމޫނު

މިހާރުގެ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްގެ މެންބަރަކަށް ވެވަޑައިގަތުމަށް ފަހު އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް ކަމަށް ވާދަކުރެއްވުމުގެ ފުރުސަތު އެބައޮތް އޮތްކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނުގެ އަނބިކަނބަލުންގެ ބޭސްފަރުވާއަކަށް މިއަދު އިންޑިޔާ އަށް ފުރައިވަޑައިގަތުމުގެ ކުރިން މައުމޫނު ވިދާޅުވީ އެމަނިކުފާނު ޕީޕިއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ވަކި ގޮތެއް ނުނިންމަވާ ކަމަށާއި މިހާރުގެ ރައީސް ވަހީދަށް ވެސް އެ ޕާޓީގެ މެންބަރަކަށް ވެވަޑައިގަތުމަށް ފަހު ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ޕީޕިއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ނުކުންނަވާނީ ޕްރައިމަރީއަކުން ހޮވޭ ބޭފުޅަކު. އެހެންވީމަ އެ ފުރުސަތަކީ ހުރިހާ ބޭފުޅުންނަށް ހުޅުވިފައި އޮތް ފުރުސަތެއް. ރައީސުލްޖުމުހުރިއްޔާ އަށް ވެސް އަދި އެހެން ބޭފުޅުން ވެސް ބޭނުންފުޅިއްޔާ ޕީޕީއެމާއި ފުރަތަމަ ގުޅުއްވެވެންވީ. ދެން ގުޅުއްވުމަށް ފަހު ހޮވި ވަޑައިގަތުމުން އަޅުގަނޑުމެންގެ ކެނޑިޑޭޓަށްވާނެ،" ރައީސް މައުމޫނު ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސިޔާސީ މުސްތަގުބަލާ ގުޅޭ ގޮތުން ރޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ގޮތެއް ނިންމަށް ވިސްނަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު އަންނަ ރިޔާސީ އިންޔިހާބުގައި ވާދަކުރައްވާނެ ކަން ނުވަތަ ނޫން ކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

ރައީސް މައުމޫނު އަދި ވިދާޅުވީ މިފަހަރު އިންޑިޔާ އަށް ކުރައްވާ ދަތުރު ފުޅަކީ ނުރަސްމީ ދަތުރުފުޅެއް ނަމަވެސް އިންޑިޔާގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިން އާއި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ސިޔާސީ މާހައުލު އޮތްގޮތާއި ކޯނީގެ ރިޕޯޓާ ގުޅިގެން ހިނގާ ކަންކަމާއި އަދި އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް ފެށިގެން ކުރިއަށްދާ ގޮތުގެ މައުލޫމާތު އިންޑިޔާގެ ބޮޑުވަޒީރާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި ޕީޕީއެމުން ބައިވެރިވާނެ ވާހަކަ މީގެކުރިން ވެސް ބުނެފައިވަނީ އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް ހުއްޓާލުމުން ކަމަށާއި މިހާރު އަނެއްކާވެސް މަގުމަތީ ހަރަކާތްއް އެމްޑީޕީން ފަށައިފިކަމުގެ މައުލޫމާތު ލިބިފައިވާތީ ވާހަކަތައް ކުރިއަށް ގެނދިއުމުގެ ކުރިން އެމޑީޕީން މަގުމަތީގެ ހަރަކާތްތައް ހުއްޓަލައިފިނަމަ ޕީޕިއެމުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ވެސް ޝަރުތުކޮށްފައި އޮންނާނެ އެމްޑީޕީން މަގުމަތީގެ ހަރާކަތްތައް ހުއްޓާލުން އެއީ އަޅުގަނޑުމެން ވާހަކަތަކުގައި ބައިވެރިވާނެ ޝަރުތަކޭ. އެކަން ކުރީމައޭ އަޅުގަނޑުމެން ވާހަކަ ދައްކަން ފަށާނީ ކުރިން އެކަން ކުރީމަ އަޅުގަނޑުމެން ބުނީ ވާހަކތަކުގައި ބައިވެރިވާނަމޭ. މިޙާރު އަނެއްކާ އެމީހުން [މަގުމައްޗަށް] ނުކުމެގެން އެއުޅޭނީ. މިހާރުވެސް އަޅުގަނޑަކަށް ނޭގޭ އެހަރަކާތް ކުރިއަށް ގެންދާނެ ކަމެއް ހުއްޓާލާނެކަމެއް އެހެންވީމަ މާހައުލު ރީތިކޮށް އޮތިއްޔާ މިދެންނެވީ އެމްޑީޕީން އިތުރު ހަރަކާތްތައް މަގުމަތީގައި ނުހިންގަންޏާ އަޅުގަނޑުމެން ވަރަށް އިހުލާސްތެރިކަމާއި އެކު ބައިވެރިވާނަން،" މައުމޫނު ވިދާޅުވިއެވެ.

ކޯނީގެ ރިޕޯޓަށް ފަހު ކުރިއަށް ދާނެ ގޮތްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވާފައިވާ މަޝްވަރާތަކުގައި އެމްޑީޕީ އާއި ޑީއާރުޕީން ވެސް ބައިވެރިވާން ވަނީ ނިންމާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު