"ތިބާގެ އަޚާގެ ހާޖަތެއް ފުއްދައިދިނުމުގައި ތިބާވާ ހިނދަކު ﷲ ތައާލާ ތިބާގެ ހާޖަތެއް ފުއްދަވާދެއްވުމުގައި ވޮޑިގެންވާނެތެވެ. އެހެންކަމުން ތިބާ ހެޔޮކަންކަން ގިނަކޮށް މީސްތަކުންނަށް އިހުސާންތެރިވާށެވެ.<މުހައްމަދު ބިން ސާލިހު އަލް އުސައިމީން>

***

"އިޝާ ނަމާދަށް މިދަނީ....ބަންގި ގޮވައިފިދޯ.."

"ނޫނޭ މިރިއަމް...އަދި ވަގުތު އެބައޮތް.... "

"ނަމާދުކޮށްގެން ކާނީ.." މިރިއަމް ނިންމީ ހަމްޒާއަށް އޮޅުނީކަމަށެވެ.

"މިރިއަމް..އަސުރު ނަމާދު މިގަޑީގައި. އިނގޭ..ހަތަރުގަޑި ބައި ވީ..."

މިރިއަމް ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ހަމްޒާ ހުއްޓުންއަރާފައި ހުރިއިރު ލޯ ފެންކަޅިވަމުން ދިޔައެވެ. އޭނަ އަވަނުގައި ހުރި މަސްތައް އުކާލާފައި އޯޑަރުދިނެވެ. މިރިއަމް އަންނަންވާއިރަށް އޭނަ އޯޑަރުކުރި މަސް ގެނެސް އަވަނުގައި ބެހެއްޓިއެވެ. އެއަށްފަހު ކޮޓަރިއަށްވަންއިރު މިރިއަމް މުސައްލަމަތީގައި ސަޖިދާގައި އޮވެ މަޑުމަޑުން ކޮންމެވެސް ދުޢާއެއް ކުރަމުން ދިޔައެވެ.

ހަމްޒާ ކަކުލާއި ހަމަޔަށް އޮތް ސޯޓަކާއި ގަޔަށް ދޫ ޓީޝާޓެއްލުމަށްފަހު ބެލްކަނީގައި ހަނާންއަށް ގުޅައިގެން އިރުކޮޅެއްވާންދެން ހުއްޓެވެ. މަރްވާއާއިވެސް ވާހަކަދެއްކިއެވެ. މަރްވާ ވަރަށް މަޖާވެފައި ހަނާން އާންޓީއާއެކު ސްކޭޓްކުރިވާހަކަ ކިޔައިދިނެވެ.

"ހިނގާ ކާން..."

މިިރިއަމް ނަމާދުކޮށްނިމިގެން ގޮވައިލިއެވެ.

"މިރިއަމް..މިގަޑީގައި ކޮފީ ބޯނީ.ހުންނާނެ ސައިބޯން އެއްޗެއް ގެނެސްފައި.."

"ކޮންގަޑިއެއްތަ؟ އެވަރުން ކެއްކީމަ ކޮފީއަކުން ނިންމައިލަން ތިއުޅެނީ...އަނހަ..ތިހެން ނުވާނެ..."

ހަމްޒާ މިފަހަރު ގަޑި ބުނެދޭން އުޅުމުގެ ބަދަލުގައި ބުނީ އެންމެ ކުރިން ކޮފީ ބޮއިގެން ފަހުން ކާނީކަމުގައެވެ. މިރިއަމް އެވާހަކަ ގަބޫލުކޮށްގެން ކޮފީ ބޯން އިށީނެވެ. އިރުކޮޅެއްނުވަނީސް ހަނާން މަރްވާ ގޮވައިގެން ކާރުގައި އައުމުން މިރިއަމް އުފަލުން ފޮޅުނެވެ. ދަރިފުޅުގެ މޫނުގެ އެތަންމިތާ ބޮސްދިނެވެ.

ރޭގަނޑު ކެއުމުގައި އެންމެނަށްވާވަރަށް މަރްވާ އަނގަތެޅިއެވެ. ސްކޭޓްކުރިވާހަކައާއި އެގެއަށް ގެނެސްފައި އިން ބޮޑު ދޫނި "ސުލްތާން"އެއްގެ ވާހަކަވެސް ދެއްކިއެވެ. އެއީ ހަނާންއަށް މީހަކު ދިން ހަދިޔާއެކެވެ. އޭނަ މަކާއޯގެ ނަމަކަށް ދިނީ ސުލްތާންއެވެ. މިރިއަމް ދޭތެރެއިން ސުވާލެއްކޮށްލާއިރު ތަކުރާރުކޮށް ދެތިން ފަހަރު އަހައިލައެވެ. ހަމްޒާ އެކުށް ރަގަޅުކުރަން ނަހަދާ ޖަވާބުދިނެވެ.

އެރޭ މިރިއަމް ނިދިއިރުވެސް ހަމްޒާގެ ލޮލުގައި ނިދީގެ އަސަރެއްނެތެވެ. ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮވެވުނީ ފިކުރުތަކާއި ޚިޔާލުތަކުގެ އާލަމެއްގައެވެ. ދުނިޔެ ވަގުތީ މަންޒިލެއްކަން އެނގޭއިރުވެސް އެންމެންވެސް ފަހާ ދުވެވެނީ ދުނިޔޭގެ ފަހަތުންނެވެ. އޭނައަށް ހަޔާތުގެ މަގުސަދެއް ނޯޅެއެވެ. ދީނުގެއަޅުކަންތައް ފުރިހަމަކުރަމުން ދިރިއުޅުމެއް ބިނާކުރަން މަސައްކަތްކުރެވުނީއެވެ. ނަމަވެސް މިހާރު ކުރިމަގުގައި އޮތީ އެހެން އިންތިޒާރެކެވެ. އެޕޮއިންޓްމެންޓްތަކާއި އެހެންމީހުންގެ ފަރާތުން ކުރިމަތިވާނެ ތަފާތު ވާހަކަތަކެވެ. މަޑުމަޑުން އޭނައަށް ޖެހޭނީ ގެއްލުމާއިމެދު މަޝްވަރާކުރާށެވެ.

އެކަމަކުވެސް އެހެންމީހުންނަށް ނޭގޭނެ ފަރާތެއް މިިރިއަމްގެވިއެވެ. އެއީ އަދިވެސް މިރިއަމްއެވެ. ގަދަޔަށް ލޯބިވާންދަންނަ އަންހެނެކެވެ. ޚާއްސަކޮށް ދަރިފުޅުދެކެއެވެ. ކޮންމެރެއަކު އެކުއްޖާގެ ނިތުގައި ބޮސްދީފައި ނިންދަވާނެއެވެ. ދުޢާ ކިޔުއްވާނެއެވެ. ﷲގެ ހިމާޔަތުގައި ދަރިފުޅު ލެއްވުމަށް އެދި ދުޢާކުރެއެވެ. ކޮންމެވެސް ދުވަހަކުން އޭގެ ސަބަބެއް ނޭގުނަސް އެ އާދަ ހުއްޓާނެކަމެއް ނެގެއެވެ.

މަންމައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ އެންމެ މަތިވެރި ރީތި ގުޅުމުގެ މިސާލެކެވެ.

ހަމްޒާވެސް ކޮންމެފަދަ ގޮތަކަށް ކަންތައް ނިމިގެން ދިޔަސް މިރިއަމްއަށްޓަކާ ހުރިހާކަމެއް ހަނދާންކުރާނެއެވެ.

އެރޭގެ ނިދި އޭނައަށް އެހާ ރަގަޅަކަށް ނުލިބުނެވެ. ހަށިގަނޑަށް އަރާމު ލިބުނަސް ސިކުނޑި އޮޔާދިޔައެވެ. އެކި އަހަރުތަކާއިއެކު ކަނޑުު ހުރަސްކޮށްފައިވެސް ރަށާއި ހަމަޔަށްވެސް ދަތުރުކުރިއެވެ.

***

އޭނަގެ ހަނދާނުގައި އެ ރަށް ފެންނަނީ ފެހިކަންގަދަ އިރުގެ އަވިން ބްލީޗްކޮށްފައިވާ ހުވަފެނީ މަންޒިލެއްގެ ގޮތުގައެވެ.

ރަމަޟާން މަހު މިސްކިތުގެ ހަރިމައިގާ އެ ހޫނު ދޮންވެލިގަނޑުގައި ހުސްފަޔާ ހުރެ ރޯދަވެރިންނަށް ކަދުރާއި ފެނާއި ބަހަން ހުއްޓާ ފުރަތަމަ ފަހަރަށް މިރިއަމް ފެނުނެވެ. އެއީ އަދި ތަރާވީހް ނަމާދު އިމާމްވެ ކުރާވަރަށްވުރެ ތަންކޮޅެއް ޅައިރުގައެވެ. އޭގެ ކުރިންވެސް ތަންކޮޅެއް ޅައިރު އޭނަ ރަށަށް އައެވެ. މިރިއަމްއަކީ އޭރުވެސް ތަންކޮޅެއް ސިޔާސަ އަންހެންކުއްޖެކެވެ. މުޅިންވެސް ކަނޑީގެ މިޔަމަތީގައި އުޅޭފަދައެވެ. ކަކޫ މަށާލައިގެން އިސްތަށިގަނޑު އައްސަން މަސައްތަކުރިޔަސް ވިހުރެމުންދެއެވެ. އެދުވަހުވެސް އަތަށް ނުއުފުލޭވަރުގެ ބޮޑު ތަބަކެއް ހިފައިގެން ހަލުވިކޮށް ހިނގާލާފައި އައިއިރު އަރިއަޅާނުލީ ހަމަކިރިޔާއެވެ. މިރިއަމްގެ މަންމަ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

މިރިއަމް ގެ ފުޅާ އަނގައިގާވާހާ ވިދާ ދަތްތައް ފެންނަވަރަސް ހެމުން އެނބުރުނެވެ. އެލޮލުގައި އޭރުވީ ޖެހިލުންކުޑަކަމާއި ޚިޔާލެއް ފިކުރެއްނެތް ވިދުވަރެވެ.

އެ ހުނުން އޭނަ ސިއްސުވައިލިއެވެ. އެހާ ބާރަށް ހުނުމަކުން ނޫނެވެ. ނަމަވެސް ސަކަ ކަމުންނެވެ. ކުޑަކުއްޖެކޭ ތަފާތެއްނެތެވެ. އޭނަވެސް އޭރު ޅައެވެ. އެކަމަކުވެސް އުމުރާ ބަލާފައި ހަރުވެފައި އެ އުމުރުގެ އެހެން ކުދިންނަށް ލީޑަރެއްފަދައިން އުޅޭތީ ސީރިޔަސްވެސް މެއެވެ.

ހަމްޒާ ބަލަން ހުރިކަން ފަޅާއެރިއެވެ. މިރިއަމްއަށް ޝައްކުވުމާއެކު ބުމަ ކައިރިކޮށްލިއެވެ. އެއާއެކު ޗެލެންޖެއްގެ ގޮތުގައި ދޫ ނެރެލާފައި ބާރުބާރަށް ހިނގައިގަތީ އަތް އެއްލަމުންނެވެ. އޭނަ ހިނި އައެވެ.

އެރޭ އިފްތާރަށްފަހު ކުދިވެރިން ހުސްފަޔާ ގޮނޑުދޮށާއި ދިމާލަށް ދިޔައެވެ. އެކަކު އަނެކަކަށް ފަހާ އަތުލާ ކޮށްޕަމުންނެވެ. މިރިއަމްވެސް އެކުދިންނާއެކު އުޅުނުއިރު ހެދުމުގެ ފަސްބައި މޫދުގެ ލޮލުން ތެމިފައެވެ. ޖަމީލާ ތަންކޮޅެއް ދުރުގައި އެ މަންޒަރު ދެކެން ދެއަތްތިލަ މަހާލައިގެން ހުރިއިރު ލޮލުގައިވީ މަންމައެއްގެ ފަޚުރެވެ. ދަރިފުޅާއިމެދު ފޮރުވިފައިވާ ލޯތްބާއި ކުލުނެވެ. ވާނުވާ ބަލާވަރެވެ.

އެންމެން މިރިއަމް ދެކެ ހާދަ ލޯބިވެއޭ އެދުވަހުވެސް އޭނަގެ ހިތަށް އެރިއެވެ.

އަނދިރި ކޮޓަރީގެ ތެރެއަށް ލޯ ހޭނުމާއެކު މިރިއަމްއާއި ދިމާލަށް ބެލުނެވެ. އަރިއަކަށް އޮތްއިރު އެއް އަތްތިލަ ކޯތާފަތުގެ ދަށުގައެވެ. އަނެއް އަތްތިލަ އޮތީ ކުރިން މަރްވާ ނިދާފައި އޮތް ތަނުގައެވެ. ނިދީގައިވެސް ބުމައަށް ކުޑަކޮށް ރޫ އަރުވާލައިގެންނެވެ. ސިކުނޑިވެސް ހަމަޖެހިލައިގެން އަރާމްކުރަން ދެކޮޅުހަދާފަދައިންނެވެ.

"ޔާﷲ...."އޭނަ ހިމޭންކަމާއެކު ދުޢާކުރިއެވެ."ހަނދާންތައް ގެންދެވިޔަސް ހަމަޖެހުން ދެއްވާދޭވެ. ކޮންމެވެސް ދުވަހެއްގައި އެއްކޮށް އަމިއްލަ ނފުސްގެ މަތިން ހަދާން ނެތުނަސް ލެޓް ހާ ނެވާ ފޮގެޓް ދެޓް ޝީ އިޒް ލަވްޑް..."

ހިމޭން އަނދިރިކަމުގައި އޭނަގެ ޚިޔާލީތަސްވީރުގައި ވީ ހުސްފަޔާ މޫދާއި ދިމާލަށް ދުވަމުން ދިޔަ ކުއްޖާއެވެ. އޭނަ މިރިއަމް ހަނދާނުގައި ބަހައްޓާނީ އެ ގޮތަށް އުފާވެރިކޮށެވެ. ދެމީހުންނަށްޓަކައެވެ.

***

ހަމްޒާ ކުރިއަށްވުރެ ގިނަގިނައިން ރޭގަނޑު ހޭލެވެންފެށީ އެލާމްއަކާއި ނުލައެވެ. މިރިއަމް ނިދީގައި އޮވެ ބޭރަށް ނިކުމެދާނެކަމުގެ ކަންބޮޑުވުން އޭނަގެ ނިދިވެސް ހަލާކުކޮށްލަނީއެވެ. ހޭލެވުމާއެކު އޭނަ ޒިކުރުކޮށްލައެވެ."لَا إِلٰهَ إِلَّا اللّٰهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ.الْحَمْدُ لِلّٰهِ، وَسُبْحَانَ اللّٰهِ، وَلَا إِلٰهَ إِلَّا اللّٰهُ، وَاللّٰهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللّٰهِ." އަދި އޭނައަށް އަބަދުވެސް ދުޢާކޮށްލެވެނީ މިރިއަށްޓަކައެވެ."ޔާﷲ...އޭނަގެ ހަޔާތުން އުފާވެރިކަން އުނިނުކުރައްވާދޭވެ. މިބައްޔަކީ އުފާވެރިކަމަށް އެޅޭ ހުރަހެއްކަމުގައި ނުލައްވާދޭވެ. އަދި މިކަމުގެ ނިމުން ރަގަޅުކުރައްވާދޭވެ.."

ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްގައިވަނީ އެގޮތަށް ހޭލެވުމުން ޒިކުރުކޮށް ދުޢާކުރުމުން ނޫނީ ނަމާދުކޮށްގެން ކުރާ ދުޢާ އިޖާބަކުރައްވާނެކަމުގައެވެ.

ދުވަސްތައް ވޭތުވަމުންދާވަރަކަށް މިރިއަމްގެ ހާލަތަށް ބަދަލު އައެވެ. ގޭގެ މަސައްކަތްކޮށް ވަޒީފާއަށްވެސް ނުކުމެހަދައެވެ. މަރްވާއާއެކު ހީ ސަމާސާކޮށް މަޣުރިބަށްފަހު ގުރުއާންކިޔަވަންއިނދެއެވެ. ދެކޭ މީހުންނަށް އެހެން އަންހެނެކޭ ތަފާތެއްނެތެވެ. އެކަމަކު އެހުރިހާކަމެއްގެ ތެރެއިން އޮޅިގެންދާ ވަގުތުތައް ފެންނަނީ ހަމްޒާއަށް އެކަންޏެވެ. ބައެއްފަހަރު ވާހަކަދެއްކުމުގެ ކުރިން ވިސްނަން އިންނަނީ ސިކުނޑިއަށް އެ ލަފުޒުތައް ދަސްކުރާފަދައިންނެވެ. އެއްޗަކަށް އޯޑަރުކޮށްގެން ލަސްވެއްޖެއްޔާ ނޫނީ މީހަކު ގެއަށް އަތުވެއްޖެނަމަ މިރިއަމްގެ ކޮނޑަށް ވާންވެއެވެ. އަޑުވެސް ތޫނުވެ ބީރައްޓެހިވެދެއެވެ.

"ހަމްޒާ..މިއަދަކީ ކޮން ދުވަހެއް؟"

"ބުރާސްފަތި..."

އިރުކޮޅެއްނުވަނީސް ހަމަ ދެވަނަފަހަރަށް އެ ސުވާލު ތަކުރާރުކުރުމުން އޭނަ ޖަވާބުދިނީ އެއް ރާގަކަށް މަޑުމައިތިރިކަމާއެކުގައެވެ. އެކަމަކުވެސް މެޔަށް އުދަގޫވިއެވެ.

ހަވީރު މަރްވާގެ ބޫޓު ގެއްލިގެން މުޅި ގެ ހޯދަން ޖެހުނެވެ. އަލަމާރިތެރެއާއި އެނދު އަދި ސޯފާތަކުގެ ތަންދޮށްވެސް ބެލުނެވެ. މަރްވާ އެ ބޫޓު ލާން ކޮންމެހެންވެސް ބޭނުންވެގެންނެވެ.

އެންމެފަހުން ހަމްޒާ ފްރިޖްގެ ދޮރު ހުޅުވައިލުމާއެކު ފިނި ވައި ފޭދިގަތެވެ. އައިސްކްރީމް ތަށިގަނޑުކައިރީގައި ހުރި ކުޑަ ބޫޓު ފެނުމާއެކު އޭނަގެ އަތުގެ ތެރެއިން ބޯ ދިއްކޮށްލި މަރްވާ ބޫޓުނެގިއެވެ. މިރިއަމްއަށް ހެވުނެވެ.

"ޕްރެގްނެންސީ ސިކުނޑި އަދިވެސް މިއޮތީ.."މިރިއަމްގެ ރާގުގައިވީ ސަމާސާގޮތެކެވެ.

އޭނަ ހިނިތުންވެލާފައި މިރިއަމްގެ ނިތްކުރީގައި ބޮސްދިނެވެ.

އޭނަ އެރޭ ކަލެންޑަރުގައި އެ ދުވަސް ކަޅު މާކަރަަކުން ފާހަގަކުރިއެވެ.

މިފަހަކަށް އައިސް ކަލެންޑަރުގައި މާކުކުރުން އާދައަކަށްވީއެވެ.

އޭނަ އެންމެ ބިރުގަތީ މިރިއަމް ހަނދާންނެތުނީމއެއް ނޫނެވެ. ކަމެއް ހަނދާންނެތިއްޖެއްޔާ އެކަން ނަގައިގަންނަގޮތުންނެވެ. އެކަމާއި ދެކޮޅުހަދާކަށް ނޫޅެއެވެ. ހައިރާނެއްނުވެއެވެ. ނަމަވެސް ޒަޚަމްވެފައިވާ ނަޒަރެކެވެ. އަގުހުރި އެއްޗެއް ބޭއްވުނުތަނެއް ނޭގުމާއެކު ދުވަހަކުވެސް ދެން ނުފެންނާނެކަމަށް ގަބޫލުކުރާފަދަ ނަޒަރެކެވެ.

***

އުޑުމަތި ތަރިތަކުން ވިދާ ބަބުޅާ ރެއެކެވެ. ފިނި ވައިރޯޅިތަކެވެ. ހަމްޒާއާއި މިރިއަމް ބެލްކަނީގައި ހުރި ސޯފާގައި ތިބީ ހިމޭންވަގުތުކޮޅެއްގެ އުފާ ލިބިގަތުމަށެވެ. ކުރިމަތީގައި ހުރި ސޯފާމަތީގައި ކޮފީއާއި ލުއިކާނާއެވެ. ވާސްގައި ޖަހާފައި ހުރީ ފިނިފެންމާ ގޮފިކޮޅެކެވެ. ރަތްކުލައިގެ ފިނިފެންމާތައް ވިދާއިރު ނިކަން ހިތްގައިމެވެ. އެއީ އޭނަ މިރިއަމްއަށް ގެނެސްދިން މާ ގަހެކެވެ.

"އަހަންނަށް ތަކުރާރުކޮށް އެކައްޗެއް އަހަން ފަށައިފިއްޔާ ބުނާނަންތަ؟"

"އެހެނެއްނުވާނެ އިންޝާﷲ.."އޭނަ އަވަސްއަވަހަށް ބުނެލިއެވެ.

"ޖެހިލުންވެ މަޑުކޮށްފައ.....ި ތިބުނީ...." މިރިއަމް އޭނަގެ މޫނު ދިރާސާކުރަން ބަލަން އިނދެފައި ބުނެލިއެވެ. މީހުންގެ މޫނު ކިޔައިލަން އޭނަ ފުދޭވަރަކަށް މޮޅެވެ. އޭނަގެ ފަރާތުން އެންމެ ލަހުން ގެއްލިގެންދާނެ ހުނަރަކީ އެއީކަމަށްވެދާނެއެވެ.

"އަހަރެން އިނީ ވިސްނަން..."

މިރިއަމް ވަރަށް ފަސޭހައިން އެ ބަސް ގަބޫލުކުރިއެވެ. ބަސްއަހާ ކުޑަކުއްޖެއްފަދައިންނެވެ. އެކަމަކުވެސް މިރިއަމް އިރުގަނޑެއްވާންދެން އޭނަގެ މޫނުގައި ހިފަހައްޓައިގެން ބަލަން އިނެވެ.

މިރިއަމް ގުރުއާން ކިޔެވުމުގެ ވަގުތަށް ބަދަލެއް ނުގެނެސް ކުރިއެކޭ އެއްގޮތަަކަށް ކިޔެވުމުގައި ވަގުތުހޭދަކުރެއެވެ. ހަމްޒާއަށް ފާހަގަވީ ކިޔަވަން އިންނަ އާޔަތް ތަކުރާރުކޮށް ކިޔަވާކަމެވެ. އެއް އާޔަތެއްގައި މަޑުމަޑުން އިނގިލި ހިންގަމުން ތުންފަތް ހަރަކާތްކުރެއެވެ. އަވަސްކޮށްފިއްޔާ އެ ބަސްފުޅުތައް ގެއްލިގެން ހިނގައިދާނެފަދައިން ސަލާމުވެގެން އިނދެވެއެވެ.

"މި އާޔަތްތައް ސިކުނޑީގައި ހުންނާނެތަ ހަނދާން ނެތުނަސް؟" މިރިއަމް މުސްހަފް ލައްޕައިލިއެވެ.

"އާނ...އަބަދަށްވެސް..."ހަމްޒާ އޭނަގެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. އޭނަ ނުބުނީ މިރިއަމް ބައެއްފަހަރު އާޔަތްތައް އޮޅުވައިލާވާހަކައާއި އާޔަތްތަކުގެ މެދުތެރެއިން ކިޔަވަންފަށާ ވާހަކައެވެ. އޭނަ މިރިއަމް ގުރުއާން ކިޔަވާ އަޑު އަހަން އިންނަނީ އެންމެ ފުރިހަމަޔަށް ކިޔަވަން ނޭގުނަސް އެކަންތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުމަށެވެ.

މަރްވާއަކީ ދިރިއުޅުމުގެ ނަގިއްޔެއްފަދައެވެ. އަދި ހަޔާތުގެ ލޯގަނޑެވެ.

މިރިއަމް އެކުއްޖާއާއިމެދު އާދަޔާ ޅިލާފަށް އޯގާތެރިވެ ކޮންމެކަމަކަށް ސަމާލުކަންދެއެވެ. ރޭގަނޑު ދަބަސް ތައްޔާރުކޮށްފައި އަނެއްކާ ހެދުނު އެ މަސައްކަތްކޮށްލާފައި ދަރިފުޅު ސްކޫލަށް ދިޔުމުގެ ކުރިން އަލުން ފޮތްތައް ހަމަކުރަން ބަލައެވެ. ހަމްޒާއަށް ފާހަގަވީ މީހުންނަށްވުރެ އެއްޗެއްސަށް އިތުބާރު ނުކުރާކަމާއި އެންމެ އިތުބާރުކުޑަވީ އަމިއްލަ ނަފުސަށް ކަމެވެ.

"މަންމީ...ކީއްވެ ބައްޕަ ކައިރިން މަރްވާ ކެއިތޯ އަހަނީ؟"

މިރިއަމް ހިމޭންވިއެވެ."އެއީ ހަމަ ޔަގީންކޮށްލަން..."

"ދަރިފުޅު...އެއީ މަންމަ ދަރިފުޅުދެކެ ލޯބިވާވަރުން..މަންމަ ވޮރީކުރަނީ އެހެންވެ.."އޭނަ މަރްވާ އުފުލައިލިއެވެ.

"މަންމި ޝޫޒްވެސް ފްރިޖަށް ލަނީ އެހެންވެތަ؟ ފިނިކުރަން..."

އެރޭ މިރިއަމްގެ ލޮލުން ކަަރުނަ އަންނަން ފެށިގޮތަށް ހުއްޓުވަން އުދަގޫވިއެވެ.

"މަރްވާގެ މަންމައަކީ ހަނދާންނެތޭ މީހެއްކަން އެނގެން ބޭނުމެއްނޫން.."މިރިއަމް އޭނަގެ ކޮނޑުގައި މޫނު ޖައްސާލައިގެން އޮތްއިރު ކިރިޔާ ބުނި އެއްޗެއް ދޭހަވީއެވެ." ބޭނުންވަނީ މަރްވާގެ ހުރިހާކަމެއް އެނގޭ ފަރުވާތެރިވާ މީހެއްކަމުގައި މަރްވާއަށް އެނގެން.."

ހަމްޒާ ޖަވާބެއްނުދީ މިރިއަމް ގެނެސް މޭގައި ޖައްސައިލިއެވެ. ޔަގީންކަން ދެވެން ނެތީމައެވެ. ދޮގުހެދުމުގެ މާނައެއް މިވަގުތު ނެތީމައެވެ.

މިއީ ސިކުނޑިއަށް ބުރަވެގެން ، މޮޅިވެރިކަމުން ނޫނީ ވަރުބަލިވެގެން ވާކަމެއްކަމަށް ހެދިގެން ހުރުން އޭނަވެސް ހުއްޓާލީއެވެ.ސަބަބަކީ ހާލަތު ރަގަޅަށް ސާފުވަމުންދާތީއެވެ. ހަމަ ސީދާ ވަކި ހާލަތެއްގެ ނިޝާންތަކެވެ.

އެމްއާރުއައި ހަދާފައި ރިޕޯޓްލިބުމުގެ ކުރިންވެސް ހަމްޒާއަށް ސިކުނޑީގެ "ގްރޭ މެޓާ" މަދުވެފައިވާތަން ފެނުމުން ބަލި ދެނެގަނެވުނެވެ. ސިކުނޑީގެ ސެލްސްތައް މަރުވެ ސިކުނޑި ރަގަޅަށް އޭގެ ވާޖިބުއަދާކުރުން ހުއްޓައިލީއެވެ. އޭނަ މިރިއަމް އަދި މަންމައަށްވެސް އެކަން ސިއްރުކުރިއެވެ.

އޭނަ މިރިއަމް ހަނދާންނެތޭ ކަންތައް ހަނދާނުގައި ބަހައްޓާނެއެވެ. ވައްޓާލާ އެއްޗެއްގައި ހިފަހައްޓާނެއެވެ. މިރިއަމް ރުޅިއައުމުން އޭނަ އޯގާތެރިވާނެއެވެ. ދުރަށް ދިޔަސް ފަހަތުގައި ހުންނާނެއެވެ. ކޮންމެހެން އޭނަ ވަރުގަދަވީމައެއްނޫނެވެ. މިރިއަމް އަދިވެސް ދުނިޔޭގައި ހުރުމުންނެވެ. މިރިއަމް ނެތް ދުވަހެއް އަޔަސް އޭނައަށް ހުރިހާކަމެއް އެނގިހުރެ ކެތްތެރިކަމާއި ވަފާތެރިކަމާއެކު އެބުރަދަން އުފުލާނީ އެއީ ކިހާ ބުރަކަމެއްކަން އެނގިހުރެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު