ބޮލީވުޑްގެ ކުޅިވަރު ފިލްމު "ޗަކް ދޭ އިންޑިއާ"އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ބަތަލާ ސަގަރިކާ ހާޓްގޭ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ސަގަރިކާ ރާއްޖެ އައިސްފައިވަނީ ސީދާ ކޮން ދުވަހެއްގައިކަން ހާމަކޮށްފައި ނެތް ނަމަވެސް ބަތަލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ސަގަރިކާ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ޒަހީރު ޚާން އަދި އަށް މަހުގެ ދަރިފުޅު ފަތޭހްސިންހް ޚާންއާ އެކުއެވެ. ޒަހީރު ޚާން އަކީ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ އެންމެ މަގުބޫލު ކުޅުންތެރިންގެތެރޭ ހިމެނޭ އެކަކެވެ. ޒަހީރު ކްރިކެޓް ޓީމުން ވަކިވެ ރިޓަޔަމެންޓް އިއުލާނުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ބަތަލާ ސަގަރިކާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ބަތަލާގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ.އަތޮޅުގައި އޮންނަ ރާޔާ ބައި އެޓްމޮސްފެއަ ރިސޯޓުގައެވެ. މި ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ސަގަރިކާ ވަނީ، އެ ރިސޯޓުގެ ހަމަހިމޭން މާހައުލު އޭނާއަށް ވަރަށް ކަމުދާ ކަމަށާއި ރިސޯޓުގެ މޫދާއި ހުދު ދޮންވެލިގަނޑުގެ ރީތިކަމަށް ތައުރީފުކޮށްފައެވެ.
ހަމައެއާއެކު ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ މެހެމާންދާރީއަށް ތައުރީފުކުރަމުން ބައެއް މުވައްޒަފުންގެ ނަން ވެސް ބަތަލާ ވަނީ އެ ޕޯސްޓުގައި ހާމަކޮށްފައެވެ.
ރިސޯޓުގައި ބަގީ ދުއްވުމުގެ ތެރޭގައި ސަގަރިކާގެ ތުއްތު ދަރިފުޅު ފަތޭހް އަކީ ލަވަކިޔުމަށާއި މިއުޒިކަށް ލޯބިކުރާ ކުއްޖެއްކަން އެނގުނު ކަމަށާއި އެކަމަށްޓަކައި އެ ރިސޯޓުގެ ބަގީ ދުއްވާ މުވައްޒަފަށް ވެސް ސަގަރިކާ ވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.
މީގެކުރިންވެސް އެކިފަހަރުމަތިން ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވާ ސަގަރިކާގެ އާއިލާއިން މިދިޔަ އޮކްޓޯބަރު މަހު ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.
އެ ދަތުރަކީ ފިރިމީހާ ޒަހީރު ޚާންގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެއަށްކުރި ދަތުރެކެވެ. ސަގަރިކާގެ އާއިލާއިން އޭރު ޗުއްޓީ ހޭދަކޮށްފައި ވަނީ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގައެވެ.