"އަދި މަޑުކޮށްބަލަ... ބޭނުންގޮތަކަށް ކަންތައްކޮށްގެން ނުވާނެ. ތި ތަވީދު ވަޅުލަން ވާނީ އަހަރެން ބުނާ ވަގުތަކު..."
ހާމިދުގެ އެވާހަކައާއެކު ކުޑަ ހައިރާންކަމެއް ޝާރިފްގެ މޫނުމަތީން ފެނިލިއެވެ.
"ކިހިނެއްވީ؟ ޖެހިލުންވަނީތަ؟" ހާމިދުގެ ގާތަށް އައީ ހިންޏެކެވެ.
"ނޫން. ކޮން އިރަކު އަހަރެން މިކަން ކުރަންވީ؟" ޝާރިފް ސުވާލުކޮށްލިއެވެ. އޭނަ މޫނުމަތީގެ އަސަރުތައް ފޮރުވަން މަސައްކަތްކުރިއެވެ.
"މެންދަމު ބަރާބަރު ދޭއް ޖަހާއިރު. އޭނަ ތި ވަޅުލާ ދިމާލަށް ފިޔަވަޅު އަޅަން ފަށާއިރަށް އޭނަގެ މައްޗަށް ޖިންނީގެ ބާރު ފޯރާނެ." ހާމިދުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޝާރިފްގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. އޭނައަށް ވާހަކަ ދައްކަން ފެށުނެވެ.
"ޖިންނީގެ ބާރު ފޯރާނެޔޭ، އަހަރެން ބުނިން ދޯ އޭނަ އަހަރެން ގާތަށް ގެންނާށޭ ބޭނުންވަނީ. ޖިންނީގެ ބާރު އޭނައަށް ފޯރުވާކަށް ނޫނޭ..." ޝާރިފްއަށް ބުނެވުނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޖިންނި މޮޔަވާ މީހުން އުޅޭ ގޮތް ނިކަން ރަނގަޅަށް އޭނައަށް ވަނީ ފެނިފައެވެ. ޖިންނި ހަށިގަނޑަށް ވަނުމުން، އަމިއްލަ މީހާގެ ފުރިހަމަ އިޚްތިޔާރު ގެއްލި އަދި ބައެއްފަހަރު ޖިންނި މޮޔަވެފައިވެސް އެބަ ހުއްޓެވެ. ފަހަރެއްގައިވެސް އެފަދަ ގޮތެއް ރަނީމްއަށް ވާކަށް އޭނަ ނޭދެއެވެ. އޭނަ ރަނީމް ދެކެ ލޯބިވެއެވެ. އަމިއްލަ އެދުން ހާސިލްކުރުމަށްޓަކައި، ސިހުރު ހެދިއެއްކަމަކު އެފަދަ ދެރައެއް ރަނީމްއަށް ދޭކަށް އޭނަ ނޭދެއެވެ. ޝާރިފްއަށް ނޭނގުނު ކަމަކީ މިހާރުވެސް އޭނަ އެދަނީ ރަނީމްއަށް ގެއްލުން ދޭން މަސައްކަތް ކުރަމުންކަމެވެ. ސިހުރަކީ އޭނަ އެ ހީކުރާ ކަހަލަ އެއްޗެއް ނޫންކަމެވެ. އެއީ އެއަށްވުރެ ނުރައްކާތެރިކަމެއް ކަމުގައެވެ.
"އަހަންނަށް ފެނެޔޭ މީހުން ޖިންނި މޮޔަވާތަން. އެހެން ރަނީމްއަށް ވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ އޭނަ އަހަންނަށް ލިބުން. ކޮންމެ ގޮތަކުންވެސް އޭނަގެ ލޯބި އަހަންނަށް ހާސިލްވުން." ޝާރިފް ބުންޏެވެ.
"ހަމަޖެހިބަލަ. ޝާރިފް ތިޔަ ހީކުރަނީ މީ އެހާ ފަސޭހަކަމެއް ކަމަށްތަ؟ ސިހުރު ހަދަނީ ޖިންނީންގެ ބޭނުންކޮށްގެން. އެކަމުގައިވެސް ގެންގުޅެން ޖެހޭ އުސޫލުތަކެއް ހުންނާނެ. މި ނޫން ގޮތަކަށް ކަލެއަކަށް އެ މަންޖެ ހާސިލެއް ނުވާނެ.... މިކަން ކުރިއެއްކަމަކު އޭނަ ދުނިޔެއިން މޮޔައެއްވެސް ނުވާނެ. އަހަރެންގެ ހުނަރާ މެދު ކަލޭ ޝައްކުކުރަނީތަ؟" ހާމިދުވެސް ކުޑަކޮށް ހިތްހަމަ ނުޖެހިއްޖެއެވެ. ޝާރިފްއަށް ނުފެނުނު ނަމަވެސް، މިހާރުވެސް އޭނަގެ ކައިރީގައި ޖިންނީން ހަރަކާތްތެރިވެއެވެ. އެ އެއްޗެހި ނުރުހޭ ގޮތަށް އަމަލުކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. ސަބަބަކީ އެ އެއްޗެހި އޭނައަށް ކިޔަމަންވާތީއެވެ.
"އޭނަ މޮޔައެއް ނުވާނެތަ ހަމަ؟" ޝާރިފްއަށް ބުނެވުނެވެ.
"އާނ. އޭނައަކަށް ގޮތެއް ނުވާނެ. އަހަރެން ބުނާ ގޮތަށް ކަންތައްކުރާހާ ހިނދަކު އެފަދަ ގޮތެއް ނުވާނެ..." ހާމިދު ޔަޤީންކަން ދިނެވެ.
"ދެން މި ވަޅުލާފަ އަހަރެން ކިހިނެއް ހަދަން ޖެހޭނީ؟" ޝާރިފް އޭނަގެ ހިތަށް ވިސްނަދިނެވެ. އޭނަ އަތުގައި އޮތް ތަވީދާ ފެންފުޅިއަށް ބަލައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލާފައި، ހާމިދަށް ބަލައިލިއެވެ.
"ތި ތަވީދު ވަޅުލުމުން އޭނަގެ މައްޗަށް އޭގެ ބާރު ފޯރަން ފަށާނީ... ހަނދާންކުރާތި އޭނަ އެންމެ ފުރަތަމަ ގެއިން ނުކުންނަ ދިމާލުގައި ތި ވަޅުލާނީ... އެއަށްފަހު، ތިން ދުވަސްތެރޭގައި، ތި ފެންފުޅި އޭނައަށް ދޭންޖެހޭނެ. ފޮނި އެއްޗަކަށް އަޅާފަ ދިނަސް ރަނގަޅުވާނެ." ހާމިދު ބުންޏެވެ.
"އެކަމަކު އެކަން އަހަރެން ކުރާނީ ކިހިނެއް؟ އޭނަ ހުރީވެސް ޗުއްޓީގައި..." ޝާރިފްއަށް ވިސްނައިލެވުނެވެ. އޭނަގެ ހިތަށް އަރަމުން ދިޔަ ސުވާލު ދުލުން ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"އަހަންނަކަށް ނޭނގެ އެކަން ކަލޭ ކުރާނެ ގޮތެއް. އެކަމަކު، ތިން ދުވަސްތެރޭގައި ތިކަން ނުކުރެވިއްޖެއްޔާ އެކަމެއް ނުވާނެ. ދެން ހަދަން ޖެހޭނީ ތިއަށްވުރެ ބާރުގަދަ އެތިފަހަރެއް." ހާމިދު ބުނެލިއެވެ.
"އެންމެ ރަނގަޅު..." އެހެން ބުނެލާފައި ޝާރިފް ދާން އުޅުމުން މިފަހަރުވެސް ހާމިދު އޭނަ ހުއްޓުވިއެވެ.
"މިހާރު ކިހިނެއްވީ؟" އިތުރުކަމެއް އޮތްތޯ ޝާރިފް ސުވާލުކޮށްލިއެވެ،
"ފައިސާގެ ކަންތައް ނިންމައިލަ ދިނިއްޔާ ރަނގަޅު." ހާމިދު ބުނެލިއެވެ.
"އެންމެ ރަނގަޅު." އެހެން ބުނެލާފައި ޝާރިފް އޭނަގެ ފޯނު ނެގިއެވެ. އަދި ބޭންކު އެޕް ހުޅުވާލާފައި ހާމިދަށް އޭނަ އެބުނި އަދަދަށް ފައިސާ ޖަމާކޮށްލިއެވެ.
"އަހަންނަށް އޭނަ ލިބުނިއްޔާ އިތުރު ލައްކައެއް ދޭނަން..." ޝާރިފް އިތުރުކޮށްލިއެވެ.
"ޔަޤީން ލިބޭނެކަން. ފައިސާ ތައްޔާރުކޮށްފައި ބަހައްޓާތި!" ހާމިދު ފަޚުރުވެރި ހިނިތުންވުމަކާއެކު ބުނެލިއެވެ. ޝާރިފް ނުކުމެގެން ދިޔުމާއެކު، ހާމިދު ގޮސް އިށީނީ އެނދުގައެވެ. އޭނައަށް ފޯނެއް އައީ އެވަގުތެވެ. ގުޅީ އެކުވެރިއެކެވެ. އޭނަ އެދުނީ ސިހުރެއް ހަދައިދިނުމަށެވެ. މީހަކު މަރައިލުމުގެ ބޭނުމުގައެވެ. ދެވަނަ ވިސްނުމަކާ ނުލާ ހާމިދު އެކަމަށް އެއްބަސްވިއެވެ. އެމީހަކު އެކަމަށް އެކަށޭނެ އުޖޫރައެއް ދޭނަމޭ ބުނުމުންނެވެ. ފޯނު ބޭއްވުމަށްފަހު ހާމިދު ހިންދެމިލިއެވެ. އޭނައަކީ ސިހުރު ހެދުމަށް މޮޅު މީހެކެވެ. އޭނައަށް އެތަކެއް ފަހަރަކު ތުހުމަތު ކުރެވުނު ނަމަވެސް، އެކަމަކުން ލިބުނު ގެއްލުމެއް ނެތެވެ. އެއްފަހަރެއްގައި ގަބުރުސްތާނުގައި އޭނަ ސިހުރު ހަދަމުން ދަނިކޮށް ބަޔަކު މީހުން ފުލުހަށް ރިޕޯޓު ކުރިވެސް މެއެވެ. އެހެންނަމަވެސް އޭގެ އަނެއް ދުވަހު އޭނަ ހުރީ މިނިވަނެއްގެ ގޮތުގައި ނުކުމެ މަގުމަތީގައެވެ. އެހެންކަމުން ސިހުރު ހަދާކަށް އޭނަ ފަހެއް ނުޖެހެއެވެ. އޭނަގެ މޮޅުކަމުން އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވެއެވެ. މިހާރުވެސް އޭނައަށް އެގުޅީ އެއްބަނޑު ދެބެންގެ ތެރެއިން އެކެކެވެ. ބޭބެގެ ވިޔަފާރި ހަލާކުކޮށްލާ އޭނަ މަރައިލުމަށް ކޮއްކޮ ބޭނުންވަނީއެވެ. އެހެންނަމަވެސް އެކަމަކުން ހާމިދަށް ހައިރާންކަމެއް ނުލިބެއެވެ. ގިނަފަހަރަށް ސިހުރު ހެދުމަށް އޭނާގެ ގާތުގައި އެދެނީވެސް އެމީހެއްގެ އެންމެ ގާތް މީހެކެވެ. ނުވަތަ ޢާއިލާގެ މީހެކެވެ. ހަސަދަވެރިކަން އިންސާނާ ގެންގޮސް މިލަނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އެ ހަސަދައިގެ ސަބަބުން، އާޚިރަތުގެ ބާއްޖަވެރިކަމުން މަޙުރޫމްވެދާނެކަމަށް ވެސް މީހުން ބިރު ނުގަންނަނީހެއްޔެވެ؟
*****
"ނަމީރު... ނަމީރު... " ނަމީރު އިނީ އޭނަ އެކަނިމާ އެކަނި ފިކުރުކުރަން އިންނަ ކޮޓަރީގައެވެ. ޝައިސްތާ އޭނައަށް ގޮވަމުން ދިޔައެވެ. ގަނޑުވަރަށް އައިސްސުރެ އޭނަ އެތަނަކުން ނުނިކުމެއެވެ. ނަމީރު ހުރީ އޭނަގެ ބާރުގެ ބޭނުންކޮށްގެން، އެ ކޮޓަރިއަށް އެކަކަށްވެސް ނުވަދެވޭ ގޮތަށް ހަދާފައެވެ. ޝައިސްތާ ނަމީރަށް ގޮވަމުން ދަނިކޮށް އެތަނަށް ބަތީލާ އަތުވެއްޖެއެވެ. އޭނަ ހުރީ މަޑުމަޑު ނޫކުލައިގެ ހެދުމެއްގައެވެ. އާދައިގެ މަތީން ބޮލުގައި އަޅާ ތިރިއަށް ވައްޓާލާފައިވާ ފޮތިކޮޅުވެސް މިއަދަކު ނެތެވެ. މޫނުމަތީގެ މާޔޫސްކަމުން ހީވަނީ ހިތާމައިގެ ސާލެއް ގައިގައި އޮޅާލައިގެން ހުރިގެންނެވެ. އޭނަ ޝައިސްތާއަށް ބަލައިލުމުން ނޫނެކޭ ބުނުމުގެ ގޮތުން މާޔޫސީ ގޮތަކަށް ޝައިސްތާ ކަރު އެލުވައިލިއެވެ.
ބަތީލާ އޭނަގެ އަތުގައި ހުރި ލަކުޑި ކުޑަ ބޯ ތައްޓަށް ބަލައިލިއެވެ. އެއީ އޭނަ ނަމީރަށް ގެނައި ބޭހެވެ. ނަމީރުގެ ހަށިގަނޑުގައި ވޭން އަޅާނެކަން އެނގޭތީ އޭނަ އެއައީ އެ ތަދަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ.
"ނަމީރު... ދޮރު ނުހުޅުވަންޏާ މަންމައަށް ޖެހޭނީ ބާރުގެ ބޭނުންކޮށްގެން މި ދޮރު ހުޅުވަން." ބަތީލާ ބުނެލިއެވެ. އޭނަ ޝައިސްތާއަށް ބަލައިލިއެވެ.
"އަޅުގަނޑުވެސް މަސައްކަތް ކުރިން ދޮރު ހުޅުވަން. އެކަމަކު އެތެރެއިން ނަމީރު އޭނަގެ ބާރު ބޭނުންކުރާތީ މަޑުކޮށްލީ. އެ ޙާލުގައި އިތުރަށް ބަލިކަށިވެދާނެތީ އިތުރު ކަމެއް ކުރަން ނުކެރުނީ..." ޝައިސްތާ ބަތީލާއަށް ބުނެލިއެވެ.
"އެހެންވިޔަސް އެކަނިމާއެކަނި އިނުމަކީ ހައްލެއް ނޫނެއްނު. މަންމަ މިއައީ ބޭސް ހިފައިގެން. ކޮންމެވެސް ގޮތަކުން އެބަ ޖެހޭ މިކަންކުރަން." ބަތީލާގެ އަޑުގައިވެސް ވަނީ ކަންބޮޑުވުމެވެ.
"މަންމާ... މާމާ... ބައްޕަ އަދިވެސް ދޮރު ނުހުޅުވަނީތޯ؟" އެމީހުން އެތަނުގައި ތިއްބާ ނާވީވެސް އަތުވެއްޖެއެވެ. އާއެކޭ ބުނުމުގެ ގޮތުން ޝައިސްތާ ބޯ ޖަހައިލިއެވެ.
"އަހަރެންގެ ބޯ މިހާރު ފަޅައިގެން ދާން އުޅޭހެން ހީވަނީ. ރޭގަ އައިސްސުރެ އިންޖާބުވެސް އަނގައިން ނުބުނެ ކޮޓަރީގައި އެ އޮންނަނީ. ނަމީރުވެސް ދޮރު ތަޅުލައިގެން..." ބަތީލާއަށް ބުނެވުނެވެ. އޭނަ ދެވަނަ ވިސްނުމަކަށް ނުގޮސް ކުއްލިއަކަށް ދޮރު ހުޅުވައިލިއެވެ. އޭރު ނަމީރު އިނީ ގޮނޑީގައި އިށީނދެ މައްޗަށް ބަލަހައްޓައިގެން ދެފަރާތަށް ގޮނޑި ހެއްލާލަ ހެއްލާލައެވެ. މިފަހަރު އޭނަ ބާރުގެ ބޭނުންކުރާކަށް ނޫޅުނެވެ. ކޮންމެވެސް ގޮތަކުން ބަތީލާ އެތަނަށް ވަންނާނެކަން އޭނައަށް އެނގޭ ފަދައެވެ.
"ދަރިފުޅާ..." ބަތީލާ އެތެރެއަށް ވަތްއިރު ބަތީލާގެ ފަހަތުން، ނާވީ ޝައިސްތާވެސް އެތެރެއަށް ވަނެވެ. ނަމީރު ހީވަނީ މަރުވެފައިވާ މީހެއް ހެންނެވެ. އޭނަގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. މޫނުމަތީން ފެންނަނީ މާޔޫސްކަމެވެ. ރޭ ހަތަރު ދަމު އޭނަ އުޅުނީ ވޭނުގައިކަން އެންމެންނަށްވެސް އެނގުނެވެ. ދެ ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިފައިވާ ފަނޑުފަނޑު ފެހިނޫ ރޮނގު ހެކިދެނީ އޭނަ ވަރަށް ރޮއިފައިވާކަމެވެ. ދެލޮލުގެ ވިދުންވެސް ވަނީ ފަނޑުވެފައެވެ.
"ދަރިފުޅާ..." ބަތީލާ ނަމީރު ކުޑަކޮށް ސީދާކޮށްލަމުން އޭނަގެ ބުރަކައްޓަށް ބަލައިލިއެވެ. ފިހިފައިވާ ކަމުގެ ނިޝާންތައް އޭރުވެސް އޭނަގެ ބުރަކަށީގައި ހުއްޓެވެ. ނަމީރު އިންގޮތަށް އިސްޖަހާލައިގެން އެކަކަށްވެސް ބަލައިލުމެއް ނެތި އިން އިރު ޝައިސްތާއަށްވެސް ކުޑަކަކޫ މައްޗަށް ތިރިވެވި ނަމީރުގެ ކަކުލުގައި ހިފައްޓައިލެވުނެވެ. އެހެންނަމަވެސް ނަމީރު އޭނައަށް ބަލައެއް ނުލިއެވެ. ނާވީ ވެސް ބައްޕަގެ ބުރަކައްޓަށް ބަލައިލިއެވެ. އެތަން އޮތްގޮތްފެނި ވޭން އަޅާނެ މިންވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ. ބަތީލާ ލަސްނުކޮށް އޭނަ ގެނައި ބޭސްތައް ނަމީރުގެ ބުރަކަށީގައި އުނގުޅަން އަވަސްވެގަތެވެ. އޭނަގެ އަތް ޖެހިލުމާއެކު ނަމީރު ދެލޯ މަރައިލި ގޮތުން އެކަނިވެސް ތަދުވަމުންދާކަން ހާމަވަމުން ދިޔައެވެ.
"މީ އަހަންނަށް ހައްޤު އަދަބެއް. ވަރައެއް އަނދައިގެން ދިޔުމަކީ ކިހާ ވޭންހުރިކަމެއްކަން އަހަންނަށް އިޙްސާސްމިވީ މިއަދު. ރައާބިލް އަހަންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ." ބަތީލާ ބޭސް ހާކަމުން ދިޔައިރު، ނަމީރަށް ވާހަކަ ދެއްކުނެވެ.
"ބައްޕާ... ރައާބިލްއަކީ ބައްޕަ ތި ހީކުރާކަހަލަ މީހެއް ނޫން. އޭނައަކީ އޯގާތެރި ހިތެއްގެ ވެރިއެއް." ނާވީއަށް ވެސް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އޭނަ ނަމީރަށް ބަލައިލަމުން ބުނެލިއެވެ. އަދި ގޮސް ނަމީރުގެ އެއްފަރާތުގައި ހުއްޓުނެވެ. އެ ހުރިހާއިރު އެއިން އެކަކާވެސް ހަތަރު ކަޅި ހަމަނުކުރި ނަމީރު ނާވީއަށް ބަލައިލިއެވެ.
"އަޅުގަނޑަށް މާފުކުރައްވާ ބައްޕާ... ބައްޕަގެ ތި ޙާލު ބަލާކަށް އަޅުގަނޑަށްވެސް ފަސޭހައެއް ނޫން." ނާވީ އޭނަގެ ބައްޕަގެ އަތުގައި ހިފައްޓާލާފައި އެއަތަށް ބޮސް ދެމުން ބުނެލިއިރު އޭނަގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.
"ބައްޕަ ކޮބާ؟" ނަމީރަށް ސުވާލުކޮށްލެވުނެވެ.
"ބައްޕަވެސް ރޭއްސުރެ އަނގައިން ނުބުނޭ... އެއީ ދުވަހަކުވެސް ބައްޕަގެ ފަރާތުން މަންމައަށް ފެނުނު ސިފައެއް ނޫން. އެއީ މުޅީން އާ ސިފައެއް." ބަތީލާ ބުނެލި އެވެ. ރޭއްސުރެ އޭނައަށް ފެންނަމުން އެދަނީ މުޅީން ތަފާތު އިންޖާބެކެވެ. އިންޖާބުގެ ހަރުކަށިކަމާއި، ގޮތްދޫނުކުރުގެ ސިފަ ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ.
"މަންމައަށް މާފުކުރާތި ދަރިފުޅާ. ބައްޕަގެ އެ ހަމަލާއިން ދަރިފުޅު ސަލާމަތްނުކޮށްދެވުނީމަ. ދަރިފުޅުގެ ވަރަ... ވަރައިގެ އެއްބައި އަނދައިގެން ދިޔައީ މަންމަމެން އެންމެންގެ ކުރިމަތީގައި. އެ ވަރަ ސަލާމަތްނުކޮށްދެވުނީތީ މަންމަ...." ބަތީލާގެ ވާހަކަ ހުއްޓުވީ ނަމީރެވެ.
"ނޫން. ނޫން މަންމާ.... އަހަރެންގެ ގާތުން މާފަށް ނޭދޭ...." ނަމީރު ބުނެލިއެވެ. ބަތީލާ ނަމީރުގެ އުނގުޅާދީ ނިންމާލުމުން ނަގަމުން ދިޔަ ދިލަ މަޑުވެ މަޑުމަޑު ފިނިކަމެއް ނަމީރުގެ ބުރަކަށީގެ ޒަޚަމުގައި އުފެދެން ފެށިއެވެ. އޭނަގެ ވޭނަށް ކުޑަވެސް ލުޔެއް ލިބުނީ ދެނެވެ.
"އަޅުގަނޑު މިދަނީ ކާފަ ކައިރިއަށް." އެހެން ބުނެލާފައި އެތަނުން ނާވީ ނުކުމެއްޖެއެވެ. އޭނަ ގޮސް އިންޖާބުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަދެލިއެވެ. އޭރުވެސް އިންޖާބު އޮތްގޮތަށް އޮތީއެވެ.
"ކާފާ..." ނާވީ ގޮސް އިންޖާބުގެ ކައިރީގައި ހުއްޓުމަށްފަހު، ވާހަކަ ދެއްކި ނަމަވެސް އިންޖާބު އަޅައެއް ނުލައެވެ. "އަޅުގަނޑާ ވާހަކަ ނުކައްކަވާނަންތޯ ކާފާ؟ އަޅުގަނޑަށް މާފުވެސް ނުކުރައްވާނަންތޯ؟"
ނާވީ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް، އިންޖާބު އަޅައެއް ނުލައެވެ. އޭނަ އޮތް ގޮތަށް އޮތީއެވެ.
"އަޅުގަނޑަށް ރަނީމް ދެކެ ލޯބިވެވުނީ ގަސްތަކު ނޫން. އެންމެ ފުރަތަމަ ރަނީމް ފެނުމުންވެސް މިހިތުން އެ އަންހެން ކުއްޖާ ޖާގައެއް ކަށަވަރު ކުރި. އަޅުގަނޑު އަމިއްލަ ހަޤީޤަތް ވެސް ފުރަތަމަ ސިއްރުކުރިން. އެކަމަކު އޮޅުވާލައިގެން އުޅުމުގެ ހިތްވަރެއް ނުލިބުނު. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް އަޅުގަނޑު ހަޤީޤަތް ހާމަކުރީ. އޭރު ނޭނގެ ރަނީމްގެ ހަޤީޤަތެއް... އަޅުގަނޑުގެ ހަޤީޤަތް އެނގުމުން އޭނަ ބިރުގަތް. އަޅުގަނޑު ހުރީ ދުވަހަކުވެސް އޭނަ ފެންނަ ހިސާބަށް ނުދާންކަމަށް. އެއީ އޭނަ ނުގޮވާހާ ހިނދަކު... އެކަމަކު ރަނީމް... ރަނީމްއަށްވެސް އަޅުގަނޑާ ދުރުގައި ނުހުރެވުނު. އޭނަ އަޅުގަނޑު ޤަބޫލުކުރީ އުފަލުން ހުރެ.... މާފަހުން ރަނީމްގެ ހަޤީޤަތް އެނގުނީ. ކާފައަށް ހުރިހާކަމެއްވެސް އެނގިލައްވައެއްނު. ދެން ކީއްވެ؟ އަޅުގަނޑަށް ރަނީމްއާ ވަކިން ނޫޅެވޭނެ. އަޅުގަނޑު ރަނީމް ދެކެ ވަރަށް ލޯބިވޭ.... ބޭނުމެއް ނޫން ކާފަވެސް، އަދި އާއިލާވެސް އަދި ރަނީމް ވެސް ގެއްލޭކަން. އަދިވެސް އަޅުގަނޑު ރަނީމް ހިމާޔަތްކުރާނަން...." ނާވީ އެހެން ބުނެލާފައި ގޮސް ނުކުމެއްޖެއެވެ. އިންޖާބު ތެދުވެ އިށީނދެލިއެވެ. އޭނަ ނާވީ ދިޔަ ދިމާލަށް ބަލައިލިއެވެ. ނާވީ ރަނީމްއާ ދުރުނުވާނެކަމުގެ ޔަޤީންކަން އެ ހިނދު އިންޖާބަށް ލިބިގެން ދިޔައެވެ. އެހިނދު އޭނައަށް ފުންނޭވާއެއް ދޫކޮށްލެވިއްޖެއެވެ.
އެތަނުން ތެދުވެގެން އިންޖާބު ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނަ ގެއްލިއްޖެއެވެ. ދެން ފެނުނީ ނަމީރު އިން ކޮޓަރީގެ ދޮރުމަތީންނެވެ. އެތަނުގައި ތިބި ޝައިސްތާއާއި ބަތީލާ އޭނަގެ ލޮލުގައި އަޅައިގަތެވެ. އެމީހުންގެ އިތުރުން ނަމީރުގެ ބުރަކަށިވެސް ފެނުނެވެ. އެހިނދު އަނެއްކާވެސް މޭގައި ރިހުމެއް އުފެދިއްޖެއެވެ. އެ މަންޒަރު ބަލަން ކެތްނުވެފައިވާ ފަދައަކުން އިންޖާބު އަނެއްކާވެސް އެތަނުން ގެއްލުނީއެވެ. މިފަހަރު އޭނަ ދިޔައީ ރައާބިލް ބާއްވާފައި އޮތް ގޮޅި ކައިރިއަށެވެ. އޭނައަށް އެ ގޮޅިއަށް ބަލަހައްޓައިގެން ހުރެވުނުއިރު، އެ ގޮޅީގެ ތެރޭގައި ރައާބިލްއަށް ދިން އަނިޔާ އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ރައާބިލްގެ ވަރަ އަންދައިލި އަނިޔާވެރި ހާދިސާވެސް މެއެވެ. މިއަދު އެކަމުން ރައާބިލްއަށް ލިބޭނެ ވޭން ފުރަތަމަ ފަހަރަށް އިންޖާބަށް އިޙްސާސްކުރެވުނެވެ. އެ ވޭނުގައި އަމިއްލަ ދަރިފުޅު އުޅޭތަން ފެނުމުންނެވެ. އިންޖާބަށް ފުރަތަމަ ފަހަރަށް އިސްޖަހައިލެވުނެވެ. އެހެން ހުރެފައި އޭނަ އަނެއްކާވެސް ގެއްލުނީއެވެ.
*****
ހަވީރުގެ ވަގުތެވެ. ރަނީމް ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުން ދިޔައިރު، ސަމްރާވެސް އޮތީ ރަނީމްއަށް ބަލަހައްޓައިގެންނެވެ. ރައާބިލް އޭރު ސަމްރާގެ އަތުގައި ހިފައްޓާލައިގެން އިނެވެ. އޭނަވެސް ދިޔައީ ރަނީމްއަށް ބަލަމުންނެވެ. ހިނގަމުން ހިނގަމުން ގޮސް އިރުއިރުކޮޅުން ހުއްޓި އޭނަގެ އަތުގައި އޮތް އުޅާވެސް ބަލައިލާނެއެވެ. ފުންނޭވާއެއް ދޫކޮށްލާނެއެވެ. ރަނީމް ހުރީ އެއްވަރަކަށްވެސް ނާވީގެ ޚަބަރެއް ނުވާތީ ހާސްވެފައެވެ.
"ދަރިފުޅު. ހާސްނުވެބަލަ. ނާވީއަކަށް ކަމެއް ނުވާނެޔޭ... އޭނަ އަންނާނެ..." އެންމެފަހުން ރައާބިލްއަށް ބުނެވުނެވެ.
"އެނގޭ... އެކަމަކުވެސް..." ރަނީމްއަށް ބުނެވުނެވެ.
އެގޮތުގައި ވަގުތުތައް ގުނަމުން ދިޔަ ރަނީމްއަށް، ކޮންމެ ސިކުންތެއްވެސް ހީވަނީ ގަރުނެއްހެންނެވެ. އޭނަ ވަނީ ނާވީއާ މެދު އިންތިހާއަށް ކަންބޮޑުވެފައެވެ. އެ އިންތިޒާރަށް ނިމުން އައީ ރޭގަނޑު އެގާރަ ޖަހާ ބޮޑުވީފަހުންނެވެ.
"ނާވީ..." ކޮޓަރި ތެރެއިން ނާވީ ފެނުމާއެކު ރަނީމްއަށް ގޮސް ނާވީގެ އަތުގައި ހިފައްޓައިލެވުނެވެ.
"އަހަންނަކަށް ކަމެއް ނުވެޔޭ. ކީއްވެ އެހާ ހާސްވީ؟" ނާވީ އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ.
"އެހެންނޫނީ އިޝާ ނަމާދުފަހުން އަންނާނެ. އެކަމަކު މިރޭ ނުވެސް އާދެ. އަހަރެން ރުއްފަލަށްވެސް ދިޔައިން. ދައިސަމްއާ ވެސް ދިމާވި. ނާވީއާ ބެހޭގޮތުން ސުވާލުވެސް ކުރިން." ރަނީމްއަށް ޝަކުވާކޮށްލެވުނެވެ. ނާވީ ވަގުތުން މާފަށް އެދުނެވެ. ރަނީމް ހާސްވާނެކަން އެނގި ހުރެވެސް އޭނައަށް ނާދެވުނު ސަބަބު ނާވީ ކިޔައިދިނެވެ. ނަމީރުގެ ޙާލު އިތުރަށް ދެރަވީކަމުގައި އޭނަ ބުނެލިއެވެ.
"މިހާރު ރަނގަޅުތަ؟" ރަނީމް ސުވާލުކޮށްލުމާއެކު، ނާވީ ބޯ ޖަހައިލަމުން ލުއިކޮށް ހިނިތުންވެލިއެވެ. އަދި އޭނަ ރަނީމްގެ ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސައިލުމަށްފަހު، ސަމްރާއާ ރައާބިލްއާ ދެމީހުންނަށް ބަލައިލިއެވެ. ރައާބިލްގެ މޫނުމަތީގެ އަސަރުތައް ހެކިދެނީ އޭނަ ކަންތައްވެގެން ދިޔަގޮތް އެނގެން ބޭނުންވާކަމެވެ. ނާވީއަށް އެކަން ފަހުމްވުމުން އޭނަ ކުރުގޮތަކަށް ނަމީރާ އިންޖާބުގެ ޙާލަތު ކިޔައިދިނެވެ. ނަމީރު ރައާބިލްގެ މާފު ބޭނުންވެފައިވާ މިންވަރުވެސް މެއެވެ. އެ ވާހަކަތައް އަޑު އަހަން އިނދެފައި ރައާބިލް ތެދުވެ ވާހަކަ ދެއްކިއެވެ. އޭނަ ބުނި އެއްޗަކުން ރަނީމްއާއި ސަމްރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.
(ނުނިމޭ)