"އިންޖާބު! ކީއްތަ ތިކުރީ... ނަމީރު..." ބަތީލާއަށްވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނައަށް ގޮސް ނަމީރުގެ ކައިރީގައި ކުޑަކަކޫ ޖަހާލާފައި އިށީނދެވުނެވެ. އޭނައަށް ރޮވެން ފެށުނެވެ. ޝައިސްތާގެ ޙާލަކީވެސް އެއީއެވެ. ވަމުން ދިޔައީ ކީއްކަން އެމީހުން އެންމެންނަށްވެސް އެނގެއެވެ. ރައާބިލްއަށް ވެސް މެއެވެ. އާއެކެވެ. ނަމީރުގެ ވަރަ އަނދަނީއެވެ.
"ނަ.. ނަމީރު... އަހަރެންގެ ދަރިފުޅު..." ހުއްޓުން އަރާފައި ހުރި ފަދައަކުން އިންޖާބަށް ހުރެވުނެވެ. ސިކުނޑީގެ މަސައްކަތްތައް ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނު ފަދައެވެ. އޭނަގެ ހަމަލާގެ ބާރުގަދަކަން އަމިއްލައަށް ވެސް އިންޖާބަށް ވަޒަންކޮށްލެވެއެވެ. މީގެ ކުރިން އެފަދަ ހަމަލާއެއް އޭނަ މާގިނައިން ބަޔަކަށް އަމާޒުކޮށްފައެއް ވެސް ނުވެއެވެ. އެ އަނިޔާއިން ސަލާމަތްވުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫނެވެ. އެފަދަ ބާރުގަދަ ހަމަލާއެއް އޭނާ އެ އަންހެން ކުއްޖާއަށް ފޮނުވާލުމުގެ މަޤްސަދަކީ އެއްފަހަރުން އޭނަގެ ދުވަސް ދުއްވައިލުމެވެ. އެހެންނަމަވެސް މިވީ ކީއްހެއްޔެވެ؟ އެ ހަމަލާގެ ޝިކާރައަކަށް އޭނަގެ ދަރިފުޅު ނަމީރު ވީ ކީއްވެހެއްޔެވެ؟ ހަމަލާގެ ބާރު ގަދަކަން އެނގޭ ޙާލު ނަމީރު އެ އަންހެން ކުއްޖާ ހިމާޔަތްކުރީ ކީއްވެހެއްޔެވެ؟ އިންޖާބަށް ހޭވެރިކަންވީ އިރުކޮޅެއް ފަހުންނެވެ. އޭރުވެސް ނަމީރުގެ ވަރަ ދިޔައީ މަޑުމަޑުން އަނދަމުންނެވެ. އޭނަގެ ވޭނީ ހަޅޭކުގެ އަޑު މުޅިތަނުގައި ވަނީ ގުގުމާލާފައެވެ.
އެ މަންޒަރު ބަލަހައްޓައިގެން ހުރި ނާވީ ގޮސް ނަމީރުގެ ގާތަށް ތިރިވެލިއެވެ. ބައްޕަގެ ވޭނަށް ލުޔެއް ދެވޭތޯ އޭނަ ދިޔައީ މަސައްކަތްކުރަމުންނެވެ. ރައާބިލްއަށްވެސް އެ މަންޒަރު ބަލަން ހުރެވުނީ ފެންކަޅިވެފައިވާ ނަޒަރަކުންނެވެ. އެއީ ކިހާ ވޭންދެނިވި ކަމެއްކަން އެންމެ ރަނގަޅަށް އެނގޭނީ އޭނައަށެވެ. ނަމީރާ މެދު އޭނާގެ ހިތުގައި ޝަކުވާ ވީނަމަވެސް، ނަމީރަށް އެފަދަ ދެރައެއް ލިބޭކަށް އޭނަ ދުވަހަކުވެސް ނޭދެއެވެ. އޭނަގެ ވަރަ އަންދައިލެވުނީ އެންމެ ވޭންދެނިވި ގޮތުގައެވެ. ނަމީރު އެކަމުން އޭނަ ސަލާމަތްކޮށް ނުދިން ނަމަވެސް، އޭނަ އެފަދަ އަނިޔާއެއް ނަމީރަށް ލިބެން ނޭދެނީއެވެ. އޭނައަކީ އެހާ ހިތްހަރު މީހެއް ނޫނެވެ. ނަމީރުގެ ހަށިގަނޑުގައި އަޅާނެ ވޭނަށް ތަސައްލީއެއް ދޭން ކިތަންމެ ބޭނުންވިޔަސް އެކަން ކުރާނެގޮތެއް އޭނައަކަށް ނޭނގުނެވެ. އެ ދިމާލަށް ދާން އުޅެފައިވެސް ހުރެވުނީ ނަމީރުގެ ޢާއިލާ އޭނަގެ ގާތުގައި ތިބުމުންނެވެ.
"ދަރިފުޅު.... ނަމީރު..." އިންޖާބު ގޮސް ނަމީރުގެ ކައިރިއަށް މަޑުކޮށްލުމަށްފަހު، ވާހަކަ ދެއްކިއިރު އޭނަގެ އަޑުވެސް ތުރުތުރު އަޅައެވެ. ވަރައަށް ވަމުން ދިޔަ ގޮތުން އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން ޚުދު އޭނައަށްވެސް އެނގެއެވެ. އެފަދަ ވޭނީ ގޮތަކަށް ނަމީރު ތެޅި ފޮޅެމުން ދިޔަ މަންޒަރު ފެނި އޭނަގެ ހިތް ގެނބިގެން ދާން ފެށިއެވެ. އޭނަ ނަމީރުގެ ގައިގައި އަތްޖައްސައިލަން އުޅުމުން މިފަހަރު އޭނަގެ އަތް ދުރުކޮށްލީ ޝައިސްތާއެވެ. ޝައިސްތާއަކީ މީގެ ކުރިން ދުވަހަކުވެސް އިންޖާބާ ދިމާލަށް އިސްއުފުލައިލާ ބަލައިލަންވެސް ކެރުނު މީހެއް ނޫނެވެ. އަބަދުވެސް ވާހަކަ ދައްކަނީ އަދަބުވެރިކަމާއެކުގައެވެ. އެހެންނަމަވެސް މިއަދު އޭނައަށް އައިސްފައި އެވާ ބަދަލަކީ ނަމީރަށްޓަކައި އައިސްފައިވާ ބަދަލެކެވެ. އެކަން އިންޖާބަށްވެސް އެނގެއެވެ. އެކަމަކު މިވަގުތު އޭނައަށް ރުޅި އިސްކުރެވޭ ގޮތެއް ނުވިއެވެ. ޝައިސްތާގެ ޙާލަތު، ފަހުމްވާތީއެވެ. އެހިތުގެ ރިހުންތައް ދިޔައީ ކަރުނައިގެ ސިފައިގައި ބޭރުވަމުންނެވެ. ބަތީލާވެސް އިންޖާބަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ.
"ކީއްވެތަ ކުރިމައްޗަށް އެރީ؟ ނަމީރު... ކީއްވެތަ ދަރިފުޅާ..." އިންޖާބަށް ބުނެވުނެވެ. މަޑުމޮޅިވެފައިވާ އިންޖާބުގެ، ހަރުކަށިކަމާއި ބޮޑާކަން ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައިވެސް ދަރީންނާ މެދު ލޯބިވެއެވެ. މީގެ ކުރިން ހަރުކަށިކަން އިސްކޮށްފައި އަނިޔާވެރިވާނެކަމަށް ބުނި ނަމަވެސް، އޭނަ ދުވަހަކުވެސް ނަމީރަށް އަނިޔާވާނެ ފަދަ ކަމެއް ކޮށްފައެއް ނުވެއެވެ.
"ރައާބިލް...." އިންޖާބުގެ ވާހަކައަށް އިސްކަމެއް ނުދީ ނަމީރު ބަލައިލީ ރައާބިލްއަށެވެ. ވޭނުން ފުރިގެންވީ ދެލޮލުން އޭރު ކަރުނަ އަންނަމުން ދިޔައެވެ.
"އަހަންނަށް ކަލެއަށް ދެވުނު އަނިޔާގެ.... ބަދަލު ދޭނެ އިތުރު ގޮތެއް.... އަހަންނަކަށް ނޭނގުނު.... އަހަންނަށް... މާފު... މާފުކޮށްދީ...." ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ނަމީރު ވާހަކަ ދެއްކިއެވެ. އޭނަ ރަނީމްއަށްވެސް އަވަސް ނަޒަރެއް ދިނެވެ.
"ކަލޭ އަހަންނަށް އެންމެ ބޭނުންޖެހުނު ދުވަހު... އަހަރެން އިސްކުރީ އަމިއްލަ އެދުން... ކަލޭ އެކަނި އެ އަނިޔާގައި ހޭދަކުރަން ދޫކޮށްލީ... އެކަމާ އަހަރެން... މިއަދާ ހަމައަށްވެސް މިދަނީ އަމިއްލަ ނަފްސު ކުށްވެރިކުރަމުން. ކިތަންމެ ހަމަޖެހިގެން ހުރިނަމަވެސް އަހަރެންގެ ހިތުގެ ކަމެއްގައި އަބަދުވެސް އެ ކުށްވެރި އިޙްސާސްވޭ. އަހަންނަށް މާފުކުރޭ... ކަލޭ ސަމްރާއާ ކަލޭގެ ދަރިފުޅާ ވަކިވާން ޖެހުނީ އަހަރެންގެ ސަބަބުން... އަހަންނަށް މާފު..." އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ނަމީރުގެ މުޅި ހަށިގަނޑަށްވެސް ވޭން ފެތުރެން ފަށައިފިއެވެ. އޭނަ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މުޅިގެއަށް ވެސް ގުޑުން އަރައިގެން ދިޔައެވެ. ބަތީލާއަށްވެސް ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ. ބޭސްވެރިކަމުގެ އަލީގައިވެސް ދެވޭނެ ފަރުވާއެއް މިވަގުތަކު ނެތެވެ. ފަރުވާކުރިޔަސް ވަރަ ސަލާމަތެއް ނުވާނެއެވެ.
ނަމީރުގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާ އެއްވަރަށް އޭނާގެ ހިތުގައިވެސް ވޭން އަޅަމުން ދިޔައެވެ. އެ ދުވަހު ރައާބިލް ވަރަ އަންދާނުލުމަށް އެދި އާދޭސްކުރަމުން ދިޔަ އަޑު އޭނާގެ ކަންފަތުގައި ގުގުމަނީއެވެ. ރައާބިލްގެ ހަށިގަނޑުގައި އަޅާނެ ވޭން މިއަދު އޭނާއަށް އިޙްސާސްއެބަ ކުރެވެއެވެ. މިހުރިހާކަމެއްގެ ތެރެއިން އޭނައަށް ލިބުނު ހަމައެކަނި ހިތްހަމަ ޖެހުމަކީ ރައާބިލްގެ ދަރިފުޅު އޭނަގެ ބައްޕަގެ ހަމަލާއިން ސަލާމަތްކޮށް ދިނުމެވެ.
"ކަލޭގެ ހަށިގަނޑުގައި އަޅާނެ ވޭން މިއަދު އަހަންނަށް އިޙްސާސްވޭ... މިއީ އަދި އެ ވޭނަށް ވުރެ އެތަސް ހާސް ގުނަ ކުޑަ މިންވަރެއް..." ފަހު ޖުމްލައެއްގެ ގޮތުގައި ނަމީރަށް ބުނެވުނީ އެހެންނެވެ. އޭނަގެ ގައި ކައިރިން އެރި ފެހިނޫ އަލިކަމާއެކު އޭނަގެ ވަރައިގެ އެއްފަޅި އެކީ އަނދާ ހުލިވެގެން ދިޔައީއެވެ. އެއާއެކު ވޭނަށް ލުޔެއް ލިބިގެން ދިޔަނަމަވެސް އެކީގައި ތަދު ފިލައިގެނެއް ނުދިޔައެވެ. އެންމެ ދެރަވީ އޭނަގެ ބާރުތައްވެސް އިހުނަށްވުރެ ދެރަވާނެކަން އެނގޭތީއެވެ.
"އަހަރެން ދުވަހަކުވެސް ނޭދެން ކަލޭއަށް ތިފަދަ ދެރައެއް ލިބޭކަށް..." ރައާބިލްއަށް ވެސް ބުނެވުނީ މަޑުމޮޅިވެފައިވާ ޙާލުގައެވެ.
"ރުޅިވެރިކަމުގެ ނަތީޖާ ފެނޭތަ؟" ދެން އޭނަ ބަލައިލީ އިންޖާބަށެވެ. އިންޖާބު ރައާބިލްއަށް ބަލައިލި ނަމަވެސް، މިފަހަރު އޭނައަކަށް ރުޅިއެއްވެސް ނާދެވުނެވެ. ރަނީމް ހުރީ ބިރުންނެވެ. އިންޖާބުގެ ހަމަލާއެއް އަތުވެދާނެކަމަށެވެ.
"ކާފާ... ރުޅިވެރިކަން އެއްފަރާތްކޮށްލަބަލަ. ރަނީމްއަކީ އިންސިއެއްގެ ބަނޑުން އުފަންވި ނަމަވެސް އިންސިއެއް ނޫން. އޭނަގެ އަހަރެމެންނެކޭ އެއްފަދަ ބާރުތަކެއް އެބަހުރި. އޭގެ ބާރުގަދަކަން ނޭނގުނު ނަމަވެސް، އެއީ އާދައިގެ ބާރުތަކެއް ނޫން..." އެ ވަގުތު ކޮޅު ނާވީވެސް ވާހަކަ ދެއްކިއެވެ. އޭނަ ނަމީރުގެ ގާތުގައި އިން ނަމަވެސް އިނީ ހުޝިއާރުވެއެވެ. މިވަގުތު އިންޖާބު މަޑުމަޑުން ހުރިނަމަވެސް ރުޅުވެރިކަން އޭނަގެ ނަފްސުގެ މައްޗަށް ދަގަވެގަންނާނީ ކޮން އިރަކު ކިހިނެއްކަން ލަފާކޮށްލާކަށް ނޭނގެއެވެ.
"މީ އަހަންނަށް ކުރެވުނު ކުށުގެ ސަޒާ. މިކަމަށް ޝަކުވާކުރުމުގެ ފުރުސަތެއް އަހަންނަކަށް ނެތް..." ނަމީރު ހަށިގަނޑު ސީދާކޮށްލިއެވެ. އޭނަ ފުންވެފައިވާ ނޭވާ ހަމައަކަށް އަޅުވައިލިއެވެ. އަދި އޭނަގެ ރަނގަޅަށް ހުރި ވަރަ ވެސް ފޮރުވައިލިއެވެ.
ރަނީމްގެ އެތެރެހަށީގައި އުފެދެން ފެށި އިޙްސާސްތަކާއެކު އޭނަގެ ބާރުތައް އަނެއްކާވެސް ނުކުންނަން މަސައްކަތްކުރަން ފެށިއެވެ. އޭނަގެ ގާތުން އަރަން ފެށި އަލިކަމާއެކު އެކަން ރަނީމްއަށް އެނގުނެވެ. މިވަގުތު އޭނަ އެއްވެސް ބާރެއްގެ ބޭނުންކުރާކަށް ބޭނުމެއް ނޫނެވެ. އެ ބާރުތަކުގެ ބޭނުން ފުރިހަމައަށް ކުރަން ނޭނގޭ ޙާލު، އަދި އެ އަމިއްލަ ބާރުގެ ދަށަށް ގެންނަން ނޭނގޭއިރު، މީހަކަށް ގެއްލުމެއް ވެދާނެތީ އޭނަ ބިރުގަތެވެ. ވެއްޓިފައި އޮތް އުޅާ ނެގުމާއެކު ނިކަން އަވަސް އަވަހަށް އޭނަ އަތުގައި އުޅާ އަޅައިލިއެވެ. އެވަގުތު އެ އަލިކަންވެސް ފަނޑުވަމުން ގޮސް ގެއްލިއްޖެއެވެ.
"އިންޖާބު... " ބަތީލާ އިންޖާބަށް ގޮވައިލިއެވެ. އޭނަ ހުރީ ދެރަވެފައި ނަމަވެސް ހިތްހަމަނުޖެހުންވެސް ވިއެވެ. ނަމީރަށް އެފަދަ އަނިޔާއެއް ލިބުނީ އިންޖާބުގެ ފަރާތުންނެވެ.
ކުއްލިއަކަށް އިންޖާބު ގެއްލުނީއެވެ. ނަމީރުބެސް ނާވީއާއި ޝައިސްތާގެ އެހީގައި ތެދުވިއެވެ. ބަތީލާ ބަލައިލީ ރައާބިލްއަށެވެ. އެހެންނަމަވެސް އޭނަ އެއްޗެއް ނުބުނެއެވެ. ދެން ނަޒަރެއް ދެވުނީ ރަނީމްއަށެވެ. ރަނީމްއަށް ހިނިތުންވެލާކަށްވެސް ނޭނގުނެވެ. އޭނަ ހުރިގޮތަށް ހުރީއެވެ. ސަމްރާއަށް ބަލައިލުމަށްފަހު، ބަތީލާ ހިނގައިގަތެވެ.
ސަމްރާ ކުޑަކޮށް ބިރުގަތްފައިވާ ޙާލު ބަތީލާއަށް ބަލަހައްޓައިގެން އޮވެ ކައިރިއަށް ނައުމަށް ބުނެލީ ބޮލުގެ އިޝާރާތުންނެވެ. އެއާއެކު ބަތީލާ މަޑުޖެހިލިއެވެ.
"ބިރުނުގަނޭ... އަހަރެން އެއްވެސް ކަމެއް ނުކުރާރަން..." އޭނަ ބުނެލިއެވެ. ހީވީ ސަމްރާގެ ނުރުހުމުގައި އޭނަ ސަމްރާއާ ކައިރިވާން ބޭނުންނުވާހެންނެވެ. ބަތީލާގެ މޫނުމަތީން ފެނުނު، އޯގާތެރިކަމުގެ އަސަރުތަކާއެކުވެސް، ސަމްރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނައަށް ބަލައިލެވުނީ ރައާބިލްއަށެވެ. ރައާބިލްގެ ބަހެއް އޭނަ ބޭނުންވާ ފަދައެވެ. ރައާބިލް ބޯ ޖަހައިލީ ކަންބޮޑުނުވާށޭ ބުނާފަދައަކުންނެވެ. ސަމްރާ ލަސްލަހުން ފުންނޭވާއެއް ދޫކޮށްލިއެވެ. ރަނީމްވެސް ސަމްރާގެ އަތުގައި ހިފައްޓާލާފައި އެއަތަށް ބާރުކޮށްލުމަށްފަހު ބޯ ޖަހައިލިއެވެ. އަދި ބަތީލާއަށް ތަންދެއްކިއެވެ.
ސަމްރާ އާބަސް ދިނުމުން ބަތީލާ ގޮސް ސަމްރާގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ.
"އަހަންނަށް މާފުކުރޭ... ތީ ސަމްރާއަށް ލިބިގެންވާނެ އަނިޔާއެއް ނޫންކަމަށް ޚުދު އަހަރެންވެސް ޤަބޫލުކުރަން. ފަންސަވީސް އަހަރަކީ ކުރު މުއްދަތެއް ނޫން. މި ވޭތުވެ ދިޔަ ފަންސަވީސް އަހަރު އަހަރެމެންގެ ފަރާތުން ކުރިމަތިވި ހުރިހާ ނާއިންސާފަކަށް އަހަރެމެން އެންމެން މާފަށް އެދެން..." ބަތީލާ ހުރީ ހަޤީޤަތުގައިވެސް ދެރަވެފައެވެ. އެ އަޑު އިވި ސަމްރާގެ ދެލޮލުން އަނެއްކާވެސް ކަރުނަތައް ފައިބައިގެން ދާން ފެށީއެވެ.
"އަހަރެން އަދި އަންނާނަން...." ބަތީލާ ސަމްރާގެ އަތަށް ބާރުކޮށްލުމަށްފަހު ރަނީމްއަށް ބަލައިލިއެވެ. އޭނަ ރަނީމްއާ ކައިރިއަށް ޖެހިލާފައި ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. އަދި ހިނިތުންވެލިއެވެ. ކަންތައްތައް ފުރޮޅިގެން ދިޔަގޮތުން ރަނީމްއަށް ހުރީ ހަދާނެ ގޮތްވެސް ނޭނގިފައެވެ. އޭނައަށް ހިނިތުންވާންވެސް ނޭނގުނެވެ. ދެން ފެނުނީ ނަމީރު މަޑުމަޑުން ހިނގާފައި ގޮސް، ރައާބިލްގެ ކުރިމަތީގައި ހުއްޓުނު ތަނެވެ.
"އަހަންނަށް މާފުކުރޭ..." ނަމީރު ބުނެލިއެވެ. ރައާބިލްއަށް ނަމީރުގެ އަޑުން ވޭނީ އަސަރު ރަނގަޅަށްވެސް ދެނަގެނެވެއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނަ ނަމީރަށް މާފުކުރަން ބޭނުންނުވަނީއެވެ. ކޮންމެ ފަހަރަކު ހަނދާންވަނީ އެ ބިންގަރާހުގައި އޭނަ ހޭދަކުރި ދުވަސްތައް މަތިންނެވެ. އެ ބިރުވެރިކަމާއި އެ އަނިޔާވެރިކަން މަތިންނެވެ. ރައާބިލް އެއްޗެއް ނުބުނުމުން ނަމީރުވެސް އެތަނުން ގެއްލުނީއެވެ. އޭނައާ އެކުއެކީގައި ކަހަލަ ގޮތަކަށް ޝައިސްތާއާ ބަތީލާއާ ވެސް މެއެވެ. މިހާރު ކޮޓަރި ތެރެ ވަނީ ހިމޭންވެފައެވެ. އެތަނުގައި ތިބީ ނާވީއާއި ރައާބިލްގެ އިތުރުން ސަމްރާއާ ރަނީމްއެވެ. މަރުފަދަ ހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރޭގެ ހިމޭން ނަގައިލީ ރަނީމްއެވެ.
"މަންމާ... ދެން ހުއްޓާލާ..." ރަނީމް ސަމްރާގެ ކަރުނަ ފުހެދެމުން ބުނެލިއެވެ. ރައާބިލްވެސް ގޮސް ސަމްރާއަށް ހިތްވަރު ދިނެވެ.
ނާވީ އެތަނުގައި ހުންނަން ފެށުމުން ރަނީމް ގޮސް ނާވީގެ ކައިރީގައި ހުއްޓުނެވެ. އޭނަ ރައާބިލްއަށް ބަލައިލިއެވެ. ރައާބިލް ބޯ ޖަހައިލުމުން ރަނީމް ނާވީގެ އަތުގައި ހިފައްޓައިލިއެވެ. އެއްޗެއް ނުބުނި ނަމަވެސް، ރަނީމް އެބުނަނީ ކީކޭކަން ނާވީއަށްވެސް ފަހުމްވިއެވެ. އޭނަ ރަނީމް ގޮވައިގެން ގެއިން ނުކުމެގެން ގޮސް ރުއްފަލާ ދިމާ ގޮނޑު ދޮށުގައި މަޑުކޮށްލިއެވެ.
"ނާވީ... އަހަންނަށް ފެންނަނީ މިރޭ ނާވީ ބައްޕަ ކައިރިއަށް ދާން..." ރަނީމް ބުނެލިއެވެ. "އަހަންނަށް އެންމެ ރަނގަޅޭ. ބައްޕަވެސް އެބަ ހުއްޓެއްނު..."
"އެކަމަކު...." ނާވީ ދެކޮޅު ހަދަން އުޅުނެވެ. އޭނަވެސް ނަމީރުގެ ގާތަށް ދާން ބޭނުންވެއެވެ. އެހެންނަމަވެސް ފަސްޖެހެވެނީއެވެ. އިތުރު ނުރައްކަލެއް ރަނީމް މެންނަށް ކުރިމަތިވެދާނެތީއެވެ. ކާފައަށް އިތުބާރުކުރަން އޭނައަކަށް ނުކެރޭނެއެވެ. އެއީ އަނެއްކާ ދައްކާލާ ދަޅައެއް ކަމަށްވެސް ވެދާނެއެވެ. އިންޖާބަކީ އެހާ ފަސޭހައިން ދޫ ދޭނެ މީހެއް ނޫނެވެ. އޭނައަކީ މަޤްސަދާ ހަމައަށް ވާސިލްވުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.
"ބައްޕަ ވަރަށް ވޭނުގައެއްނު އުޅޭނީ... އަހަރެން ބުނީތީ ގޮސްލާ... ނާވީ ކާފަ ގަނޑުވަރުގައި އުޅެންޏާ ނާވީއަށް އެނގޭނެއެއްނު އަހަރެމެންނަށް ނުރައްކަލެއް ނެތްކަންވެސް...އެހެން ނޫނަސް ދައިސަމް ހުންނާނެއެއްނު. ކޮބާތަ އޭނަ؟" ރަނީމް ވިސްނައިދިނެވެ.
"އޭނަ އުޅޭނެ. އަހަރެން ހަމަ ދާންވީތަ؟" ނާވީ ހަމަ ޖެހިލުންވަނީއެވެ.
"ހޫމް... ދޭ..." ރަނީމް އެދުނެވެ. އޭނަ އެހާ އަމިއްލަ އެދުން ބޮޑުވާކަށް ބޭނުމެއް ނޫނެވެ.
"އެކަމަކު ރަނީމް ގެއަށް ދިޔައިމަ އަހަރެން ދާނީ..." ނާވީ ބުނެލިއެވެ. "ހިނގާ އަހަރެން ދާނަން ގެއަށް ލައިދޭން..."
ރަނީމް އެއްބަސްވިއެވެ. ނާވީ ދާނީ އެގޮތުގެ މަތިންކަން އޭނައަށް އެނގޭތީއެވެ.
*****
ހާމިދު އަނެއްކާވެސް ޖިންނި ގެނައެވެ. ޖިންނި ހާމިދުގެ ބަހަށް ކިޔަމަންވަމުން ދިޔައެވެ. ހާމިދު އޭނަގެ އަތުގައި އޮތް ތަވީދަށް ބަލައިލާފައި، ހިނިތުންވެލިއެވެ. އަދި، އޭނަގެ އަތުގައި އޮތް ފެންފުޅިއަށް ބަލައިލުމަށްފަހު ވެސް އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އެކަންކޮށް ނިންމާފައި އޭނަ އިންތަނުން ތެދުވިއެވެ. އުއްބައްތިތައް ނިއްވާލާފައި، އެއްޗެހިތައް ކޮތަޅަށް އަޅާ ދާން ތައްޔާރުވެލިއެވެ. އެހެންނަމަވެސް އަލިފާންގަނޑު ނިއްވައިލުމުގެ ޚިޔާލެއް އޭނަ ނުކުރެއެވެ. އެހެން ހުރެގެން އެ އެކީ ނިވޭނެކަން އެނގޭތީއެވެ.
އޭނަ އެތަނުން ގޮސް ނުކުތެވެ. މުޅި ގައިގައި ހުރީ ލެޔާ ކިލާކަމުން ގެސްޓް ހައުސްއަށް ދިޔުމުގެ ކުރިން ގައި ދޮވެލުމުގެ ގޮތުން ރުއްފަލާ ދިމާލުން މޫދަށް އޭނަ އެރުނެވެ. ސާފުވެލައިގެން އެއްގަމަށް އަރާ ދަބަސް ހިފައިގެން އޭނަ ގެސްޓް ހައުސްއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އޭނަގެ ފަހަތުން އެއްޗެހިތަކެއް އަންނަމުން ދިޔަކަން އޭނައަށްވެސް އެނގެއެވެ. އެހެންނަމަވެސް އެކަމަކާ މާ ބޮޑު ސަމާލުކަމެއް އޭނަ ނުދެއެވެ. އޭނަ ހުރީ އަމިއްލަ ރައްކާތެރިކަން ކަށަވަރުކޮށްފައިކަމުގައި އަމިއްލައަށް ވެސް ހާމިދު ޤަބޫލުކުރެއެވެ. ހަށި ރައްކަލަށް ހަދާފައިވާ އެއްޗެހީގެ ބާރުގައި އޭނާއާ ދެކޮޅުވާ ޖިންނީންނަށްވެސް އޭނައާ ކައިރިއެއް ނުވެވޭނެއެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮވެއެވެ.
ހާމިދު ގޮސް ގެސްޓް ހައުސްއަށް ވަނުމަށްފަހު ފާޚާނާއަށް ވަދެ ފެންވަރައިލިއެވެ. ނުކުތްއިރު ފަތިސްނަމާދަށް ގޮވަނީއެވެ. އެހެންނަމަވެސް ދުނިޔޭގެ އުފަލަށްޓަކައި ޣާފިލުވެފައިވާ ހާމިދުގެ ހިތަކަށް ބަންގީގެ އަޑަކުން އަސަރެއް ނުކުރެއެވެ. ޖިންނީން ބޭނުންކޮށްގެން ސިހުދު ހަދާނަމަ ދީނީ ކަންތަކާ ވީހާވެސް ދުރުވާން އޭނަ ޖެހެއެވެ. ދީނާ ގާތްވި ވަރަކަށް ޖިންނީން އޭނަ ދެކެ ރުޅި އާދެއެވެ. އަދި ކިޔަމަންކުރުވަންވެސް އުނދަގޫވެއެވެ.
ކުރެވުނު ކަންތަކާ ފަޚުރުވެރިވާ ޙާލު ހާމިދު، އަރާމުކޮށް ނިދައިލިއެވެ. އޭނަ ހޭލީ އަނެއް ދުވަހުގެ ހެނދުނު ދިހައެއް ޖަހާ ބޮޑުވީފަހުންނެވެ. އޭރު ޝާރިފްގެ ދެތިން މިސްކޯލު ލިބިފައި އޮތެވެ. ފެންވަރާލައިގެން ނުކުމެ އޭނަ ޝާރިފްއަށް ގުޅިއެވެ. އަދި ބައްދަލުކުރަން ގެސްޓް ހައުސްއަށް އައުމަށް އޭނަ އެދުނެވެ. ޝާރިފް ހުރީ، ހާމިދު ނުގުޅައިގެން ފަދައެވެ. އޭނަ ވަގުތުން އަތުވެއްޖެއެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމާއެކު ހާމިދު ކޮޓަރި ހުޅުވައިލިއެވެ. އޭނަ ސޯފާ ދައްކައިލުމުން ޝާރިފް ސޯފާގައި އިށީނދެލިއެވެ.
"ކޮބާ؟ ވެއްޖެތަ؟" ޝާރިފް ސުވާލުކޮށްލުމާއެކު ހާމިދު ހިނިތުންވެލިއެވެ. ފަޚުރުވެރިކަމާ އެކުގައެވެ.
"ފައިސާ ތައްޔާރުތަ؟" ހާމިދު ބުނެލިއެވެ.
"ފައިސާއާ މެދު ނުވިސްނާ...." ހާމިދުގެ މޫނުމަތީގައިވި އަސަރުތަކުން އޭނަ ކުރި ކަންތައް ކާމިޔާބުކަން ޝާރިފްއަށް ޔަޤީންކުރެވުނުހިނދު އޭނައަށް ބުނެވުނެވެ. "ބުނި ވަރަކަށް ފައިސާ ދޭނަން. އަހަންނަށް އެކަންތައް ކާމިޔާބު ވެއްޖެއްޔާ ބުނި ވަރަށް ވުރެ އިތުރަށްވެސް ފައިސާ ދޭނަން."
"އަން. މިއޮތީ..." ޑްރެސިންޓޭބަލް ވަތްގަނޑު ހުޅުވާލާފައި ނެގި ފެންފުޅިއާއި ތަވީދު އޭނަ ޝާރިފްއަށް ދިއްކޮށްލިއެވެ. ޝާރިފް އެ އެއްޗެހީގައި ހިފުމުން އެއަށް ހަދަންވީ ކިހިނެއްހޭ އަހާފަދަ ގޮތަކަށް ހާމިދަށް ބަލައިލިއެވެ.
"އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، މި ތަވީދު، އެގޭ ދޮރުމަތީގައި ވަޅުވާ... އޭނަ ނުކުންނައިރު ތިޔާ ދިމާލަށް ފައިން އެރޭ ގޮތަށް... ދެން ފެންފުޅި. ތި ފެންފުޅި ކޮންމެވެސް ގޮތަކުން އޭނައަށް ދީ. ހެޔޮ ތި ފެން ބޭނުންކޮށްގެން ފޮނި އެއްޗެއް ހެދި ނަމަވެސް. އޭރުން އޭނަގެ މައްޗަށް ޖިންނީގެ ބާރު ފޯރާނީ..." ހާމިދު ބުނެލިއެވެ.
"އެންމެ ރަނގަޅު..." ޝާރިފް ބުނެލިއެވެ. އޭނަ ތެދުވަން އުޅުމުން ހާމިދު ވާހަކަ ދައްކަން ފެށިއެވެ.
"އަދި މަޑުކޮށްބަލަ... ބޭނުންގޮތަކަށް ކަންތައްކޮށްގެން ނުވާނެ. ތި ތަވީދު ވަޅުލަން ވާނީ އަހަރެން ބުނާ ވަގުތަކު..."
(ނުނިމޭ)