"އުފާވެރިކަމަކީ ބޭނުންވާހާ ކޮންމެ އެއްޗެއް ލިބުމެއްނޫނެވެ. ލިބިފައިވާ އެއްޗަކަށް ހަމްދުކޮށް ޝުކުރުކޮށްގެން މަދު މިންވަރުންވެސް ހިތްހަމަޖައްސަން ދަސްކުރުމެވެ."
***
މިރިއަމްގެ ލޮލަށް ފުސްވާންފެށިއެވެ. ކަރުނައިން ކަމެއް ތުނިކޮށް ވެހެމުންދިޔަ ވާރެއިންކަމެއް ނޭގުނެވެ. ރުމައިސާ ނޫން އެހެން މީހަކަށްވިނަމަ ކޮންފަދަހެއްޔެވެ؟ އެއީ އަބަދުވެސް އޭނައާއިމެދު ޝައްކުކޮށް ނުރުހުމުގެ ނަޒަރަކުން ބަލާ ފަރާތެކެވެ. އޭނަަގެ ގާތުގައި މަރްވާ ހުރުމަކީ ދަރިފުޅަށް ނުރައްކަލެއް ލިބިދާނެކަމަށް ޝައްކުކުރާ މީހެކެވެ. ރުމައިސާގެ ގާތުގައި އޭނަގެ އެއްވެސް އަގެއްނެތެވެ. އޭނަގެ ފުރިހަމަ ޒުވާން ފިރިހެންދަރިފުޅާއި އެއް މަގަކުން ހިނގަން އެކަށީގެންވާކަމަށްވެސް ގަބޫލެއްނުކުރެއެވެ. އެންމެފަހުން އެކަން ހިނގީވެސް ރުމައިސާ ލަފާކުރިގޮތަށެވެ. އޭނަގެ ނާގާބިލުކަން އެންމެނަށް ފައުޅުވީއެވެ.
އޭނައަށް ރޮވޭގޮތްވިއެވެ.
ރުމައިސާގެ ގެއަށް ދިޔަ މަގުމަތީގައި ދެމީހުންވެސް ވާހަކަ ނުދައްކައެވެ. ކާރުތެރެއަށް ވެރިވެފައިވީ ހިމޭންކަމެވެ.މިރިއަމް ޕެސެންޖާ ސީޓުގައި އިނީ މުށްކެވިފައިވާ އަތް އުނގުގައި ބާއްވައިގެންނެވެ. ގަދަކަަމުން އަމިއްލަ ނަފުސްވެސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރާފަދައެވެ. ހަމްޒާވެސް ދެއަތް ހުންގާނުގައި ބާއްވައިގެން އިންއިރު ކަންކަތުރަށް ވާންވެ ނަޒަރު ހުއްޓިފައިވީ މަގަށެވެ.
ކުށުގައި ބުރަދަން އެކުލެވެއެވެ. މިރިއަމްއަށް އިހުސާސްވީ އެ ކުށް އޭނަގެ މެޔަށް ފިތާ ނޭވާ ހާސްކުރަމުންދާހެންނެވެ. "އަހަރެން ހަނދާންނެތުނީއެވެ." އޭނަގެ ސިކުނޑި ތަކުރާރުކޮށް ހަނދާންކޮށްދެމުން ދިޔައެވެ. ބޭކާރު އަދި އަނިޔާވެރިއެވެ. އަމިއްލަ ދަރީގެ މަތިން ހަނދާން ނައްތައިލީއެވެ.
ހަމްޒާ ދޮރުގައި ޓަކިދިނީ އެންމެ ފަހަރަކުއެވެ. ވަގުތުން ދޮރު ހުޅުވުނެވެ. ރުމައިސާ ހުރީ މާމަދަރިފުޅު މަރްވާ ކިހިލީގައި ޖަހައިގެންނެވެ. މަރްވާގެ އިސްތަށިގަނޑު ކުޑަކޮށް ހޭވިފައިވާއިރު އެކުޑަ ދެއަތްތިލައިން ރުމައިސާގެ ހެދުމުގެ ކަރުވާޅުގައި ހިފާ ދަމާލައިގެންނެވެ. މިރިއަމް ފެނުމާއެކު އެ ރީތި ދެލޮލުގެ ވިދުންގަދަވިއެވެ.
"މަންމީ....."މަރްވާ އަތް ދިއްކޮށްލިއެވެ.
އެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނަގެ އެތެރެހަށިން ކޮންމެވެސް އެއްޗެއް ތެޅި ކުދިކުދިވެގެން ދިޔައެވެ.
އޭނަ ދުވެފައިގޮސް ދަރިފުޅު އަތުތެރެއަށް ލިއެވެ. މަރްވާގެ އިސްތަށިގަނޑުގެ ތެރޭގައި މޫނުފޮރުވިއެވެ."މަންމަ މިއައީ ދަރިފުޅު....ދަރިފުޅުގާތަށް މިއައީ...އަިއމް ސޮރީ ބޭބީ..."
މަރްވާ މަންމަގެ ކޯތާފަތުގައި ފިރުމައިލިއެވެ. އެކުއްޖާއަށް އިހުސާސްވީ ރައްކާތެރިކަމެވެ. އެހެން މީހުންގެ ކަންބޮޑުވުންތަކުގެ ހިލަމެއްނުވެއެވެ. ހަވީރު އެކުއްޖާ ގެއްލިގެން ނޫހުގައިޖަހާ ވަރު ނުވީ ކިރިޔާކަމެއް ރޭކާނުލިއެވެ.
ރުމައިސާ ފިނި ނަޒަރަކުން ބަލަން ހުރެފައި އަމުރުކޮށްލިއެވެ."އެތެރެއަށް ވަދޭ......"
މަރްވާ ކުޅޭ އެއްޗިއްސާއިގެން ތަންކޮޅެއް ދުރަށް ދިޔަ ދަނޑިވަޅު ބަލާފައި ރުމައިސާ އެހިއެވެ."މިރިއަމް..ގަޑިން ވީ އިރެއް އެނގޭތަ؟"
"ލައްބަ....."އޭނައަށް ރުމައިސާއާއި ހަތަރުކަޅި ހަމަކުރަން ފަސޭހައެއްނުވިއެވެ.
"ނާސަރީ ބަންދުކުރާގަޑި އެނގޭތަ؟" ދެވަނަ ސުވާލެވެ.
މިފަހަރު އޭނައަށް ބޯ ޖަހައިލެވުނީ ކުޑަކޮށެވެ. ޔަގީންކަން ނެތްފަދަ ގޮތަކަށެވެ.
"އެހެންވިއްޔާ އެތަނުގެ ބޮކިތައް ނިވާ ތަޅުލާގަޑިޖެހުނުއިރުވެސް އަހަރެންގެ މާމަ ދަރި އެތާ ހުންނަން ޖެހުނު ސަބަބު ތަފްސީލުކޮށް ކިޔާދީފާނަންތަ؟"
"އަހަރެން...އަހަރެން ހަނދާން ނެތުނީ..."
އަމިއްލަ ކަންފަތަށްވެސް އެ އަޑު އިވުނީ ދޯދިޔާކޮށެވެ. ތަކުރާރުކޮށް ބުނެވޭ ޖުމްލައެކެވެ.
"ހަނދާން ނެތުނީ...."ރުމައިސާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ތުންފިތާލިގޮތަށް އެ ސީރިޔަސް ނަޒަރު ވީ މިރިއަމްގެ މޫނުގައި ހަރުލާފައެވެ." ކުއްޖާއަކީ ތަޅުދަނޑިއެއްނޫން...ޕާސްއެއްވެސް ނޫން....ޝިފްޓް ބަދަލުވުމެއްވެސް ނޫން.."
"މަންމާ..."ހަމްޒާ އެއްޗެކޭ ބުނަން އުޅުނެވެ.
ރުމައިސާ ބަލާވެސް ނުލާ އަތް ހިއްލައިލަމުން އިޝާރަތް ކުރީ ހިމޭންވުމަށެވެ."ނޫން...އަހަރެން ވާހަކަ ދައްކާނަން...ހިމޭނުން ހުންނަތާ ވަރަށް ޒަމާންވެއްޖެ.."
"މަރްވާގެ ޚަބަރު ބަލައިލަން އަހަންނަށް ނުދެވުނުނަމަ އެކުއްޖާއަށް ވެދާނެގޮތަކާއިމެދު ވިސްނައިލިންތަ؟"
"އެކަމާއި ވިސްނާކަށް ބޭނުމެއްނޫން.."އޭނަގެ ލޮލުން ކަރުނަ އޮހިގަތެވެ.
"އެއީ....."ރުމައިސާގެ އަޑު މަޑުވިއެވެ." އަސްލު މައްސަލައަކީ...."
ކުއްލިއަކަށް އެކޮޓަރީގެ ފާރުތައް ގާތްވަމުން އައިގޮތަށް ފިތިދާނެހެން ހީވިއެވެ.
"އަހަރެން އިންޒާރުދިނިން..ކުރިންވެސް އެމްއާރްއައި ހަދަން ބުނިން..އެހެން މީހުންނަށްވެސް ކަންތައް ފާހަގަވާކަމަށް ބުނިން...އެކަމަކު އަހަންނާއި ދިމާލަށް ބަލައިލީ ދުޝްމިނަކަށް ބަލާނެ ނަޒަރުން..."
"އަބަދުވެސް އަހަންނަކީ ދުޝްމިނެއްކަމަށް ދެކެމުން އައީ...މިގެއަށް އައުމަކީ ރުހޭކަމެއްނޫން..ހަމްޒާގެ އަންބެއްގެ ގޮތުގައި ހުންނަންވެސް ނޭދޭ..އެކަމަކު އެހެން މީހުންގެ ބޮލުގައި ކުށް އަޅުވަނީ...ކިހާ ދެރަކަމެއް ދެން...." އޭނަގެ ލޯ ރަތްވެފައިވިއެވެ. ވިސްނައިލެވުނުއިރު އޭނައަށް އެބަސްތައް ދުލުން ބުނެވޭވަރެއްނުވިއެވެ.
"މަންމާ..މިރިއަމް ދަރިފުޅާއި ދޭތެރޭ ފަރުވާކުޑަކުރަނީއެއްނޫން....ހަގީގަތަކީ...."
"މިރިއަމްއަކީ ސިކުނޑީގައި ބައްޔެއް ޖެހިފައި ހުރި މީހަކަށްވުން.." ރުމައިސާގެ އަޑުގައި އެއްވެސް ހަމްދަރުދީއެއްނެތެވެ. ނިކަމެތިކޮށްލާފަދަ ހަރުކަށިގޮތެކެވެ.
އެއީ އޭނަގެ މޫނަށް ވީއްލައިލި އެތިފަހަރެކެވެ.
"މިރިއަމްގެ މަންމައަށްވެސް ޖެހުނީ ހަމަ އެބަލި..އެ އަނިޔާވެރި ބަލި މަންމައަށް ހަދައިލިގޮތް އެންމެ ގާތުން ދެކުނީ ކާކު؟ މިހާރު ތިއުޅެނީ އަހަންނަށް އެެ ނިޝާންތައް ނުފެންނަ ކަމަށް ހަދައިގެން އުޅެން؟"
މަރްވާއަށް ކޮންމެވެސް ވަރަކަށް މާހައުލުން ނުރަގަޅު އަސަރުތަކެއްކޮށް މަންމަގެ މޫނުން ފެނުނު މާޔޫސްކަމާއިމެދު ދެރަވެ މަންމަގެ އުނގަށް އެރިއެވެ.
"މަންމާ.....މިރިއަމްއަށް ހެދުނީ ގޯހެއް...ނުރައްކާތެރިކަމެއް...އެކަމާއިމެދު ޝައްކެއްނެތް..އެކަމަކު މިއީ މަރްވާގެ މަންމަ...ދެން ޑިޒިޝަނެއްނަގާނީ އެންމެން ވާހަކަދައްކައިގެން....." ހަމްޒާ އަންހެނުން ދިފާއުކުރިއެވެ.
ރުމައިސާ ހަމްޒާގެ މޫނަށް ބަލައިލިއެވެ.
"އެހެންވިއްޔާ އަޑުއަހާ...މިރިއަމް ފިޓްކަމުގެ މެޑިކަލް ރިޕޯޓެއް ގެންނަންދެން މަރްވާ އެކަނި އޭނައާއެކު އުޅެން ދޫކޮށެއް ނުލެވޭނެ ޚާއްސަކޮށް މާ ގިނައިރުވަންދެން...ރަގަޅަށް ފިޓްކަމުގެ ލިޔުމެއް ހޯދަންވީ......"
"ތިހެނެއް ނުވާނެ.."އޭނައަށް ބުނެވުނެވެ.
"ވާނެ...އަހަރެން އެކަންވެސް ކުރާނަން......ކުޑަކުއްޖެއްގެ ހަޔާތާއިމެދު ޖުވާ ކުޅެން ބޭނުމެއްނޫން.."
މަރްވާ އޭނަގެ ކޮނޑުމަތީގައި އޮވެ ލޯ މަރައިލިއެވެ. ހަމްޒާ ދަރިފުޅުގެ އިސްތަށިގަނޑުގައި އޯގާތެރިކަމާއެކު ފިރުމައިލިއެވެ." މިރިއަމް ސްކޭނެއް ހަދާނީ..."
"ވީ އެންމެ އަވަހަށް...ހަނދާންވީމައެއްނޫން...ކޮންވީނިއެންޓްވީމައެއް ނޫން...."
ހަމްޒާ ގެއަށް އައިގޮތަށް މިރިއަމްގެ ފަހަތުން ދިޔައެވެ. ފާހަގަކުރެވުނީ މިރިއަމްގެ ލަސް ފިޔަވަޅުތަކެވެ. ކޮންމެވެސް ކަހަލަ ޚިޔާލަކަށް ގެއްލިފައެވެ. މިރިއަމްގެ ފިޔަވަޅުތައް ކުރިއަށްވުރެ ލަސްވިއެވެ. އެޕާޓްމެންޓްގެ އެކި ދިމާލަށް ބަލަމުން ދިޔައީ ޔަގީންނުވެފައި ކަހަލަ ގޮތަކަށެވެ. ަ
ހަމްޒާއަށް ހިތުގައިޥާ އުދާސްތައް ނެރެއެއް ނުލެވުނެވެ. ފެންނަ ފެނުމުގައި އާދައިގެ ހާދިސާއެކެވެ. އެކަމަކު އެއީ އެދެމީހުން ބިނާކުރަމުންދާ ހަޔާތުގެ ނާޒުކްކަން އަންގައިދޭ ހަނދާންކޮށްދިނުމެކެވެ. އޭނައަށް ވިސްނުނީ ކުރިއަށްވުރެ ބޮޑަށް ފާރަވެރިވެ ހިމާޔަތްދޭން ޖެހޭކަމެވެ.
އޭނައަށް ހޭލެވުނީ އެލާމްއަށްވުރެ ކުރިންނެވެ. އެއީ މިފަހަކަށް އައިސް އާދައެކެވެ. ހޭލެވެނީ އަޑުގަދަވުމަށްވުރެ ހިމޭންކަމުންނެވެ. ލޯ ހުޅުވައިލެވުނުއިރު މިރިއަމްއިނީ އެނދުގައި އިށީދެލައިގެންނެވެ. ބުރަކަށި ސީދާކޮށްލައިގެން އިދެ އޭނައަށް ނީވޭ އަޑެއް މިރިއަމް އަޑުއަހަމުންދިޔަ ފަދައެވެ. އޭރު ކުޑަދޮރުގެ ފަރުދާތަކަށް ފަތިހުގެ އަލިކަން ފާއްދާލާފައި ވާއިރު މިރިއަމްގެ މޫނު ވިދައެވެ. އެމޫނުމަތިން ހަމަޖެހުން ފެނުނު ސިކުންތުކޮޅަކަށްފަހު ހުވަފެނީ ނަޒަރެކެވެ.
"މިރިއަމް؟" އޭނަ މަޑުމަޑުން ގޮވައިލިއެވެ.
"ހޫމް؟" މިރިއަމް އިރުކޮޅެއް ފަހުން އެނބުރުނެވެ. ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ."އަހަންނަށް އަނެއްކާ ހޭލައްވައިލެވުނީ؟"
"ނޫން...."އޭނަ ބުނެލިއެވެ."އަހަރެން.....ހާދަ މަޑުން ތިއިނީ.."
"އަހަރެން އިނީ ވިސްނަން.." މިރިއަމް ވިސްނީ ކޮންކަމަކާއިކަން ބުނެދޭކަށް ބޭނުމެއްނުވިއެވެ. އެއީ މިފަހަކަށް އައިސް ފެންނަ ސިފައެކެވެ.
ހަމްޒާއަށްވެސް އެފަދަ ކުދި ސިފަތައް ފާހަގަކުރެވޭތާ ދުވަސްކޮޅެކެވެ. އޭނަގެ ނަމުން ގޮވުމުގެ ކުރިންވެސް ކުޑަކޮށް މަޑުޖެހިލާނެއެވެ.ސިކުނޑީގައިވާ ނަންތަކުގެ ލިސްޓް ފުރާނާލާފައި އެނަން ހޯދާފަދައިންނެވެ.
އުނދުން ނޫނީ އިސްތިރި ނިވާލާފައި އަނެއްކާ ދެވަނަފަހަރަށް ޔަގީންކުރާނެއެވެ. ދުވާލުގެ ތާވަލު ފޮތެއްގައި ނޯޓްކޮށްލައެވެ. މަރްވާއަށް ކާން ދޭ ގަޑިތަކާއި އެއްޗިއްސެވެ. ނިދުމުގެ ކުރިން ކިޔައިދޭ ދުޢާތަކެވެ. ނާސަރީ ދަަބަހާއި ފޮތްތަކެވެ.
އޭނަ އެންމެ ކުރިން ދެކުނީ އެއީ ވަޒީފާއަށް ދާ މަންމައިންނަށް ދިމާވެދާނެ މައްސަލައެއްކަމުގައެވެ. ބުރަ މަސައްކަތާއިއެކު ގޭގެ ޒިންމާތަކާއިއެކު ސިކުނޑިއަށް ބާރުބޮޑުވަނީއެވެ. އެކަމަކު ހިތާމަ އެހެން ސިފަތަކެއް ޚިޔާރުކުރާއިރު މިހާރު އޭނައަށްވެސް ފާހަގަވީ މިރިއަމްގެ ހާލަތު އެހެން ދިމާލަކަށް މިސްރާބު ބަދަލުވިކަމެވެ.
ހެދުނު މަރްވާ ހެދުން ލެއްވިއިރު ސްޓްރައިޕްޖެހި މަތިކޮޅަކާއެކު ފްލޯރަލް ލެގިންސް ލެއްވިއެވެ. އެއާއެކު ބަލަން ހުރެވުނީ ހެދުން އެޅުމުގައި މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވިގެންނެވެ.
"މި....ހެދުމާއި އެއްޗެހި...ރަގަޅު؟"
"ޕަފެކްޓް.."ހަމްޒާ ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އޭނަގެ ނަޒަރު ހުއްޓުނީ މިރިއަމް ލައިގެން ހުރި ހެދުމަށެވެ. ޓީޝާޓުު ނުފުށުން ލައިގެންނެވެ.
"ތިވަރަށް ބަލަނީ ހެދުމަށް ކޮފީ އެއްޗެއް އެޅިފައި ހުރީތަ؟ކޮފީ ނުވެސް ހަދަމެއްނު........" މިރިއަމް ލޯ ހަނިކޮށްލިއެވެ. އަދި ހިނިގަނޑެއް ޖަހައިލާފައި މަރްވާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ."ދުނިޔޭގައި ހުރި އެންމެ ނަލަ ކުއްޖާ...ކީއްވެ ތިހާ ރީތީ؟"
ހަމްޒާ އަނެއްފަރާތަށް އެނބުރުނީ ހިތަށް ބާރުވީވަރުންނާއިއެކު ލޮލުން ދިލަނަގަން ފެށުމުންނެވެ. ކުރިން މިރިއަމްއަށް ހުރިހާ ކަމެއް އެނގެއެވެ. މަރްވާ ހެދުން އަޅަންވީގޮތާއިމެދުވެސް އެހާ ފަރުވާބަހައްޓައެވެ. ކުދިކުދި ކަންތައް ފާހަގަކުރެއެވެ.
***
ހެނދުނު ނާސްތާގަޑީގައި މިރިއަމް ރީތި ރާގަކަށް ގުރުއާން ކިޔަވަންފެށިއިރު މަރްވާވެސް ކުލަ ޖައްސަން އިނދެފައި އިސްއުުފުލައިލިއެވެ. ލޮލުގެ ވިދުންގަދަވިއެވެ. ހުރިހާ ސަމާލުކަމެއް ހުއްޓުނުފަދައެވެ. އަބަދު އަޑުއެހިޔަސް ފޫހިވުމެއްނެތެވެ. ކޮންމެ ފަހަރަކު ގުރުއާނުގެ އަޑު އިވުނަސް އަލަށަް އިވޭފަދައިން މަރްވާގެ ޝައުގުވެރިކަން އަތުލައިގަނެއެވެ. ﷲގެ ކަލާމްފުޅުން ޅަ ހިތްތަކަށްވެސް ހަމަޖެހުމާއި އުފާވެރިކަން ލިއްބާދެނީއެވެ. ހަމްޒާއަށްވެސް ފާހަގަވީ މިރިއަމްގެ ގުރުއާންކިޔެވުމުގެ ރާގާއި މަޚުރަޖު އަދިވެސް ތަފާތެއްނެތްކަމެވެ. އެއީވެސް އޭނަގެ ހިތަށް ލިބުނު ފިނިކަމެކެވެ. މިރިއަމްގެ ހަނދާނުގެ ބިންގަނޑު މަޑުވެގެން ގަނބައިގެން ދާން އުޅޭއިރު ގުރުއާނަކީ މިރިއަމް ސަލާމަތްވާން ހިފަހައްޓަން ލިބުނު ވަސީލަތެކެވެ.
މިރިއަމްގެ ހާލަތު ދެނެގަންނަން ހަމްޒާއަށް އެމްއާރްއައިއެއް ބޭނުމެއްނޫނެވެ. އޭނަ މިހިސާބަށް އައީ އެބަލި ހިމޭންކަމާއެކު އިއުލާންކުރާ މަންޒަރު ދެކެފައެވެ. އެތައް ބަލިމީހުންގެ ހަނދާންތަކެއް ފަނޑުވެގެންދަނީ އެހާލަތުގެ ސަބަބުންނެވެ.
ހަމްޒާ ވަޒީފާއަށް ދާން އުޅެނިކޮށް މިރިއަމް ދޮރުކައިރީގައި ހުއްޓުނެވެ.
"ކޮންއިރަކު ގެއަށް އަންނަނީ؟ އަވަހަށް އަންނައްޗޭ..."
"އާނ..ބުދަދުވަހު އަވަހަށް އަންނަމެއްނު..."އޭނަ ބުނެލިއެވެ.
"އޯ..އާނ މިއަދު ބުދަދުވަސް..."
އޭމަ މިރިއަމްގެ ނިތްކުރިއަށް ބޮސްދިނެވެ."ލައިލާ އަންނާނެ ދޯ..."
"ލައިލާ؟" މިރިއަމް ވިސްނައިލިއެވެ." ސްކޫލުން އަންނާނެ ވާހަކަ ބުނި...އަންނާނެ....އިންޝާﷲ....."
ޑިއުޓީއަށް ގޮސްފައިވެސް ހަމްޒާއަށް ރަގަޅަށް މަސައްކަތުގެތެރެއަށް ވަދެވޭވަރެއްނުވިއެވެ. އެކި ޚިޔާލުތަކާއި ހިނދުކޮޅުތައް ހަމައެކަނި އޭނަ ބަލާ ފިލްމެއްގެ މަންޒަރުހެން ސިފަވަނީއެވެ. ކާއެއްޗެއްސަށް ލޮނު އަޅަން ހަދާންނެތޭ ކޮންމެފަހަރަކު ހީފައި އެކަނި އިނދެ ރޮނީ ހަމްޒާއަށް ނީވޭކަމަށް ހީކޮށްފައެވެ. ބައެއްފަހަރު ކުރީގެ ފޮޓޯތަކަށް ބަލަން އިންނަނީ އެ މާޒީގެ ތެރެއަށް އެރެން ބޭނުންވާހެންނެވެ.
މަގުމަތިން އުމައިރުއާއި ދިމާވިޔަސް އެއްގޮތަކަށްވެެސް ބައްޕަކަމެއް ރޭކާ ނުލައެވެ. އުމައިރު ގޮވާލުމުން ބަލައިލަނީ ހަމަ ބީރައްޓެއްސަކަށް ބަލާފަދައިންނެވެ.
އޭނަ ވައުދުވިފަދައިން ތަންކޮޅެއް އަވަހަށް ގެއަށް އައިއިރު އެޕާޓްމެންޓްތެރެއިން އެއްޗެއް އަނދާަފދަ ވަހެއް ދުވަން ފެށުމުން އަވަހަށް ދުވެފައި ގޮސް ބަދިގެއަށް ވަދެވުނެވެ. ފަރާޓާ ރެސިޕީ ނޭގޭކަމަށް ބުނެ ޕެކެޓްކޮށްފައިވާ ފަރާޓާ ގަނެގެން ފިހެލާފައި މަސް ފިހުމަކީ މިހާރު އާއްމުކޮށް ކުރާކަމެކެވެ. މިރިއަމް ކައުންޓަރކައިރީގައި ހުރެގެން މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔާހެން ތުންފަތް ހަރަކާތްކުރެއެވެ.
"ތިނެއް ހަތަރެއް ނޫން...."މިރިއަމް ކުއްލިއަކަށް އެނބުރުނެވެ. ސިހޭގޮތްވިއެވެ."....."އޯ......ހަމްޒާ"
"ބުނި ގަޑިއަށް މިއައީ..."
"އައިކަމެއް ނޭގޭނެއްނު....ފައިގެ އަޑެއްވެސް ނީވޭ..."
"ކޯނޗެއް ގުނަން ތިހިރީ؟ކޮންކަމަކަށް؟" އޭނަ އެހިއެވެ.
"އަހަންނަށް.....ނޭގޭ..." މިރިއަމް ބަލައިލީ އަވަނާއި ދިމާލަށެވެ. އަވަނަށް މަސްފިހެން ލައިގެން ހުރެ ގަޑި ގުނަނީއެވެ. އޭރު މަސްހުރީ އަނދާ ކަޅުކުލަ އަރާފައެވެ.
"މިިހިރީ މަސް ފިހެވި ނިމިފައި...އަމިއްލައަށް މީތި ކެނޑޭނެއްނު ވަކި ވަރަކަށް މިނިޓަށް ލާން އިންނަނީ ދޯ..."
"އޯ..."މިރިއަމް ހަމްޒާގެ މޫނަށް ބެލީ ޔަގީންކަން ހޯދުމަށެވެ. ބޭނުންވާ އެއްޗެއް އެ މޫނުން ފެނުމުން މޫނުމަތީގެ ވާންކަން ކެނޑި އުފާވިއެވެ.
"އިޝާ ނަމާދަށް މިދަނީ....ބަންގި ގޮވައިފިދޯ.."
"ނޫނޭ މިރިއަމް...އަދި ވަގުތު އެބައޮތް.... "
"ނަމާދުކޮށްގެން ކާނީ.." މިރިއަމް ނިންމީ ހަމްޒާއަށް އޮޅުނީކަމަށެވެ.
"މިރިއަމް..އަސުރު ނަމާދު މިގަޑީގައި. އިނގޭ..ހަތަރުގަޑި ބައި ވީ..."
މިރިއަމް ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ހަމްޒާ ހުއްޓުންއަރާފައި ހުރިއިރު ލޯ ފެންކަޅިވަމުން ދިޔައެވެ. އޭނަ އަވަނުގައި ހުރި މަސްތައް އުކާލާފައި އޯޑަރުދިނެވެ.
ނުނިމޭ