"ސިކުނޑިއަށް ބަރުވެ ނުތަނަވަސްވެފައި ހުރުމަކީ ކޮންމެހެން އަދަބެއް ނޫނެވެ. އެއީ ދައުވަތެކެވެ. ތައުބާވުމަށް ، ނަފްސާނީ ޝިފާއަށް، އަދި ﷲ ތައަލާއާއި ކުއްތަންވެ ވަގުތު ހޭދަކުރަންވެސް ލިބޭ ދައުވަތެކެވެ. އަސްތަޣުފިރުﷲ ގިނައިން ކިޔާށެވެ. ޒިކުރުކޮށް ގުރުއާން ކިޔަވާ އަޑުއަހާށެވެ. ތަދައްބަރު ކުރާށެވެ. ހީކުރާވަރަށްވުރެ ﷲ ތައާލާ ވޮޑިގެންވަނީ ކައިރީގައެވެ."
***
އަނެއްކާވެސް ވާރޭ ވެހިގަތީ "ޖުންޖުލާ" ސްޓައިލަށެވެ. ވަރުގަދަކަމާއިއެކު ހުރިހާ ރުޅިއެއް ބާލަމުން އެކަމަކުވެސް އެވާރޭގެ ޖާދޫ އެންމެނަށް ޖައްސުވާފާދަގޮތަކަށެވެ. ވާރެއަށް ލޯބިކުރާ މީހުންނަށް ރަހުމަތެކެވެ. ހަށިގަނޑަށް ބުރަހެލިކަން ގެނެސް ރަޖާދަށުގައި ހޫނު ކޮފީއެއް ހިފައިގެން އަރާމުކޮށްލަންވެސް އެންމެ އެކަށީގެންވާ މޫސުމެވެ. އާރިކް އާވި އަރައަރާ ހުރި ދެ މަސާލާ ސައިތަށި ހިފައިގެން ނުކުތްއިރު އަލާނާ އަންނަނީއެވެ. އަލާނާ އޭނައާއި އަރާ ހަމަވެފައިބަލާވެސް ނުލިއެވެ. އޭނައަށް އާރިކް ފެނުނީ ފާރެއްފަދައިންނެވެ. ހިތާމަވެރި އެކަމަކު ރީތި ފާރެކެވެ.
"އަލާނާ..."އޭނަ މަޑުމަޑުން ގޮވައިލިއެވެ.
އަލާނާ ދިނީ ބީރުކަންފަތެކެވެ.
"ހަމަ އެންމެ ދެމިނިޓް... އަހަރެން މިއެދުނީ އަބަދަށްޓަކާއެއްނޫން ދޯ..."
އެލަފުޒުތައް އޭނަގެ ފިޔަވަޅުތައް ހުއްޓުވަން މަޖުބޫރުކުރުވިއެވެ. އަދި އެނބުރި ބަލައިލީ ވަރުބަލިވެފައިވި ނަމަވެސް ޖަވާހިރެއްފަދައިން ވިދާ ބަބުޅާ ލޮލުންނެވެ.
"ޢާރިކް މިހާރު ދެން މާ ހިތްތިރި ވުމުގެ ބޭނުމެއް ނޭގޭ...އެވާހަކަ ބުނީމަ ގަނޑުވީ؟ އަދި ދުވެފައި ދިޔައީ....އަދި މިހާރު ތި ބޭނުންވަނީ ސައިތަށްޓެއްގެ ވަސީލަތުން އެއީ ނުވާކަމަކަށް ހަދަން.."
" ފިލީއެއްނޫން...އަަހަންނަށް....ނޭވާލާން ނޭގުނީ..މުޅި އުމުރު އެކަމާއި ދުރުވެގެން އުޅުނު ކަމެއްގެ ވާހަކަ އަލާނާ ދެއްކީ..."
"އަހަންނަކީ އާރިކްގެ ޒަޚަމެއް ނޫން...އާރިކްއަށް ބުނަން ނުކެރުނު ވާހަކަތަކެއް ދައްކަން ކެރުނު ޖެހިލުންކުޑަ އަންހެނެއްމީ..."
ފުން ހިމޭންކަމެެއް ދެމިގެން ދިޔައެވެ. އެންމެ ހިތަށް އުދަގޫވާފަދަ ވައްތަރެވެ.
އާރިކް ސައިތަށި ދިއްކޮށްލިއެވެ. އޭނަގެ ނަޒަރު ސައިތަށިން އާރިކްގެ މޫނަށް ދަތުރުކުރިއެވެ.
"ދެން ފަހަރަކުން ވާހަކަދައްކަން ބޭނުމިއްޔާ ސައި ނުގެނެސް ހިތުގައިވާ އެއްޗެއް ސާފުކޮށް ބުނަން ވާނީ..މިހާރު ހަމަ އެއްގޮތަކަށްވެސް ސިކުނޑީގައިވާ އެއްޗެއް ނޭގޭ......"
އަލާނާ ދުރަށް ހިނގައިގަތްއިރު އަނެއްކާވެސް ވާރޭ ބޯކޮށްލައިފިއެވެ.
***
މުރުތަސިމް ގެއަށް ވަންއިރު ގޭތެރެ ގަނޑުވެފައިވާހެން ހީވިއެވެ. އޭސީ އެހާ ފިނިކޮށްލާފައިވާއިރު ހުރިހާ ކޮޓަރިތަކުން ފެންނަނީ ފަނޑު އަލިކަމެކެވެ. ފަރުދާތައް ދަމާލާފައެވެ. މުޅި ގެވަނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. ހިމޭންކަމާއި އެކަނިވެރިކަމެވެ. ފަޅުކަމެވެ. މަންމަ ދިޔައީ ގޭގެ ރޫހު ހިފައިގެންނެވެ. މިއީ ކުރިން ކޮންފަދަ އުފާވެރި ގެއެއް ހެއްޔެވެ؟ އާއިލާގެ އެންމެންހެން އުފަލާއި ނިއުމަތުގައި އުޅުނު ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔެއިން ބޭނުންވިހާ އުފާތަކެއް ވަށައިލިއެވެ. ނަމަވެސް އެ ދުވަސްތައްވެސް މާޒީއާއެކުވެގެން ދިޔައީ ބަސްބުނާ ހިނދުކޮޅެއްގެ ތެރޭގައެވެ. ދުނިޔޭގެ އެއްވެސް އެއްޗެއް އަބަދަށްޓަކާ ދެމިގެންނުދާނެކަމުގެ ފުރިހަމަ މިސާލެކެވެ. އޭރު އޭނައަށް އެކަމެއް ނުވިސްނުނެވެ. މަންމަ ވަކިވެދާނެކަމުގެ ވާހަކަދައްކާފައި ދިން ނަސޭހަތަށް އެހާ ފަރުވާލެއް ނުބެހެއްޓުނެވެ. އޭނަ ދޮރު ލައްޕާލާފައި ލެނގިލިގޮތަށް ލޯ މަރައިލިއެވެ. އަހެދްގެ ލަފުޒުތައް އޭނަގެ ސިކުނޑީގައި އެބުރެމުން ދިޔައެވެ.
"މަންމަ މުރުތަސިމްދެކެ ލޯބިވި...މާފަށް އެދުމުގެ ކުރިންވެސް މަންމަ މާފުދީފި..މަންމަ ހުރިހާ ކުދިންނަށް ހިތްހެޔޮކަމުގައި ބުނެފައިވޭ...."
އެއާއެކު އެހެން އަޑެއް ކަންފަތުގައި ގަދަވެގަތެވެ. ތަންކޮޅެއް ބާރަށެވެ. ހިތަށް އަސަރުކުރުވާފަދަ ގޮތަކަށެވެ. އެއީ އޭނަގެ މަންމަގެ އަޑެވެ.
އޭނައަށް ހުރިތަނަށް ތިރިވެވުނުގޮތަށް ކަކުލުގައި މޫނު ޖައްސައިލިއެވެ.
"ކޮންމެވެސް ދުވަހަކުން މުރުތަސިމްއަށް އެނގޭނެ އަތުން ބީވެގެން ދިޔައީ ކިހާވަރެއްގެ އަގުހުރި އެއްޗެއްކަން...އެދުވަހަކުން ހިތާމަކުރާނެ. "
އެންމެފަހު ދުވަހު އޭނަ އަހެދްއާއި ދިމާލަށް ވާހަކަދެއްކީ އެއްވެސް އަގެއްނެތްފަދަ ގޮތަކަށެވެ. އެހިތުގައި އެއްވެސްކަހަލަ ލޯތްބެއް ކުލުނެއްނެތެވެ. އެންމެ ފަހުން މަންމައާއި ދެކެވުނު ވާހަކަތައް އޭނަގެ ސިކުނޑީގެ އެންމެ ފުނުގައި ލިޔެވިފައިވަނީ ހަނދާނުން ނުފޮހެވޭނެހާ ކުލަގަދަކޮށެވެ.
"މަންމަގެ ބޮލަށް ނޭރި މަށަށް ކަމެއްކޮށްދީފާނަންތަ؟ މިގެއިން ނުކުމޭ............"
"މަންމާ. މަންމަ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރީ...."އޭނަ ވާހަކަދައްކަ ދައްކާ ހުއްޓާ މަންމަ އެތެރެއަށް ވަނެވެ.
އަހެދް މުރުތަސިމްއާއި ކުރިމަތިލީ އެއްވެސް ބިރެއް ޖެހިލުމެއްނެތިއެވެ. ނަމަވެސް އޭނަގެ އަޑު މަޑެވެ.
"މަންމަ އަހަރެން ކައިރީ އަބަދުވެސް ތިވަރެއް ނެތިގެން ތައުރީފުކޮށްފައި ވާހަކަދައްކާނީ. އެލީޒީ ކޮންމެފަހަރަކު މަންމަ ގުޅީމަ އެގޮތަށް ވާހަކަ ހުންނާތީ ނުރުހުނަސް ވަރަށް އެއްޗެކޭ ނުބުނާނެ. އެކަމަކު..... މުރުތަސިމްފަދަ މަންމައަށް ހެޔޮކަމަށް ދައުވާ ކުރާ މީހާ އަންހެނަކާއި ޖެހިގެން އަމިއްލަ މަންމަ ހިތުގައި ޖެހޭ ބަހުރުވައިން ވާހަކަދައްކާނެ ކަމަކަށް ހިތަށް ނާރާ....އަހަރެންގެ ކުރިމަތީގައި މުރުތަސިމްގެ ގަދަރު ގެއްލިއްޖެ. މައިމީހާއަށް ގަދަރު ނުކުރާ މީހެއްގެ އަގެއް ނުހުންނާނެ. އެހެޔޮ ކިތަންމެ ގިނަ ފަށް އަޅައިގެން ކެޕްޓަން ނޫން އެއަށްވުރެ މަތީ ނަމެއް ކިޔަސް ގަދަރުވެރިއެއްނޫން..އެނގޭތަ؟ ގުރުއާންގައި އަންގަވާފައިވަނީ މައިންބަފައިންނާއި ދިމާލަށް އުފްވެސް ނުކިޔަން. އަލް އިސްރާ ސޫރަތް ނިކަން ރަގަޅަށް މާނައާއެކު ކިޔާބަލަ. އޭރުން އުޅެން ދަސްވާނެ.......ގުރުއާނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތަން އަމުރުކުރައްވާފައިވާއިރު ހިތަށް އެރިހާ އެއްޗެއްނު ތި ގޮވައިލީ. ތިމާއަށް ތިިހިސާބަށް އާދެވުމުގައި މަންމައަކު ކުރި ބުރަ މަސައްކަތް ހަނދާން ނައްތާލި މީހަކަށް އަންހެނަކަށް ކުރެވޭނީ ކޮން ގަދަރެއް............އަހަރެން އިރާދަކުރެއްވިއްޔާ މުރުތަސިމްގެ އަމިއްލަ ގެއަކަށް ނުވަންނާނަން.."
އޭނަ މަންމައާއި ދިމާލަށް އެންމެފަހުން ބުނި ޖުމްލަވެސް ވީ ރުޅިވެރިކަމުން ފުރިފައެވެ. އެއްވެސް ކަމަކާއި ނުލާ އައި ގަދަ ޝައިތާނީ ރުޅިއެކެވެ. ރުޅިގަދަވާވަގުތު ޝައިތާނާގެ ކިބައިން ސަލާމަތްވާން އޭނަ އައޫޒު ކިޔަންވެސް ހަނދާން ނައްތައިލީއެވެ.
އެހުރިހާ ހަނދާންތަކާއެކު އިތުރަށް ހިތް ޒަަޚަމްވިއެވެ. އޭނަ އަމިއްލަ ކަކުލުގައި ދެއަތުން ބައްދައިލިއިރު ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ.
"މަންމާ...އަހަރެން އެހުރިހާ އެއްޗެހި ކީ ކިއްވެތަ؟ އަމިއްލަ ނަފުސް ނުހުއްޓުވުނީ ކީއްވެތަ؟ މަންމަ ކީއްވެ؟ މަންމަ އަހަންނާއި ދިމާލަށް އަޑުލިނަމަ...މޫނުމަތީގައި ޖެހިނަމަ..އޭރުންވެސް ހަމައިން ނެއްޓިފައި ހުރެ ހަމަ ބިމަށް ތިރިވާނެއްނު...ކޮންމެވެސް ކަމެއް މަންމަ ކުރިނަމަ.ކުޑައިރުހެން......"
އެކަމަކު މަންމަ އެއިން އެއްވެސް ކަމެއްނުކޮށް ކަރުނަ އޮއްސީއެވެ. އޭނަގެ ސަބަބުން މަންމަގެ ލޮލުން ކަރުނަ އޮހުނީއެވެ. ކޮންފަދަ ހިތްދަތިކަމެއްހެއްޔެވެ؟ ހުއްޓުމުނެއްނެތި ރޮވެމުން ދިޔައީ ސިކުނޑީގެ އެންމެ ފުން އަދި އަނދިރިކަނުން އައި އެއްޗެއް ފަދައިންނެވެ."އަިއމް ސޮރީ މަންމާ..އަހަންނަށް މާފުކުރޭ..."
އެ ކޮޓަރީގެ އެތެރޭގައި ހަރުލާފައިވީ އޭނަގެ ރުުއިމުގެ އަޑެވެ.
އެންމެފަހުން ކަރުތެރޭގައި ރިއްސަންފެށިއެވެ. އަތްވެސް ރޫރޫއަޅަންފެށިއެވެ. އެހެން އިނދެފައި ކަރުނުން ފުރިގެންވާ ނަޒަރަކުން ވަށައިގެން ހޯދައިލުމުން ފެނުނީ މުޅިންވެސް މަންމަގެ ހަނދާކޮށްދޭފަދަ ތަކެއްޗެވެ. މަންމަގެ އަތުން ފަހާފައިވާ ކުޝަންއެވެ. ޑްރެސިންޓޭބަލް މަތީގައި ބަހައްޓާފައިވާ ކުޑަ ފްރޭމެވެ. އަދިވެސް ކުޝަންގައި ދުވަނީ މަންމަގެ ސެންޓުގެވަހެވެ. އޭނަ ތެދުވެގެންގޮސް އެކުޝަން ނަގާފައި އެތެރެއަށް ނޭވާލިއެވެ. މަންމަގެ ފުރާނަވެސް އެގޮތަށް ދަމާފައި ކޮޓަރިއަށް ގެނެވޭނެނަމައެވެ.
"ޕްލީޒް މަންމާ މާފުކޮށްދީ.."
"ޔާﷲ...ކޮންމެވެސް ނިޝާނެއް ދައްކަވާދޭވެ...ކޮންމެެވެސް ކަހަލަ...މަންމަގެ މާފާއި ނުލާ ދުނިޔޭގައި އުޅޭނީ ކިހިނެއްތަ؟."
އެކަމަކުވެސް އެކޮޓަރިތެރެ އޮތީ ހިމޭންކޮށެވެ. ފުރަތަމަ ފަހަރަށް އެރޭ އޭނައަށް އިހުސާސްކުރެވުނީ ލަފުޒުތަކުން ބަޔާން ނުކުރެވޭފަދަ ހިތާމައެއްގެ ތެރެއަށް ގެނބިގެންދާހެންނެވެ. ކަޅު އަދި ފުންމިނެއްވެސް ނޭގޭފަދަ ވަޅުގަނޑެއްފަދައެވެ.
***
ބާބިލް އޭނަގެ މާމަގެ އަލަމާރީގެ ނުހުޅުވާ ދުވަސްވެފައިވާ ވަތްގަނޑެއް ހުޅުވައިލަދިނެވެ. ތަޅުދަޑިތަކާއި، ތަސްބީހަތަކެވެ. ހިރަފުހުން ހުދުވެފައިވާ ފޮތެއްވެސް އޮތެވެ.އެފޮތުގެ ނަމަކަށްވަނީ "ހަލާކުވެފައިވާ ހިތަކަށް ސަތޭކަ އެއް ދިވެހި ފަރުވާ"އެވެ.
އޭނަގެ ނަޒަރު ހުއްޓުނީ ފޮޓޯއަކަށެވެ. ކުލަ ފޭދި ކަނުން ލެނބިފައިވާ ދުވަސްވީ ފޮޓޯއެކެވެ. އަންހެންކުއްޖަކު ރަޖާގަނޑެއްގައި އޮޅާލާފައިވާ ތުއްތު ކުއްޖަކު އަތްދަނޑިމަތީގައި ބާއްވައިގެންހުރިއިރު މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ.
"ޢެއީ އާރިކް..." ގަމަރިއްޔާ ބުނެލިއެވެ."ދެން އެހެރީ އޭނަ..."
ފޮޓޯގެ އަނެއް ފުށުގައި ކަޅުކުލައިގެ މާކަރަކުން ލަފުޒުތަކެއް ލިޔެފައިވިއެވެ."މަގޭ އާރިކް..މަގޭ އެންމެފަހުގެ އުއްމީދު..މާލެ 1995"
"މަންމައަށް މިފޮޓޯ ދައްކަން ޖެހޭނެ."
"އެއީ ކީއްކުރަން ބާބިލް...އޭނަ ބަދަލެއްނުވާނެ. އަމިއްލަ ނަފުސް ހަލާކުކޮށްލަން ހިތުއަޅައިގެން ހުރި އަންހެންކުއްޖެއް....."
"މާމަ..މަންމައަށް މާފުކޮށްފައި މަންމަ މިގެއަށް ގެނައުން ކިހިނެއްވާނެ؟"
"ބާބިލްއަކަށް ނޭގޭނެ. މަންމަ އެހެރީ ގޮތްދޫނުކުރަން...މަސްތުވާ އެއްޗެއްސަށް ދެވިހިފާފައި، ހެއްދެވި ފަރާތަށް ހިތުގައި ޒައްރެއްގެ މިންވަރަށް ބިރުގަތަސް އެވައްތަރަށް ނޫޅޭނެ.ބާބިލްއަށް އެނގޭތަ؟ޖަންނަތު ފަހުން އާރިކްގާތަށް އަންނަން ބޭނުންވި. މާމަ ބުނިން އައިސްގެން ނުވާނެއޭ...ޑްރަގް ނަގާ މީހަކާއެކު އުޅެންޏާ ދަރިފުޅުވެސް ހަލާކުވެ ނިމިގެންދާނީ..އެހެންވެ އާރިކް ދުރުކުރީ..ރަގަޅު ކުރިމަގެއް ހޯދަދޭން މަސައްކަތްކުރީ..ﷲ އިރާދަފުޅުކުރެއްވިއްޔާ އެކަން ވެއްޖެ އަލްހަމްދުލިﷲ..މިއަދު އެއީ އެންމެން ގަދަރުކުރާ ޑޮކްޓަރެއް...މިއަދު އެކުއްޖާގެ މަންމައާއި ބައްދަލުކުރުން މަނަލެއްނުކުރާނަން.."
ބާބިލްގެ އުއްމީދަކީ އާއިލާ ގުޅުމެވެ. ރަހިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑު ފާފައެކެވެ. ﷲތައާލާއަށްޓަކާ ގުޅުން ރަގަޅުކޮށް އެކީގައި އުޅެން މަސައްކަތްކުރަންވާނެއެވެ.
***
ޖެނީފާއަށް ބާބިލްގެ އަތުގައިވާ ފޮޓޯފްރޭމް ފެނުމުން ބުމަ އަރުވައިލިއެވެ."ހަދިޔާއެއް ހިފައިގެން މިއައީ...."
"ފްރޭމަކުން އަހަރެން ކީއްކުރާނީ؟"
"މިއީ ވަރަށް ޚާއްސަ ވަގުތުކޮޅެއް. ފޮޓޯތަކުން މާޒީގެ ރީތި ވަގުތުތައް ރައްކާތެރިކޮށްދޭ......ބަލާލަބަލަ..ކިހާ ރީތި..."
ބާބިލް އެ ފްރޭމް ދޭން އުޅުމުން ޖެނީފާ އެއަށް ބަލަން ހުރީ ގަނޑުވެފައެވެ. އޭނައަށް މިފެންނަނީ ޅަދުވަސްވަރެވެ. ބޮޑު ލޮލެވެ. އޭރު މިހާ މޮޔައެއްނޫނެވެ. ތިމާއަށް ހައްގު ކަމަށް ޔަގީންނުވާ ދަރިއަކު މެޔާޖައްސާ ބާރުކޮށްލައިގެންނެވެ.
"އަހަރެން ބޭނުންވީ އެދުވަހުވެސް އާރިކް ހިސްޕިޓަލުގައި ބާއްވާފައި ދާން...އެކަމަކު އެކަމެއްނުވި..އެރެއަކު ނުކުރެވުނު..."
."ތިބުނީ އެރޭވެސް ހަމަ އެއްލާލަން އުޅުނީ؟"
ޖެނީފާ ބޯ ޖަހައިލިއެވެ.
"އަހަރެން ރެޑީއެއްނޫން...އަހަންނަކީ އެއްވެސް މީހެއްނޫން. އަގެއްނެތް މީހެއް.. ހަލާކުވެފައިވާ އަންހެންކުއްޖަކު ޅަ ދަރިއަކާއިގެން އުޅުނީ....."
ޖެނީފާ އަނެއް ފަރާތަށް އެނބުރި ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ.
***
ގަމަރިއްޔާއަށް ބާބިލްގެ ފަރާތުން އެ ޚަބަރު އެނގުނެވެ. ޖެނީފާއަށް އެ ފޮޓޯއިން އަސަރުކުރިކަން ޔަގީންވިއެވެ.
"މިފޮޓޯ އަބަދުވެސް އޮތްތަަނަކުން ނިކުމޭ ކޮންމެވެސް މީހަކަށް ރޫހާނީ ޝިފާ ލިބެންގާތްވީމަ..ޖަންނަތުއަކީ މާމަގެ ދަރިއެއް....ވާހަކަނުދައްކާހުރެ ދުނިޔެއާއި ވަކިވެގެންދާން މާމަވެސް ނޭދެން...އާރިކްއަށްޓަކާ މާމަ އޭނައާއި ވަކިވީ..މިއަދު މާމަ ދެކޭގޮތުން ހަމަ އާރިކްއާއި ބާބިލްއަށްޓަކާވެސް އޭނަ މިގެއަށް ގެނައުމުގެ ވަގުތު ޖެހިއްޖެ...އިސްވެ ވާހަކަދެއްކުމަކީ ހިތްވަރުގަދަކަމުގެ ނިޝާނެއް...ޖަންނަތުއަށް ހެޔޮ ވިސްނުން ދެއްވާ ހިދާޔަތް ދެއްވުމަށް އެދި މާމަ ދުއާނުކުރާ އެންމެ ނަމާދެއްވެސް ނުވޭ..ބޮޑެތި ފާފަތައް ކޮށް ތައުބާވުމުން ހެއްދެވި ފަރާތުންވެސް ފާފަ ފުއްސަވާދެއްވާ..އެކަމަކު އިންސާނުންގެ ހިތް ކިހާ ހަރުކަށި.. މާމަވެސް މިހިރީ ގޮތްދޫނުކޮށް ހަމަ........"މާމަ ފެންކަޅިވިއެވެ.
"މާމަ ކަންތައްކުރީ އިންސާފުން..މަންމަ ތައުބާވެ ރަގަޅު މަގުން ހިނގަންފެށުމުން އަދި މާމަ ގާތަށްވެސް އަންނާނެ. މައިންބަފައިންނަށް އިހުސާންތެރިވުމަށް ދީނުގައި ބާރު އަޅުއްވާފައިވާވަރުވެސް އެނގޭނެ. މާމަގެ ދުޢާތައް އިޖާބަކުރައްވާށި..."
***
ޑޮކްޓަރ އާރިކް ނުކުމެގެން ދިޔަތަން ބަލަން އަދީނާ އިނީ ޝައުގުވެރި ނަޒަރަކުންނެވެ.
"އަހެދް....ޑޮކްޓަރ އާރިކްއަކީ ކޮންފަދަ ހިތްހެޔޮ ސްމާޓް ޒުވާނެއް..މިހާ ގިނަ ޑޮކްޓަރުން އަންނައިރު މިވަރު ކަމެއް ނުދެކެން.......އޭނައާއި ކައިވެނިކުރަންވީނު...އަންހެންކުއްޖަކު ތިހެން އެކަނި ހުރުމުން ލޯތައް އަމާޒުވާނެ.........."
"އާނ....ތިކަން ކުރަން އެބަވިސްނަން. އޭރުން ބާބިލްގެ ފަހަރިއަކަށް ވީނު......." އަހެދްގެ ޖުލްމަ އިވުނީ ކުޑަކޮށް ހުޅުވިފައި ހުރި ދޮރާއި އަރާ ހަމަވީ މީހަކަށެވެ.
ނުނިމޭ