އެލް ސަލްވަޑޯގެ ހުރިހާ ސްކޫލެއްގައި އޭއައި ބޭނުންކޮށްގެން ކިޔަވައިދެނީ

އީލޮން މަސްކް އާއި ނައިބް ބުކެލޭ ވަނީ އޭއައި އާއި ރޮބޮޓިކްސްއާ ބެހޭ ގޮތުން މަޝްވަރާކޮށްފައި -- ފޮޓޯ: ދަކޮއިން ރިޕަބްލިކް

އެލް ސަލްވަޑޯގެ ހުރިހާ ސްކޫލެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދޭން ނިންމައިފިއެވެ.

އެލޮން މަސްކްގެ އޭއައި ކުންފުނި އެކްސް އޭއައިއާއި އެލް ސަލްވަޑޯ ސަރުކާރު ގުޅިގެން މުޅި ގައުމަށް އަމާޒުކޮށްގެން އޭއައި ބޭނުންކޮށްގެން ކިޔަވައިދޭ މިއީ ދުނިޔޭގެ ފުރަތަމަ މި ފަދަ މަޝްރޫއެވެ. ބުރާސްފަތި ދުވަހު އިއުލާންކުރި މި މަޝްރޫއުގެ ދަށުން، އެލް ސަލްވަޑޯ ސަރުކާރުގެ 5،000 އަށްވުރެ ގިނަ ސްކޫލުތަކުގައި އެކްސް އޭއައިގެ 'ގްރޮކް' އޭއައި މޮޑެލް ބޭނުންކުރާނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގެ ސަބަބުން އެ ގައުމުގެ އެއް މިލިއަނަށްވުރެ ގިނަ ދަރިވަރުންނަށް އެ ކުދިންގެ ފެންވަރާ ގުޅޭގޮތުން ފަރުމާކޮށްފައިވާ އޭއައި ޓިއުޓަރިން ފޯރުކޮށްދެވޭނެއެވެ.

https://sun.mv/215028

އެކްސް އޭއައިއިން ބުނި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ކޮންމެ ދަރިވަރެއްގެ ވެސް އަމިއްލަ ދުވެލީގައި، އެ ކުއްޖެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.

މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން އެތައް ހާސް މުދައްރިސުންނަކަށް ކިޔަވައިދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެލް ސަލްވަޑޯގެ ރައީސް ނަޖީބު ބުކޭލޭ ވިދާޅުވީ، އެ ގައުމަކީ މުސްތަގުބަލަށް އިންތިޒާރު ކުރާ ގައުމެއް ނޫން ކަމަށާއި، އެ ގައުމުން މަސައްކަތް ކުރަނީ އަމިއްލައަށް މުސްތަގުބަލު ބިނާކުރުމަށް ކަމަށެވެ. މިއީ އީޖާދީ ކަންކަމުގެ ތެރެއިން ގައުމު ކުރިއެރުވުމަށް އެ ގައުމުން ގެންގުޅޭ ސިޔާސަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެކްސް އޭއައިގެ ބާނީ އީލޮން މަސްކް ވިދާޅުވީ، މި ޕާޓްނަޝިޕްގެ ސަބަބުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އޭއައި ޓެކްނޮލޮޖީ މުޅި ޖީލެއްގެ އަތްމައްޗަށް ސީދާ ފޯރުކޮށްދެވޭނެ ކަމަށެވެ.

މި މަޝްރޫއަކީ ކްލާސްރޫމްތަކުގައި ޒިންމާދާރުކަމާ އެކު އޭއައި ބޭނުންކުރާނެ އޮނިގަނޑުތައް ދުނިޔެއަށް ދައްކައިދޭނެ ނަމޫނާ މަޝްރޫއަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު