ކުއްލި ހާލަތްތަކުގައި ލައިވް ވީޑިއޯ ފޮނުވޭ އާ ފީޗާއެއް އެންޑްރޮއިޑަށް ތައާރަފުކޮށްފި

ގޫގުލްގެ އެންޑްރޮއިޑަށް މިފަދަ ގިނަ ފީޗާތަކެއްދަނީ ތައާރަފުކުރަމުން --- ފޮޓޯ/ ގެޖެޓް 360

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް ގުޅާއިރު، ހާދިސާ ހިނގަމުންދާ ތަނުގެ މަންޒަރު ވަގުތުން ދައްކާލެވޭ ފަދަ އާ ފީޗާއެއް ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް ތަޢާރަފުކޮށްފިއެވެ.

މިއީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބޭ ރައްކާތެރިކަމުގެ މުހިންމު ކުރިއެރުމެކެވެ.

"އެމަޖެންސީ ލައިވް ވީޑިއޯ" ގެ ނަމުން ނަންދީފައިވާ މި ފީޗާއަކީ އެމަޖެންސީ ސާވިސްތަކަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް، ފޯނުގެ ކެމެރާ ބޭނުންކޮށްގެން ވަގުތުން ލައިވް ވީޑިއޯ ފީޑެއް ފޮނުވޭނެ ނިޒާމެކެވެ. މީގެ މައިގަނޑު ބޭނުމަކީ ހާދިސާ ހިނގާ ތަނުގެ މަންޒަރު ޑިސްޕެޗަރުންނަށް ފެނި، ހާލަތު ރަނގަޅަށް ވަޒަންކޮށް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމެވެ.

މި ފީޗާ މަސައްކަތްކުރާ ގޮތަށް ބަލާއިރު، ކުއްލި ހާލަތެއްގައި އެމަޖެންސީ ނަންބަރަށް ގުޅުމުން ނުވަތަ މެސެޖުކުރުމުން، އިތުރު މައުލޫމާތު ބޭނުންވާނަމަ ޑިސްޕެޗަރު ވީޑިއޯ ފޮނުވުމަށް އެދި ރިކުއެސްޓެއް ފޮނުވާނެއެވެ. ފޯނު ބޭނުންކުރާ މީހާގެ ސްކްރީނަށް މި ރިކުއެސްޓް މެސެޖެއްގެ ގޮތުގައި ފެންނަން ހުންނާނެއެވެ.

އެ މެސެޖު ލިބުމުން، އެއް ފިތަކަށް ފިތާލުމާއެކު ފޯނުގެ ކެމެރާ ހުޅުވި، ލައިވް ވީޑިއޯ ޝެއާކުރަން ފަށާނެއެވެ. ގޫގުލްއިން ބުނެފައިވާ ގޮތުގައި މި ވީޑިއޯ ފީޑް ހުންނާނީ އެންކްރިޕްޓް ކުރެވިފައެވެ. އަދި ބޭނުން ކޮންމެ ވަގުތަކު ވީޑިއޯ ހުއްޓާލުމުގެ އިޚްތިޔާރު ފޯނު ބޭނުންކުރާ ފަރާތަށް ލިބިގެންވެއެވެ.

މި ފީޗާ ބިނާކޮށްފައި ވަނީ އެންޑްރޮއިޑްގެ އެމަޖެންސީ ލޮކޭޝަން ސާވިސް (އީ.އެލް.އެސް) ގެ މައްޗަށް ކަމަށްވުމުން، ވީޑިއޯގެ އިތުރުން ފޯނު ހުރިތަން (ލޮކޭޝަން) ވެސް ވަރަށް ސީދާކޮށް އެހީދޭ ފަރާތްތަކަށް ލިބޭނެއެވެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި ފޯނު ބޭނުންކުރާ މީހާ ހުރި ތަނުގެ މަޢުލޫމާތު ޑިސްޕެޗަރުންނަށް ހޯދަން ފަސޭހަވެގެންދެއެވެ.

ކޮންމެ ވަގުތަކު ކޮންމެތާކު ހުރެގެންވެސް މި ފީޗާ ބޭނުންކޮށްލުމަކީ ނުހަނު ފަސޭހަކަމެއް --- ފޮޓޯ: ގޫގުލް

ގޫގުލްގެ އެންޑްރޮއިޑް އިކޯސިސްޓަމްގެ ރައީސް ސަމީރު ސަމަތު ވިދާޅުވި ގޮތުގައި، ކުއްލި ހާލަތެއްގައި ހިނގާ ކަންތައްތައް ބަހުން ބަހަށް ކިޔައިދިނުމަކީ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވެއެވެ. އެހެންކަމުން މި ފީޗާގެ ސަބަބުން ޑިސްޕެޗަރުންނަށް ހާލަތު އަވަހަށް ދެނެގަނެ، އެހީތެރިކަން އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޚިދުމަތް މިހާރު ދަނީ އެމެރިކާ، ޖަރުމަނު އަދި މެކްސިކޯގެ ބައެއް ސަރަޙައްދުތަކުގައި، އެންޑްރޮއިޑް 8 އާއި އެއަށްވުރެ ފަހުގެ ފޯނުތަކަށް ތަޢާރަފްކުރަމުންނެވެ.

އެންޑްރޮއިޑް ފޯނުތަކުގައި މިހާރުވެސް ކާރު އެކްސިޑެންޓް ޑިޓެކްޝަން، ވެއްޓުން ދެނެގަތުން (ފޯލް ޑިޓެކްޝަން) އަދި ސެޓެލައިޓް އެސް.އޯ.އެސް ފަދަ ރައްކާތެރިކަމުގެ މުހިންމު ފީޗާތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު