ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ.
މީގެ ކުރިން ހުމައިދާ ވަނީ، ކ. ގުޅިފަޅުން ބައެއް ހިއްކަން ފަށާފައިވާ މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަންވެސް ކޯޓަށް ހުށަހަޅައިފައެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް، މައްސަލަ ހުށަހަޅާފައިވަނީ މި ހަފުތާގައެވެ. އެކަމަކު މި މައްސަލަ ކޯޓަށް ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މި މައްސަލައިގެ ތަފުސީލެއްވެސް ލިބިފައެއް ނުވެއެވެ.
ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިދިޔަ މަހުވަނީ ބުނެފައެވެ. އަދި ކަށިމިޔަރު މަސްވެރިކަން ކުރެވޭނީ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކަމަށާއި، ލައިސަންސްދޭ އުޅަނދުތަކުގައި ލޮކޭޓިން ޑިވައިސްއެއް ހަރުކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.
ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެކުރިންވަނީ ކޮށްފައެވެ. އެއީ ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓުވީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް މަސްވެރިން ވަނީ މިޔަރު ގިނަވުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ކަށިމިޔަރު މަސްވެރިކަމުން ބޮޑު ނަފާއެއް ހޯދިދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. އެކަމަކު، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވެގެން ދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވެއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ހިމަނައިފައެވެ.