ފުވައްމުލަކާއި ފުނަދޫގައި ވޮކޭޝަނަލް ސެންޓަރުތަކެއް އަޅަން ހަވާލުކޮށްފި

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒު އިމާރާތްކުރަން ސޮއިކުރަނީ -- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ފުވައްމުލަކާއި ށ. ފުނަދޫގައި ވޮކޭޝަނަލް ތަމްރީނު ދިނުމަށް މަރުކަޒުތަކެއް ގާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ފުވައްމުލަކާއި ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިމާރާތްކޮށް ހިންގުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑަށެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޢައިޝަތު ޙިކްމާއެވެ. އަދި ސެންޓްރަލް ލައިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަބްދުالله ޢާޞިމެވެ.

މިނިސްޓްރީން ބުނީ، ވޮކޭޝަނަލް ތަމްރީނު ދިނުމަށް އިމާރާތްކުރާ މަރުކަޒުތަކުގައި މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، ކްލާސްރޫމްތަކާއި، އައިޓީ ލެބަކާއި، އިދާރީ ޚިދުމަތްތަކަށް ޚާއްސަ ސަރަހައްދަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ ސަރަހައްދަކާއި، މީޓިން ރޫމްތަކެއްގެ އިތުރުން ސްޓަޑީ ރޫމަކާއި ކުތުބުޚާނާއެއްވެސް ހުންނާނެ ކަމަށެވެ.

ނަމަވެސް ސެންޓްރަލް ލައިން ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ ކިހާ މުއްދަތަކަށް ކަމާއި، މަޝްރޫއު ހަވާލުކުރި އަގުގެ ތަފްސީލު މިނިސްޓްރީން ނުދެއެވެ.

https://sun.mv/212177

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ވަނީ ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ސާނަވީ ތައުލީމާ ހަމައަށް ކިޔަވައިދޭ ސްކޫލެއް ހުޅުވަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފައެވެ.

އެ ސްކޫލް މެދުވެރިކޮށް ދިހަ ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ދާއިރާތަކަކީ:

  • އާކިޓެކްޗަރަލް ޓެކޮނޮލޮޖީއާއި ޑިޒައިން
  • ކޭކު އެޅުމާއި ފަރުމާކުރުން
  • އޮޓޮމޭޓިވް އިންޖިނީއަރިން
  • ސިވިލް އިންޖިނިއަރިން
  • ކާޕެންޓްރީ
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނީއަރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ފޮޓޮ ނެގުން
  • ރިފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން
  • ކުދި ވިޔަފާރި މެނޭޖުކުރުން

އެ ހައި ސްކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި، މިދިޔަ އަހަރު ނުވަތަ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑު ދިހައެއް ފުރިހަމަކޮށްފައިވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު 31އަށް 18 އަހަރު ފުރިފައިނުވުން ހިމެނެއެވެ.

ނަމަވެސް އެ ސްކޫލް ހުޅުވާނެ ތާރީޚެއް މިނިސްޓްރީން އަދި ހާމަ ނުކުރެއެވެ.

comment ކޮމެންޓް