ނ. އަތޮޅުގެ ބައެއް ރަށްތައް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި, އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކައުންސިލް ތަމްސީލް ކުރާނެ މީހަކު ކޯޓަށް ހާޒިރު ނުވެގެން ބާތިލުކޮށްފިއެވެ.
މިއީ ނ. އަތޮޅު ކެނދިވަރު އަދި ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް، ފަތުރުވެރިކަމުގެ ބޭނުމަށް ބަޔަކަށް ދޫކުރަމަށް ކުރީ ސަރުކާރުން ނިންމި ނިންމުމާ ޗެލެންޖް ކުރުމަށް، ރައީސް އޮފީހަށް ރައްދުވާ ގޮތަށް ނ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ސިވިލް ކޯޓުން މިއަދު ބާތިލު ކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލަ ހުށަހެޅި ނ. އަތޮޅު ކައުންސިލުން އައްޔަންކޮށްފައިވާ ވަކީލުން، ރީޓެއިނާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެވަނީ މައްސަލައިން ތަނާޒުލްވެފައެވެ. އަދި ނ. އަތޮޅު ކައުންސިލް ތަމްސީލް ކުރާނެ އިތުރު ބަޔަކު ހުށަހަޅާފައި ނުވާތީ، ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން ނިންމެވީ މައްސަލަ ބާތިލު ކުރާށެވެ.
ނ. އަތޮޅު ކައުންސިލުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ގަރާރެއް ފާސްކޮށްގެނެވެ. ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ބުނަނީ ސަރުކާރުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ.
އެއީ އަތޮޅެއްގެ ރަށްތަކާއި ފަޅުތަކާ މެދު ސަރުކާރުން ގޮތެއް ނިންމުމުގައި، ކައުންސިލްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް އެ ގާނޫނުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް އިޝާރާތްކޮށްފައެވެ. އަތޮޅުގެ ރައްޔިތުންގެ ރުހުން ހޯދައިގެން މެނުވީ ދިގު މުއްދަތަށް ރަށްރަށާއި ފަޅު ދޫނުކުރުމަށާއި އެކަން އެ ގޮތަށް ކުރަން ކައުންސިލުން އެއްބަސްނުވުމަށް ވެސް މީގެ ކުރިން އެ ކައުންސިލުން ފާސްކޮށްފައި އޮތް ކަން ވެސް، މީގެ ކުރިން ކައުންސިލްގެ ބައްދަލުވުމެއްގައި ނިންމާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރަށް އެ ދެ ރަށަކީ ވެސް ތިމާވެށީގެ ގޮތުން ނާޒުކު ރަށްތަކެއްގެ ގޮތުގައި ގަރާރުގައި ބުނެފައިވެއެވެ. އެގޮތުން ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި، މަދުން ނޫނީ ދުނިޔޭގައި ނެތް ދިރުންތައް ހިމެނޭ އިކޯ ސިސްޓަމެއް އޮތްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އަތޮޅު މީހުން ދަތުރު ދިޔުމާއި މުނިފޫހިފިލުވުން ފަދަ ކަންކަމަށާއި، ފަން ހޮވުމާއި އޮއްކެޔޮ ހޮވުން ފަދަ އިގްތިސޯދީ މަސައްކަތް ކުރަން މިހާރު މަދު ރަށްތަކެއް ބާކީވެފައި އޮތް އިރު، އެ ދެ ރަށަކީ މިހާރު ވެސް އެ ބޭނުންތަކަށް އަތޮޅު މީހުން ގޮސް އުޅޭ ދެ ރަށެއް ކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.