ހިތުގައި ތިނަން ވާތީ... 10

"އަހަރެން ކުރި ކަމެއް ނޫނޭ... އައި ސްވެއަރ..." އިވްލީންގެ ވާހަކަ ހުއްޓުވަމުން އާކިލް ބުނެލިއެވެ. "އީވް ޕްލީޒް ގަބޫލުކުރޭ! ކޮންމެވެސް މީހަކު އަހަރެންގެ މެއިލް ޔޫޒްކުރީއޭ.... އެމީހަކު އެ އުޅެނީ އަހަރެންގެ ބޮލުގަ މިކަން އަޅުވަން... އެކަމަކު އައި ޕްރޮމިސް.... އަހަރެން އެމީހަކު ހޯދާނަން... އެކަން ކުރީ އަހަރެން ނޫންކަން ސާބިތުކޮށްދޭނަން... އޭރުން ގަބޫލުކުރާނަންތަ؟..."

*********

"އާކިލް ހީކުރީ އަހަރެން ގަބޫލުކުރާނެ ކަމަށްތަ؟.." އިވްލީން ކުރިއަށްވުރެ ހިތްހަމަނުޖެހުނެވެ. "އެއްކަމެއްވެސް ޔަގީންކޮށްދޭން އުޅޭނެކަމެއް ނެތް..."

"އޯކޭ ގަބޫލުނުކުރިޔަސް... އެކަމަކު، އަހަރެން ނޫންކަން ޕްރޫވްކޮށްދެންދެން ބަލަން ހުރެދީފާނަންތަ؟..." އާކިލްގެ އަޑުގައިވީ އާދޭހާއި ރިހުމެވެ. ދެލޮލުން ފެނުނީ ނޭނގޭ އަސަރުތަކެކެވެ.

އިވްލީން ހަރުކޮށްގެން ހުރި ހިތް މަޑު ކަފަކޮޅަކަށް ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އާކިލްގެ ދެލޮލުން އޭނާގެ ތެދުވެރިކަން ސާބިތުކޮށްދޭއިރު، އާދޭހާއިއެކު އެދޭ ކުޑަކުޑަ އެދުމަކަށް ފުރަގަސްދޭނެ ހިތްވަރު އިވްލީނަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟

"އޯކޭ... ސާބިތުކޮށްދީ!...." އާކިލްގެ އެދުމާއި ދެކޮޅުހަދާނެ ހިތްވަރެއް އިވްލީނަކަށް ނުލިބުނެވެ. އޭނާ އެހެން ބުނެފައި، އަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"އަހަންނަށް ފުރުސަތެއް ދިނީތަ؟..." އާކިލްގެ ދެލޯ ވިދައިލިއެވެ. އިވްލީންގެ ފަހަތުން ދިޔައިރު، އާކިލްގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

އިވްލީން އާއިއެކު އޭނާގެ ގެއާއި ހަމައަށް އާކިލް ދިޔައެވެ. އިވްލީންގެ ފަސްފަހަތުގައި ހުރެއެވެ. އާކިލްގެ ނަޒަރު ހުއްޓިފައިވީ އިވްލީންގެ ހިކި އަނަރޫފަވަމުންދިޔަ ހަށިގަނޑަށެވެ. އަބަދުވެސް ރީތި ވަރަކަށް ހަށިގަނޑު ބަހައްޓަން މަސައްކަތްކުރި އިވްލީނަށް އެ ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ވަގުތެއް މިއަދު ނުވާނެކަން އާކިލްއަށް އެނގެއެވެ. ކުރިން އެހާ ސަމާލުކަން ދީގެން ގެންގުޅުނު ދިގު އިސްތަށިގަނޑު މިހާރު އަބަދު ކަހަލަ ގޮތަކަށް އޮންނަނީ މައްޗަށް ހިއްލައި، ހުޅިއެއް ޖަހާފައެވެ. އެ އިސްތަށިގަނޑުގެ ސަބަބުންވެސް އިވްލީންގެ މަސައްކަތަށް އުނދަގޫވާ ކަހަލައެވެ. ކުރިން ތަރުތީބުކޮށް އޮމާންކޮށްލާފައި އޮންނަ އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. ކުދި އިސްތަށިކޮޅުތައް، އެކި ދިމަދިމާއިން ހިއްލިފައި ހުއްޓެވެ. ގަހަނާއަށް ލޯބިކުރި އިވްލީންގެ ކަރުގައި އޮތް ފަށް ފިޔަވައި އިތުރު ގަހަނާއެއް ބޭނުންކޮށްފައެއް ނުވެއެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް އިވްލީންގެ ހުވަފެންތަކެއް ވާނެއެވެ. ހަށިގަނޑު ރީތިކޮށް ބަހައްޓަންވެސް ބޭނުންވާނެއެވެ. އެކަމަކު، އެ ހުރިހާ ހުވަފެންތަކެއް ފުރިހަމަކުރުމަށް އިވްލީނަށް ވަގުތު ލިބެންޖެހެއެވެ. ބައިވެރިއެއްގެ އަޅާލުމާއި ލޯބި ލިބެން ޖެހެއެވެ. އާކިލްއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އޭނާ އިވްލީންގެ ހަޔާތުން ނުދިޔަނަމަ، މިއަދު އިވްލީން ހުންނާނީ އެހެނެއް ނޫންކަން ޔަގީނެވެ.

ގެއަށް ވަންނަމުން އެންމެ ފަހަރަކު ނަމަވެސް އިވްލީން ފަސްއެނބުރި ބަލައިލާނެކަމަށް އާކިލްއަށް އުއްމީދުކުރެވުނެވެ. އެކަމަކު، އިވްލީން ބަލައެއް ނުލިއެވެ. ގޭގެ ދޮރު ހުޅުވާލިތަން ފެނުމުން އާކިލްގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ގުޑް ނައިޓް އީވް..." އިވްލީނަށް އިވޭ ވަރަށް އާކިލް ބުނެލިއެވެ.

އިވްލީން ހުއްޓުނެވެ. އެކަމަކު ފަސްއެނބުރި ބަލައިލުމެއްނެތި އޭނާ ދޮރު ލެއްޕިއެވެ. އިވްލީންގެ ޖަވާބެއް ނުލިބޭނެކަން އާކިލްއަށް މާ ކުރިންވެސް އެނގެއެވެ. ދޮރާއި ދިމާއަށް ބަލަން ކުޑަ އިރުޅަކު ހުރެފައި، އާކިލް ދިޔައީއެވެ.

"ޝިޓް..." އާކިލްމެންގެ ހަރަކާތްތަކަށް ބަލަން ހުރި މީހާ ފާރުގައި ގޮށްމުށުން ޖެހިއެވެ.

********

"ކީއްވެ އަތް ހަލާކުވީ؟..." ހެނދުނު ކެފޭއަށް އައިއިރު، މިރާހުގެ އަތުގައި ބޭސްގަނޑެއް އަޅާފައި އޮތްތަން ފެނުމުން އިވްލީން ސުވާލުކުރިއެވެ.

"ފާހާނާ ފާރު އުނގުޅާފައެއްނު..." މިރާހް ދެކޮނޑު އަރުވައިލިއެވެ. "މިހާރު ހުންނަ ބުރުހުން ތަނެއް ހަލާކުވާއިރުވެސް ނޭނގޭ.."

"މިއަދު އަހަރެން އެއްޗެހި ތައްޔާރުކޮށްލާނަން... މިރާހް ދޭ ބޭރު ރެޑީކޮށްލަން..." ބަދިގެއަށް ވަންނަމުން އިވްލީން ބުނެލިއެވެ.

ބަދިގެއަށް ވަން އިވްލީންގެ އަތްމަތި އަވަސްކޮށްލިއެވެ. ފުށްގަނޑު މޮޑެން ހުއްޓައި، ގަޑިން އަށެއް ޖެހިކަން އިއުލާން ކުރިއެވެ. އެއީ އާއްމުކޮށް ކެފޭއަށް މީހުން އަންނަން ފަށާ ވަގުތެވެ. އިވްލީން އަވަސް އަވަހަށް ފިހެވިފައި ހުރި އެއްޗެހިތައް ކައުންޓަރުގެ މަތީގައި އަތުރަން ފެށިއެވެ.

"ގުޑް މޯނިންގް..." އާކިލް ހުރީ ދެޖީބަށް އަތް ޖަހާލައިގެންނެވެ.

އާކިލްގެ ނަޒަރު އިވްލީންގެ މުޅި ހަށިގަނޑަށް ދަތުރުކޮށްލިއެވެ. އިވްލީން އަޅައިގެން ހުރި އޭޕްރޯންގައި ފުށުގެ އަސަރު ހުރިއިރު، މޫނުގައިވެސް ފުށުގެ އަސަރު ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑުގައި ހުޅިއެއްޖަހައި، ހައްޔަރުކޮށްފައިވީނަމަވެސް، ދެފަރާތުން ކުދި އިސްތަށިކޮޅުތައް މޫނުމައްޗަށް ވެއްޓިފައި ހުއްޓެވެ. އެ އިސްތަށިކޮޅުތަކުން ސަލާމަތްވުމަށް އިވްލީން އޭނާގެ ދެކޮނޑުން އިސްތަށިކޮޅުތައް ކަންފަތްދަށަށް ލައްވައިލާ މަންޒަރު ފެނުމުން، އާކިލްގެ ހިތް އެދުނީ އެ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދޭށެވެ.

"ގުޑް މޯނިންގް..." އާކިލްގެ ފަހަތުގައި ހުރި އަޔާމް ކުރިއަށް ޖެހިލިއެވެ.

އިވްލީން އިސް އުފުލައިލިއިރު، އާކިލް ހުރީ ކުރިމަތީގައެވެ. ދެއަތް ޖީބަށް ޖަހާލައިގެން ހުރިއިރު، ފިރިހެންވަންތައެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ތެތްކޮށެވެ. އިވްލީން އެންމެ ގަޔާވާ އެއް ކަންތަކެވެ. އާކިލްގެ ދެލޮލުން ހާމަކޮށްދިނީ އިވްލީންގެ ކޮފީއަކަށް އޭނާ ކެތްމަދުވެފައިވާވަރެވެ.

"ހީވަނީ ބޮލުތެރޭ ހައެއްކަ މީހުންނާ ފައިޓްކުރަން ހުރިހެން..." އާކިލް ސަމާސާކޮށްލިއެވެ.

"އޭރުން ބޭރުން ފައިޓްކުރަންޖެހޭ މީހާއާ ފައިޓްކުރާކަށް ނުޖެހޭނެއެއްނު..." އިވްލީން ގަދަކަމުން ހިނިތުންވެލިއެވެ.

އަޔާމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިވްލީން މަޑުން ހުރެލާފައި ބުނެލަނީ މާނަފުން ޖުމުލައެވެ. އެއިން ކޮންމެ ޖުމުލައެއް ގޮސް ނިމެނީ އާކިލްއަށެވެ.

"އައި ލައިކް ހާރ... ސޯ ސްޕައިސީ..." އަޔާމަށް ބުނެވުނެވެ.

އާކިލް އަޔާމަށް ބަލައިލާފައި ދެލޯ އަޅައިލިއެވެ. އަޔާމް ވަގުތުން އަނގަމަތީގައި އަތް އެޅިއެވެ. އިވްލީންގެ ނަޒަރު ގޮސް ހުއްޓުނީ އާކިލްގެ އަތުގައި އޮތް ސިޓީއުރައަށެވެ. އާކިލް ސިޓީއުރަ ކައުންޓަރުމަތީގައި ބާއްވައި، ކުޑަކޮށް އިވްލީންގެ ކައިރިއަށް ޖައްސައިލިއެވެ.

"ކޯއްޗެއް؟..." އިވްލީންގެ ހަރަކާތްތައް ހުއްޓުނެވެ.

"ކައުންސިލްގެ ސިޓީ... އަނެއްކާވެސް ކޮމްޕްލެއިންއެއް..." އާކިލް ދޫކޮށްލީ ފުންނޭވާއެކެވެ.

"އަނެއްކާ؟..." އިވްލީން ގަނޑުވިއެވެ.

"މިފަހަރު ވަރަށް ތަފާތު ކޮމްޕްލެއިންއެއް... މިތާ ބޭނުންކުރަނީ މުއްދަތު ހަމަވެފަ ހުރި އެއްޗެއްސޯ... މިއަދު އަންނާނެ ޗެކްކުރަން..." އާކިލްއަށްވުރެ ކުރިން އަޔާމް ހުރިހާ ތަފްސީލެއް ދީ ނިންމައިލިއެވެ.

"އެއީ ދޮގެއް... އަހަރެން ކީއްކުރަން މުއްދަތު ހަމަވެފަ ހުންނަ އެއްޗެހި..." އިވްލީނަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އާކިލް މަޑުމަޑުން އިވްލީންގެ އަތް މަތީގައި އަތް ބާއްވައިލިއެވެ.

"އަހަންނަށް އެނގޭ... އެކަކަށް ނޭނގުނަސް އަހަންނަށް އީވް އެނގޭ..." އާކިލް ޔަގީންކަން އެކުލެވޭ ނަޒަރަކުން އިވްލީންގެ ދެލޮލަށް ބަލައިލިއެވެ. "އަހަރެން ބުނިން ކައުންސިލް މީހުން ކައިރީ އީވް އެކަހަލަ ކަމެއް ނުކުރާނެއޭ.. އަހަރެން ތިކަން ބަލާނަމޭ..."

"ކީއްވެ އާކިލް ބަލަންވީ؟..." އިވްލީނަށް އަހައިލެވުނެވެ.

"މީހަކު ގަސްދުގަ އީވްއަށް ގެއްލުންދޭން މަސައްކަތް ކުރަނީ... މިތަން ބަންދުކުރަން މަސައްކަތް ކުރަނީ... އަހަރެން ކިހިނެއް ބަލަން ހުންނާނީ... އީވްގެ ޑްރީމް..." އާކިލްގެ ޖުމުލަ ހުއްޓައިލިއެވެ. އޭނާއަށް ޖުމުލައިގެ ބާކީބައި ފުރިހަމަ ނުކުރެވުނީއެވެ.

އާކިލް ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި ހުރި އިވްލީންގެ ދެލޯ ބޮޑުވެފައިވާއިރު، އަޔާމްވެސް ހައިރާންވެފައި އާކިލްގެ މޫނަށް ބަލަން ހުއްޓެވެ. އިވްލީނާއި އާކިލް އެކަކު އަނެކަކަށް ބަލަން ތިބިއިރު، ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުރި އަޔާމް ކަރުކެހިލިއެވެ.

"ކޮންކަހަލަ ރޮމޭންޓިކް ޑްރާމާއެއް މި ފެންނަނީ..." އަޔާމް ހީގަތެވެ.

އިވްލީން އަނެއް ފަރާތަށް އެނބުރުނެވެ. އޭނާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހެކިދިނީ އާކިލްއަށް ކުރި އިތުބާރެވެ. އިވްލީނަށް ގެއްލުންދޭން އާކިލް މަސައްކަތް ނުކުރާކަން އެނގުމުން، އިވްލީންގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. ކުށްހީ ކުރެވުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ކަރުނަތައް ހިންދައިލުމުގައި އިވްލީން ކާމިޔާބު ހޯދިއެވެ. ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އާކިލް ނޫންނަމަ، އެކަން ކުރީ ކާކު ހެއްޔެވެ؟ ޔަގީނުންވެސް އެއީ އިވްލީންގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ، އޭނާއާއި ނުހަނު ގާތުގައިވާ މީހެކެވެ.

މާހައުލުގެ ހިމޭންކަން ގެއްލުނީ އާކިލްގެ ފޯނު ރިންގްވާން ފެށި އަޑުންނެވެ. ފޯނުގެ އިސްކްރީނަށް ބަލައިލިގޮތަށް ރިންގު ކަނޑާލާފައި އާކިލް އޭނާގެ ފޯނު ލީ ޖީބަށެވެ. ދެން އިވެންފެށީ ފޯނު ވައިބްރޭޓްވާންފެށި އަޑެވެ. ދެންވެސް ފޯނު ނަގާކަށް އާކިލް ބޭނުމެއް ނުވިއެވެ.

"ޓޫ ކޮފީ.." މޭޒާއި ދިމާއަށް ހިނގައިގަންނަމުން އަޔާމް އޯޑަރު ދިނެވެ. "އެހާ ވަރަށް އެމަންޖެ ގުޅާއިރުވެސް ނުނަގަންތަ ތި ހުންނަނީ؟..."

އަޔާމްގެ އަޑު އިވުމުން، އިވްލީނަށް އަވަސް ނަޒަރެއް ދެވުނީ އާކިލްއަށެވެ. އާކިލް ކޮންމެ ފަހަރަކު ފޯނު ކަނޑައިލާފައި ޖީބަށް ލާ މަންޒަރު އިވްލީނަށް ރީތިކޮށް ފެނުނެވެ. އެހާ ވަރަށް އާކިލްއަށް ގުޅަނީ ކާކު ހެއްޔެވެ؟

"އަހަރެން އޭނައަށް ފަހުން ގުޅާނަން.." އަޑު މަޑުކަމުން، އާކިލްގެ ޖަވާބުގެ އަޑު އިވްލީނަށް އިވުނީ ކިރިޔާއެވެ.

އިވްލީން ކޮފީތަށި ބެހެއްޓިއިރު، އާކިލްގެ ފޯނު އޮތީ މޭޒުމަތީގައި ބާއްވާފައެވެ. އާކިލްގެ ފޯނު ރިންގްވާން ފެށިއެވެ. ބޭއިހުތިޔާރުގައި އިވްލީންގެ ނަޒަރު އެ ފޯނުގެ ސްކްރީނަށް ހުއްޓުނެވެ.

"ރަތުނާ..." އިވްލީނަށް އެ ނަން ކިޔައިލެވުނެވެ.

އާކިލް އަނެއްކާވެސް ފޯނު ބިޒީކޮށްލީއެވެ. މިފަހަރު އޭނާ އިވްލީނަށް އަވަސް ނަޒަރެއް ދިނެވެ. އިވްލީން ނޫންކަމަށް ހަދާފައި ކޮފީތަށިތައް މޭޒުމަތީގައި ބަހައްޓާފައި އަވަހަށް އެތަނުން ދިޔައެވެ.

"ދެން ތި ފޯނު ނަގާފަ އެމަންޖެ ކައިރީ އެއްޗެއް ބުނެބަލަ..." އަޔާމަށް އުނދަގޫވިއެވެ.

އާކިލް ފޯނު ނެގިއެވެ. މޫނުން ފެންނަން ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ތަށިތައް ފޮހެން ހުރިއިރުވެސް އިވްލީނަށް ބެލުނީ އާކިލްއަށެވެ. އާކިލް ގުޅައިގެން އިނީ ކާކަށް ހެއްޔެވެ؟ ދައްކާ ވާހަކަ އަޑު މަޑުކަމުން އާކިލް ކިޔާ އެއްޗެއް އިވްލީނަށް ސާފުވާގޮތެއް ނުވިއެވެ.

"އަހަރެން ބުނީމެއްނު ގުޅާލާނަމޭ..." އާކިލް މަސައްކަތްކުރީ ރަތުނާއަށް ވިސްނައިދޭށެވެ.

އާކިލް އެއްލި ކަޅިއަކުން އިވްލީން އޭނާއަށް ބަލަން ހުރިތަން ފެނުނެވެ. އިވްލީންގެ ނަޒަރުން ބުނެދިނީ ކީކޭކަން އެނގޭ ފަދައިން އާކިލް އަވަސް އަވަހަށް އިސްޖަހައިލިއެވެ. އިވްލީނާއި ހަތަރުކަޅި ހަމަކުރަން އާކިލް ޖެހިލުންވީ ސަބަބެއް ނެތިއެއް ނޫނެވެ. މިއަދު އާކިލްއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ. އިވްލީނާއިމެދު ކޮންމެ ކަމެއް ވަނީ ނުހަނު ބޭއިންސާފުންނެވެ. އިވްލީންގެ ނިކަމެތިކަމާއިއެކު، އެހީވާނޭ މާގިނަ ބަޔަކުވެސް ކައިރީގައި ނެތެވެ.

އިވްލީންގެ ސިއްރު ބެލުންތައް އާކިލްއަށް ހުއްޓެމުންދިޔަ މަންޒަރު އެންމެ ރީތިކޮށް ފެނުނު އެކަކަކީ އަޔާމެވެ. އިވްލީންގެ ދެލޮލުން އަދިވެސް ފެންނަނީ ލޯތްބެވެ. އަޔާމް ތެދުވެގެން ގޮސް ކައުންޓަރުގެ ކައިރީގައި ހުއްޓުނެވެ.

"އެއްޗެއް ބޭނުންވީތަ؟..." އިވްލީން އަވަސް އަވަހަށް އަހައިލިއެވެ.

"ބޭނުންތަ އާކިލްގެ ފޯނު މޫދަށް އެއްލާލަން؟..." އަޔާމް އަހައިލިއެވެ.

"އޭނ؟.." އިވްލީން ކޮށިއަރާގޮތްވިއެވެ. "ނޫން ނޫން... އަހަރެން ކީއްކުރަން އާކިލްގެ ފޯނު މޫދަށް އެއްލާލަންވީ؟.."

"އެ ދެމީހުން ވާހަކަ ދެއްކުން ހުއްޓުވަން..." އަޔާމް ޖަހައިލީ ސަކަ ހިނިގަނޑެކެވެ.

"ނޫން...." އިވްލީން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އެކަމަކު، އީވްގެ މޫނުން ފެންނަނީ އެހެން އެއްޗެއް..." އަޔާމް ބޭނުންވީ ދިމާކުރާށެވެ.

"ރަތުނާއަކީ އާކިލްގެ...." އަޔާމްގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން އާކިލް ތެދުވިތަން ފެނުނެވެ.

ފޯނު ކަންފަތުގައި ޖަހައިގެން އާކިލް ނުކުތީ ބޭރަށެވެ. ބޭރުގައި ހުރެގެން ކޮންމެވެސް ވާހަކައެއް ދެއްކިއިރު، ދޭތެރެއަކުން ނިތްކުރިމަތީގައި އަތް ކާއްތައިލާތީ، އާކިލް ހާސްވެފައި ހުރިވަރު ހާމަކޮށްދެއެވެ.

"ދުވަސް މި ނިމުނީ..." އަޔާމް ދެފަރާތަށް ބޯ ހޫރައިލިއެވެ. "ކިހާވަރެއް ބިލަށް ވަނީ؟..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު