ރިޕޯޓްގެ ބޭނުމަކަށް ވާން ޖެހޭނީ އެންމެން އެކުވެރިވުން: މައުމޫނު

ވެރިކަން ބަދަލުކުރި ގޮތް ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ނެރުން ވާންޖެހޭނީ ރާއްޖެ އަށް އާއްމު ހާލަތު އަނބުރާ ގެނަައުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތަކަށް ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫނު މިއަދު އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރިޕޯޓް ނެރުން ވާންޖެހޭނީ ރާއްޖޭގެ ސިޔާސީ ހަރަކާތްތެރިންނާއި ޕާޓީތައް އެއްބައިވުމަށް އޮތް ޕްލެޓްފޯމަކަށް ކަމަށާއި ރާއްޖެ އަށް ހަމަޖެހުމާއި އާއްމު ހާލަތު އަނބުރާ ގެންނަން ލިބޭ ފުރުސަތަކަށް ކަމަށެވެ.

އަދި ވިދާޅުވެފައި ވަނީ ކޮމިޝަންގެ ރިޕޯޓް އާއްމުކުރުމުން އަމިއްލަ އެދުމާ އެއްގޮތަށް މަސައްކަތްކުރާ ފަރާތްތަކުން ވެރިކަން ބަދަލުވުމުގެ ގާނޫނީ ހައިސިއްޔަތާ މެދު އުފައްދާފައިވާ ޝައްކުތައް ނިމުމަކަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.

"ކޯނީގެ ރިޕޯޓް އާއްމުކުރުމުން، ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ ގާނޫނީ ހައިސިއްޔަތާ މެދު، އަމިއްލަ އެދުމާ އެއްގޮތަށް މަސައްްކަތް ކުރާ ފަރާތްތަކުން އުފައްދާފައިވާ ޝައްކުތަކަށް ނިމުމަކަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަ އޮތެވެ،" މައުމޫނުގެ ބަޔާނުގައިވެ އެވެ.

މައުމޫނު އަދި ވިދާޅުވެފައި ވަނީ އެކަމަކީ އެއަށް ވުރެ މުހިއްމު ގައުމީ މައްސަލަތަކާ މެދު ސަމާލުވާން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުން ފަދަ ކަންތައްތަކާ މެދު ސަމާލުވުމާއި ޑިމޮކްރެސީގެ އަގުތައް ރާއްޖެއަށް އަނބުރާ ގެނައުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ކޮރަޕްޝަންގެ މޫތައް ލުހެލުމަކީ ސަމާލުކަން ދޭން އެއަށް ވުރެ މުހިއްމު ކަންތައްތައް ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ.

އަންނަން އޮތް ޖީލުތަކަށް ޓަކައި އުޖާލާ މުސްތަގުބަލެއް ލިބޭ ގޮތަށް ގައުމު ހިންގުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އެކަން ހަނދާނުގައި ބަހައްޓައިގެން، ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ސުލްހައިގެ ވާހަކަތަކަށް ހުރިހާ ޕާޓީތަކުން އިޖާބަ ދިނުމަށް މައުމޫނުގެ ބަޔާނުގައި ވަނީ ގޮވާލައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު