އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ގަޑިއިރެއް ފަހުން އައްޑުއަށް އަލުން ކަރަންޓު ދީފި

އައްޑޫ ސިޓީ ހިތަދޫ: މައްސަލަ ހައްލުކޮށް އައްޑުއަށް ވަނީ އަލުން ކަރަންޓު ދީފައި -- ފޮޓޯ/ ޕީއެސްއެމް

މުޅި އައްޑޫން ކަރަންޓު ކެނޑުނުތާ ގަޑިއިރެއް ފަހުން، އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރުކޮށް ދިމާވަމުންދާ އައްޑޫން ކަރަންޓު ކެނޑުނު ކަމަށް ފެނަކައިން ބުނީ، މިއަދު 9:41 ގައެވެ.

އައްޑޫގެ ފެނަކަ ބްރާންޗުން ވައިބާގައި ހިއްސާކުރި މެސެޖުގައި އޭރު ބުނީ، ކަރަންޓު ކެނޑުނީ ހިތަދޫގައި ހުންނަ މައި އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އިންޖީނުގެ އެއްކޮށް ޑައުން ވުމުގެ ސަބަބުން ކަމަށެވެ.

އިންޖީނުގެ ލައިވްކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް، އައްޑޫގެ ފެނަކަ ބްރާންޗުން ބުންޏެވެ.

އެއާއެކު، މިއަދު 11:01 ހާއިރު ހިއްސާކުރި މެސެޖުގައި އައްޑޫ ފެނަކަ ބްރާންޗުން ބުނީ، ހުރިހާ އަވަށްތަކަކަށް ވެސް ކަރަންޓު ދެވިފައިވާ ކަމަށެވެ.

https://sun.mv/215002

އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސިޓީގެ އެކި އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލައެވެ. އެ މައްސަލައިގައި އައްޑޫ ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އައްޑޫގައި ގާއިމްކުރުމަށް ބިޔަ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ފަންނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވިދާޅުވެ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް ބަޔަކާ ހަވާލުކޮށް ޖަނަރޭޓަރުތަކާއި އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް