ކެމްބޯޑިއާއިން ދިން ހަމަލާއެއްގައި ތައިލެންޑުގެ ސިފައިންގެ މީހަކު މަރުވެ، އިތުރު ހަތަރު މީހުން ޒަޚަމްވުމުން، ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދޭން ފަށައިފިއެވެ.
ތައިލެންޑު ސިފައިންގެ ތަރުޖަމާނު ވިންތައި ސުވަރީ ވިދާޅުވީ ރޭ ފަތިހު ކެމްބޯޑިއާއަށް ހަމަލާދޭން ފެށީ އުބޯން ރަޓްޗަތަނީ ޕްރޮވިންސްގައި ކެމްބޯޑިއާ ސިފައިން އިސްވެ ހަމަލާދިނުމުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ތައިލެންޑް ސިފައިން ދަނީ ބޯޑަރު ސަރަހައްދުތަކުގައި ތިބި އާންމުން ނެރުމަށްވެސް މަސައްކަތް ކުރަމުން ކަމަށެވެ.
ތައިލެންޑުން ހަމަލާދޭން ފަށާފައިވާކަން ކެމްބޯޑިއާއިން ވެސް ވަނީ ބުނެފައެވެ.
ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްގެ ތަރުޖަމާނު، މާލީ ސޮޗެއާޓާއާ ވިދާޅުވީ ތައިލެންޑުގެ ސިފައިން ކެމްބޯޑިއާގެ ބޯޑަރު ޕްރޮވިންސްތައް ކަމަށްވާ ޕްރޭހް ވިހެރް އާއި އޮޑާރް މީންޗޭ އަށް ޓޭންކުން ހަމަލާދިން ކަމަށެވެ. ނަމަވެސް އެ ހަމަލާތަކަށް ކެމްބޯޑިއާއިން ރައްދު ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރެއާ ވިހެއާ ޕްރޮވިންސްގައި ކެމްބޯޑިއާ-ތައިލެންޑް ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އާންމުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް ކެމްބޯޑިއާ ސިފައިން މަސައްކަތް ކުރަނީ. ފޮޓޯ/އޭއެފްޕީ
މި ހަމަލާތަކަކީ ޖުލައި މަހު ފަސް ދުވަހުގެ މުއްދަތަށް ހިނގި ނުރައްކާތެރި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ފަހު، އަނެއްކާވެސް ދިން ހަމަލާތަކެކެވެ.
ޖުލައި މަހު ހިނގި ހަމަނުޖެހުންތަކުގައި 48 މީހުން މަރުވެ ގާތްގަނޑަކަށް 300،000 މީހުން ވަގުތީ ގޮތުން ގެދޮރު ގެއްލިފައިވާ ކަމަށް ލަފާކުރެވޭއިރު، ދެ ގައުމުން ވެސް ވަނީ ރޮކެޓާއި ބޮޑެތި އާޓިލަރީ ހަތިޔާރުން ހަމަލާތައް ބަދަލުކޮށްފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން އެ ހަނގުރާމައަށް ނިމުމެއް ގެނެސް ސުލްހައިގެ އެއްބަސްވުމެއްވެސް ވަނީ ގާއިމުކޮށްފައެވެ.
ނަމަވެސް މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމްވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.